ރޮނާލްޑޯ ނުކުޅުމުން ޓިކެޓް ފައިސާ އަނބުރާ ދޭން ޖެހިއްޖެ

ސޯލް، ކޮރެއާ (ނޮވެމްބަރު 21) - ދެކުނު ކޮރެއާ އިން ހޮވާލެވޭ ޓީމަކާ ދެކޮޅަށް ޔުވެންޓަސް މިދިޔަ އަހަރު ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅޭތީ މެޗު ބަލަން ދިޔަ ބައެއް ދެކުނު ކޮރެއާގެ ސަޕޯޓަރުންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި އެ މެޗު ޕްރޮމޯޓްކުރި ފަރާތުން ސަޕޯޓަރުންނަށް ޓިކެޓް ފައިސާގެ އެއްބައި އަނބުރާދޭން ކޯޓުން އަމުރުކޮށްފި އެވެ.


މިދިޔަ އަހަރު ޖުލައި މަހު ސޯލް ވޯލްޑް ކަޕް ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ދަނޑަށް ވަދެ ތިބި 65،000 ސަޕޯޓަރުން ރޮނާލްޑޯ ކުޅެން އަރުވަން އަޑުއުފުލި ނަމަވެސް އޭރު ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ އެ ފުރުސަތު ނުދެ އެވެ.

ދި ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން އިއްޔެ ހުކުމް ކުރީ މެޗު ޕްރޮމޯޓްކުރި ދި ފާސްޓާއާ ދެކޮޅަށެވެ. ފާސްޓާ އިން އެ މެޗު ޕްރޮމޯޓްކުރިއިރު ވަނީ ރޮނާލްޑޯ މެޗުގައި ކުޅޭނެކަމުގެ ޔަގީންކަން ގިނަ ބަޔަކަށް ދީ މެޗުގެ ޓިކެޓްތައް ވިއްކައިފަ އެވެ. ކޯޓަށް މައްސަލަ ހުށަހެޅި 162 ސަޕޯޓަރުން ކޮޅަށް މައްސަލަ ނިމުނުއިރު ފާސްޓާގެ މައްޗަށް ވަނީ ކޮންމެ ސަޕޯޓަރަކަށް ޓިކެޓް ފައިސާގެ ދެ ބައި ކުޅަ އެއްބައިގެ އިތުރުން 50،000 ވޮން (45 ޑޮލަރު) ދޭން އަމުރުކޮށްފަ އެވެ.

ކޮރެއާ ޓީމާއި ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން ރޮނާލްޑޯގެ ސަޕޯޓަރެއް.

އެ މެޗުގެ ޓިކެޓްގެ އަގުތައް އުޅުނީ 30،000 ވޮން އާއި 400،000 ވޮން (27 ޑޮލަރާއި 358 ޑޮލަރު) ދެމެދުގަ އެވެ. އެ މެޗުގެ ޓިކެޓް ވިއްކަން ފެށިތާ ތިން ގަޑިއިރުތެރޭ ހުރިހާ ޓިކެޓެއް ވިކި ހުސްވި އެވެ.

ކޯޓުގެ މީޑިއާ އޮފިޝަލަކާ ހަވާލާދީ ދެކުނު ކޮރެއާގެ މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި އޮޅުވާލައިގެން އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި މި މައްސަލައިގައި ބައެއް ސަޕޯޓަރުން ވަނީ ޔުވެންޓަސްއާ ދެކޮޅަށް ވެސް މައްސަލައިގައި ދައުވާކުރަން ކޯޓުގައި އެދިފަ އެވެ. އެކަމަކު އެ ގޮތަށް އެކަން ކުރެވޭނެ ސަބަބެއް ނެތް ކަމަށާއި ޔުވެންޓަސްގެ ނިންމުމަކީ ޕްރޮފެޝަނަލްކަމަކާ ގުޅޭ ނިންމުމެއް ކަމުން އެކަން ބެލޭނެ އުސޫލެއް ނެތް ކަމަށް ކޯޓުން ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އިން ރޮނާލްޑޯ ލައްވައި އެ މެޗުގައި ނުކުޅުވީ އެ ޓީމަށް ކޮރެއާ އަށް ދެވުނު ގަޑި ލަސްވުމުންނެވެ. ޗައިނާގެ ނަންޒިން އިން ކޮރެއާ އަށް ދާން ހަމަޖެހިފައި އޮތް ފްލައިޓް ލަސްވިއިރު، ކޮރެއާ އަށް ދެވުނުއިރު، މެޗު ފަށަން އޮތީ ފަސް ގަޑިއިރަށްވެފަ އެވެ. މެޗު ފެށީ ވެސް ހަމަޖެހިފައި އޮތް ވަގުތަށް ވުރެ އެއް ގަޑިއިރު ފަހުންނެވެ.