މޮރީނިއޯ އަށް އިތުބާރު އެބައޮތް: ބެކަމް

ޖޮހެނެސްބާގް، ދެކުނު އެފްރިކާ (ޑިސެމްބަރު 1) – ހޯސޭ މޮރީނިއޯއާ އެކު މެންޗެސްޓާ ޔުނައިޓެޑަށް އެދެވޭ ނަތީޖާތަކެެއް ނުނެރެވުނަސް އޭނާ އަށް އިތުބާރު އެބައޮތް ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ބުނެފި އެވެ.


ބެކަމް އަކީ ޔުނައިޓެޑުގެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަންގެ ދަރިވަރެކެވެ. ބެކަމް ފަދަ ޒުވާން ކުޅުންތެރިންނާ އެކު ވަރުގަދަ ޓީމެއް ބިނާކޮށް ފާގަސަން ވަނީ ޔުނައިޓެޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އޭނާ 2013 ވަނަ އަހަރު އިސްތިއުފާ ދިން ފަހުން އެ ޓީމަށް ރަނގަޅު ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ. ޑޭވިޑް މޮއިސް އާއި ލުއިން ވެން ހާލްއާ އެކު ކުރި ނާކާމިޔާބު ތަޖުރިބާތަކަށް ފަހު، ޔުނައިޓެޑުން މޮރީނިއޯއާ ޓީމު ހަވާލުކުރީ މި ސީޒަނުގަ އެވެ.

ބެކަމް ބުނީ އެއް ކޯޗަކާ އެކު ގިނަ ދުވަސްތަކެއް ވުމަށް ފަހު ބަދަލު އަންނައިރު ނަތީޖާ ދަށްވުމަކީ އާއްމު ކަމެއް ކަމަށެވެ.

"އަހަރެމެންނަށް ވެސް (ފާގަސަން) އާ އެކު އުނދަގޫ އަހަރުތަކެއް ދިޔަ. އޭގެ ފަހުން އައީ ކާމިޔާބު 20 އަހަރު. އަހަރެން މޮރީނިއޯ އަށް އިތުބާރުކުރަން،" މެންޗެސްޓާ ޔުނައިޓެޑާ އެކު 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ބެކަމް ބުންޏެވެ.

ބެކަމް ބުނީ ފާގަސަން އަކީ ނުފޫޒު ގަދަ އަދި ކުޅުންތެރިން ކޮންޓްރޯލްކުރަން ދަންނަ ކޯޗެއް ކަމަށާއި އޭނާ ދެކެ ކުޅުންތެރިން ޖެހިލުންވާ ކަމަށެވެ. އަދި އެއީ ރަނގަޅުކަމެއް ކަމަށް އޭނާ ބުންޏެވެ.

ތޭރަ މެޗަށް ފަހު ޕްރިމިއާ ލީގުގެ ހަ ވަނައިގައި ޔުނައިޓެޑް އޮތްއިރު އެ ޓީމު އޮތީ ޔުރޮޕާ ލީގުުގެ ގްރޫޕް ސްޓޭޖުން ކެޓުމާ ގާތުގަ އެވެ.

ބެކަމް ވަނީ އިންގްލެންޑުގެ ކެރިއަރާ ބެހޭގޮތުން ވެސް ވާހަކަދައްކައިފަ އެވެ. އޭނާ ބުނީ އެންމެ ބޮޑު ހިތާމައަކީ އިންގްލެންޑާ އެކު ކާމިޔާބެއް ނުލިބުން ކަމަށާއި އެކަމަކު ހަ އަހަރު ޓީމުގެ ކެޕްޓަންކަން ކުރުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

"ގައުމީ ޓީމު ގޮވައިގެން ވޯލްޑް ކަޕަށް ދިއުމަށް ވުރެ ވަކި ބޮޑު އުފަލެއް ނުލިބޭނެ،" އިންގްލެންޑުގެ ޖާޒީގައި 1998، 2002 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު ބެކަމް ބުންޏެވެ.