#ސިނަމާލެ ބްރިޖް

15
އޮގަސްޓް

ސިނަމާލެ ބްރިޖް ރަސްމީކޮށް ހުޅުވުން

މިއީ ރާއްޖޭގެ ތާރީޚު އޭގެ ކުރިން ނުދެކޭ ފަދަ ތަރައްގީއެއްގެ ބޭނުން ދިވެހިން ހިފަން ފެށި ދުވަހެވެ. ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހޭދަކޮށްގެން ޗައިނާގެ އެހީގައި، މާލެ އާއި ހުޅުލެ ގުޅުވާލި "ސިނަމާލެ" ބްރިޖް، ދަތުރުފަތުރަށް ހުޅުވާލުމާ އެކު އެތައް ހާސް ބަޔަކު ފުރަތަމަ ފަހަރަށް މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު އެއްގަމު ވެހިކަލްގައި ދަތުރުކުރި އެވެ. މިއީ ކަނޑު ހުރަސްކޮށް ރާއްޖޭގައި އެޅި ފުރަތަމަ ބްރިޖެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ ހަނދާންތައް އެތައް އަހަރަކަށް ދެމިގެންދާނެ ތަރައްގީއެކެވެ.

ރިޔާސީ އިންތިހާބަށް ދެ ހަފުތާއަށް ވެފައި ވަނިކޮށް ސިނަމާލެ ބްރިޖް ހުޅުވައި ރައީސް ޔާމީން ދެއްކެވީ އެމަނިކުފާނުގެ ވެރިކަމުގެ ޒަމާނީ ތަރައްގީ އެވެ. ބްރިޖާ އެކު މާލޭގެ ބޮޑު ތަކުރުފާނު މަގަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. އަދި ހުޅުލެއިން ފެށިގެން ހުޅުމާލެއާ ދެމެދު ލިންކް ރޯޑެއް ވެސް ހެދި އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖެއް އެޅުމުގެ ހުވަފެން އޭގެ ކުރީގެ ސަރުކާރުތަކުން ވެސް ދެއްކި އެވެ. އެކަމަކު އަމަލީ އެއްވެސް ސިފައެއް ނުގެނެވުނެވެ. އެކަމަކު ޗައިނާއާ އެކު ރައީސް ޔާމީންގެ ސަރުކާރުން ހާއްސަ ގުޅުމެއް އުފެއްދުމާ އެކު، ބްރިޖް އަޅާ ނިންމީ އެންމެ ތިން އަހަރު ދުވަހުގެ ތެރޭގަ އެވެ.

"ތަރައްގީގެ ރޭހުގައި އަޅުގަނޑުމެން މި ބޭނުން ކުރަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މުޖުތަމައުތަކުގައި ބޭނުންކުރާ ފަދަ ތަރައްގީގެ އާލާތްތައް."

ރައީސް އަބްދުﷲ ޔާމީން