#ސުޕްރީމް ކޯޓު

1
ފެބްރުއަރީ

ސުޕްރީމް ކޯޓުގެ ކުއްލި އަމުރު: ގައުމަށް ކުއްލި ސިހުމެއް

ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުނުވާ ހުކުމެއް، ފެބްރުއަރީ 1ގެ ކުރިއަކުން ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައެއް ނުވެ އެވެ. އެކަމަކު ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ މުޅި ރާއްޖެ ސިއްސުވާލީ، ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާންމުކުރި އަމުރަކުންނެވެ. އެ އަމުރުގައި ވަނީ ބަންދުގައި ތިއްބެވި ސިޔާސީ ލީޑަރުން ވަގުތުން ދޫކޮށްލުމަށާއި ގޮނޑީ ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް އެ އަމުރުގައިވެ އެވެ. އެކަމަކު ސަރުކާރުން އެ އަމުރު ތަންފީޒުނުކޮށް ތަފާތު އުޒުރުތައް ދައްކަމުން ދިޔަ އެވެ. އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސުވާލު އުފެއްދެވީ، ވެބްސައިޓްގައި އާންމުކުރި އަމުރުގެ ސައްހަކަމާ މެދުގަ އެވެ. އެ ސުވާލު އުފެއްދެވުމުން، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވާފައިވާ އަމުރު ވެސް، އެންމެ ފަހުން، ވެބްސައިޓްގައި އާންމުކުރި އެވެ. އެކަމަކު އެ އަމުރަށް އަމަލްކުރުމުގެ ބަދަލުގައި، ރައީސް އަބްދުﷲ ޔާމީން ހިޔާރުކުރެއްވީ ކުއްލި ނުރައްކަލުގެ ހާލަތެވެ.

"އަމުރު ތަންފީޒު ކުރުމުގައި އޭޖީ، ޕީޖީގެ ސީދާ ދައުރެއް ނޯންނާނެ. އަމުރު ތަންފީޒު ކުރުމުގައި ބަލަންޖެހޭ ޑިއު ޕްރޮސެސްއަކީ އަމުރުގައިވާ ގޮތަށް އަމަލު ކުރުން. ގާނޫނު ބުނަނީ އަމުރު ރައްދުވާ ކޮންމެ ފަރާތެއްގެ މައްޗަށް އެ ތަންފީޒު ކުރުން ލާޒިމް ކަމެއް."

އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު

ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް ދިގު މުއްދަތުގެ ޖަލު ހުކުންތައް އޮތީ އައިސްފަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ގާސިމްގެ މައްޗަށް ވެސް އޮތީ ހުކުމެއް އިއްވައިފަ އެވެ. އެކަމަކު ނަޝީދާއި ގާސިމް، ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ގޮތަށް އުޅުއްވީ އަރުވާލެއްވިގެންނެވެ.

އެ ހުރިހާ ބޭފުޅުން މިނިވަންކުރަން ސުޕްރީމް ކޯޓުން އަމުރުކުރީ އެ ބޭފުޅުންގެ މައްޗަށް ހިންގާފައިވާ ޝަރީއަތްތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާއިރު، އެއީ އަލުން ގޮތެއް ނިންމަން ޖެހޭ ކަންތައްތަކަށް ވާތީ ކަމަށް ބުނެ އެވެ. އެކަމަކު އެންމެ މަތީ ކޯޓުގެ އަމުރަށް ތަބާއަވުމުގެ ބަދަލުގައި ޔާމީން ފެބްރުއަރީ 5 ގައި އިއުލާންކުރެއްވީ ކުއްލި ނުރައްކަލުގެ ހާލަތެވެ. އަދި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ސިފައިން އެތެރެއަށް ވަދެ، އެތަނުގައި އޭރު ތިއްބެވި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު، ފުލުހުންނާ ހަވާލުކުރި އެވެ.

"އަޅުގަނޑަކީ ޒުވާނެއް ނޫން. މި ވޭތުވެދިޔަ ފަސް ދުވަހު ހަ ގަޑިއިރުގެ ނިދި އަޅުގަނޑަކަށް ނުލިބޭނެ. ހަގީގަތުގައި ވެސް އަޅުގަނޑު ވަރުބަލި ވެއްޖެ."

ރައީސް ޔާމީން

ކުރީގެ ރައީސް މައުމޫން ހައްޔަރުކުރީ އެމަނިކުފާނު ދިރިއުޅުއްވާ ގޭގައި ހުންނަވަނިކޮށެވެ. ޔާމީން ވަރުބަލިފުޅު ވެއްޖެ ކަމަށް އެ ވިދާޅުވީ، ވޭތުވެދިޔަ ފަސް ދުވަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ސުޕްރީމް ކޯޓުގެ ހުކުމަށް ގޮންޖަހަން، ފުލުހުންނާއި ސިފައިންނަށް ވިސްނައިދޭން ކުރެއްވި މަސައްކަތްތަކާ ގުޅިގެންނެވެ.

އޮޑިވެރިޔާ

02 ފެބުރުއަރީ 2018 04:38

މި ގައުމުގަ ގާނޫނަކީ ކުޅޭކުޅޭ އެއްޗެއް. ކުރިން ކުރި އަމުރެއް ކުއްލިއަކަށް ބާތިލްކުރުމުން ކުރުމުން ފުރަތަމާއި ނުންވެސް އެ އަމުރު ނެރުނު ބައަކާއި މެދު ސުވާލު އުފެދޭ. ޖުޑީޝިއަރީ އަކީ ވިކި ނިމިފަ ވާތަނެއްކަން މީގެން މި އެނގެނީ. އެއިރަށްގަ އެމީހުންނަށް ފައިދާ ހުރި ގޮތަކަށް އަމުރު ނެރޭނެ ކަން މީގެ އިނގެނީ. ކޮންމެހެން އިންސާފާއި ހަމަހަމަ ކަމާއި ރޫލް އޮފް ލޯ އަށް ތަބާނުވާނެކަން މީގެން އިނގެނީ