ރޭގެ މެޗުގެ ތެރެއިން ރޮނާލްޑޯ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
23 ފެބުރުއަރީ 2021 - 08:23
ޓިއުރިން (ފެބްރުއަރީ 23) - އިޓާލިއަން ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު 3-0 އިން ކްރޮޓޯނޭ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ޔުވެންޓަސް ތިން ވަނަ އަށް އެރީ 22 މެޗުން 45 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އޭސީ މިލާން ވަނީ 23 މެޗުން 49 ޕޮއިންޓް ހޯދައިފަ އެވެ. އިންޓަ މިލާން އެއް ވަނައިގައި އޮތީ 23 މެޗުން 53 ޕޮއިންޓާ އެކު އެވެ.
ފުރަތަމަ ހާފުގައި ރޮނާލްޑޯ ޖެހި ދެ ގޯލާ އެކު ޔުވެންޓަސް އިން ހަމަޖެހިލި އެވެ. ރޮނާލްޑޯ ދެ ގޯލު ވެސް ޖެހީ ބޮލުންނެވެ. މި ދެ ގޯލާ އެކު ރޮނާލްޑޯ ވަނީ މި ފަަހަރު ލީގުގައި 18 ގޯލު ޖަހައި ލަނޑު ލިސްޓުގެ ކުރިއަށް ޖެހިލައިފަ އެވެ. ޔުވެންޓަސް އަށް 2018 ވަަނަ އަހަރު ބަދަލުވި ފަހުން ރޮނާލްޑޯ ވަނީ ލީގުގައި އެ ޓީމަށް 70 ގޯލު ޖަހައިފަ އެވެ.
މެޗުގެ 66 ވަނަ މިނިޓްގައި ޔުވެންޓަސްގެ ފަހު ގޯލު ޖެހީ އެމެރިކާގެ މިޑްފީލްޑަރު ވެސްޓަން މެކްކެނީ އެވެ.
ޖެހިޖެހިގެން 10 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދަން މަސައްކަތްކުރަމުން އަންނަ ޔުވެންޓަސް އަށް މި ފަހަރު ކުރިމަތިވެފައި އޮތީ ވަރަށް ބޮޑު ޗެލެންޖެކެވެ. އެއީ އޭސީ މިލާނާއި އިންޓަ މިލާން ލީގުގެ ރޭހުގައި ކުރިއަށްދާން ރަނގަޅު ފޯމެއްގައި އޮތުމެވެ.
"މި ވަގުތު ޓޭބަލްގައި އޮތް ހިސާބު ބެލުމެއް ނޫން މުހިއްމީ. އަސްލު އަހަރެމެންގެ ފޯކަސް ބަހައްޓަންވީ ވީހާ ވެސް ގިނަ މެޗުތަކަކުން މޮޅުވާން. ޓޭބަލް ބަލަން ޖެހޭނީ ލީގުގެ ފަހު ކޮޅުގައި. މި ވަގުތު ރޭހުގައި އޮތުން ވެސް ވަރަށް މުހިއްމު،" ޕިރްލޯ ބުންޏެވެ.
ލީގުގެ ފުލުގައި ކްރޮޓޯނޭ އޮތީ 23 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy