އަހަރުގެ ރިވިއު


2017


ޕީޕީއެމްގެ ކޯޅުންތަކާއި ބޮޑެތި މަރުތަކުގެ އަހަރެއް

ސިޔާސީ

ސިފައިން ރައްޔިތުންގެ މަޖިލިހަށް!

ޖުލައި 24، 2017 އަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އައި އެންމެ ކަޅު އެއް ދުވަހެވެ. އެ ދުވަހު ހެނދުނު ސިފައިން މަޖިލިސް ތަޅުލައި، މަޖިލީހުގެ އިދާރާ އަށް އެންގީ، އިދާރީ މުވައްޒަފުން ފިޔަވައި އެއްވެސް މެމްބަރަކަށް ވެސް މަޖިލީހަށް ނުވަދެވޭނެ ކަމަށެވެ. ސިފައިން އެ ގޮތަށް އަމަލުކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރަކު މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެން، އިދިކޮޅު މެމްބަރުން އެ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހަށް ދާން އުޅުމުންނެވެ. އިދިކޮޅު ތިރީހަކަށް މެމްބަރުން ޖުމްހޫރީ ޕާޓީގެ މައި އޮފީސް ހުންނަ މ. ކުނޫޒުުން ނުކުމެގެން މަޖީދީ މަގުން ހިނގާފައި ގޮސް މަޖިލިހުގެ އިދާރާއަށް ވަނެވެ. އޭރު ފުލުހުން އެކަމަށް ހުރަަސް އަޅަން އުޅުނެވެ. މިއީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އެ މަޖިލިހަށް ވަނަނުދޭން ރާއްޖޭގެ ސަލާމަތީ ބާރުތަކުން އެޅި ފުރަތަމަ ހުރަހެވެ.

އިތުރަށް ކިޔާލާ

މަޖިލިހުގެ ބާރު ކެނޑުނު ސުޕްރީމް ކޯޓުގެ އަމުރު

ޖުލައި 13، 2017 ރާއްޖޭގެ ތާރީޚުގެ ތެރެއަށް ވަދެފައި އެވަނީ ދައުލަތުގެ ތިން ބާރުގެ "ތަޅާފޮޅުމެއް"ގެ ގޮތުގަ އެވެ. ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމާ އެކު ސަރުކާރުން ދުއްވައިގަތީ ސުޕްރީމް ކޯޓަށެވެ. އަދި ސުޕްރީމް ކޯޓުން ވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅުއްވި މައްސަލަ އަށް، ސަރުކާރުން ބޭނުންވާ ހައްލު ހޯދައިދީފަ އެވެ. ހައްލަކީ، ގާނޫނުއަސާސީގައި ވެސް ނެތް ޝަރުތުތަކެކެވެ. މަޖިލިހަށް މެމްބަރުން އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ކަނޑާލައިފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ހިނގައްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމެވެ. މިއީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި އެއްވެސް ގޮތަކަށް ބަޔާންކޮށްފައި ނެތް ސަބަބުތަކެކެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ގަބޫލުކުރަނީ ސުޕްރީމް ކޯޓުން އެވަނީ ގާނޫނު ހެދުމުގެ ބާރުގެ ބާރު ކަނޑުވާލާފައި ކަމަށެވެ.

އިތުރަށް ކިޔާލާ

ލޯކަލް އިންތިހާބު: ސަރުކާރަށް ނާކާމިޔާބު

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު 2014 ގައި ބޭއްވި އާންމު އިންތިހާބު، ތަފާތު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރީ، ވެރިކަން ޕީޕީއެމާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދައިގެން އުޅުނު ޕާޓީތަކުންނެވެ. އޭގެ ފަހުން ބައެއް ރަށްރަށާއި ބައެއް އަތޮޅުތަކުގެ ކައުންސިލްތަކުގެ ބައި އިލެކްޝަންތަކެއް ބޭއްވި އިރު، އޭގެ ތެރެއިން ވެސް ގިނަ ބައި އިލެކްޝަންތައް ކާމިޔާބު ކުރީ އެ ކޯލިޝަނެވެ. އެހެންކަމުން، ޕީޕީއެމުން ބުނަމުން އައީ މުޅި ރާއްޖެ ޕީޕީއެމަށް ފަތަހަ ކުރެވިފައިވާ ކަމަށެވެ. މެއި 6، 2017 ގައި އޮތް ލާމަރުކަޒީ އިންތިހާބަށް ޕީޕީއެމް ނުކުތީ ވެސް އެ މެޑެލް މޭމަތީގައި އަޅުވައިގެންނެވެ. ނަމަވެސް ލާމަރުކަޒީ އިންތިޚާބަށް ނުކުތް އިރު، ޕީޕީއެމްގެ ކޯލިޝަނުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު އޮތީ ވަކިވެފަ އެވެ. ވޯޓުތައް ގުނަން ފެށުމުން، ޕީޕީއެމަށް ރާއްޖެ ފަތަހަ ކުރެވެން ގާތް ވެސް ނުވާ ކަން އެނގުނެވެ. އެ އިންތިހާބުގައި، މާލެ، ފުވައްލުމައް އަދި އައްޑޫގެ ސިޓީ ކައުންސިލްތަކުން އެންމެ ގޮނޑިއެއް ވެސް ޕީޕީއެމަށް ނުލިބެ އެވެ. ސިޓީ ކައުންސިލްތަކުގެ 23 ގޮނޑީގެ ތެރެއިން އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިތައް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީ އެވެ. އަނެއް ގޮނޑި ކާމިޔާބު ކުރީ ޑީއާރްޕީގެ ނަމުގައި ނުކުތް ހަމައެކަނި ކެންޑިޑޭޓެވެ. އަދި އެންމެ ފަހުން ނަތީޖާ އައިއިރު ބޮޑެތި އެތައް ރަށެއްގެ ކައުންސިލް ވެސް ކާމިޔާބުކުރީ އިދިކޮޅު ފަރާތްތަކުންނެވެ.

