#ރިޔާސީ އިންތިހާބް

12
ޖޫން

އުކުޅަހުގައި އިބޫއަށް ރިޔާސީ ކެންޑިޑޭޓްކަން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޓެރަރިޒަމް ހުކުމެއް އިއްވާފައި އޮތަސް އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓަކަށް އެ ޕާޓީގެ ޕްރައިމަރީން އެމަނިކުފާނު ހޮވި އެވެ. އެކަމަކު އިންތިހާބަށް ކުޑަތަން ވަމުން އައި އިރު ވެސް ނަޝީދަށް އެއްވެސް ފުރުސަތެއް ނެތްކަން ސާބިތުވެ، އިދިކޮޅު އިއްތިހާދުން އެހެން ގޮތެއް ހޯދަން މަޝްވަރާތައް ކުރިއަށް ގެންދިޔަ އެވެ. އޭގެ ނަތީޖާއަކީ އިންތިހާބަށް ވާދަކުރެއްވުން ދޫކުރެއްވިކަން އިއުލާންކުރެއްވުމާއި އެމްޑީޕީން އާ ކެންޑިޑޭޓެއް ދެއްކުމެވެ. ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހިމެނިވަޑައިގަންނަވާ އިދިކޮޅު އިއްތިހާދުން ނިންމީ ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީން ބޭފުޅަކު ނެރުމާއި ރަނިން މޭޓުގެ ފުރުސަތު ޖޭޕީއަށް ދިނުމަށެވެ.

އެމްޑީޕީން ކެންޑިޑޭޓް ކަނޑައަޅާށާއި އަސާސީ ގަވާއިދަށް އިސްލާހު ގެންނަން އއ އުކުޅަހުގައި އެ ޕާޓީގެ 1500 މެމްބަރުން ބައިވެރިވި ކޮންގްރެސް ބޭއްވި އެވެ. އަދި އެ ކޮންގްރެސްގެ އެންމެ ފަހު ކަމަކަށް ނިންމީ ހިންނަވރު ދައިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބުގެ ޓިކެޓް ދިނުމަށެވެ. މިއީ އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކާ މެދު ކުރިންސުރެ އޮތް ސުވާލުތަކަށް ސާފު ޖަވާބެއް ލިބުނު ދުވަހެވެ.

"އުކުޅަހު ރައްޔިތުން ވެސް އަޅުގަނޑުމެންގެ ގާތުގައި ބުނީ މާރިޔާއޭ، ވޯޓުފޮށި ދޭށޭ، ވޯޓު އަޅާ އަޅާ، ރައީސް ޔާމީން ބަލިކުރާނަމޭ."

މައްޗަށް ގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