08 ޖެނުއަރީ 2021 - 11:05
ޕެރިސް (ޖެނުއަރީ 8) - ކުއްލިއަކަށް ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާގެ ސިއްހަތާ ގުޅުވައިގެން މީޑިއާގައި އެކި ވާހަކަތައް ނުދެއްކުމަށް އޭނާގެ ދަރިފުޅު ކޮރީން ބްލެޓާ އެދެފި އެވެ.
އުމުރުން 84 އަހަރުގެ ބްލެޓާ ބަލިވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ވާހަަކަ އެންމެ ފުރަތަމަ ގެނެސްދިނީ ސްވިޒަލެންޑްގެ ނޫހަކުންނެވެ. ފަހުން ޔޫރަޕްގެ ގިނަ މީޑިއާތަކުން ވަނީ ބްލެޓާގެ ވާހަކަތައް އެކި ގޮތްގޮތަށް ގެނެސްދީފަ އެވެ. އެކަމާ ހިތްހަމަނުޖެހި ކޮރީން ވަނީ މީޑިއާގައި ވާހަަކަ ދައްކައިފަ އެވެ.
"އަހަރެންގެ ބައްޕަ (ބްލެޓާ) އޮތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި. ދުވަހަކަށް ފަހު ދުވަހެއް ހާލަތު ރަނގަޅުވަމުން އަންނަނީ. ބައްޕަ ރަނގަޅުވާން ވަގުތު ބޭނުންވޭ،" ސްވިޒަލެންޑްގެ މީޑިއާ އަށް ކޮރީން ބުންޏެވެ.
"އަހަރެމެންގެ އާއިލާގެ ފަރާތުން އެދެން ބައްޕަގެ ސިއްހަތާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފަތުރަން. އަހަރެމެންނަށް މި ވަގުތު ޕްރައިވެސީ ދީ. ބައްޕަގެ ފުރާނަ އަށް ނުރައްކާ ބައްޔެއްގައެއް ނޫން މި ވަގުތު ފަރުވާ އެ ހޯދަނީ. އެކަން ވެސް މީޑިއާ އަށް ސާފުކޮށްދޭން ބޭނުން،"
ސަތާރަ އަހަރު ވަންދެން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ ރައީސްގެ މަގާމު ފުރުއްވި ބްލެޓާ އެ މަގާމުން ވަކިވާން ޖެހުނީ 2015 ވަނަ އަހަރު އެވެ. އެއީ އޭނާއާ ގުޅޭ ގިނަ ކޮރަޕްޝަންތަކެއްގެ މައްސަލައާ ހެދި އެވެ. އޭގެ ފަހުން މައްސަލައެއް ބަލައި ފުޓްބޯޅައިގެ ހަރަކާތްތަކުން ބްލެޓާ ހަ އަހަރަށް ސަސްޕެންޑްކުރީ 2011 ވަނަ އަހަރު ޔުއެފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީ އަށް ދިން ޕޭމަންޓެއްގެ މައްސަަލައިގަ އެވެ.
ބްލެޓާގެ އިތުރު މައްސަލަތަކެއް ވެސް މި ވަގުތު ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުންތަކެއް އަންނަނީ ބަލަމުންނެވެ. މިދިޔަ ނޮވެމްބަރު މަހު ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރަކު އެ ގައުމުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ބްލެޓާ އާއި ޕްލެޓިނީއާ ގުޅޭ އެކި ކަަހަލަ ޝަކުވާތަކެއް އައިސްފައިވާ ކަމަށާއި އެކަންކަން ހާއްސަ ނަޒަރަކުން ބަލަމުން އަންނަ ކަަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy