ސަލާހުގެ ދިފާއުގައި މޭޔަރު

ގާހިރާ (ނޮވެމްބަރު 15) – ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހު ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން އޭނާ ބައިވެރިވި ކައިވެނި ޕާޓީގައި ސޯޝަލް ޑިސްޓެންސިން އަށް އިހުތިރާމްކުރި ކަމަށް މިސްރުގެ ނަގްރިގް ސިޓީގެ މޭޔަރު ވިދާޅުވެއްޖެ އެވެ.


ސަލާހު ޕޮޒިޓިވްކަން އެނގުނީ، މިސްރުގެ ތަމްރީންތަކުގައި ބައިވެރިވުމަށް ގޮސް ހުއްޓާ ހެދި ޓެސްޓްތަކުންނެވެ. އޭގެ ކުރިން އޭނާ ބައިވެރިވި އާއިލީ ކައިވެނި ޕާޓީގައި މަސްހުނިކޮށް ނަށާ މަންޒަރުތަކެއް ވަނީ ދައުރުވެފަ އެވެ. ބައެއް ފަހަރު މާސްކް ތިރިވެފައި ހުއްޓާ ފެންނައިރު އަނެއް ބައި ފަހަރު މާސްކް ނުވެސް ނެތެވެ. އެކަމަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެކަމަކު މޭޔަރު މަހެރް ޝްތިޔާހް ވަނީ ސަލާހުގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ އެ ޕާޓީގެ މެހެމާނުންގެ އަދަދު 60 އާއި 70 އަށް މަދުކޮށްފައިވާ ކަމަށާއި ބައިވެރިވީ ވެސް ހަމައެކަނި ތިމާގެ މީހުން ކަމަށެވެ.

"ސޯޝަލް ޑިސްޓެންސިން އޮތް. ސަލާހު މާސްކް ނެގީ ހަމައެކަނި ފޮޓޯ ނަގަން،" އޭނާ ވިދާޅުވި އެވެ.

ސަލާހު ވަނީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މިސްރުގެ ފުރަތަމަ ކުޅުންތެރިޔާ އަށް އޭނާ ވުން ފާހަގަކުރަން މިސްރު ފުޓްބޯޅަ އެސޯސިއޭޝަނުން ގާހިރާގައި ބޭއްވި އިވެންޓުގައި ވެސް ބައިވެރިވެފަ އެވެ.

އެސޯސިއޭޝަނުގެ އިންތިގާލީ ރައީސް އަމްރް އަލް-ގަނައިނީ ވިދާޅުވީ ސަލާހު އެ އިވެންޓުގައި ބައިވެރިވީ ފަސް މިނެޓަށް ވުރެ ގިނައިރު ނުވާ ގޮތަށް ކަމަށާއި ސޯޝަލް ޑިސްޓެންސިން އަށް އިހުތިރާމްކޮށް، މާސްކް އަޅައިގެން ހަމައެކަނޮ ކޮރިޑޯ އަށް ނުކުމެލީ ކަމަށެވެ.

ކޮވިޑް ޖެހުމާ ގުޅިގެން ސަލާހަށް މި މަހު 22 ވަނަ ދުވަހު ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާއި އޭގެ ތިން ދުވަސް ފަހުން ޗެމްޕިއަންސް ލީގުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލުމުގެ ފުރުސަތު ބޮޑެވެ. ސަލާހަށް އެ ދެ މެޗުގައި ކުޅެވޭނީ އޭގެ ކުރިން ކޮވިޑް-19 ގެ ދެ ޓެސްޓުން ނަތީޖާ ނެގެޓިވް ކަމަށް ދެއްކުމުންނެވެ.