ދުނިޔޭގެ ކުޅިވަރު / ޗެމްޕިއަންސް ލީގު

ޑޯޓްމަންޑް މޮޅުވިއިރު، ޔުވެންޓަސް ބަލިވެއްޖެ

ސެވިއްޔާގެ ކޫންޑޭ (ވ) ކައިރިން ޑޯޓްމަންޑްގެ ހާލަންޑް ބޯޅަ ހޯދަނީ.-- ފޮޓޯ: އޭއެފްޕީ

18 ފެބުރުއަރީ 2021 - 08:27

ސެވިލް (ފެބްރުއަރީ 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ސެވިއްޔާ ދަނޑުގައި ބޮރޫސިއާ ޑޯޓްމަންޑް 3-2 އިން މޮޅުވިއިރު، ރަށުންބޭރުގައި ޔުވެންޓަސް ކުޅުނު މެޗުން ޕޯޓޯ އަތުން 2-1 އިން ބަލިވެއްޖެ އެވެ.

ރަށުންބޭރުގައި ލިބުނު މޮޅާ އެކު ޑޯޓްމަންޑަށް ވަނީ ކުއާޓާގެ އުއްމީދު ބޮޑުވެފަ އެވެ. އަންނަ މަހު ނުވަ ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގުގެ މެޗު އަމިއްލަ ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް ޑޯޓްމަންޑަށް އަނެއް ބުރުން ފުރުސަތު ހޯދޭނެ އެވެ.

ސެވިއްޔާ އިން ރޭގެ މެޗުގެ ހަތް ވަނަ މިނިޓްގައި ލީޑުނެގީ ސޫސޯ ޖެހި ގޯލުންނެވެ. ފުރަަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓްމަންޑުން ވަނީ ތިން ގޯލު ޖަހައިފަ އެވެ. މެޗުގެ 19 ވަނަ މިނިޓްގައި މުހައްމަދު ދާހޫދު ވަނީ އޭރިއާ ބޭރުން ޖެހި ޝޮޓަކުން ޑޯޓްމަންޑަށް އެއްވަރުކޮށްދީފަ އެވެ. އަނެއް ދެ ގޯލު ޖެހީ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެވެ. މިދިޔަ ސީޒަން ފެށި ފަހުން ހާލަންޑް ވަނީ ޗެމްޕިއަންސް ލީގުގައި 18 ގޯލު ޖަހައިފަ އެވެ. އޭނާއާ އެއް އަދަދަށް ގޯލު ޖެހި ހަަމައެކަނި ކުޅުންތެރިއަކީ ބަޔާންގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ.

ދެ ވަނަ ހާފްގައި ސެވިއްޔާގެ ފަހު ގޯލު ޖެހީ ލޫކް ޑި ޔޯން އެވެ. އިތުރު ވަގުތުގެ ތެރޭގައި ނަތީޖާ ހަަމަހަމަކުރަން ސެވިއްޔާ އިން ޕެނަލްޓީއެއް ހޯދަން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެއީ ޑޯޓްމަންޑްގެ ތޯމަސް މުނިއޭ އޭރިއާތެރެއިން ޑި ޔޯން އަށް ފައުލުކުރިކަމަށް ބުނެ އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށެވެ.

މިއީ 1996 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވި ފަހުން ޑޯޓްމަންޑުން ސްޕެއިން ޓީމެއް އަތުން ރަށުންބޭރުގައި މޮޅުވި ފުރަތަމަ ފަހަރެވެ.

ރޮނާލްޑޯ (ވ) މަރޭގާ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސް އިން މެޗު ފަށައިގެން 63 ސިކުންތު ތެރޭގައި ހެދި ގޯހެއްގެ ފައިދާނަގައި ޕޯޓޯ އިން ވަނީ ލީޑުނަގައިފަ އެވެ. އުރުގުއޭގެ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަންކޫރް ފަހަތަށް ދިން ބޯޅަ ހޯދައި މެހްދީ ތަރޭމީ ވަނީ ޕޯޓޯ އަށް ލީޑުނަގައިދީފަ އެވެ. ނަތީޖާ ހަމަހަމަކުރަން ޔުވެންޓަސްގެ އެޑްރިއަން ރަބިއޯ ފޮނުވާލި ބޯޅަ ޕޯޓޯ ކީޕަރު އޮގަސްޓިން މާޗެސިން ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ޔުވެންޓަސް އިން ފަރުވާ ކުޑަކޮށްލުމުގެ ފައިދާނަގައި މޫސާ މަރޭގާ ވަނީ ޕޯޓޯ އަށް ދެ ވަނަ ލަނޑެއް ޖަހައިދީފަ އެވެ.

މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ޔުވެންޓަސްގެ ހަމައެކަނި ގޯލު ޖެހީ ފެޑެރީކޯ ޗިއޭސާ އެވެ. މިއީ 2018 ވަނަ އަަހަރުގެ އޭޕްރީލް މަހަށް ފަހު ޗެމްޕިއަންސް ލީގުގެ ނޮކައުޓް މެޗެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނޫން ކުޅުންތެރިއަކު ޔުވެންޓަސް އަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނީ މިއީ އޭނާގެ ޓީމުން އަމިއްލަ އަތުން ގެއްލުވާލި މެޗެއް ކަމަށެވެ. އަދި ކޮންމެ ހާފެއް ފަށައިގެން މިނިޓެއްގެ ތެރޭގައި ގޯލެއް ވަނުމުން ކުޅުންތެރިންގެ ކޮންފިޑެންސަށް އަސަރުކޮށް ރަނގަޅު ކުޅުމެއް ދައްކަން އުނދަގޫވި ކަމަށް އޭނާ ބުންޏެވެ.

އަންނަ މަހު ނުވަ ވަަނަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގަށް ނުކުންނައިރު ނަތީޖާ ނެރެން ޔުވެންޓަސް އަށް ލިބުނު ބޮޑު ހިތްވަރަކީ ޗިއޭސާ ޖެހި ގޯލު ކަމަށް ޕިރްލޯ ބުންަޏެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454