ސިޓީ ބަލިކޮށް ޓޮޓެންހަމް ލީގުގެ އެއް ވަނަ އަށް

ލަންޑަން (ނޮވެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާސް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.


ލީގުގައި އިއްޔެ ހަވީރު ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެ ޗެލްސީ ވެސް ވަނީ ހަތަރު ވަރަކަށް ގަޑިއިރަށް ލީގުގެ އެއް ވަަނަ އަށް ޖެހިލައިފަ އެވެ. އޭގެ ފަހުން ކުޅުނު މެޗުން މޮޅުވެގެން އެސްޓަން ވިލާ އަށް ވެސް ލީގުގެ އެއް ވަނަ އަށް އަރަން ފުރުސަތު އޮތެވެ. އެކަމަކު އެސްޓަން ވިލާ ވަނީ އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 2-1 އިން ބަލިވެފަ އެވެ.

ޓޮޓެންހަމުން ފުރުސަތުގެ ބޭނުންހިފައި ލީގުގެ އެއް ވަނަ އަށް އެރީ ނުވަ މެޗުން 20 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި ޗެލްސީ އޮތީ ނުވަ މެޗުން 18 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް އަށް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ އަށް މެޗުން 17 ޕޮއިންޓާ އެކު އެވެ. ލީގުގެ މިރޭ ލިވަޕޫލް ދަނޑުގައި ކުޅޭ މެޗުން މޮޅުވެގެން ލެސްޓާ އަށް އެއް ވަނަ އަށް އެރޭނެ އެވެ. ލިވަޕޫލް މޮޅުވެއްޖެނަމަ އެއް ވަނައިގައި އޮތް ޓޮޓެންހަމާ ޕޮއިންޓުގެ ގޮތުން ހަމަކުރެވޭނެ އެވެ.

ހޯސޭ މޮރީނިއޯ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވިތާ އެއް އަހަރު ފުރުނުތާ ދެ ދުވަސް ފަހުން ކުޅުނު ރޭގެ މެޗުގެ ފަށައިގެން ފަސް ވަނަ މިނިޓްގައި ޓޮޓެންހަމުން ލީޑުނެގީ ދެކުނު ކޮރެއާގެ ފޯވާޑް ހެއުން މިން ސޮން ޖެހި ގޯލުންނެވެ. ޓޮޓެންހަމްގެ ޓަންގުއީ އެންޑޮމްބެލޭ ހުސްކޮށްލާފައި ދިން ބޯޅައެއް ހޯދައި ސޮން ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރޭގެ މެޗަށް ފަހު ގާޑިއޯލާ (ކ) އާއި މޮރީނިއޯ ސަލާމްކުރަނީ: މޮރީނިއޯ ވަނީ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ ވަނަ މެޗުން ގާޑިއޯލާ ކޯޗުކޮށްދޭ ޓީމެއް އަތުން މޮޅުވެފައި.-- ފޮޓޯ: އޭއެފްޕީ

ސިޓީން ވަނީ ފުރަތަަމަ ހާފުގައި އައިމެރިކް ލަޕޯޓްގެ ގޯލުން އެއްވަރުކޮށްފަ އެވެ. އެކަމަކު ލަޕޯޓް އެ ގޯލު ޖަހަން ގަބްރިއެލް ޖީސޫސް ފުރުސަތު ތަނަވަސްކޮށްދިނުމުގެ ކުރިން އޭނާ ބޯޅަ ކޮންޓްރޯލްކުރިއިރު އަަތުގައި ބޯޅަ ޖެހިފައި ވުމުން ރެފްރީ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ގޯލު ބަލައިނުގަންނަން ނިންމައިފަ އެވެ. ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ހެރީ ކޭން ޖެހި ގޯލެއް ވެސް ވަނީ ވީއޭއާރް އިން ބެލުމަށް ފަހު އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ފުރަތަމަ ހާފުގައި ސިޓީން ޓޮޓެންހަމުގެ ހާފު ތެރޭގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ދެ ވަނަ ހާފުގައި އެ ކުޅުން ތަކުރާރުނުކުރެވުނެވެ. ބަދަލުތަކެއް ގެނެސްގެން ރަހީމް ސްޓާލިން އާއި ފިލް ފޯޑެން ކުޅެން އަރުވައިގެން ލަނޑެއް ޖަހަން ސިޓީން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި 20 ވަރަކަށް ސިކުންތު ތެރޭގައި ޓޮޓެންހަމްގެ ޖިއޮވާނީ ލޮ ސެލްސޯ ވަނީ ލަނޑެއް ޖަހައި ޓޮޓެންހަމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

