ދުނިޔޭގެ ކުޅިވަރު / ޗެލްސީ

ނޫސްވެރިންނަށް ލަމްޕާޑް ފާޑުކިޔައިފި

23 ޖެނުއަރީ 2021 - 11:47

ލަންޑަން (ޖެނުއަރީ 23) - އޭނާ އާއި ޗެލްސީއާ ބެހޭގޮތުން ދައްކާ ވާހަކަތަކުގައި ހަމަހަމަކަމެއް ނެތްކަމަށް ބުނެ ނޫސްވެރިންނަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ފާޑުކިޔައިފި އެވެ.

އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާއިރު މީޑިއާގައި އެންމެ ބޮޑަށް ދެކެވެނީ ޗެލްސީގައި ލަމްޕާޑްގެ މުސްތަގުބަލުގެ ވާހަކަ އެވެ. ޗެލްސީ ކޯޗުކަމުން ލަމްޕާޑް ވަކިކުރަން އުޅޭ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެފްއޭ ކަޕްގައި ލޫޓަން ޓައުންއާ ދެކޮޅަށް މާދަމާ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދި އެތުލެޓިކް ނޫހުގެ ޗެލްސީގެ ރިޕޯޓަރު ލިއަމް ޓްވޯމޭގެ ސުވާލެއްގެ ޖަވާބުގައި ލަމްޕާޑް ބުނީ މީޑިއާ އިން މަސައްކަތްކުރަނީ ބޭނުންވާ ސުވާލެއްކޮށްގެން އަމިއްލަ މަންފާ އަށް ކަމަށެވެ.

"ހަގީގަތަށް ބުނާނަމަ ތި މީހުން (ނޫސްވެރިން) ތި ލިޔާ ހަބަރުތައް ކުޅުންތެރިންނަށް ފެންނަނަމަ އެ ކުޅުންތެރިންގެ ކޮންފިޑެންސަށް ވަރަށް ބޮޑަށް އަސަރުކުރާނެ. ބައެއް ހަބަރުތައް އަހަރެން ކިޔަން އޭގެއިން ފެންނަނީ މެޗުތަކާ ބެހޭގޮތުން ވިޔަސް އެ ލިޔާ ނޫސްވެރިއަކު ބޭނުންވާ އެއް ފަރާތް ގެނެސްދީފައިވާތަން. އެއީ ސޯޝަލް މީޑިއާ ޕަންޑިޓުން އުޅޭ ގޮތަށް ނެގެޓިވް ކަންތައް ފެތުރުން ފަދަ ކަމެއް،" ހިތްހަމަނުޖެހިފައި ހުރެ ލަމްޕާޑް ބުންޏެވެ. "އަހަރެން ވީހާވެސް ބޮޑަށް ބަލަނީ މީޑިއާގެ މި ކަހަލަ ކަންތައްތަކާ ދުރުގައި ކުޅުންތެރިން ގެންގުޅެވޭތޯ"

އޭނާ ބުނީ ޗެލްސީ ރަނގަޅަށް ކުޅެމުންދިޔައިރު އެ ޓީމުން ކުރި ރަނގަޅު މަސައްކަތް މީޑިއާ އިން ގެނެސްދީފައިނުވާތީ އެއީ ވެސް ކަންބޮޑުވާކަމެއް ކަމަށެވެ. ލަމްޕާޑަށް ޕްރެޝަރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި ސަޕޯޓަރުންގެ އިތުބާރު އޮތްކަން ދެއްކުމުގެ ގޮތުން ޗެލްސީގެ ސަޕޯޓަރުންގެ ގްރޫޕުން ވަނީ ހާއްސަ ބެނާއެއް ދަނޑަށް ވައްދައިފަ އެވެ. ލަމްޕާޑް ވަނީ އެ ކަމަށް ޝުކުރުއަދާކޮށްފަ އެވެ.

ލަމްޕާޑް ބުނީ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ޗެލްސީ އަށް ހޯދައިދިން ކާމިޔާބީގެ އަގުވަޒަންކުރުމުގައި އަބަދުވެސް ސަޕޯޓަރުން ނަމޫނާ ދައްކާ ކަމަށެވެ. މިހާރު ބޭނުންވަނީ ސަޕޯޓަރުންގެ އިތުބާރާ އެކު ކޯޗެއްގެ ގޮތުގައި ރަނގަޅު މަސައްކަތްތަކެއް ކުރަން ކަމަށް ލަމްޕާޑް ބުންޏެވެ.

"އަހަންނަކީ ފަސޭހައިން ދޫދޭނެ މީހެއް ނޫން. ކުޅުންތެރިއެއްގެ ގޮތުގައި ވެސް ހުރީ އެ ރޫހުގައި. މިހާރު ވެސް މި ހުރީ އެ ހިތްވަރާ އެކީ ނުކުމެ. އަހަރެން ރިޓަޔާކުރުމަށް ފަހު ބޭނުންވި ނަމަ މީޑިއާގައި ވެސް މަސައްކަތްކުރަންވީ. ނޫނީ ފުޓްބޯޅައިން އެއްކޮށް ދުރަށް ވެސް ދެވެން އޮތް. އެކަމަކު އަހަރެން ބޭނުންވީ އަލުން ފުޓްބޯޅައިގެ ތެރޭގައި އުޅެން،" ލަމްޕާޑް ބުންޏެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ފަހު ޗެލްސީ އޮތީ 19 މެޗުން 29 ޕޮއިންޓް ހޯދައިގެން އަށް ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީއާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

މީގެ ދެ ސީޒަން ކުރިން ދެ ވަނަ ޑިވިޝަނުގެ ޑާބީ ކައުންޓީން ޕްރޮފެޝަނަލް ކޯޗިން ކެރިއަރު ފެށި ލަމްޕާޑް ޗެލްސީއާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީން މަސައްކަތްކުރަނީ މި ސީޒަނަށް ފަހު ލަމްޕާޑްގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކާށެވެ. އެކަމަކު ފެބްރުއަރީ މަހުގެ ނިޔަލަށް ލަމްޕާޑަށް ޗެލްސީގެ ހާލަތު ރަނގަޅު ނުކުރެވިއްޖަނަމަ އޭނާ މަގާމުން ދުރުކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454