އިތުރަށް ކިޔާލާ

މައުމޫން ކީރިތިކުރެއްވުން

ސިޔާސީީ ދެ ހަތުރުންގެ ގޮތުގައި ތިއްބެވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި މަސައްކަތްޕުޅު ކުރެއްވުމަކީ 2018 ގައި ސިޔާސީ މަސްރަހުގައި އެންމެ ބޮޑު ހައިރާން ކަމެއް ގެނުވި އެއް ބަދަލެވެ. މިއީ އެއްވެސް ބަޔަކު އޭގެ ކުރިން އުއްމީދުކުރި ކަމެއް ނޫނެވެ. މާޒީގައި ދެ ބޭފުޅުންގެ ސިޔާސީ ވާދަވެރިކަން އެހާ ވެސް ބޮޑުވީމަ އެވެ. އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއްގައި މައުމޫން ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަތީ، ޖުލައި 3، 2017، ގަ އެވެ. ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒްގައި ބޭއްވި ޖަލްސާ ގަދަ ފިޔާތޮށިކުލައިގެ ޓައީއަކާއި ހުދު ގަމީސްކޮޅެއްގައި، މައުމޫން ވަޑައިގެންނެވި އިރު، އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން ތިއްބެވި އެވެ. ޖަލްސާ ކުރާ މާލަމާއި މަގުމަތި ވެސް އޮތީ ފުރިފަ އެވެ. އެމަނިކުފާނު ހޯލަށް ވަޑައިގަތުމާ އެކު، "ތިޔައީ ޒައީމޭ އަދު..." ލަވަ ބާރަށް ޖަހަން ފެށި އެވެ. އަދި އިށީނދެ ވަޑައިގަތުމާ އެކު، އެންމެން ކޮޅަށް ތެދުވެ އަތް ޖަހަން ފެށުމާ އެކު މައުމޫންގެ ލޯފުޅުން ކަރުނަ ފޮދު އޮހޮރިގެން ދިޔަ އެވެ.

އިތުރަށް ކިޔާލާ

ޗައިނާއާ އެކު އެފްޓީއޭ: އެންމެ ބޮޑު އެއްބަސްވުން

ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމުގެ މަޝްވަރާތައް ތިން އަހަރެއްހާ ދުވަސް ކުރިން ދެ ގައުމުން ފެށި ނަމަވެސް، ފަހު ވަގުތު އެކަން ނިމުނީ އެތައް ބަޔަކަށް ބޮޑު ސިހުމެއް ގެނެސްދީފަ އެވެ. ސަބަބަކީ ރާއްޖެ-ޗައިނާގެ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ސަރުކާރުން ތެޅިގަނެގެން އެންމެ ފަހު ވަގުތު ފޮނުވުމެވެ. އަދި އަވަސް އަރުވާލައިގެން އެ އެއްބަސްވުން މަޖިލީހުން ފާސްކުރުމަކީ ވެސް އެތައް ބަޔަކު ފާހަގަކުރި ކަމެކެވެ. އަށް ސަތޭކަ ސަފުހާ ހިމެނޭ އެ "ބޮޑު އެއްބަސްވުން" ދިރާސާކުރަން އެ ކޮމެޓީގައި ނެގީ އެންމެ ބައި ގަޑިއިރެވެ. ރާއްޖެ އިން ފުރަތަމަ ފަހަރަށް އެކުލަވާލި އެފްޓީއޭގައި ސޮއިކުރުމުގެ ހުއްދަ ދޭން ފާސްކުރީ، 85 މެމްބަރުން ހިމެނޭ މަޖިލިހުގެ އެންމެ 30 މެމްބަރުންގެ ވޯޓުންނެވެ. އިދިކޮޅު އެއްވެސް މެމްބަރަކު އޭގައި ބައިވެރިއެއް ނުވެ އެވެ.

