ބޮޑު ލީޑެއް ލިބުނަސް ފަސޭހަކުރުމެއް ނެތް: ރާމޯސް

މެޑްރިޑް (ނޮވެމްބަރު 5) - ސްޕެނިޝް ލީގުގައި ކުރިއަށް ގިނަ މެޗުތަކެއް އެބަހުރި ކަމަށާއި މި ވަގުތު ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ލިބިފައިވީ ނަމަވެސް އެއީ އެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކޭ ކަމަށް ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.


ލީގުގައި އެންމެ ފަހުން ބާސެލޯނާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ރެއާލް އެއް ވަނައިގައި އޮތީ 14 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 14 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުޅުނު އެލްކްލަސިކޯ މެޗުގައި ލުއިސް ސުއަރޭޒް ބާސެލޯނާ އަށް ލީޑު ނަގައިދީފައިވަނިކޮށް މެޗުގެ ފަހު ވަގުތު ރެއާލަށް އެއްވަރުކޮށްދިނީ ރާމޯސް އެވެ. އޭނާ ބުނީ ރެއާލް އެ މެޗުން ޕޮއިންޓަކުން ފުއްދާލީ ލީގުގައި ކުރީގައި އޮތުމުން ކަމަށެވެ.

"ބަލިނުވެ އަހަރެމެންނަށް އެ މެޗުން ފަރުޖައްސާލެވެން އެބައޮތް. އެއީ ލީގުގެ އެއް ވަނައިގައި އަހަރެމެން އޮތުމުން. އެކަމަކު މިއީ އަދި އެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކެން. އެއީ ލީގުގައި ކުރިއަށް ގިނަ މެޗުތަކެއް އެބަހުރި،" ރާމޯސް ބުންޏެވެ.

ރެއާލް އެންމެ ފަހުން ލީގު ހޯދީ 2012 ވަނަަ އަހަރު އެ ޓީމުގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ހުރިއިރު އެވެ. އެ ޓީމުގެ މިހާރުގެ ކޯޗު ކުރީގެ ކުޅުންތެރިޔާ ޒިނެދިން ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލުން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ރާމޯސް ބުނީ ރެއާލަށް ލީގު ހޯދައިދެވޭ ފެންވަރު ޒިދާންގެ އެބަހުރި ކަމަށެވެ.

"ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ލީގު ކާމިޔާބު ކޮށްފި. ކޯޗެއްގެ ތަޖުރިބާ މަދުނަމަވެސް މިިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ޒިދާން އޭނާގެ ފެންވަރު ސާބިތުކޮށްދީފި. ރެއާލަށް ލީގު ކާމިޔާބު ކޮށްދެވޭނެ ފެންވަރު ޒިދާންގެ އެބަހުރި،" ރާމޯސް ބުންޏެވެ.

ލީގުގައި ދެން ރެއާލް ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ޑިޕޯޓިވޯ ލަކަރޫނިއާއާ ދެކޮޅަށެވެ.