ޖަރުމަން ބަލިކުރުން ނޫން ގޮތެއް ސްޕެއިން އަށް ނެތް: އެންރީކޭ

ސެވިލް، ސްޕެއިން (ނޮވެމްބަރު 17) - ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ކުޅޭ މެޗުން ޖަރުމަނު ބަލިކުރުން ނޫން ގޮތެއް ސްޕެއިން އަށް ނެތް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.


ނޭޝަންސް ލީގުގެ ގްރޫޕް އޭ4 އިން ފައިނަލް ބުރު (ސެމީ ފައިނަލް)ގެ ޖާގަ ލިބޭ ޓީމެއް ކަނޑައެޅިގެންދާނީ މިރޭގެ މެޗުންނެވެ. ކޮންމެ ޓީމެއް ފަސް މެޗު ކުޅެފައިވާއިރު، މި ވަގުތު ޖަރުމަނު އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްޕެއިނަށް އަށް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޔޫކްރޭނަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ސްވިޒަލެންޑްގެ އޮތީ ތިން ޕޮއިންޓެވެ.

ޖަރުމަނު އަތުން މޮޅުވެއްޖެނަމަ ސްޕެއިނަށް ސެމީގެ ޖާގައެއް ކަށަވަރުވާނެ އެވެ. މެޗު އެއްވަރު ނޫނީ ޖަރުމަނު މޮޅުވެއްޖެނަމަ ސެމީން ފުރުސަތު ލިބޭނީ އެ ޓީމަށެވެ. އެންރީކޭ ބުނީ ޓީމުގެ ކުރިއެރުމަށް ބަލާއިރު ފައިނަލް ބުރުގެ ފުރުސަތު ހޯދުން މުހިއްމު ކަމަށެވެ.

"ތާވަލަށް ބަލާލީމަ ވެސް ޔަގީންވާ ކަމަކީ އަހަރެމެން އަނެއް ބުރަށް ދާން ބޭނުންނަމަ މޮޅުވުން ނޫން ގޮތެއް ނެތްކަން. އެހެންވީމަ ވިސްނުން ހުރީ ވެސް އެހެން. ޖަރުމަނަކީ ފަސޭހަ ޓީމެއް ނޫން އެއްވެސް އިރެއްގައި އެހެންވީމަ އެބަޖެހޭ ވީ އެންމެ ރަނގަޅަށް ކުޅެގެން މި މެޗުން މޮޅުވާން،" ސްޕެއިންގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި އެންރީކޭ ބުންޏެވެ.

އެންމެ ފަހުން ކުޅުނު މެޗުގައި ސްވިޒަލެންޑާ އެއްވަރުވުމުން ސްޕެއިނަށް މި މެޗާ ކުރިމަތިލާއިރު ޕްރެޝަރު އެބައޮތްތޯ މިރޭގެ މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރުމުން އެންރީކޭ ބުނީ ވަކި އެހެން ޕްރެޝަރެއް އޮތްކަމަށް ނުދެކޭ ކަމަށާއި ނޭޝަންސް ލީގުގެ މެޗުތައް ފެށުނުއިރު ވެސް މި ގްރޫޕުން ސްޕެއިނަށް އޮތް އެންމެ ވަރުގަދަ ޗެލެންޖަކީ ޖަރުމަނުކަން އެނގޭ ކަމަށެވެ.

"ސަޕޯޓަރުން އަހަރެމެންގެ ޓީމު (ސްޕެއިން) ފަހަތުގައި ތިބެންވީ. ކޯޗު އިދިކޮޅު ޓީމު ބަލިކުރެވޭނެ ގޮތްތަކެއް ހޯދާނަން،" ކުރިން ބާސެލޯނާ އަށް ކޯޗުކޮށްދިން އެންރީކޭ ބުންޏެވެ.

އަނިޔާގެ ސަބަބުން ޖަރުމަނާ ދެކޮޅަށް ސްޕެއިންގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ނުކުޅޭނެ އެވެ. އެންރީކޭ ބުނީ އެ މަގާމަށް ބޭނުންކުރާނެ ކުޅުންތެރިއެއްގެ އިތުރުން ގޯލްކީޕަރުގެ މަގާމުގައި މިރޭ ކުޅޭނެ ކުޅުންތެރިއެއް ނިންމާފައިވާ ކަމަށެވެ. ސްޕެއިނުން ވަނީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ޑޭވިޑް ޑެހެއާ އާއި ކެޕާ އަރިއްޒަބަލާގާގެ އިތުރުން އުނާއި ސިމޯން އަށް ފުރުސަތު ދީފަ އެވެ.

ޖަރުމަނުގައި ސެޕްޓެމްބަރު މަހު ތިން ވަނަ ދުވަހު ކުޅުނު މެޗުގައި ސްޕެއިންއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ސްޕެއިން ދަނޑުގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.