#ރިޔާސީ އިންތިހާބް

11
ޖޫން

ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިނުގަންނަވަން ރައީސް ނަޝީދު ނިންމެވުން

ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 13 އަހަރުގެ ޖަލުގެ ހުކުމެއްގައި ހުންނެވިޔަސް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވައިގެން ހުންނެވި ކުރީގެ ރައީސް ނަޝީދުގެ ނިންމެވުން ބަދަލުކުރެއްވީ އެ ފުރުސަތު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނުދޭނެކަން ޔަގީންވުމުންނެވެ. އަދި އެއީ ޔާމީނާ ދެކޮޅަށް އުފެދިފައި އޮތް އިދިކޮޅު އިއްތިހާދުން ރިޔާސީ އިންތިހާބުގެ މަސައްކަތް، އެހެން ކެންޑިޑޭޓަކާ އެކު ކުރިއަށް ގެންދަން ދެއްވި ފުރުސަތެއް ވެސް މެ އެވެ.

އިލެކްޝަންސް ކޮމިޝަނާއި ސަރުކާރުން ދެކޮޅު ހަދަހަދާ ހުއްޓާ ވެސް އެމްޑީޕީން ޕްރައިމަރީއެއް ބާއްވައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް، އޭރު އަރުވާލެވިގެން ބޭރުގައި ހުންނެވި، ނަޝީދު ހަމަޖެއްސި އެވެ. އެކަމަކު ޔާމީން ވެރިކަމުގައި ހުންނަވައިގެން އެ ފުރުސަތު ނުދެއްވާނެކަން އެންމެންނަށް ވެސް ޔަގީނެވެ. އެހެންކަމުން އެންމެ ފަހުން، އިދިކޮޅު އިއްތިހާދުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި، ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ނުދީފި ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ނުހުރެދާނެތީ އެގޮތަށް ނިންމެވީ ކަމަށެވެ. ރަސްމީކޮށް އެ ނިންމުން ނަޝީދު އިއުލާންކުރެއްވީ ޖޫން 30 ގައި، އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގަ އެވެ.

"ވަގުތާއި ހާލަތަށް ބައްލަވައި މިއަދުގެ ތިޔަ ނިންމެވުމަކީ ހަގީގަތުގައި ވެސް ވަރަށް ހިތްވަރުގަދަ ނިންމެވުމެއް. ރައީސް [ނަޝީދު] ގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއި އޭގެ ފަހުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާ ފެށުނީއްސުރެ ވެވަޑައިގެންނެވި ގުރުބާނީ އާއި އަދި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް ރައީސް ގެންގުޅުއްވާ ވިސްނުންފުޅަށްޓަކައި އަމަލީ ސިފަ ގެންނެވުމަށް ރައީސަށް އެ ފުރުސަތު ހައްގުކަން އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން."

އަހުމަދު މަހުލޫފް

ރީނދޫލަޝްކަރު

29 ޖޫން 2018 12:07

ލޯބިވާ ރައީސް ނަޝީދު އެވެ... މަނިކުފާނު ތިޔަ ނިންމެވި ނިންމެވުމަށް އަޅުގަނޑުމެން ހިތުގެ އެންމެ ފުންމިނުން އިޙުތިރާމް ކުރަމެވެ.. މަނިކުފާނު ދެއްކެވި ކެންޑިޑޭޓްއަށް ވޯޓްލުމަށް ރީނދޫލަޝްކަރު ދާނީ ހިނީގެލަޝްކަރު އޭގެ ހޮރަށްދާގޮތަށް އެކަކު އަނެކަކާ ސަލާމްކުރަމުން ހިތްވަރާއި ޖޯޝްގައި މިވެރިކަން ބަދަލްކުރުމުގެ ޢަޒުމްގައެވެ..ﷲގެ ވާގިފުޅާއިއެކު މިވެރިކަން އެއްބުރުން ބަދަލްކުރާނަމެވެ.. ޔާﷲ.. އަނިޔާވެރިވެރިންގެ މައްޗަށް އަޅަމެންނަށް ނަސްރުދެއްވަވާފާދޭނވެ...އާމީން..