ޔުނައިޓެޑުން ލުކާކޫގެ ބޭނުމެއް ނުހިފި: މާޓިނޭޒް

ބްރުސެލްސް (ނޮވެމްބަރު 20) - މެންޗެސްޓާ ޔުނައިޓެޑުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހޭދަކުރި ދުވަސްތަކުގައި އޭނާގެ ބޭނުން އެ ޓީމުން ރަނގަޅަށް ނުހިފާ ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.


އެވަަޓަން ދޫކޮށް 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ލުކާކޫ ވަނީ 75 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ބަދަލުވެފަ އެވެ. އެ ޓީމުގައި ދެ ސީޒަން ހޭދަކުރުމަށް ފަހު ލުކާކޫ މިހާރު ކުޅެމުން އަންނަ އިންޓަ މިލާނާ ގުޅުނީ މިދިޔަ ސީޒަނުގަ އެވެ. ލުކާކޫ އަންނަނީ އެ ޓީމާ އެކު ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ބެލްޖިއަމް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އޮތް ލުކާކޫއާ ބެހޭގޮތުން މާޓީނޭޒް ބުނީ ޔުނައިޓެޑްގައި ލުކާކޫ ހޭދަކުރީ އުނދަގޫ ދުވަސްތަކެއް ކަމަށާއި އޭރު އެ ކްލަބްގެ އެޓޭކްގައި ގޯސްކޮށް ހިނގާ ކަމެއްނަމަ އެކަމެއް އޮތީ އޭނާ ބޮލުގައި އަޅުވާފައި ކަމަށެވެ.

"ކޮންމެ ކުޅުންތެރިއަކު ވެސް ރަނގަޅު އަދި ގޯސް ވަގުތުތަކެއް ކެރިއަރުގައި ހޭދަކުރާނެ. އަހަރެމެންނަށް އަބަދުވެސް އެބަފެނޭ ލުކާކޫގެ އެ ހުރި ލަނޑު ޖެހުމުގެ ކޮލިޓީ. އޭނަ މެންޗެސްޓާ ޔުނައިޓެޑްގައި ހުރިއިރު ޓީމަށް ތަށި ހޯދައިދޭން އޭނާ ވަރަށް މަސައްކަތްކުރި. ވަރަށް ބައިވަރު ޒިންމާއާ ހަވާލުވެގެން ލުކާކޫ މަސައްކަތްކުރި. އެކަމަކު ހުރިހާ ގޯސްކަމެއްގެ ޒިންމާ އޭނާ ނަގަން ޖެހެނީ. އެއީ އަހަރެންގެ ނަޒަރުގައި ވަރަށް ބޭއިންސާފުންވީ ކަމެއް،" މާޓީނޭޒް ބުންޏެވެ.

ކުރިން ޕްރިމިއާ ލީގުގެ ވިގަން އެތުލެޓިކާއި އެވަޓަން އަށް ކޯޗުކޮށްދިން މާޓިނޭޒް ބުނީ ޔުނައިޓެޑް ދޫކޮށް އިންޓަ އަށް ބަދަލުވި ފަހުން ލުކާކޫގެ ކުޅުމުން އަނެއްކާ ވެސް ތަފާތު ފެންނަން ފަށައިފިކަމަށާއި އެއީ ގައުމީ ޓީމަށް ވެސް އޮތް ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ހަގީގަތަކީ ޔުނައިޓެޑުން ލުކާކޫގެ ބޭނުމެއް ނުހިފި. އެކަމަކު މިހާރު އެ ފެންނަނީ އިޓަލީގައި ލުކާކޫ ވިދަމުންދާތަން. މިއީ އަހަރެމެންނަށް (ގައުމީ ޓީމަށް) ހިތްހަމަ ޖެހުމެއް،" މާޓިނޭޒް ބުންޏެވެ.

އުމުރުން 27 އަހަރުގެ ލުކާކޫ ވެސް މީގެ ކުރިން ވަނީ ޔުނައިޓެޑް ދޫކޮށް އިންޓައާ ގުޅުމަކީ އޭނާގެ ކެރިއަރުގައި ނިންމި ރަނގަޅު އެއް ނިންމުމަށް ވާނެ ކަމަށް ބުނެފަ އެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 42 ގޯލު ޖަހައިދީފަ އެވެ.