ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ސިޓީ އާއި ލިވަޕޫލް އެއްވަރު، ލެސްޓާ އެއް ވަނައިގައި

ސިޓީގެ ރޮޑްރީ (ކ) އާއި ޑިއާޒް (ވ) ކައިރިން ލިވަޕޫލްގެ ސަލާހު ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

09 ނޮވެމްބަރ 2020 - 03:47

3 comments
happy icon 100%

މެންޗެސްޓާ (ނޮވެމްބަރު 8) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް 1-1 އިން އެއްވަރުވިއިރު، ވުލްވްސް އަތުން 1-0 އިން މޮޅުވި ލެސްޓާ ސިޓީ ލީގުގެ އެއް ވަނަ ދަމަހައްޓައިފި އެވެ.

ލީގުގައި މިއަދު ހަވީރު ހެރީ ކޭންގެ ގޯލުން ވެސްޓް ބްރޮމް އަތުން 1-0 އިން މޮޅުވެ ޓޮޓެންހަމް ލީގުގެ އެއް ވަނަ އަށް އެރި އެވެ. އެކަމަކު ޓޮޓެންހަަމަށް އެއް ވަނައިގައި އޮވެވުނީ ދެ ގަޑިއިރެއްހާއިރު އެވެ. ލެސްޓާ ކުޅުނު މެޗުން އެ ޓީމު މޮޅުވުމުން އެ ޓީމަށް އެއް ވަނަ ލިބުނީ އެވެ. ލެސްޓާ އަށް އެއް ވަނަ ގެއްލެން އޮތީ ލިވަޕޫލުން ސިޓީ ބަލިކުރިނަމަ އެވެ. އެކަމަކު އެ މެޗު އެއްވަރުވުމުން ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލާއިރު ލެސްޓާ އަށް އެއް ވަނަ ލިބުނީ އެވެ.

ލެސްޓާ އެއް ވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމާއި ތިން ވަނައިގައި ލިވަޕޫލަށް އަށް މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. ހަތަރެއްގައި އޮތް ސައުތެމްޓަން އަށް ވަނީ އަށް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.

ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ އިރުޝާދުދިން ކޮންމެ ޓީމެއް ވަނީ ފުރަތަމަ ހަތް މެޗަށް ފަހު މަދުވެގެން 16 ޕޮއިންޓް ހޯދައިފަ އެވެ. އެކަމަކު ސިޓީ އަށް މި ފަހަރުގެ ފުރަތަމަ ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ސިޓީ އޮތީ ލީގުގެ 11 ވަނައިގަ އެވެ.

ގާޑިއޯލާ ބުނީ ލިވަޕޫލުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން މެޗު ފެށުމުން އެ ޓީމަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ފުރަތަމަ ހާފުގައި ފެނުނު ވަރުގެ ކުޅުމެއް ދެ ވަނަ ހާފުގައި ނުފެނުނު އެންމެ ބޮޑު ސަބަބަކީ ގާތްގާތުގައި ކުޅެން ޖެހުމުން ވަރުބަލިވުން ކަމަށެވެ. އަދި ޕްރިމިއާ ލީގުގައި ފަސް ކުޅުންތެރިން ބަދަލު ނުކުރެވޭ ގޮތަށް އޮތުމުން މި ގޮތަށް ބައެއް މެޗުތައް ދާނެ ކަމަށް އޭނާ ބުންޏެވެ.

ސިޓީގެ ޑިބްރޭނާ ފޮނުވާލި ޕެނަލްޓީ ދަނޑިކައިރިން ބޭރަށް ބޯޅަ ދަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ލިވަޕޫލުން ވަނީ ސިޓީ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ލިވަޕޫލުން ލީޑުނެގީ މެޗުގެ 13 ވަަނަ މިނިޓްގައި މުހައްމަދު ސަލާހު ޖެހި ގޯލުންނެވެ. މިއީ ސިޓީގެ ކައިލް ވޯކާ ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ލިވަޕޫލުން ލީޑުނެގުމާ އެކު ސިޓީން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 31 ވަނަ މިނިޓްގައި ސިޓީން އެއްވަރުކުރީ އަނިޔާ އަށް ފަހު އެނބުރި އައިސް މިރޭގެ މެޗުގައި ކުޅުނު ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސް އެވެ. ކެވިން ޑިބްރޭނާ ޖައްސާލި ބޯޅައެއް ލިވަޕޫލް އޭރިއާތެރެއިން ހޯދުމަށް ފަހު ޖީސޫސް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގައި ސިޓީ އަށް ލީޑުނަގައިދޭން އެ ޓީމުގެ ކެޕްޓަން ޑިބްރޭނާ އަށް ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޯމޭޒް އަތުގައި އޭރިއާ ތެރެއިން ޖެހުނު ބޯޅައެއްގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ދިން ޕެނަލްޓީން ޑިބްރޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މެޗުގެ ދެ ވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން މާ އަވަސް ކުޅުމެއް ނުފެނެ އެވެ. މި ހާފުގައި ސިޓީ އަށް ލީޑުނަގައިދޭން އެންމެ ހުސް ފުރުސަތު ލިބުނީ ޖީސޫސް އަށެވެ. ސިޓީގެ ޔާއޯ ކަންސެލޯ ނަގައިދިން ހުރަހެއްގައި ލިވަޕޫލްގެ އޮފްސައިޑް މަޅިން ސަލާމަތްވެ ޖީސޫސް ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އިތުރު އެއް ގޯލު އޭނާގެ ޓީމުގެ ފަރާތުން ފެނުނު ނަމަ ހުރިހާ ކަމެއް ދިޔައީ ބޭނުންވި ގޮތަށް ރަނގަޅަށް ކަމަށާއި އެކަމަކު އެ ގޯލު ނުފެނުނަސް ކުޅުންތެރިން ކުރި ހިތްވަރާ މެދު ޝަކުވާއެއް ނުކުރާނެ ކަމަށެވެ.

ވުލްވްސް ކޮޅަށް ލެސްޓާގެ ހަމައެކަނި ގޯލު ޖެހީ ޕެނަލްޓީ އަކުން ޖޭމީ ވާޑީ އެވެ. ލީޑުފުޅާކުރަން ވާޑީ ފޮނުވާލި ދެ ވަނަ ޕެނަލްޓީ ވުލްވްސް ގޯލުގައި ހުރި ޕޯޗުގީސް ކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ މަތަކޮށްފަ އެވެ. ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ބްރޮމް ދަނޑުގައި ޓޮޓެންހަމަށް މޮޅުވެވުނީ ކިރިޔާ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވަން ދެ މިނިޓަށް ވެފައި އޮތްއިރު ވެސް ދެ ޓީމު އޮތީ އެއްވަރުވެފަ އެވެ. ޓޮޓެންހަމަށް ތިން ޕޮއިންޓް ހޯދައިދިން ގޯލު ޖެހީ ހެރީ ކޭން އެވެ. މިއީ އޭނާ ލީގުގައި ކާމިޔާބުކުރި 150 ވަނަ ގޯލެވެ.

އާސެނަލް ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން އެސްޓަން ވިލާ އަތުން ބަލިވެފަ އެވެ. އެސްޓަން ވިލާ އިން ފުރަތަމަ މިނިޓްގައި ޖޯން މެކްގިންގެ ގޯލުން ލީޑުނެގި ނަމަވެސް އޮފްސައިޑްގައި ހުރި ރޮސް ބާކްލީ އާސެނަލްގެ ކީޕަރު ބާން ލޭނޯ އަށް ހުރަސް އެޅުމުން ރެފްރީ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ގޯލު ބަލައިނުގަންނަން ނިންމައިފަ އެވެ. އެކަމަކު ހިތްވަރު އެލުވާނުލައި ކުޅެ އެސްޓަން ވިލާ އިން ފުރަތަމަ ހާފުގައި ލީޑުނެގި ގޯލަކީ އާސެނަލްގެ ބުކާޔޯ ސަކާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެ ވަނަ ހާފްގައި އެސްޓަން ވިލާގެ އަނެއް ދެ ގޯލު ޖެހީ އޮލީ ވަޓްކިންސް އެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލެއްގި ކޮމިޝަނަރ

09 November 2020

ލަންޑަނުގެ 3 ވަނަ ކުލަބް އާސެނަލް 3 ލަނޑުން ބަލިވީމަ، އެކުވެރި ރަދީފް ބެއްޔާއަށް ވަރަށް ހިތާމައާއެކު ތައުޒިޔާކިޔަން. އާޓެޓާގެ އުއްމީދުތަށް ވިލާތަކާހަމަޔަށް މަތިވެގެންދާއިރު ކުލަބް މިއުޅެނީ ޓޮޕް 10 އަކަށް ނާރާގެން. ދެން އަންނަ ސީޒަންގަ ޔޫސީއެލް ކުޅޭނެ ފޯމިއުލާއެއް ރަދީފް ބެއްޔާ ބުނެބަލަ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

09 November 2020

މަރުހަބާ @ލެއްގިކޮމިޝަނަރ.38 މެޗް ކުޅޭ ލީގްގަ އަދި އާސެނަލް ކުޅުނީ 8 މެޗް ، ބާކީ އެބައޮތް 30 މެޗް.ކޮންމެފަދަ ގޮތެއްވެސް ވެދާނެ އެހެންނޫންތޯ.

The name is already taken The name is available. Register?

ލެއްގި ކޮމިޝަނަރ

09 November 2020

ތިހެން 38 މެޗޭކިޔާތާ 17 ސިޒަންވެއްޖެ. ލީގުލިބެނީކީނޫން. ވޭންގާ ހުރިއިރު ގަދަ 4 ގަ ހިފަހައްޓާލާ. މިހާރު ކިރިޔަ ކިރިޔާ ޔޫރޮޕާލީގުން ޖާގަ ލިބެނީވެސް. މިފަހަރުވެސް ޔޫރޮޕާ އެކުޅެނީ އާސަންދައިން ލިބުނު ޖާގައަކުން. އަންނަ ސީޒަންގަ މިވަރުވެސް ވާނެހެން ހީނުވޭ. އެކަމަކު ރަދީފްބެއްޔާމެން ތިތިބެނީ 38 މެޗޭކިޔާލަ ކިޔާލަ. ނިކަން ރަންގަޅަށް ކޮރެންކޭ ބޭރުކޮށްލަން ކެންޕޭން ހިންގާލަބަލަ. ވެންގާ އައުޓް ކެންޕޭން ހިންގާލިހެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!