އަލަބާ އަށް ސިޓީ އާއި ލިވަޕޫލުން ފާރަލަނީ

މިއުނިކް (ނޮވެމްބަރު 11) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލުން ފާރަލަމުން އަންނަ ކަމަށް ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އުމުރުން 28 އަހަރުގެ އަލަބާ ބަޔާނާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެ އެވެ. ބަޔާނުން އަލަބާގެ ކޮންޓްރެކްޓް އާ ކުރަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. މިހާރު އޮތްގޮތުން ޖެނުއަރީ މަހު އަލަބާ ބޭނުންނަމަ އޭނާ އިހުތިޔާރުކުރާ ކްލަބަކާ އެކު ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވޭނެ އެވެ. ބަޔާނުން އަލަބާ ވިއްކާލައިގެން މާލީ މަންފާއެއް ބޭނުންނަމަ ޖެނުއަރީ މަހު އޭނާ ދޫކޮށްލަން ޖެހޭނެ އެވެ. އަލަބާ ފަދަ ހުނަރުވެރި ކުޅުންތެރިއަކު ހިލޭ ޓްރާންސްފާއެއްގައި ކްލަބް ދޫކޮށްލުމުން މާލީ ގޮތުން ބަލާއިރު އޭގެން ބަޔާނަށް ގެއްލުން ލިބޭނެ އެވެ.

ޖަަރުމަނުގެ ނޫހަކަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބަޔާންގެ ޑިރެކްޓަރު ހަސަން ސަލިހަމިދްޒިޗް ވަނީ އަލަބާ އެ ޓީމުގައި އިތުރު ކޮންޓްރެކްޓެއްގައި މަޑުކުރުމުގެ ފުރުސަތު ކުޑަ ކަމަށް ބުނެފަ އެވެ. އަލަބާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އޭނާގެ ޝައުގުވެރިކަން ހުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ބަދަލުވާށެވެ.

ޗެމްޕިއަންސް ލީގުގެ މެޗެއްގެ ވޯމްއަޕްގެ ތެރެއިން އަލަބާ.-- ފޮޓޯ: އޭއެފްޕީ

އަލަބާ ގެންދަން މަސައްކަތް ކުރާ ދެ ކްލަބަކީ ލިވަޕޫލާއި ސިޓީ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބަޔާނުގައި އަލަބާ އަށް މީގެ ކުރިން ކޯޗުކޮށްދީފަ އެވެ. ބެންޖަމިން މެންޑީގެ އަނިޔާގެ މައްސަލަތައް ގިނަވުމުގެ ސަބަބުން ސިޓީން އެ މަގާމަށް އިތުރު ކުޅުންތެރިއަކު ހޯދަން ބަލާއިރު ގާޑިއޯލާ އަށް އެންމެ ކަމުދަނީ އަލަބާ އެވެ.

ޑިފެންސްގެ ކޮންމެ މަގާމަކަށް ވެސް ކުޅޭ އަލަބާ ގެންދަން ލިވަޕޫލުން ބޭނުންވަނީ އެ ޓީމުގެ މުހިއްމު ޑިފެންޑަރު ވާޖިލް ވެން ޑައިކްގެ ކަކުލަށް ސީރިއަސް އަނިޔާއެއްވެ އޭނާ ކުޅުމާ ދުރުގައި ހުރުމުންނެވެ. ޖެނުއަރީ މަހު ބޭނުންވެއްޖެނަަމަ ޑިފެންޑަރެއް ގެންނާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ ބުނެފަ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާނުން ވަނީ އެ ޓީމުގެ ތިއާގޯ އަލްކަންޓާރާ ވެސް ކޮންޓްރެކްޓް ހަމަވާތީ ލިވަޕޫލަށް ވިއްކާލައިފަ އެވެ. ޖަރުމަނުގެ މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި އެ ގޮތަށް އަލަބާ ވެސް ލިވަޕޫލާ ގުޅުމުގެ ފުރުސަތު އެބައޮތެވެ.

އޮސްޓްރިއާގެ ޔޫތު ޓީމުތަކުން ފާހަގަވި އަލަބާ އެންމެ ފުރަތަމަ ބަޔާންގެ ޔޫތު ޓީމާ ގުޅުނީ 2008 ވަނަ އަހަރު އެވެ. ބަޔާނުގެ ސީނިއާ ޓީމަށް ޕްރޮމޯޓްވުމުގެ ފަހުން އެއް ސީޒަނުގައި އަލަބާ ވަނީ ލޯން ޓްރާންސްފާއެއްގައި ހޮފެންހައިމަށް ކުޅެފަ އެވެ. ފަހުން ބަޔާން ސީނިއާ ޓީމުގެ މުހިއްމު މެމްބަރަކަށްވެ އޭނާ ވަނީ އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.