ޗެލްސީގެ ކޯޗުކަން ދިފާއުކުރުމުގެ ޕްރެޝަރު ބޮޑު: ލަމްޕާޑް

ލަންޑަން (ނޮވެމްބަރު 20) - ޗެލްސީގެ ކޯޗުކަމުގައި ދެމިހުރެވޭނީ ރަނގަޅު މަސައްކަތްތަކެއް ކޮށްގެން ކަމަށާއި އެ މަގާމު ދިފާއުކުރުމުގައި އަަބަދުވެސް ޕްރެޝަރު ބޮޑުވާނެކަން އެނގޭ ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.


ޗެލްސީގެ ކޯޗުކަމާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ލަމްޕާޑް ހަވާލުވީ މިދިޔަ ސީޒަނުގަ އެވެ. ފުރަތަމަ ސީޒަނުގައި ޓްރާންސްފާ އަދަބެއްގެ ސަބަބުން ކުޅުންތެރިން ނުގަނެވޭ ގޮތަށް އޮތް ނަމަވެސް ލަމްޕާޑް ވަނީ އެ ޓީމުގައި އޭރު އޮތް ސްކޮޑު ގޮވައިގެން ލީގުގެ ހަތަރު ވަނަ ހޯދައިދީފަ އެވެ. މި ސީޒަނާ ޗެލްސީން ކުރިމަތިލީ 200 މިލިއަން ޕައުންޑަށް ވުރެން ބޮޑު އިންވެސްޓެއް ކޮށްގެންނެވެ.

ލަމްޕާޑް ބުނީ މިއީ އޭނާގެ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ހޯދަން ޖެހޭ އަހަރު ކަމަށެވެ. ޗެލްސީ ސަޕޯޓަރުންގެ އިތުބާރު އެބައޮތް ކަމަށާއި ކުރިއަށްދާނީ އޭގެ އެހީގައި ކަމަށް ލަމްޕާޑް ބުންޏެވެ.

"ތިއީ ރަނގަޅު ވާހަކައެއް އަހަރެންގެ ފުޓްބޯޅަ ކެރިއަރުގެ ސަބަބުން އަހަންނަށް އެބައޮތް ހިތްހަމަ ޖެހިލެވެން/ އެއީ އަހަންނަކީ މި ކްލަބްގެ މީހަކަށްވާތީ. އަހަންނަށް ޔަގީންކަމާ އެކު އެނގޭ، ރަނގަޅަށް މަސައްކަތްކުރާހާ ހިނދެއްގައި މި ޓީމުގައި އަހަންނަށް ދެމިހުރެވޭނެކަން. އެކަމަކު އަހަރެން ވަކިކޮށްފިނަމަ ވެސް އަހަރެން ހިތްހަމަޖެހޭނީ ކުރި ރަނގަޅު މަސައްކަތްތަކާ މެދު،" ލަމްޕާޑް ބުންޏެވެ.

ވެސްޓް ހޭމް ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަށް ވެސް ކުޅުނު ލަމްޕާޑް އެންމެ ބޮޑަށް ފާހަގަވީ އޭނާ 13 އަހަރު ޗެލްސީގައި ހޯދި ކާމިޔާބީތަކުގަ އެވެ. ލަމްޕާޑް ބުނީ ކްލަބުން އޭނާ އަށް ކުރި އިތުބާރުގެ ބަދަލު ދޭން ބޭނުންވަނީ ރަނގަޅަށް ކަމަށެވެ.

"މާ ގިނަ ބަޔަކަށް ޑާބީ ކޯޗުގެ ގޮތުގައި އެއް އަހަރު ހޭދަކޮށްފައި ވަނިކޮށް ޗެލްސީގެ ވަޒީފާ ނުލިބޭނެ. ސާފުކޮށް އެނގެން އޮތް ކަމެއް އަހަރެން މި ކްލަބަށް ކުޅެދިން 13 އަހަރުގައި ހޯދި ކާމިޔާބީ އަކީ މި ވަޒީފާ އަހަންނަށް ލިބުނު އެއް ސަބަބުކަން. އެކަމަކު އަހަރެން މި ވަގުތު މި މަގާމުގައި ހުރެ ގަބޫލުކުރަން ޖެހޭ އެ 13 އަހަރުގެ ވާހަކަ އަކީ މި ވަގުތު މުހިއްމު ކަމެއް ނޫންކަން. އަހަންނަށް ޓީމުގައި ރަނގަޅު މަސައްކަތެއް ނުކުރެވޭނަމަ މި މަގާމަކު ދެމި ނުހުރެވޭނެ،" ލަމްޕާޑް ބުންޏެވެ.

ލީގުގެ ފުރަތަމަ މެޗުތަކުގައި ދަށްކޮށް ދިޔަ ނަމަވެސް ލަމްޕާޑް މި ފަހަރު ސޮއިކުރުވި ކުޅުންތެރިން ފޯމަކަށް އައިސް އެ ޓީމު އަންނަނީ ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.