މެސީގެ ޓެކްސް މައްސަަލައިގައި ހުކުމް ކުރުން އަންނަ ހަފުތާގައި

ބާސެލޯނާ (ޖޫން 4) - ޓެކްސް އަށް މަކަރު ހެދި ކަމަށް ބުނެ ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އާއި އޭނާގެ ބައްޕަ ޖޯޖް ހޮރާސިއޯ މެސީގެ މައްޗަށް ސްޕެއިންގެ ސަރުކާރުން އުފުލާފައިވާ ދައުވާގެ އަޑު އެހުންތައް ނިންމާލައި އަންނަ ހަފުތާގައި ހުކުމް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


މެސީ އާއި އޭނާގެ ބައްޕަގެ މައްޗަށް ކުރެވޭ ދައުވާ ސާބިތުވެއްޖެނަމަ ދެ މީހުންނަށް ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް ޖޫރިމަނާ ދައްކައިގެން ޖަލު ހުކުމް ތަންފީޒު ނުކުރާ ގޮތަށް ބަދަލުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްޕެއިނުގެ ގާނޫނުގައިވާ ގޮތުން ފުރަތަމަ ފަހަރަށް މިފަދަ ކުށެއް ކުރާ މީހަކަށް ދެ އަހަރަށް ވުރެން މަދު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ ޖޫރިމަނާ ދައްކައިގެން ޖަލު ހުކުމް ތަންފީޒު ނުކޮށް ސަލާމަތްވެވިދާނެ އެވެ.

މެސީ އާއި އޭނާގެ ބައްޕަގެ މައްޗަށް ކުރެވޭ ދައުވާ

މެސީ އާއި އޭނާގެ ބައްޕަ ހޮރާސިއޯގެ މައްޗަށް ކުރެވޭ ދައުވާ އަކީ ވަގު ކުންފުނިތަކެއް މެދުވެރިކޮށް އުރުގުއާއީ އާއި ބެލިޒާގައި މެސީގެ އިމޭޖް ރައިޓްސް ވިއްކިއިރު، 3.19 މިލިއަން ޕައުންޑް ޓެކްސް އަށް މަކަރު ހަދާފައިވާ ވުމެވެ.

ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ: އޭނާ ޓެކްސް އަށް މަކަރު ހެދި ކަމަށް ބުނެ އުފުލާފައިވާ މައްސަލައިގައި އަންނަ ހަފްތާގައި ގޮތެއް ނިންމާނެ.-- ފޮޓޯ: އޭއެފްޕީ

މެސީ ބުނީ އޭނާ ސަމާލުކަން ދިނީ ފުޓްބޯޅަ އަށް ކަމަށާއި މާލީ ކަންތައްތައް ބަލަހައްޓަނީ އޭނާގެ ބައްޕަ (ހޮރާސިއޯ) ކަމަށެވެ. އަދި އޭނާގެ ބައްޕަ ޓެކްސް އަށް މަކަރު ހަދާފާނެ ކަމަށް ގަބޫލުނުކުރާ ކަމަށް މެސީ ބުންޏެވެ.

ހޮރާސިއޯ ބުނީ މެސީގެ މާލީ ކަންތައްތައް މެނޭޖްކުރުމަށް އޭނާ ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައިވާ ގޮތަށް ގާނޫނާއި ގަވައިދުގެ ތެރެއިން ކުރިއަށްގެންދާނަމަ އެ ކަންތައްތައް ހިނގާ ހުރިހާ ގޮތެއް މެސީ އަށް އަންގަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ހަތަރު ދުވަހަށް ދެމިގެންދިޔަ މި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ނިންމާލިއިރު ސްޕެއިންގެ ސަރުކާރުގެ ފަރާތުގެ ވަކީލު ވަނީ މެސީ އާއި ހޮރާސިއޯ އަށް 22 މަހުގެ ޖަލު ހުކުމަކާއި ޖުރިމަނާއެއް އަންނަން ޖެހޭ ކަމަށް ބުނެފަ އެވެ.

މައްސަލައިގެ އަޑު އެހުންތައް ނިމުމުން މެސީ ވަނީ އެނބުރި އެމެރިކާ އަށް ގޮސްފަ އެވެ. އެއީ މިއަދު ފެށި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށެވެ. ކޮޕަ އެމެރިކާގައި އާޖެންޓީނާ އޮތީ ޗިލީ އާއި ޕެނަމާ އަދި ބޮލިވިއާއާ އެކު ގްރޫޕް ޑީ ގަ އެވެ.