ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން މެސީ (ކ) އާއި ރާމޮސް: މި ދެ ކުޅުންތެރިންނަށް ޕީއެސްޖީން ފާރަލާކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ.-- ފޮޓޯ: އޭއެފްޕީ
06 ޖެނުއަރީ 2021 - 10:40
މެޑްރިޑް (ޖެނުއަރީ 6) - މި ސީޒަނަށް ފަހު ޕީއެސްޖީ އިތުރަށް ވަރުގަދަކުރުމުގެ ވިސްނުމުގައި ގެންދަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޮސް އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހިމެނޭކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރާމޮސް، 34، އާއި މެސީ، 33، މި ވަގުތު ކޮންޓްރެކްޓްގައި ތިބީ މި ސީޒަނުގެ ނިޔަލަށެވެ. މި ދެ ކުޅުންތެރިން ބޭނުންނަމަ މިި މަހު އެއް ވަނަ ދުވަހުން ފެށިގެން އެހެން ކްލަބްތަކާ ވާހަކަދައްކައި ޕްރީ އެގްރީމެންޓެއްގައި ވެސް ސޮއިކުރެވޭނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ރާމޮސް ވަނީ ރެއާލުން ހުށަހެޅި ދެ އެއްބަސްވުމަށް ވެސް ނޫނެކޭ ބުނެފަ އެވެ. ބާސެލޯނާގައި މަޑުކުރުމާ މެދު މެސީ ގޮތެއް ނިންމަނީ މި މަސް ތެރޭ އޮންނަ އެ ކްލަބްގެ އިންތިހާބަށް ފަހު ދެން އަންނަ ލީޑަޝިޕާ އެކު މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ.
މީގެ ކުރިން ވެސް މެސީ ޕީއެސްޖީއާ ގުޅެން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެެކެވުނު ނަމަވެސް އޭނާގެ ބައްޕަ ޖޯޖް މެސީ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އެކަމަކު އަނެއްކާ ވެސް އެ ވާހަކަތައް ގަދަވާން ފެށީ މެސީއާ އެކު ބާސެލޯނާ އަށް ކުޅުނު މިހާރު ޕީއެސްޖީގައި ހުރި ބްރެޒިލްގެ ނޭމާ ދެއްކި ވާހަކަތަކަކުންނެވެ. ނޭމާ ވަނީ އަންނަ ސީޒަނުގައި މެސީއާ އެއް ޓީމަކަށް އަލުން ކުޅުމުގެ ހުވަފެން ހަގީގަތަކަށް ހެދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި އަންނަ އަހަރު އެކަން ފުރިހަމަވެދާނެ ކަމަށް ބުނެފަ އެވެ.
ދާދި ފަހުން މެސީ އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކަމުން ބުނީ ބާސެލޯނާ އަށް ފަހު އޭނާ ދެން ކުޅެން ބޭނުންވާ އެއް ލީގަކީ އެމެރިކާގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގައި ކަމަށެވެ.
ޕީއެސްޖީގެ ކޯޗުކަމާ 18 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ދާދި ފަހުން ހަވާލުވި ކުރީގެ ޓޮޓެންހަމް ހޮޓްސްޕާސް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗެއްގެ ގޮތުގައި މީޑިއާއާ ބައްދަލުކުރި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އޭނާ އަށް ސުވާލު އަމާޒުވީ ޓްރާންސްފާތަކާ ބެހޭގޮތުންނެވެ.
އެގޮތުން ޕީއެސްޖީން މެސީ އާއި ރާމޮސްގެ އިތުރުން ޕޮޗެޓީނޯއާ އެކު ޓޮޓެންހަމްގައި މަސައްކަތްކުރި ޑެލެ އަލީ އާއި ކްރިސްޓިއަން އެރިކްސަން ގެންނަން އުޅޭ ވާހަކަތަކުގައި ހަގީގަތެއް އެކުލެވޭތޯ ކުރި ސުވާލުގެ ޖަވާބުގައި ޕޮޗެޓީނޯ ބުނީ "ކިތަންމެ ބޮޑު އަދި މަޝްހޫރު ކުޅުންތެރިއަކަށް ވެސް ޕީއެސްޖީގެ ދޮރު އޮތީ ހުޅުވިފައި" ކަމަށެވެ.
ޕޮޗެޓީނޯ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ޗެލެންޖަކީ ޕީއެސްޖީގެ ފްރާންސް ތަރި ކީލިއަން އެމްބާޕޭގެ މުސްތަގުބަލާ މެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއް ހޯދުމެވެ. އެމްބާޕޭއާ އެކު ޕީއެސްޖީން ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް ސީޒަން އޮތްއިރު، އޭނާ ހޯދަން ލިވަޕޫލާއި ރެއާލުން މަސައްކަތްކުރެ އެވެ.
ކުރިން ޕީއެސްޖީ އަށް ކުޅުނު ޕޮޗެޓީނޯ ކޯޗެއްގެ ގޮތުގައި އެ ޓީމާ އެކު ފުރަތަމަ ފަހަރަށް މެޗަކަށް ނުކުންނާނީ މިރެ އެވެ. ލީގުގައި މިރޭ ކުޅޭ މެޗުގައި ޕީއެސްޖީ ބައްދަލުކުރާނީ ސެއިންޓް އެޓިއެންއާ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy