ލަންޑަން (ޑިސެމްބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ލަނޑެއް ނުޖެހި އެއްވަރުވެ، ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކުރަން ލިބުނު ފުރުސަތު ލިވަޕޫލުން ނަގާލައިފި އެވެ.
ރޭގެ ނަތީޖާއާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތީ 16 މެޗުން 33 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 15 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ހުކުރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ލިވަޕޫލާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރެވޭނެ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެހެން މެޗެއް ނަމަ މިއީ ލިވަޕޫލުން މަދުވެގެން ދެ ގޯލެއް ޖަހާނެ މެޗެއް ކަމަށާއި ތަފާތު ސަަބަބުތަކާ ހުރެ ނަމަވެސް މި މެޗުގައި ލަނޑެއް ޖެހުމުގެ ނަސީބު ނެތީ ކަމަށެވެ.
"މި ވަގުތު އަހަންނަށް ޓޭބަލް މުހިއްމެއް ނޫން. އެކަމަކު އެއް ވަނައިގައި އޮތުމަކީ ކުޅުންތެރިންގެ އިތުބާރަށް ރަނގަޅުކަމަކަށް ވެދާނެ،" ކްލޮޕް ބުންޏެވެ.
ނިއުކާސަލް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމުގެ ކަލުމް ވިލްސަން ޖެހި ޝޮޓެއް ލިވަޕޫލްގެ ފަބީނިއޯ ވަނީ ބްލޮކްކޮށްފަ އެވެ. ލިވަޕޫލް މޮޅުވިޔަނުދީ ހިފެހެއްޓުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ނިއުކާސަލްގެ ކީޕަރު ކާލް ޑާލޯ އަށެވެ. މުޅި މެޗަށް ބަލާއިރު އޭނާ ވަނީ ލިވަޕޫލުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ. ފުރަތަމަ ހާފުގައި ރޮބާޓޯ ފިރްމީނޯ ބޮލުން ޖެހި ދެ ބޯޅައެއްގެ އިތުރުން މުހައްމަދު ސަލާހު ފޮނުވާލި ހަމަލާއެއް ވެސް އޭނާ ވަނީ ހުއްޓުވައިފަ އެވެ.
ދެ ވަނަ ހާފުގައި ބަދަލުތަކެއް ގެނެސްގެން ވެސް ލިވަޕޫލުން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. މިއީ މި ފަހަރު ލީގުގައި ލިވަޕޫލް ކުޅުނު މެޗެއްގައި އެ ޓީމުން ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ. ދެ ވަނަ ހާފުގައި ވެސް ފިރްމީނޯ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނުއިރު، ސަޑިއޯ މާނޭ އާއި ސަލާހު އަށް ވެސް ރަނގަޅު ބޯޅަތަކެއްގެ ބޭނުމެއް ނުހިފުނެވެ.
ލީގުގައި ރޭ ޓޮޓެންހަމް ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅެން ތާވަލުކޮށްފައި އޮތް މެޗު ވަނީ ކޮވިޑުގެ ސަބަބުން ފަސްކޮށްފަ އެވެ. އެ މެޗު ފަސްކުރަން ނިންމީ މެޗު ފަށަން ނިންމާފައި އޮތް ވަގުތުގެ ހަތަރު ގަޑިއިރު ކުރިންނެވެ. މި ހަފްތާގައި އެވަޓަން އާއި މެންޗެސްޓާ ސިޓީ ކުޅެން އޮތް މެޗު ވެސް ވަނީީ ކޮވިޑާ ހެދި ފަސްކޮށްފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޒައިނާ
31 December 2020
މަރުހަބާ ރަދީފް. ރަދީފްގެ 10ވަނަ ކްލަބުން ތިޔަ ހޯދީ ވަރުގަދަ ކާމިޔާބީއެއް