މެޑްރިޑް (ނޮވެމްބަރު 24) – ރެއާލް މެޑްރިޑުގެ ފޯވާޑް ގަރެތު ބޭލްގެ ކުޑަހުޅަށް އަނިޔާވެ އަންނަ މަހުގެ 3 ވަނަ ދުވަހުގެރޭ ބާސެލޯނާ އަށް ނުކުޅެވިދާނެ ކަމުގެ ބިރާ ކުރިމަތިވެއްޖެ އެވެ.
ބޭލް އަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ސްޕޯޓިން ލިސްބަން އަތުން 2-1 އިން ރެއާލް މޮޅުވި މެޗުގަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު އަނިޔާވުމާ އެކު އޭނާ ވަނީ ވަގުތުން ބަދަލުކޮށްފަ އެވެ.
ރެއާލް މެޑްރިޑުން ބުނީ ބޭލްގެ ކަނާތު ފައިގެ ކުޑަހުޅުގެ ޓެންޑޮންއެއް ނައްޓައިގެން ގޮސްފައިވާ ކަމަށެވެ. އެއީ ފައި ކުޑަވާ އިނގިއްޔާއި ކުޑަހުޅު ގުޅުވައިދޭ ޓެންޑޮންއެކެވެ.
ބޭލް އަނިޔާއިން ރަނގަޅުވާން ނަގާނެ މުއްދަތެއް ރެއާލުން ބުނެފައެއް ނުވެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި މަޝްހޫރު އެލް-ކްލެސިކޯ މެޗުގައި ބާސެލޯނާއާ ދެކޮޅަށް އޭނާ އަށް ނުކުޅެވޭނެ އެވެ. މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ސްޕޯޓިން ގިޔޯންއާ ދެކޮޅަށް ކުޅޭ މެޗާއި ސްޕެނިޝް ކަޕުގައި އަންނަ ހަފުތާގެ ބުދަ ދުވަހުގެރޭ ކަލްޗުރަލް ލެއޮނެސާއާ ދެކޮޅަށް ވެސް ނުކުޅެވޭނެ އެވެ.
ރެއާލް މެޑްރިޑާ އެކު ދާދި ފަހުން ކޮންޓްރެކްޓް އާކުރި ބޭލް ވަނީ އެ ކްލަބަށް މިދިޔަ ތިން އަހަރު ތެރޭ 139 މެޗުން 65 ގޯލް ޖަހައިދީފަ އެވެ. އެކަމަކު އަނިޔާގެ ސަބަބުން މުހިއްމު ބައެއް މެޗުތައް ވެސް ވަނީ ގެއްލިފަ އެވެ.