އިތުރަށް ކިޔާލާ

އިޖުތިމާއީ

ރައުދާގެ ކުއްލި ވަކިވުން

ވިލު ނޫކުލައިގެ ލޮލުން އެންމެންގެ ސަމާލުކަން ހޯދި ރައުދާ އާތިފްގެ މަރުގެ ޚަބަރުން ރާއްޖެ ސިއްސުވާލި އެވެ. ހާއްސަކޮށް އޭނާ އަމިއްލައަށް މަރުވި ކަމަށް، ބަންގްލަދޭޝްގެ ރަސްމީ އިދާރާތަކުން ބުނުމުންނެވެ. ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން ދިޔަ ރާއްޖޭގެ އެންމެ މަޝްހޫރު މޮޑެލް އޭނާގެ ކޮޓަރީގައި އަމިއްލައަށް ދަންޖެހުނީތޯ ނުވަތަ ބަޔަކު މަރާލީތޯ އުފެދުނު ސުވާލު ސީރިއަސް އެވެ. ހިތާމައިން ފޯވެފައި ތިބި އާއިލާއަށް އެ ތުހުމަތުތައް ގަބޫލުކުރަން އުނދަގޫވި އެވެ. އަދި އާއިލާގެ ބައެއް މެމްބަރުން އަދިވެސް އެގޮތަށް ގަބޫލުކުރާކަށް ބޭނުމެއް ނުވެ އެވެ. އެހެންކަމުން ރައުދާގެ މަރުގައި ސިއްރުތަކެއް އެކުލެވިގެންވާ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

އިތުރަށް ކިޔާލާ

ޔާމީން ރަޝީދުގެ އަނިޔާވެރި މަރު

އެޕްރީލް، 23، 2017 ގައި ގައުމު ހޭލީ، ސ، ފޭދޫ، ޗަނބޭލީގޭ، ޔާމީން ރަޝީދު "ކަތިލާފައި" އޮތް ޚަބަރާ އެކުގަ އެވެ. ލިޔުންތެރިޔާ ޔާމީން 29، ގައިގެ އެތަން މިތަނަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ، އޭނާ ދިރިއުޅޭ މ. ސްޕެކްޓިއުލާ، ސިޑި ކައިރިންނެވެ. ޔާމީން ދުށް މީހުން ސިފަކުރި ގޮތުގައި، އޭނާ އޮތީ "ކޮށައި ކުދިކުދި ކޮށްލައިފަ" އެވެ. ޔާމީން މަރާލީ، އެރޭ ދަންވަރު އޭނާ އޮފީހުން ނިކުތް ވަގުތުން ފެށިގެން ބަޔަކު ފާރަލުން ގޮހެވެ. ހަމަލާދޭން، އެއް ބަޔަކު އޭނާގެ ފަހަތުން ގެއާ ހަމައަށް ހިނގާފައި ދިޔައިރު، އަނެއް ބަޔަކު ތިބީ ބިސްބުރު ކައިރީގައި ހުންނަ އެ ގެއާ ކައިރި ސަރަހައްދުތަކުގައި ފާރައަށެވެ. ޔާމީން އަށް ހަމަލާ ދީފައި ވަނީ، އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް އަރަން ލިފްޓަށް ވަތް ވަގުތެވެ. ޔާމީންގެ މަރާ އެކު މުޅި ގައުމު ކަންބޮޑުވި އަނެއް ކަމަކީ، އޭނާ އަށް ފުލުފުލުގައި މަރުގެ އިންޒާރުދީފައިވާތީ، ފުލުހުންގެ ހިމާޔަތަށް އެދިފައި އޮއްވައި މަރާލުމެވެ. އޭނާގެ މަރުގެ ޒިންމާ ފުލުހުން ނަގަން ޖެހޭނެ ކަމަށް ބުނެ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކުރި އެވެ. ޔާމީނަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ އަށް މީހަކު ހައްޔަރުކޮށް، ފުލުހުން ބުނެފައިވާ ގޮތުގައި އެ ހަމަލާދިނީ، ދީނީ ހަރުކަށި ވިސްނުމުގެ ބައެކެވެ.

އިތުރަށް ކިޔާލާ

ފްލެޓް ދިން ގޮތް، ހަނދާނުން ނުފޮހެވޭނެ މައްސަލައެއް

މި ސަރުކާރުން 2014 ގައި ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުން، ފްލެޓް ދިން ގޮތަކީ މިދިޔަ އަހަރު އެންމެ ގިނަ ބައެއްގެ ނުރުން ސަރުކާރަށް އަމާޒުވި އެއް މައްސަލަ އެވެ. ހަތަރު އަހަރުގެ ދިގު އިންތިޒާރަކަށް ފަހު، ފްލެޓް ލިބުނު މީހުން މިދިޔަ ސެޕްޓެމްބަރު މަހު އިއުލާންކުރުމާ އެކު އެތައް ބަޔަަކަށް ލިބުނީ ހައިރާން ކަމެވެ. ފްލެޓަށް ކުރިމަތިލި 15،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ޝަރުތު ހަމަވި 661 މީހުންގެ ލިސްޓު އާއްމުކުރީ، އެއީ ކޮން ބައެއް ކަން ސިއްރުކޮށްފަ އެވެ. ލިސްޓުގައި ޖަހާފައި އޮތީ ހަމައެކަނި ފޯމު ނަމްބަރެވެ. ފްލެޓް ލިބުނީ ކިތައް ޕޮއިންޓުން ކަމެއް ވެސް ލިސްޓުން ސާފެއް ނުވެ އެވެ. މީގެ ކުރިން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ފްލެޓް ލިބުނީ ކޮން ބައަކަށް ކަން އާއްމުކުރި އެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ މައުލޫމާތު ހާމަކުރައްވަން އިންކާރު ކުރެއްވި އެވެ.

