ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް

ތަށި ދިފާއުކުރަން އަމިއްލަ ދަނޑުގައި ކުޅުމަކީ ޝަރަފެއް: ހަމްޕު

ބަންގްލަދޭޝް ކޮޅަށް ލަނޑު ޖެހުމަށް ފަހު ހަމްޕު ޖެހުމަށްފަހު އުފާފާޅުކުރަނީ. އެއީ އޭނާގެ ސީނިއާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑު. .-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

22 ސެޕްޓެމްބަރ 2021 - 10:33

2 comments

ސަޕޯޓަރުން ކުރިމަތީގައި ސާފް ޗެމްޕިއަންޝިޕުގެ ތަށި ދިފާއުކުރުމަކީ ގައުމަށް ލިބޭ ޝަރަފެއް ކަމާއި، ޓީމު އޮތީ އެކަމަށް ކެތްމަދުވެފައި ކަމަށް ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) ބުނެފި އެވެ.

"ގައުމަށް ލިބޭ ވަރަށް ބޮޑު ޝަރަފަކަށް ވާނެ އެކަން (ސާފް ޗެމްޕިއަންޝިޕް ދިފާއުކުރުން) ކާމިޔާބު ވެއްޖެއްޔާ. ޓީމު އޮތީ އެކަން ހާސިލް ކުރަން ތައްޔާރަށް. ޓީމު މިދަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން،" ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގަތަރުގައި މިހާރު ތަމްރީނު ހަދަމުންދާ ހަމްޕު ބުންޏެވެ.

ހަމްޕު އަކީ ޒުވާން އުމުރުގައި ސީނިއާ ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ގަވާއިދުން ކުޅެމުން އަންނަ މުހިއްމު ކުޅުންތެރިއެކެވެ. ނިމިދިޔަ ފުޓުބޯޅަ ސީޒަނުގައި ވެސް ކުލަބް ލެވެލްގައި ތަފާތު ފޯމެއްގައި ހުރި 26 އަހަރުގެ ހަމްޕު ވަނީ މިހާތަނަށް ގައުމީ ޖާޒީގައި 41 މެޗު ކުޅެފަ އެވެ.

ގަތަރަށް ފުރުމުގެ ކުރިން ގައުމީ ޓީމު މާލޭގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން. -- ފޮޓޯ: އެފްއޭއެމް

އަންނަ އޮކްޓޯބަރު 1-16 އަށް ރަސްމީ ފުޓުބޯޅަ ދަނޑުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި ކޭމްޕް ކުރުމުގެ ކުރިން، މިދިޔަ މަހު އޮތް އޭއެފްސީ ކަޕްގެ މެޗްތަކަށް ތައްޔާރުވާން މާޒިޔާއާ އެކު ހަމްޕު ވަނީ ސައުދީގައި ކުރިޔަށް ގެންދިޔަ ތަމްރީނުތަކުގައި ވެސް ބައިވެރިވެފަ އެވެ. ރާއްޖޭގައި އޭއެފްސީ ކަޕް ބާއްވައި، ސަޕޯޓަރުންނާ ނުލައި ކުޅެންޖެހުމުން ހޯމް އެޑްވާންޓޭޖް އެންމެ ފުރިހަމަ ގޮތުގައި ނުނެގުނު ނަމަވެސް ސާފް ޗެމްޕިއަންޝިގުގައި އެކަން ތަފާތުވާނެކަމަށް "މިހާރު" އާ ވާހަކަ ދައްކަމުން ހަމްޕު ބުންޏެވެ.

ގައުމަށް ލިބޭ ވަރަށް ބޮޑު ޝަރަފަކަށް ވާނެ ސާފް ޗެމްޕިއަންޝިޕް ދިފާއުކުރުން. ޓީމު އޮތީ އެކަން ހާސިލް ކުރަން ތައްޔާރަށް. ޓީމު މިދަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން. --ހަމްޕު

"އިރާދަކުރެއްވިއްޔާ ސަޕޯޓަރުންގެ ކުރިމަތީގައި ސާފް ޗެމްޕިއަންޝިޕް މިފަހަރު ކުޅޭނީ. އޭއެފްސީ ކަޕްގެ ނަތީޖާއިން ކުރިޔަށް އޮތް މުބާރާތަކަށް އަސަރެއް ނުކުރާނެ. ދެން އެކުވެރިކަމުގެ މެޗެއް ވެސް ކުޅެން ނުލިބި ހުއްޓާ ދެ ޓްރޭނިން މެޗެއް ކުޅެން ހަމަޖެހުނީމަ އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ކުޅުންތެރިންނާ ކޯޗުންނަށް ވެސް ފަސޭހަތަކެއް ވާނެ މައްސަލަތައް ހޯދާ، އިތުރަށް މަސައްކަތް ކުރަންވީ ކަންކަން ދެނެގަންނަން."

ރާއްޖޭން ސާފަށް ފަރިތަކުރުންތައް ކުރިޔަށް ގެންދިޔަ ނަމަވެސް އެކި ސަބަބުތަކާހުރެ ރަހުމަތްތެރި ކަމުގެ މެޗްތައް ވަނީ ހަމަޖެހޭގޮތް ނުވެފަ އެވެ. އެހެން ނަމަވެސް ގަތަރު ކޭމްޕުގެ ތެރެއިން މިވަނީ ގަތަރުގެ ދެ ކުލަބަކާ އެކު ޕްރެކްޓިސް މެޗްތަކެއް ކުޅުމުގެ ފުރުސަތު ތަނަވަސްވެފަ އެވެ. އޭގެތެރެއިން ފުރަތަމަ މެޗުގައި ރޭ އެ ގައުމުގެ ދެވަނަ ޑިވިޝަނުގެ ކުލަބް ލުސައިލް އެފްސީ އަތުން ރާއްޖޭގެ ގައުމީ ޓީމު ވަނީ 4-3 އިން މޮޅުވެފަ އެވެ. ދެވަނަ މެޗުގައި މި މަހު 25 ވަނަ ދުވަހު ނުކުންނާނީ ގަތަރުގެ އާމީ ނެޝެނަލް ޓީމާ ދެކޮޅަށެވެ.

ހަމްޕު 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ރަން މެޑައްޔާ އެކު. - ފޮޓޯ: އެފްއޭއެމް

މިހާތަނަށް ދެ ސާފް ޗެމްޕިއަންޝިޕެއްގައި ކުޅެ، ގޯލެއް ނުޖެހުނު ނަމަވެސް ހަމްޕު ހުރީ މި އަހަރުގެ މުބާރާތުގައި އެކަން ބަދަލު ކޮށްލުމުގެ އުންމީދުގަ އެވެ. އޭނާ މިހާތަނަށް ގައުމީ ޓީމަށް ޖަހައިދިން ދެ ގޯލު ވެސް ފެނުނީ ސާފްގެ ދެ ގައުމާ ދެކޮޅަށެވެ. ފުރަތަމަ ލަނޑު އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް ކޮޅަށް ވައްދާލިއިރު، ދެވަނަލަނޑު ޖެހީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާން ކޮޅަށެވެ. މި ލަނޑުތައް ހާއްސަވާ އެއް ސަބަބަކީ، ދެ ގޯލު ވެސް ޖެހީ ގަލޮޅު ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކަމަށް ވާތީ އެވެ.

މީގެ ކުރިން 2008 ވަނަ އަހަރު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވީ ލަންކާ އާ އެކު ކޯ ހޯސްޓެއްގެ ގޮތުގަ އެވެ. އެ އަހަރު ކޮލަމްބޯގެ ސުގަތަދާސަ ސްޓޭޑިއަމްގައި ވަރުގަދަ އިންޑިއާ 1-0 އިން ބަލިކުރިއިރު ހަމްޕުގެ އުމުރުން އެންމެ 13 އަހަރެވެ. އޭގެ އަހަރުތަކެއް ފަހުން 2018 ވަނަ އަހަރު ރާއްޖޭން ދެވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރިއިރު ފައިނަލުގައި ޓީމު މޮޅުވި ލަނޑު ޖަހަން ފުރުސަތު ފަހިކޮށްދިނީ ހަމްޕު އެވެ.

ލީގު އުސޫލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު 1 ވަނަ ދުވަހުގެ ރޭ ނޭޕާލާ ދެކޮޅަށް ނުކުންނައިރު ދެވަނަ މެޗުގައި ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެއަށް ފަހު ލަންކާއާ ދެކޮޅަށް ކުޅެ، ފަހު މެޗުގައި ބައްދަލުކުރާނީ އިންޑިޔާއާ އެވެ. މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާލިމީ

22 September 2021

ތަށި ދިފާއުކުރަން އަމިއްލަ ދަނޑުގައި ކުޅުމަކީ ޝަރަފެއް، ހަމަ 100 ޕަސެންޓް ރަގަޅުވާހަކައެއް. މައްސަލައަކީ ތަށި ދިފާއުކުރަން ފުރިހަމައަށް ތައްޔާރުނުވާތީ. މަގުމަތިން ހޮވާލާ ޓީމުތަކާ ކުޅެނީ، އެވަރު މެޗެއް ކުޅެލެވޭނެދޯ ސްކޮޑްގައި ތިބި ކުޅުންތެރިން ލައިގެންވެސް!

The name is already taken The name is available. Register?

ގުރައިޝް - ހުރާ.

22 September 2021

މާލޭ މީހުން ހަދައިގެން އުޅޭ މާލޭ ޓީމަކަށް ނޫނީ މުބާރާތެއްގައި ބައިވެރިވެވޭނެ ގޮތެއްނެތް. އެކަމަކު ޤައުމީ މުބާރާތް ތަކޭ ކިޔާ އުޅޭ. ހުރިހާ މެޗް ތަކެއް ކުޅެން ޖެހެނީ ކ.އަތޮޅު މާލޭގައި އެކަމަކު ޤައުމީ މުބާރާތުގެ މެޗް ތަކޭ މިމީހުނ ބުނޭ. ތިޔަ މުބާރާތް ވެސް ކަލޭމެން ކުޅެ ކަލޭމެން މެޗް ބަލާ ކަލޭމެން ފޯރި ހިއްޕާލާ. އަހަރުމެން ބައިވެރި ކުރާނެ ކަމެއްނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454