ފަހު ވަގުތު ރާމޯސްގެ ލަނޑުން ރެއާލުން ބާސާ ހިފަހައްޓައިފި

ބާސެލޯނާ (ޑިސެމްބަރު 4) – އިތުރު ވަގުތުގެ ތެރޭގައި ކެޕްޓަން ސާޖިއޯ ރާމޯސް ޖެހި ގޯލާ އެކު ބާސެލޯނާއާ 1-1 އިން އެއްވަރުކޮށް މި ސީޒަނުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ސިިލްސިލާ އަށް ރެއާލް މެޑްރިޑުން ބޮޅެއް އިތުރުކޮށް ސްޕެނިޝް ލީގުގެ އެއް ވަަނައިގައި ނަގާފައިވާ ހަ ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.


މި މެޗުން ލިބުނު ޕޮއިންޓާ އެކު ރެއާލް މެޑްރިޑް އެއް ވަނައިގައި 34 ޕޮއިންޓް ހަމަކޮށްފައިވާއިރު ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. މިރޭގެ މެޗުން ރެއާލް މޮޅުވި ނަމަ އެ ޓީމަށް ނުވަ ޕޮއިންޓުގެ ލީޑެއް ލިބުނީހެވެ. އަނެއްކޮޅުން ބާސެލޯނާ މެޗު ކާމިޔާބުކުރި ނަމަ އެ ޓީމަށް ރެއާލް މެޑްރިޑާ ދެމެދު އޮތް ތަފާތު ތިން ޕޮއިންޓަށް ކުޑަކުރެވުނީހެވެ. މިހާރު ދެ ޓީމުގެ މެދުގައި އޮތީ ހަ ޕޮއިންޓުގެ ފަރަގެކެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އަށް ގޯލާ ދިމާލަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ހިލޭ ޖެހުމަކުން ބާސެލޯނާގެ ލިއޮނަލް މެސީ ފޮނުވާލި ބޯޅަ ރެއާލުގެ ގޯލްކީޕަރު ކޭލާ ނާވަސް މަތަކުރިއިރު އޭރިއާ ތެރެއިން ނޭމާ އަށް ލިބުނު ބޯޅަ ބޭނުންނުކުރެވުނީ އޭނާ ކައްސާލުމުންނެވެ. ފުރަތަމަ ހާފުގައި ރެއާލުގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ބާރު ދެ ޝޮޓެއް ބާސެލޯނާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަން މަތަކުރިއިރު ކޯނަރަކުން ހުރަސްވި ބޯޅައެއް ރަފައެލް ވަރާން ބޮލުން ޖެހުމުން ވެސް އޭނާ ސަލާމަތްކުރި އެވެ.

ދެ ވަނަ ހާފުގައި ބާސެލޯނާ އިން ކުޅުން ރަނގަޅުކުރިއިރު އެ ޓީމުން ލީޑު ނެގީ 53 ވަނަ މިނެޓުގަ އެވެ. ނޭމާ ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅަ ގޯލަށް ވައްދާލީ ލުއިސް ސުއަރޭޒް ބޮލުން ޖަހަ އެވެ.

އަނިޔާ އިން ސަލާމަތްވެގެން ދެ ވަނަ ހާފުގައި ބާސެލޯނާގެ ކެޕްޓަން އަންދްރޭ އިނިއެސްޓާ ކުޅެން ނުކުތްއިރު އޭނާ ވަނީ ތަފާތު ބޮޑުކުރަން މެސީ އަށް ރަނުގެ ފުރުސަތެއް ތަނަވަސްކޮށްދީފަ އެވެ. އެކަމަކު ބޭނުމެއް ނުކުރެވުނެވެ.

ބާސެލޯނާ މުހިއްމު މޮޅަކާ ދިމާލަށް ދަނިކޮށް ރެއާލުން އެ ޓީމު ހުއްޓުވީ އިތުރު ވަގުތުގެ ތެރޭގަ އެވެ. ހާފުގެ މެދުތެރެއިން ހިލޭ ޖެހުމަކުން ލޫކާ މޮޑްރިޗް އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ކެޕްޓަން ރާމޯސް ވަނީ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައި ބާސެލޯނާ ރޮއްވާލައިފަ އެވެ.

ބާސެލޯނާގެ ފޯވާޑް ސުއަރޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ރާމޯސް އަންނަނީ ފަހަކަށް އައިސް ބޮޑެތި މެޗުތަކުގައި ފަހު ވަގުތު ރެއާލް ސަލާމަތްކޮށްދެމުންނެވެ. އެގޮތުން 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި އެތުލެޓިކޯ މެޑްރިޑް ކުރީގައި އޮއްވާ ފަހު ވަގުތު އެއްވަރުކޮށްދިނީ ރާމޯސް އެވެ. މީގެ އިތުރުން މި އަހަރުގެ ސްޕެނިޝް ސުޕަ ކަޕުގައި ވެސް ފަހު ވަގުތު ރެއާލް ސަލާމަތްކޮށްދިނެވެެ.

މިރޭގެ މެޗަށް ފަހު ރާމޯސް ބުނީ ނަތީޖާ އެހާ އިންސާފުވެރި ކަމަށް ގަބޫލުނުކުރާ ކަމަށާއި އެކަމަކު ބަލިވުމަށް ވުރެ އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.

"ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތު ހޯދީ އަހަރެމެން އެކަމަކު އެ ބޯޅަތައް ބޭނުންނުކުރެވުނީ. ފަހު ވަގުތު އެއްވަރުކުރެވުމަކީ ވެސް ކޮންމެވެސް ވަރެއްގެ އިންސާފެއް،" މެޗުން ރެއާލަށް މޮޅެއް ހައްގުކަމަށް އިޝާރާތްކޮށް ރާމޯސް ބުންޏެވެ.

ބާސެލޯނާގެ ފޯވާޑް ސުއަރޭޒް ބުނީ ރެއާލް މެޑްރިޑަށް ވުރެ މޮޅަށް ކުޅުނީ ބާސެލޯނާ ކަމަށާއި އެކަމަކު މިއީ ފުޓްބޯޅައިގައި ވެދާނެ ކަންތައްތައް ކަމަށެވެ.

"ފަހު ވަގުތާ ހަމަޔަށް ދާއިރު ލީޑު ފުޅާނުކުރެވިއްޖެއްޔާ މިފަދަ ކަމެއް ވެދާނެ. މުހިއްމު ދެ ޕޮއިންޓް ގެއްލުނީ. އެކަމަކު ކުރިއަށް އޮތްތަނުގައި އެބަޖެހޭ އަމިއްލަ ދަނޑުގައި ނަތީޖާ ރަނގަޅުކުރަން. ރެއާލް އަތުން ވެސް ޕޮއިންޓް ގެއްލޭނެ. އެހެންކަމުން އަހަރެމެންނަށް އަދި ކުރިއަށް ދެވޭނެ،" ސުއަރޭޒް ބުންޏެވެ.

އޭޝިއާގެ މާކެޓަށް ވިސްނުމަށް ފަހު މިރޭގެ މެޗު ކުޅެފައިވަނީ އޭޝިއާ އަށް އިރާކޮޅާ ދިމާވާ ގޮތަށް، ސްޕެއިން ގަޑިން މެންދުރުފަހެވެ. އެއާ އެކު މިރޭގެ މެޗު ރެކޯޑް އަދަކަށް ޓީވީން ބަލާފައިވާ ކަމަށްވެ އެވެ. ލަފާކުރެވޭ ގޮތުގައި 600 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މި މެޗު ޓީވީން ބަލައިފަ އެވެ.