އިތުރަށް ކިޔާލާ

ހަތް މީހުން މަރުވި ބިރުވެރި ރޯގާ

އެންމެ ފުރަތަމަ ހީކުރީ މާލޭގައި އާއްމުކޮށް ފެތުރޭ އާދައިގެ ވައިރަލް ރޯގާއެއް ކަމަށެވެ. އެކަމަކު މިއީ އާދައިގެ ރޯގާއެއް ނޫންކަން އެނގުނީ، ހޮސްޕިޓަލްތަކަށް ޖަމާވެފައި އޮތް މީހުން ގިނަކަމުންނެވެ. މި ރޯގާގެ ހަބަރު މީޑިއާއަށް އެންމެ ފުރަތަމަ ލިބުނީ ގަދަ ހުމެއްގެ ގޮތުގަ އެވެ. އެޗްޕީއޭގެ ލަފައާ އެކު އައިޖީއެމްއެޗުގައި އޭރު "ފްލޫ ކްލިނިކް"އެއް ވެސް ހުޅުވި އެވެ. އެކަމަކު މި ހުމުގެ ތެރެއިން، އެޗް1އެން1 ނުވަތަ ސްވައިން ފްލޫއަށް ޕޮޒިޓިވް މީހުން އިސާހިތަކު ފެންނަން ފެށި އެވެ. ސްވައިން ފްލޫގެ ރޯގާ ގާތްގަނޑަކަށް ތިން ހަފުތާއަށް ދިގުދެމިގެން ދިޔަ އެވެ. މި ފަހުން ރާއްޖޭގައި ފެތުރުނު އެންމެ ނުރައްކާތެރި މި ރޯގާގައި މާބަނޑު މީހަކާއި އިތުރު ހަ މީހަކު ވެސް މަރުވި އެވެ. ރޯގާގެ އަސަރު މުޅިން ފިލައި، ސިއްހީ އެލާޓު ކަމާ ބެހޭ އިދާރާތަކުން ކެންސަލް ކުރީ މާޗު 30ގަ އެވެ.

އިތުރަށް ކިޔާލާ

އެއްމާބަނޑު ހަތަރު ބެއިންނަށް އެންމެންގެ ލޯބި

މުޅިން ހިތާމަވެރި އަދި ޝަކުވާގެ އަހަރެއް ނޫނެވެ. އެހާމެ އުފާވެރި ހަބަރުތަކުން ވެސް މީހުންގެ ހިތް ފުރުނެވެ. އެގޮތުން ރާއްޖޭގެ ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް އެއްމާބަނޑު ހަތަރު ކުދިން ވިހެއީ ޖޫން 17 ގަ އެވެ. ރާއްޖޭގައި 1975ގެ ފަހުން އެއްމާބަނޑު ހަތަރު ކުދިން އުފަންވި ކަމެއް އޭގެ ކުރިން އެނގިފައެއް ނުވެ އެވެ. އެހެންކަމުން އދ. މަންދޫ ފާތިމަތު ސުމީތާ، 27، އާއި ށ. ފޯކައިދޫ، އަހުމަދު އަޝްފާގު، 29، ގެ އަލަތު ދަރިންގެ ވާހަކަ މިދިޔަ އަހަރުގެ ބޮޑު އެއް ހަބަރަކަށް ވުން އެކަންޏެއް ނޫނެވެ. އެއީ އެހާމެ އުފާވެރި ނަސީބެއް ވެސް މެ އެވެ. ދެމަފިރިންގެ އެއްމާބަނޑު ތިން އަންހެންކުދިންނާއި ފިރިހެންކުއްޖާ ހޮސްޕިޓަލުން ދޫކޮށްލީ މަހެއްހާ ދުވަސް ފަހުންނެވެ. ހަތަރު ކުދިންގެ ނަންތައް ވެސް ހިތްގައިމެވެ؛ އުމައިރާ، އުމައިމާ، އުނައިޒާ އަދި އަޒީން އެވެ.

އިތުރަށް ކިޔާލާ

75 އަހަރުގެ މީހެއްގެ ޝިކާރައަކަށް ހަތަރު ބެއިން!

