02 ޖެނުއަރީ 2021 - 10:33
މެންޗެސްޓާ (ޖެނުއަރީ 2) - އިނގިރޭސި ޕްރިިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަތުން 2-1 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން، އެއް ވަނައިގައި އޮތް ލިވަޕޫލާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި އެވެ.
އެއް ވަނައިގައި އޮތް ލިވަޕޫލަށް 16 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ރޭގެ މޮޅާ އެކު ޔުނައިޓެޑުން ވެސް ވަނީ 16 މެޗުން 33 ޕޮއިންޓް ހަމަކޮށްފަ އެވެ. ލިވަޕޫލަށް ކުރި ލިބެނީ ފައިދާ ގޯލުންނެެވެ. ލިވަޕޫލްގެ 17 ގޯލު އޮތްއިރު، ޔުނައިޓެޑްގެ އޮތީ ނުވަ ގޯލެވެ.
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ކޮންމެ ހާލަތެއްގައި ވެސް މުހިއްމީ މޮޅެއް ހޯދުން ކަމަށާއި އެކަމަށް ފޯކަސްކޮށްގެން ޓީމުން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ.
"ޔަގީނުން ވެސް އަހަރެމެން މިހާރު މި އޮތީ މިދިޔަ އަހަރަށް ވުރެން ރަނގަޅު ހިސާބެއްގައި. ލީގަށް ވާދަކުރާ ވާހަކަ ދައްކަން އަދި އަހަރެން ބޭނުމެއް ނޫން. އެކަމަކު މި ޓީމުން ކުރާ މަސައްކަތަށް ބަލާއިރު އެއީ ވެސް ނުވާނެ ކަމެއް ނޫން،" ސޯލްޝެއާ ބުންޏެވެ.
ޔުނައިޓެޑް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމުން އެސްޓަން ވިލާ ގޯލަށް ހަމަލާތަކެއް ފޮނުވާލި ނަމަވެސް އެ ޓީމަށް ލީޑުނެގުނީ މެޗުގެ 40 ވަނަ މިނިޓްގަ އެވެ. އާރޮން ވަން ބިސާކާ ނަގައިދިން ހުރަހަކުން މި ގޯލު ޖެހީ އެންތަނީ މާޝިއަލް ބޮލުންނެވެ. އެސްޓަން ވިލާ އިން ނަތީޖާ ހަމަަހަމަކުރީ މެޗުގެ 58 ވަނަ މިނިޓްގައި ބާޓްރަންޑް ޓްރައޯރޭ ޖެހި ގޯލުންނެވެ. މިއީ ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓްރައޮރޭ ޖެހި ގޯލެކެވެ.
އެސްޓަން ވިލާ އިން ނަތީޖާ ހަމަހަމަކުރިތާ ހަތަރު މިނިޓް ތެރޭ ޔުނައިޓެޑުން އަލުން ލީޑުނެގީ ބްރޫނޯ ފެނާންޑޭސް ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އޭރިއާ ތެރެއިން ޕައުލް ޕޮގްބާ އަށް އެސްޓަން ވިލާގެ ޑަގްލަސް ލުއީޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޔުނައިޓެޑަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ޕޮގްބާ އަށް ލިބުނު ފުރުސަތު ބޭނުންނުހިފުނުއިރު، ފެނާންޑޭސް އާއި މާކަސް ރެޝްފޯޑް ޖެހި ބޯޅަތައް އެސްޓަން ވިލާ ކީޕަރު އެމިލިއާނޯ މާޓީނޭޒް މަތަކުރީ އެވެ.
ނަތީޖާ ހަމަހަމަކުރަން އެސްޓަން ވިލާގެ އަންވަރު އެލްގާޒީ އާއި މެޓީ ކޭޝް ފޮނުވާލި ހަމަލާތައް ހުއްޓުވީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އެވެ.
އެސްޓަން ވިލާގެ ކޯޗު ޑީން ސްމިތު ބުނީ ޔުނައިޓެޑުން މޮޅުވި ޕެނަލްޓީ އަކީ ހަގީގަތުގައި ފައުލެއް ނޫން ކަމަށާއި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އެއީ ފައުލެއްގެ ގޮތުގައި ނިންމީ ހަމައެކަނި ޕޮގްބާ އަށް ބަލައިގެން ކަމަށެވެ.
ލީގުގައި ރޭ އެވަޓަން ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެފަ އެވެ. ވެސްޓް ހޭމްގެ ހަމައެކަނި ގޯލު ޖެހީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ތޯމަސް ސޯޝެކް އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy