ޑާބީގެ ކޯޗުގެ ޒިންމާއާ ރޫނީ ހަވާލުވެއްޖެ

ލަންޑަން (ނޮވެމްބަރު 16) - އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޑާބީ ކައުންޓީގެ ކޯޗުކަމުން ނެދަލެންޑްސްގެ ފިލިޕް ކޮކޫ ވަކިކުރުމާ ގުޅިގެން ޕްލޭޔާ-ކޯޗުގެ ކޮންޓްރެކްޓްގައި ހުރި އިނގިރޭސި ތަރި ވޭން ރޫނީ އެ ޓީމުގެ ކޯޗިން ޒިންމާއާ ވަގުތީ ގޮތުން ހަވާލުވެއްޖެ އެވެ.


އުމުރުން 50 އަހަރުގެ ކޮކޫ މިދިޔަ ސީޒަނުގައި ޑާބީ ކޯޗަކަށް ގެނައީ ޕްރިމިއާ ލީގަށް އެ ޓީމު ޕްރޮމޯޓްކޮށްދޭން ޓާގެޓްކޮށެވެ. އެކަމަކު އޭނާ މިދިޔަ ސީޒަން ނިންމާލީ 10 ވަނައިގަ އެވެ. މި ފަހަރުގެ ސީޒަނުގައި މިހާތަނަށް 11 މެޗު ކުޅުނުއިރު ޑާބީ މޮޅުވީ އެންމެ މެޗަކުންނެވެ. އެ ޓީމު ޓޭބަލްގެ ފުލުގައި އޮތުމުން އެންމެ ފަހުން މެނޭޖްމަންޓުން ވާހަަކަ ދައްކައި ކޮކޫ ވަކިކޮށް ރޫނީއާ ޒިންމާ ހަވާލުކުރީ އެވެ.

މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން އަށް ކުރިން ކުޅުނު އުމުރުން 35 އަހަރުގެ ރޫނީ މިދިޔަ ޖެނުއަރީ މަހު ޑާބީއާ އެކު 18 މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު އެއްބަސްވެފައި އޮތީ ކުޅުމުގެ އިތުރުން އެ ކްލަބްގެ ކޯޗިން ޓީމާ އެކު ވެސް މަސައްކަތްކުރާ ގޮތަށެވެ. ކޮކޫ އަށް މިހާތަނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުން އައި ރޫނީ އެ ޓީމާ އެކު ނުކުންނާނެ ފުރަތަމަ މެޗަކީ ހޮނިހިރު ދުވަހު ބްރިސްޓޯލް ސިޓީއާ ބައްދަލުކުރާ މެޗެވެ.

ރޫނީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮކޫ ކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކުރާކަމަށާއި އޭނާ ކްލަބުން ވަކިވީ ރަނގަޅު ހާލަތެއްގައި ނޫން ވިޔަސް ކޯޗިން ޓީމު އޮތީ ޓީމު ހަމަމަގަށް އަޅުވަން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވެސް ކުރަން ތައްޔާރަށް ކަމަށެވެ. ކޯޗެއްގެ ޒިންމާ ނެގިޔަސް ރޫނީ އަދި އެއްކޮށް ކުޅުން ހުއްޓާލަން ނުނިންމަ އެވެ.

އެވަޓަން އިން 2002 ވަނަ އަހަރު ކެރިއަރު ފެށި ރޫނީ އެންމެ ބޮޑަށް ފާހަގަވީ 2004 އިން 2017 އަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރެވެ. ޑާބީ އަކީ އޭނާގެ ކޯޗިންގެ ފުރަތަމަ ތަޖުރިބާ އެވެ. ވަގުތީ ގޮތުން ޑާބީއާ ހަވާލުވި ނަމަވެސް ރޫނީ ރަނގަޅު މަސައްކަތްތަކެއް އެ މަގާމުގައި ހުރެ ކޮށްފިނަމަ އޭނާއާ ދާއިމީކޮށް އެ ޓީމުގެ ކޯޗުކަން ހަވާލުކުރުމުގެ ވިސްނުން ޑާބީ މެނޭޖްމަންޓުން ގެންގުޅެ އެވެ.

ކޮކޫ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައިވަނީ ޑާބީން އޭނާ އަށް ދިން ފުރުސަތަށް ޝުކުރު އަދާކޮށް އެ ޓީމަށް މުސްތަގުބަލުގައި ކާމިޔާބަށް އެދޭ ކަމަށް ބުނެފަ އެވެ. މިދިޔަ އަހަރު ކޮކޫ ޑާބީގެ ކޯޗަކަށް ގެނައީ އެ މަގާމުގައި ހުރި ފްރޭންކް ލަމްޕާޑް ޗެލްސީއާ ހަވާލުވުމުންނެވެ.