އެންމެ ފުރަތަމަ މީހަކު ގުޅާފައި އެދުނީ ހަބަރެއްގެ މައުލޫމާތު ދޭން ބައްދަލުކޮށްލުމަށެވެ. އޭނާއާ އެކު ޒުވާން ދެ އަންހެން ކުދިން "މިހާރު"ގެ ނޫސްވެރިންނާ ބައްދަލު ކުރިއިރު އެ ކުދިންގެ ވާހަކަތަކުން "މިހާރު"ގެ ކިޔުންތެރިންނަށް ސިހުން ގެނުވި އެވެ. އެ ދެ އަންހެން ކުދިންގެ އިތުރުން އާއިލާގެ އިތުރު ދެ އަންހެން ކުދިންނާ 75 އަހަރުގެ މީހަކު ގަދަކަމުން ޖިންސީ ގުޅުން ހިންގާތާ އެތައް އަހަރެއް ވެއްޖެ އެވެ. ގދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ، އެއްބަނޑު އެއްބަފާ އެ ހަތަރު އަންހެން ކުދިންގެ ތެރެއިން ބައެއް ކުދިންނާ އޭނާ ގުޅުން ހިންގާތާ 12 އަހަރެވެ. އެ ހުރިހާ ކަމެއް ވެސް އެ ކުދިންގެ މަންމައަށް އެނގެ އެވެ. އެ ފިރިހެންމީހާ ހައްޔަރުކުރި އެވެ. އެކަމަކު ފަހުން ވަނީ ގޭބަންދަށް ދޫކޮށްފަ އެވެ.

އިތުރަށް ކިޔާލާ

މުނިފޫހިފިލުވުން

ނިއުމާގެ ވާހަކަ ނިމުނީތަ؟

ރާއްޖޭގެ ފިލްމީ ދާއިރާ އިން ނިއުމާ މުހައްމަދު ނުފެނުމަކީ ފަޅުކަމެކެވެ. ނަމަވެސް ނިއުމާ ވަނީ، 20 އަހަރުގެ ދިގު މުއްދަތަކަށް ފަހު، އޮކްޓޯބަރު 21ގައި ރިޓަޔަމަންޓް އިއުލާންކޮށްފަ އެވެ؛ ދެރަ އެވެ. ރާއްޖެ ދުށް އެންމެ ކާމިޔާބު އެއް ބަތަލާގެ އެކްޓިން ކެރިއަރުގައި ސީލް ޖަހައި ނިންމައިލާނީ 2018 ގަ އެވެ. އެއީ މިހާރު ފަށަން ތައްޔާރުވަމުން އަންނަ ނިއުމާގެ ވަދާއީ ފިލްމު "ނިވައިރޯޅި" އާ އެކުގަ އެވެ. މޫމިން ފުއާދު ޑައިރެކްޓް ކުރާ މި ފިލްމަކީ ސީދާ ނިއުމާ ޕްރޮޑިއުސް ވެސް ކުރާ ފިލްމެކެވެ. "ނިވައިރޯޅި"އާ އެކު ނިއުމާ ބޮޑު ސްކްރީނުން އަންނަ އަހަރު ނިވާވާނެ އެވެ. އެކަމަކު އެކްޓް ކުރުން ހުއްޓާލިޔަސް، ކެމެރާގެ ފުރަގަހުން ނިއުމާ ފެނުމަކީ އުންމީދެކެވެ.

އިތުރަށް ކިޔާލާ

ރިޝްމީ: 2017 ގެ އެންމެ އަޑު ގަދަ ބަތަލާ

ރާއްޖޭގެ ފިލްމީ ދާއިރާގައި 2017ގެ އެންމެ ބޮޑު އެއް ވާހަކައަކީ ސްރީ ލަންކާގައި ބޭއްވި ހަތް ވަނަ ސާކް ފިލްމު ފެސްޓިވަލްގައި ރާއްޖޭގެ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ އަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުމެވެ. އޭނާ އަށް އެ އެވޯޑް ލިބުނީ އަމިއްލަ އަށް ޕްރޮޑިއުސް ކުރި "ވިޝްކާ" ގައި ކުޅުނު ރޯލުންނެވެ. މިއީ ސަރަހައްދީ ފިލްމު ފެސްޓިވަލަކުން ދިވެހި ބަތަލާއަކަށް ލިބުނު ފުރަތަމަ އެވޯޑެވެ. މީގެ 12 އަހަރު ކުރިން ވީޑިއޯ ލަވަތަކުން ފިލްމީ ދާއިރާ އަށް ނިކުމެ، ރިޝްމީ ވަނީ ވަރަށް ގިނަ އަދަދެއްގެ ލަވަތަކާއި ޑްރާމާތަކާއި ފިލްމުތައް ވެސް ކުޅެފަ އެވެ. އޭނާގެ އެންމެ ހާއްސަ އެއް ކަމަކީ ރާއްޖޭގެ އެހެން ބަތަލާއިންނާ ހިލާފަށް އެކްޓް ކުރުމުގެ އިތުރަށް ފިލްމު އުފެއްދުމުގެ ހުރިހާ މަސައްކަތެއްހެން ކުރަމުން އައުމެވެ. އަނެއްކޮޅުން ރިޝްމީއަކީ ރާއްޖޭގެ އެންމެ ޒުވާން އަންހެން ޑައިރެކްޓަރު ވެސް މެ އެވެ.

އިތުރަށް ކިޔާލާ

އިންޓަވިއުއަކާ ނުލައި ލިޔަން ޖެހުނު ޕްރޮފައިލް

މަޝްހޫރު މީހަކު ކާމިޔާބީއާ ހިސާބަށް ދިޔަ ގޮތުގެ މާޒީ އަށް އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެކަކަށް މޫސާ ވަސީމް ވާނެ އެވެ. އެކަމަކު އޭނާއަކީ ސީދާ ކާކުކަން ގިނަ މީހުންނަށް ފުރަތަމަ ފަހަރަށް އެނގުނީ މިދިޔަ އަހަރު "މިހާރު"ންނެވެ. އެ ޕްރޮފައިލް ލިއުނީ އޭނާގެ އިންޓަވިއުއެއް ވެސް ނުލިބި އެވެ. މޫސާ ވަސީމްގެ ވާހަކަ ހޯދީ ގޫގްލް އިންނެވެ. ވަސީމް "ރަނޑުކަމުން" ޓީވީއެމްގައި އޭނާ ބާކީކޮށްލި ގޮތާއި ކެރިއަރުގެ ކުރީކޮޅު އޭނާ އަށް ކުރިމަތިވި ފުރައްސާރަ އާއި ގޮންޖެހުންތައް ތިން އަހަރު ކުރިން އޭނާ ކިޔައިދީފައި އޮތް ވީޑިއޯއެއް ޔޫޓިއުބުން ފެނުމަކީ ނަސީބެވެ. މައިންޑްޓޯކްސްގެ އެ ވީޑިއޯ އާއި އައިޑޮލްގެ ޕްރޮޒެންޓަރެއްގެ ގޮތުގައި ޓީވީއެމުން ދައްކާފައި އޮތް ވަސީމްގެ ޕްރޮފައިލަކާއި އޭނާގެ ބައެއް ރައްޓެހިން ދިން ކުދިކުދި މައުލޫމާތު އެއްކޮށްލައިގެން ލިއުނު ރިޕޯޓަށް ބައެއްގެ ޝައުގުވެރިކަން ބޮޑުވި އެވެ. އެ ވާހަކަ އިން މީހަކަށް ހިތްވަރެއް ލިބުނު ނަމަ، "މިހާރު"ގެ މަސައްކަތް ފުރިހަމަވީ އެވެ.

އިތުރަށް ކިޔާލާ

"ވާށޭ މަށާއެކީ" ނުވަ އެވޯޑާ އެކު އެއް ވަނަ

އަހަރެމެންނާ 2017 ނިމިގެން ދިޔައީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވާށޭ މަށާއެކީ"، ދިވެހި ފިލްމު އެވޯޑްސްގެ އެންމެ ކާމިޔާބު ފިލްމަށް ހަދައިފަ އެވެ. މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި ފިލްމަށް ނުވަ އެވޯޑް ލިބުނެވެ ފިލްމީ އެވޯޑެއްގައި އެންމެ ފާހަގަކޮށްލެވޭ ހުރިހާ އެވޯޑެއް މި ފިލްމު ހޯދުމުން، ޑައިރެކްޓަރާއި ތަރިން މިފަހަރު ތަފާތު ދައްކައިފިކަން އެނގެ އެވެ. އެންމެ މޮޅު ފިލްމާއި ޗިއްޕެގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި ޖުމައްޔިލް ނިމާލް (ޖުމަލް) ގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި މަރިޔަމް މަޖުދާ (މަޖޫ) ގެ އެންމެ މޮޅު ބަތަލާގެ އެވޯޑަކީ، ނުވަ ކާމިޔާބީގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކެވެ.

އިތުރަށް ކިޔާލާ

ސުނީ މިފަހަރު އިންޓަނޭޝަނަލް މީޑިއާއަށް!

ސުނީތާ އަލީ މި ރާއްޖޭގެ އެންމެ ބޮޑު އެންޓަޓެއިނާ އަށް ބަދަލުވެދާނެ ކަމަށް ގަބޫލުކުރީ ކިތައް މީހުން ހެއްޔެވެ؟ އެކަން މިހާރު އެ އޮތީ ވެ ނިމިފަ އެވެ. އެއަށް ފަހު، ކޮންމެ އަހަރެއްގެ އެންމެ ބޮޑު ނިއުސްމޭކަރަކަށް އޭނާ ބަދަލުވެދާނެ ކަމަށް ގަބޫލުކުރީ ކިތައް މީހުންތޯ އެވެ؟ އެކަން ވެސް ހަގީގަތަކަށް ބަދަލުވެ މި ޒަމާނުގެ ބަދަލާއި ހައްގާއި ބާތިލު ވަކިކޮށްދޭ ނިކަން ބޮޑު ނިޝާނަކަށް ސުނީތާގެ "ލެޖެންޑް" މި ވަނީ ބަދަލުވެފަ އެވެ. ވަކިން ހާއްސަކޮށް ފުރައްސާރަ އާއި މަލާމާތުގެ ހާއްޔެއްގައި އެކަކު އަނެކަކަށް ބުލީކޮށްލަ ކޮށްލަ ތިއްބައި ސުނީތާ އަހަރެމެން ދިވެހިން އެ ނިދިން ނިކަން ރަނގަޅަށް ހޭލައްވާލައިފި އެވެ. ނުވާނެއޭ، ނުކުރެވޭނެ ބުނި އެތައް ކަމެއް ކޮށް ދައްކައިފި އެވެ. މިއަދު އޭނާއަކީ ހުރިހާ ދިވެހިންނަށް ވެސް ނަމޫނާއެކެވެ. މި ދިވެހި ރާއްޖެ ކުޑަކޮށް، ބޮލީވުޑްގެ ތަރަި ޕްރިޔާންކާ ޗޯޕްރާގެ ސުޕަ ފޭނެއްގެ ގޮތުގައި އިންޑިއާ އާއި ޕްރިޔާންކާމޭޑްނެސްގައި އޭނާ ހޯދަމުން އަންނަ މަގްބޫލުކަމަކީ ވެސް ފިސާރި ނަމޫނާއެކެވެ.

އިތުރަށް ކިޔާލާ

އަހަރުގެ އެންމެ މަގުބޫލް ލިޔުންތައް


އެންމެގިނަ ކޮމެންޓް ކުރި އާޓިކަލްތައް


ޓޮޕް ނިއުސް މޭކާސް


ކިޔުންތެރިންގެ އިހުސާސް


އެންމެ މަގުބޫލް ކޮމެންޓްތައް


1

421

ދެރަ

ރައުދާގެ ފޯނުގާ ހުރި މައުލޫމާތު އާންމުންނާ ހަމައަށް ނުފޯރާނެކަމަށް އުންމީދުކުރަން. ދުނިޔޭގާ ނެތަސް އޭނާގެ އަބުރު ރައްކާތެރިކުރުމަކީ ފުލުހުންގެ މައްޗަށް ވާޖިބެއްކަމަށް ދެކެން.


ރައުދާގެ ފޯނުން މުހިންމު މައުލޫމާތުތަކެއް ލިބިއްޖެ

2

418

މުހައްމަދު/ވިލިގިލި

ގާސިމް އިބްރާހިމްއަށް މާތްﷲ އަވަސް ޝިފާއެއްދެއްވާށިއެވެ. އަދި ގާސިމްގެ އުމުރު ދިގުކުރަށްވައި ހެޔޮސިއްހަތެއްގައި އަބަދުމެ ލަށްވާށިއެވެ.


ގާސިމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

3

381

ތަމެން އެންޑް މަމެން

ރައްޔިތުންގެ ޢަދުއްވުންނޭ އަދުރޭ؟ ކާކު ކަލެއަށް ރައްޔިތުންގެ ޙައްޤު ގައި ވާހަކަދެއްކުމުގެ ޙައްޤުދިނީ؟ ކަލޭ ތީ ކާކު އަޅެ ފަހެ؟


މަސީހުގެ ވޯޓާ ގުޅިގެން ރައީސް ޔާމީންގެ ބައްދަލުވުމެއް

4

373

ޝާމް

މިހަބަރު ކިޔާ ނިމުނުއިރު ބަސްހުއްޓި ގަބުވެއްޖެ. މާތްﷲ ދަމުނަމާދު ކުރާ މީހުންނަށް ހެޔޮޖަޒާ ދެއްވާނެ ކަމަށް އަންގަވާފައިވާ އެންގުންތަކުގެ މަތިން ހަނދާންވެ ފެންކަޅިވެެއްޖެ. މިއީ މިއަދުގެ ދުނިޔެއަށްދިން ވަރުގަދަ މެސެޖެއް. ވިސްނާ ވިސްނާވެސް މާތްﷲ ގެ ކުޅަދުންވަންތަކަން ފިޔަވާ އިތުރު ކަމެއް މިއަކުން ނުފެނުނު. އިންސާނުންގެ ބަލިކަށިކަމާއި މާތްﷲ ގެ ކުޅަދުންވަންތަކަން. އަހަރެންގެ ހިތްބުނާކަހަލަ ހާދަ ނަސީބުގަދަ އީމާންތެރި ދެމަފިރިންނޭ އެއީ. މިހާދިސާއިން އެކަނިވެސް އިބްރަތްލިބި އިސްލާހުނުވާނީ ހަމަ ޔަގީނުންވެސް އަބާއްޖަވެރިން. އާއިލާއަށް ބުނެލަންއޮތީ ހިތްވަރުގަދަ ކުރައްވާށޭ. އެއިލާހު ތިޔަ އާއިލާއަށް މަގުދައްކަވާނޭ. އަޅުގަނޑުވެސް އަޒުމުކަނޑައަޅައިފިން މިއަދުންފެށިގެން އެދެމަފިރިންގެ އެ އީމާންތެރި އުޅުމުން އިބްރަތްލިބިގަނެ މިފާކުރަނިވި ދުނިޔޭގެ މަދު ދުވަސްތައް ބޭކާރުކޮށް ނުލުމަށް. ޔާ ﷲ. މިއަޅާގެ ދުއާ އިޖާބަކުރައްވާންދޭ!


