ސިޓީގައި އިތުރު ދެ އަހަރު މަޑުކުރަން ގާޑިއޯލާ ނިންމައިފި

ލަންޑަން (ނޮވެމްބަރު 20) - މެންޗެސްޓާ ސިޓީއާ އެކު ޕެޕް ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން އާކޮށް އިތުރު ދެ އަަހަރު އެ ޓީމުގައި މަޑުކުރަން ނިންމައިފި އެވެ.


ސިޓީއާ އެކު ގާޑިއޯލާ ކުރިން ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަަލަށް ހަމަވާނެ އެވެ. ގާޑިއޯލާގެ މުސްތަގުބަލާ ގުޅުވައިގެން ގިނަ ވާހަކަތަކެއް މީޑިއާގައި ދެކެވުނުއިރު، އޭނާ އޭރު ވެސް ބުނަމުންދިޔައީ އާ އެއްބަސްވުމެއްގައި ސޮއިކުރާނީ ސިޓީގެ ވެރިން އެކަމަށް ބޭނުންވުމުން ކަމަށެވެ. ގާޑިއޯލާ އިއްޔެ ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން އޭނާ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ޓީމުގައި މަޑުކުރާނެ އެވެ.

އުމުރުން 49 އަހަރުގެ ގާޑިއޯލާ ވަނީ 2016 ވަނަ އަހަރު ސިޓީއާ ގުޅުނު ފަހުން އެ ޓީމަށް ދެ ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ތިން ލީގު ކަޕް ތަށި ހޯދައިދީފަ އެވެ. ގާޑިއޯލާ މި ފަހަރު މި ސޮއިކުރި ކޮންޓްރެކްޓް ފުރިހަމަކޮށްފިނަމަ އޭނާ ވެގެންދާނީ ސިޓީގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ދިގު މުއްދަތަކަށް އެ ޓީމަށް އިރުޝާދުދިން ކޯޗަށެވެ. އަނެއް ކޮޅުން ސިޓީ ވެގެންދާނީ ގާޑިއޯލާ 2008 ވަަނަ އަހަރު ކޯޗިން ކެރިއަރު ފެށި ފަހުން އެއް ކްލަބެއްގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރާ ޓީމަށެވެ.

"އަހަރެމެން އެކުގައި ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފިން. ލަނޑު ޖަަހައި މެޗުތަކުން މޮޅުވެ ތަށި ހޯދައި މި ހުރިހާ ކަމަކާ މެދު އަަހަރެން ވަރަށް ފަހުރުވެރިވޭ. މި ކްލަބްގައި މި އޮތް ސަޕޯޓަކީ ކޮންމެ ކޯޗަކު ވެސް އުފަލާ އެކު ބަލައިގަންނާނެ ކަމެއް،" ސިޓީގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ވަނީ ސިޓީ ގޮވައިގެން އޭނާ ނުކުތް 245 މެޗުގެ ތެރެއިން 181 މެޗުން މޮޅުވެފަ އެވެ. މިއީ 73.8 ޕަސެންޓް ކާމިޔާބު ރެކޯޑެކެވެ.

ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް ވިދާޅުވީ ހަގީގަތަށް ބުނާނަމަ ސިޓީގެ އެއްބަސްވުން އާ ކުރަން ގާޑިއޯލާ ނިންމުމަކީ އެ ޓީމަށް އިތުރު ޓްރޮފީއެއް ލިބުން ކަހަަލަ އުފާވެރި ކަމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ސިޓީން އިތުރު ކާމިޔާބީތަކެއް ހޯދާނެ ކަމަށެވެ.

ކުރިން ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ސިޓީގައި މަޑުކުރަން ނިންމީ އޭނާގެ ފުރަތަަމަ ކްލަބް ބާސެލޯނާ އިން ވެސް އޭނާ ހޯދަން މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.