ރޭގެ މެޗުން ބަލިވުމުން އެ ޓީމު އޮތީ އަށް މެޗުން 12 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ. ގާޑިއޯލާ ބުނީ ސިޓީ ކޮޅަށް މެޗުގެ އެހާ ކުރީކޮޅުގައި ގޯލެއް ވަނުމުން މެޗު އިތުރަށް އުނދަގޫވި ކަމަށާއި ޓޮޓެންހަމަށް ވުރެން ގިނަ ފުރުސަތުތައް ސިޓީން ތަނަވަސްކުރި ނަމަވެސް ގޯލު ނުޖަހާނަމަ މެޗުން ހާސިލްކުރަން ބޭނުންވާ ކަންތައް ނުވާނެ ކަމަށާއި ހާލަތު ބަދަލުކުރެވޭނީ ލަނޑު ޖެހުމުގެ ބައި ރަނގަޅުކޮށްގެން ކަމަށެވެ.

ނިއުކާސަލް ދަނޑުގައި ޗެލްސީން ލީޑުނެގީ މެޗުގެ 10 ވަނަ މިނިޓްގައި ނިއުކާސަލްގެ ޑިފެންޑަރު ފެޑެރީކޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ދެ ވަނަ ހާފްގައި ޓިމޯ ވާނާ ދިން ބޯޅައަކުން ޗެލްސީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް ޓެމީ އަބްރަހަމް އެވެ.

ނިއުކާސަލްގެ ޝެއާ (ކ) އަތުން ޗެލްސީގެ ވާނާ ބޯޅަ ހޯދަނީ.-- ފޮޓޯ: އޭއެފްޕީ

އެސްޓަން ވިލާ ދަނޑުގައި ރޭ ބްރައިޓަން އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފުގައި ބްރައިޓަން އަށް ލީޑުނަގައިދިނީ ދާދި ފަހުން ހިލޭ ޓްރާންސްފާއެއްގައި އެ ޓީމާ ގުޅުނު ކުރީގެ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލްގެ ފޯވާޑް ޑެނީ ވެލްބެކް އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި އެޒްރީ ކޮންސާގެ ގޯލުން އެސްޓަން ވިލާ އެއްވަރުކޮށްފައި ވަނިކޮށް ބްރައިޓަން އަށް ދެ ވަަނަ ފަހަރަށް ލީޑުނަގައިދިނީ ސޮލީ މާޗް އެވެ.

މި މެޗުގެ އިތުރު ވަގުތުގައި މާޗް އެސްޓަން ވިލާގެ މަހުމޫދު ޓްރެޒެގޭ އަށް ކުރި ފައުލަކަށް ފުރަތަމަ ޕެނަލްޓީއެއް ދިން ނަމަވެސް ފަހުން ވީއޭއާރް އިން ބެލުމަށް ފަހު ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ. ބްރައިޓަން އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ދެ ވަނަ ރީނދޫ ކާޑާ އެކު ބްރައިޓަންގެ ހަލުވި ފުލްބެކް ތޯރިގު ލަމްްޕްޓޭ އަށް ރަތް ކާޑު ދެއްކުމުންނެވެ.

ވެސްޓް ބްރޮމް ކައިރިން 1-0 އިން ކުރިހޯދައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ މި ފަހަރުގެ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް މޮޅުވެފަ އެވެ. މި މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް އެވެ. މި މޮޅާ އެކު ކުޅުނު އަށް މެޗުން 13 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ.