ޕީއެސްޖީން ވެސް ޕޮޗެޓީނޯ ބޭނުންވޭ: ރިޕޯޓް

ޕެރިސް (ނޮވެމްބަރު 9) - ޕީއެސްޖީން ވެސް އާޖެންޓީނާގެ މަޝްހޫރު ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެ ޓީމުގެ ކޯޗަކަށް ގެންނަން ޝައުގުވެރިވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


މި ވަގުތު އެއްވެސް ޓީމަކާ ހަވާލުނުވެ ހުރި ޕޮޗެޓީނޯ ގެންދަން އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ޕޮޗެޓީނޯ ހޯދުމުގެ ރޭހަށް ޕީއެސްޖީން ވަދެފައިވަނީ މި ސީޒަނަށް ފަހު އެ ޓީމުގެ ކޯޗަކަށް މިހާރު ހުރި ތޯމަސް ޓުޗެލްގެ އެއްބަސްވުން ހަމަވާތީ އެވެ.

ދާދި ފަހުން ޓުޗެލް ވަނީ ޕީއެސްޖީގައި އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. ޓުޗެލް ބުނީ ކޮންޓްރެކްޓްގެ ފަހު އަހަރު ތެރޭގައި މަސައްކަތްކުރާއިރު އެއްބަސްވުން އާ ކުރުމުގެ ވާހަކަތަކުގައި މާ ބޮޑު ކުރިއެރުމެއް ނުލިބޭނަމަ އަންނަ އަހަރު އޭނާ އެ ޓީމުން ނުފެނުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ޕީއެސްޖީން މި ފަހަރު އެ މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފަ އެވެ. ފްރެންޗް ލީގުގެ އެއް ވަނައިގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެން ޕީއެސްޖީ އޮތްއިރު، އެ ޓީމު ލީގުގެ ފުރަތަމަ ދެ މެޗުން ވަނީ ބަލިވެފަ އެވެ.

ކުރިން ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް އަށް ޕީއެސްޖީގައި ތިބި ތަރިން ގޮވައިގެން އެންމެ އެކަށީގެންވާ ކާމިޔާބެއް ހޯދިފައިނުވާތީ އޭނާގެ ކޮންޓްރެކްޓް ހަމަވުމުން ދޫކޮށްލަން ޕީއެސްޖީގެ ބޯޑް މެމްބަރުންގެ މެޖޯރިޓީ ބޭނުންވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޓުޗެލް ދޫކޮށްލުމަށް ފަހު ޕީއެސްޖީން ގެންނަން ބޭނުންވަނީ ކުރިން އެ ޓީމަށް ކުޅެފައިވާ ޕޮޗެޓީނޯ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޓުޗެލް ވާހަކަދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ޕޮޗެޓީނޯ ވަނީ 2001 އިން 2003 އަށް ޕީއެސްޖީ އަށް ކުޅެފަ އެވެ. އެ ޓީމާ އެކު ޕޮޗެޓީނޯ ވަނީ ޔުއެފާ އިންޓަޓޯޓޯ ކަޕް ކާމިޔާބުކޮށްފަ އެވެ. މިއީ ޕީއެސްޖީ އަށް ޔުއެފާ ކަޕް ވިނާސް ކަޕް ނުލައި ދެން ޔޫރަޕްގައި ލިބުނު ހަމައެކަނި މުބާރާތެވެ. ސިޓީއާ ގަތަރުގެ މަހުޖަނު ނާސިރު އެލް ހެއްލާފީ ހަވާލުވެ އެ ޓީމަށް ހޯދައިދޭން އެންމެ ބޭނުންވަނީ ޗެމްޕިއަންސް ލީގެވެ. އެކަންކުރަން ގިނަ ކޯޗުންތަކެއް ގެނެސްގެން ވެސް މިހާތަނަށް އަދި ކާމިޔާބުވާގޮތެއްނުވެ އެވެ. ޕޮޗެޓީނޯ ވަނީ މިދިޔަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލުގައި ލިވަޕޫލް އަތުން ބަލިވެފަ އެވެ.

އުމުރުން 48 އަހަރުގެ ޕޮޗެޓީނޯ ކޯޗިން ކެރިއަރު ފެށީ 2009 ވަނަ އަހަރު ކުރިން އޭނާ ކުޅުނު ކްލަބް ކަމަށްވާ ސްޕެއިންގެ އެސްޕަންޔޯލުންނެވެ. އޭނާ އެންމެ ފުރަތަމަ ހަވާލުވި އިނގިރޭސި ކްލަބަކީ 2013 ވަނަ އަހަރު ސައުތެމްޓަންއާ އެެވެ. އެ ޓީމުގައި ކުރި މަސައްކަތް ރަނގަޅުވުމުން 2014 ވަނަ އަަހަރު ޓޮޓެންހަމްގެ ކޯޗުކަން އޭނާއާ ހަވާލުކުރި އެވެ. ޓޮޓެންހަމްގައި ޕޮޗެޓީނޯ ވަނީ ވަރުގަދަ ޓީމެއް އެކުލަވާލައި ލީގުގެ ގަދަ ހަ ޓީމުގެ ތެރެއިން އެ ޓީމަށް ފުރުސަތު ހޯދައިދީފަ އެވެ. އެކަމަކު އޭނާ އަށް ކާމިޔާބެއް ނުހޯދި ޕްރެޝަރު ބޮޑުވެ އެންމެ ފަހުން ޕޮޗެޓީނޯ ވަކިކުރީ އެވެ.

ޓޮޓެންހަމުން 2019 ވަނަ އަހަރުގެ ނޮވެމްބަރު ތެރޭގައި ވަކިކުރި ފަހުން ޕޮޗެޓީނޯ ހުރީ ކްލަބަކާ ހަވާލުނުވެ އެވެ. ދާދި ފަހުން ސްކައިސްޕޯޓްސްގެ ފުޓްބޯޅަ ޝޯއެއްގައި ވާހަކަ ދައްކަމުން ޕޮޗެޓީނޯ ވަނީ ރަނގަޅު ޕްރޮޖެކްޓެއް ލިބިއްޖެނަމަ ހަވާލުވާން ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ.