ކޮވިޑަށް ޕޮޒިޓިވްވުމުން ސަލާހަށް ލިވަޕޫލްގެ ދެ މެޗު ގެއްލިދާނެ

ގާހިރާ (ނޮވެމްބަރު 14) - މިސްރު ގައުމީ ޓީމާ އެކު މި ވަގުތު ހުރި މުހައްމަދު ސަލާހު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އޭނާ އަށް ލިވަޕޫލްގެ ކުރިއަށް އޮތް ދެ މެޗު ގެއްލުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.


އުމުރުން 28 އަހަރުގެ ސަލާހަށް ކޮވިޑް ޖެހިފައިވާކަން މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިއުލާނުކުރީ ރޭގެ ވަގުތެއްގަ އެވެ. މިސްރު އެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަލާހު ޕޮޒިޓިވްވިކަން އެނގުނު ހިސާބުން އޭނާ އަމިއްލަ އަށް އައިސޮލޭޓްވެފައިވާ ކަމަށާއި އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. މިސްރުން ކުޅެން އޮތް ބައިނަލްއަގުވާމީ މެޗުތަކުގައި ސަލާހު ފެނުމުގެ ފުރުސަތެއް ނެތް ކަމަށް އެސޯސިއޭޝަނުގެ ބަޔާނުގައިވެ އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި މިއަދާއި އަންގާރަ ދުވަހު ޓޯގޯއާ ދެކޮޅަށް މިސްރު ކުޅޭ މެޗުގެ ކުރިން މުޅި ޓީމުގެ ހުރިހާ މެމްބަރުން ޓެސްޓްކުރިއިރު ޕޮޒިޓިވްވީ ސަލާހު އެކަންޏެވެ. ސަލާހު ވަނީ ގައުމީ ޓީމަށް ރިޕޯޓްކުރުމުގެ ކުރިން މިސްރުގައި އޮތް އޭނާގެ އާއިލާ މެމްބަރެއްގެ ކައިވެނި ޕާޓީ އަކަށް ގޮސްފަ އެވެ.

ބަލި ޖެހުމާ އެކު ސަލާހަށް މި މަހު 22 ވަނަ ދުވަހު ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާއި އޭގެ ތިން ދުވަސް ފަހުން ޗެމްޕިއަންސް ލީގުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލުމުގެ ފުރުސަތު ބޮޑެވެ. ސަލާހަށް އެ ދެ މެޗުގައި ކުޅެވޭނީ އޭގެ ކުރިން ކޮވިޑް-19 ގެ ދެ ޓެސްޓުން ނަތީޖާ ނެގެޓިވް ކަމަށް ދެއްކުމުންނެވެ.

މި ސީޒަނުގައި މިހާތަނަށް ޕްރިމިއާ ލީގުގައި އަށް ގޯލު ޖަހާފައިވާ ސަލާހަށް މެޗުތަކެއް ގެއްލުމަކީ އެ ޓީމަށް ކުރިމަތިވާނެ މާޔޫސްކަމެކެވެ.

ކޮވިޑް ޖެހިގެން މީގެ ކުރިން ވެސް ލިވަޕޫލްގެ ބައެއް ކުޅުންތެރިންނަށް ވަނީ މެޗުތަކެއް ގެއްލިފަ އެވެ. އޭގެ ތެރޭގައި ސަޑިއޯ މާނޭ، ތިއާގޯ އަލްކަންޓާރާ، ކޮސްޓަަސް ސިމިކާސް އަދި ޒެރްޑަން ޝަގީީރީ ހިމެނެ އެވެ. މީގެ ތެރެއިން އެންމެ އަވަހަށް ރަނގަޅުވީ ސްވިޒަލެންޑް ގައުމީ ޓީމާ އެކު ހުއްޓައި ޕޮޒިޓިވްވި ޝަގީރީ އެވެ.