ގެމްބިއާ އެއާޕޯޓްގައި ނިދަން ޖެހުމުން އޮބާމަޔަން ރަތަށް

ބޭންޖަލް، ގެމްބިއާ (ނޮވެމްބަރު 19) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިން މެޗެއް ކުޅެން ގެމްބިއާ އަށް ދިޔަ ގެބޮން ކުޅުންތެރިން އެއާޕޯޓުގައި ތާށިވެ އެ ތަނުގައި ނިދަން ޖެހުނު މައްސަލައިގައި އެ ޓީމުގެ ތަރި ޕިއޭ-އެމެރިކް އޮބާމަޔަން ކަމާބެހޭ ފަރާތްތަކަށް ފާޑުކިޔައިފި އެވެ.


ގެމްބިއާގެ ކަމާބެހޭ ފަރާތްތަކުން ގެބޮންގެ ކުޅުންތެރިން އެއާޕޯޓްގައި މަޑުކުރުވީ ކޮވިޑް-19 ގެ ޕްރޮޓޮކޯލާ އެއްގޮތަށް އެ ޓީމުން އަމަލުކޮށްފައިނުވާ ކަމަށް ބުނެ އެވެ. ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) އޮފިޝަލް އާމްރް ސޭ ބުނީ ގެބޮން ކުޅުންތެރިން ގެމްބިއާ އެއާޕޯޓްގައި މަޑުކުރަން ޖެހުނީ ކޮވިޑް-19ގެ ޓެސްޓްތައް ގެމްބިއާ އޮފިޝަލުންނަށް ނުދެއްކުމުންނެވެ. ގެބޮން ކުޅުންތެރިން ވަނީ އެ ގައުމުން ފުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓްކޮށްފަ އެވެ. އެކަމަކު ފުރަން ޖެހިފައި އޮތްވަގުތު ޖެހުނު އިރު ވެސް ނަތީޖާތައް ނުލިބި އޮއްވައި އެންމެ ފަހުން ގެމްބިއާ އަށް ދާން ފުރީ އެވެ.

ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން ގެބޮންގެ ކުޅުންތެރިން ގެމްބިއާ އެއާޕޯޓްގައި ހަ ގަޑިއިރު ވަންދެން މަޑުކުރިއިރު ނިދީ އެއާޕޯޓުގެ ތަޅަމުގަ އެވެ. ސޯޝަލް މީޑިއާގައި ގެބޮންގެ ގިނަ ކުޅުންތެރިން ވަނީ އެ ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.

ގެބޮން ކުޅުންތެރިން ގެމްބިއާ އެއާޕޯޓްގައި.-- ފޮޓޯ: އައުބަމަޔަން ސޯޝަލް މީޑިއާ

"ވަރަށް ރަނގަޅު. ހީވަނީ އަދިވެސް އަހަރެމެން މި ތިބީ 1990 ގެ އަހަރުތަކުގައި ހެން. މިއީ 2020. އަހަރެމެން ބޭނުން އެފްރިކާ ވެސް ކުރިއަރާން. މިޔެއް ނޫން އަހަރެމެން ކުރިއަރާފައި އޮންނައިރު ކަންތައް ވާން ޖެހޭ ގޮތަކީ،" އޮބާމަޔަން ބުންޏެވެ.

ގެމްބިއާ ދަނޑުގައި ކުޅުނު މެޗުން ގެބޮން ވަނީ 2-1 އިން ބަލިވެފަ އެވެ. ގެބޮންގެ ފުޓްބޯޅަ އިދާރާއިން ގެމްބިއާ އެއާޕޯޓްގައި ހިނގާދިޔަ ކަންތައްތައް ތަހުގީގުކުރަން ގޮވާލުމުން ސީއޭއެފްގެ އޮފިޝަލަކު ވަނީ އެކަން ބަލަމުން އަންނަ ކަމަށް މީޑިއާގައި ބުނެފަ އެވެ.

ގެބޮންގެ މީޑިއާތަކުން ތުހުމަތުކުރާގޮތުގައި މިއީ މެޗުގެ ކުރިން ގެމްބިއާ އިން ބޭނުންވެގެން ގެބޮންގެ ކުޅުންތެރިން ނަފްސާނީ ގޮތުން ބަލިކަށިކޮށްލަން ރޭވިގެން ކުރި ކަމެކެވެ. އެކަމަކު ގެމްބިއާ އިން ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. ގެމްބިއާގެ އޮފިޝަލަކު ބުނީ ކޮވިޑް-19 ފަދަ ފަސޭހައިން ފެތުރޭ ބަލިމަޑުކަމެއްގެ ތެރޭގައި ކޮންމެ ބަޔަކު ވެސް އަމަލުކުރަންވާނީ އުސޫލުގެ ތެރެއިން ކަމަށާއި ގެބޮން ޓީމުން ވެސް އުސޫލުގެ ތެރެއިން ކަންތައްތައް ފުރިހަމަކުރިހާ އަވަހަކަށް ހުރިހާ ހިދުމަތެއް ފޯރުކޮށްދިން ކަމަށެވެ.