"ފެނުނުއިރު ހީވީ ދެމަފިރިން ނިދާފައި ތިބިހެން"

5

364

ލޫކަސް ޖަލީލް

އަޅުގަނޑަކީވެސް މޫސާ ވަސީމް ފަދައިން އަޑާއި ހަރަކާތްތަކުގައާއި އަދި ހިނގުމުގައިވެސް ރަނޑުގޮތެއް ހުންނާތީ ވަރަށް ބޮޑަށް ވަށައިގެންއުޅޭ މީހުންގެ މަލާމާތާއި ބްލީކުރުންތެރޭގައި ބޮޑުވެ އަދި އެކަންތައް ފަހަނައަޅައި ގޮސް ސޯސަލް އެކްޓިވިޒަމްގެ ކުރިބޯށީގައި ހިފާފައިވާ މީހެއް. ރަނޑުމީހެއްގެ ގޮތުގައި ދުނިޔެއަށް އައުމަކީ އެއްވެސް މީހެއްގެ ކުށެއްނޫން. އަދި އެއީ މުޖުތަމަޢުގައި މީހާ ބާކީވެ އެންމެންގެ މަލާމާތް ލިބެންޖެހޭނެ ސަބަބެއްވެސް ނޫން. މިއާޓިކަލް ކިޔާލުމުން މޫސާ ވަސީމްގެ ހިއްވަރާއި އަޒުމް ފެނި އިތުރަށް އަޅުގަނޑަށްވެސް ހިތްވަރު ލިބިއްޖެ.


"ރަނޑުކަމުން" ބާކީކޮށްލި މޫސާ ވަސީމް ބޮންތިއަށް

6

363

ވަގުތު

ވަގުތު ފާއިތު ވުމުގެ ކުރިން އަވަހަށް ތައުބާވޭ! މި ކޮމެންޓަކީ ވަކި މީހަކަށް ނިސްބަތްކޮށް ލިޔުނު ކޮމެންޓެއް ނޫން!


ކުރީގެ ފިލްމީ ތަރި އައްޔަ މަރުވެފައި އޮއްވާ ފެެނިއްޖެ

7

361

ޕޮލް

އުގައިލްއަށް ވޯޓް ލާނެ އެންމެން މިކޮމެންޓްއަށް ލައިކް ކުރައްވާ!


އުގައިލްގެ މަރުކަޒު ހުރި ރަށް ހަވާލުކުރަން އަންގައިފި

8

353

އައިންތު

ޔާމނޫ ކަލޭގެ ނިމުން ވަރަށް ހިތިވާނެ. މިތިބީ ކުޅި ބަލަން


ގާސިމްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދެނީ

9

346

އިބޫ ހުޅުމާލެ

މަރަކީ ވަކި ފިކުރަކަށް ވަކި އުމުރަކަށް އޮތް އެއްޗެއްނޫން ވިސްނަންވި ކަމަކީ ކޮންމެ ފަދަ އުމުރެއްގަ އަދި ވަގުތެއްގަ މަރުއައިސް ގެންދާނޭ...


ޒުވާން ކޯޑިނޭޓަރަކު ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

10

346

ސާބަހޭ2018

އިއްޔެ ޕީޕީއެމަށް ވޯޓުއެޅި ނިކަމެތި ރައްޔިތުންނަށް އެއްޗެއް ވިސްނޭނެ ކަމަށް އުއްމީދު ކުރަން...


އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް ކަނޑާލައިފި

އެންމެ މަގުބޫލް ޓެގްތައް


ޕޮލިސް

އިދިކޮޅު ފަރާތްތައް

ޕީޕީއެމް

ރައްޔިތުންގެ މަޖިލިސް

ސަރުކާރު

ބޮލީވުޑް

ކުށްކުރުން

މަރު

އަތޮޅުތައް

އެމްޑީޕީ

އިންޑިއާ

ކްރިމިނަލް ކޯޓް

މީހުން މެރުން

އެމެރިކާ

މަޖިލީހުގެ މެމްބަރުން

ކުޑަކުދިން

ޖުމްހޫރީ ޕާޓީ

މީހުން

ސައޫދީ އަރަބިއްޔާ

ރާއްޖޭގެ ރަށްތައް

ދިވެހި ފިލްމް އިންޑަސްޓްރީ

ޕީޕީއެމްގެ ކޯޅުން

އެމްއެންޑީއެފް

ތައުލީމް

ހުޅުމާލެ

ސިޔާސީ ޕާޓީ

ވާހަކަ

ރޯދަމަސް 2017

ސުޕްރީމް ކޯޓް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2017