#ރައީސް ޔާމީން

16
ސެޕްޓެމްބަރު

ބޯ ވާރޭގެ ތެރޭގައި ރައީސް ޔާމީންގެ ފަހުގެ އާދޭސް

މިދިއަ ފަސް އަހަރު ރައީސް ޔާމީން ފެނުނީ ބާރުގަދަ، އެހެން މީހެއްގެ ކައިރީގައި އާދޭސް ދަންނަވަން ޖެހިވަޑައިނުގަންނަވާ، ހުރިހާ ކަމެއްގައި ވެސް ސިޔާސީ ވާދަވެރިންނަށް ވުރެ ކުރީގައި އުޅުއްވަނިކޮށެވެ. ނަމަވެސް އެއީ އަދި ހަގީގީ ދުނިޔެއެއް ނޫންކަން ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ އެންމެ ފަހު ވަގުތުކޮޅު އެނގިވަޑައިގަތެވެ. އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުކަމާއި އިދިކޮޅު އިއްތިހާދުގެ ސަޕޯޓް ވަރުގަދަކަން އިހުސާސްކުރެއްވުނެވެ. އެހެންކަމުން، ކުރިން ދިވެހިންނަށް ފެނިފައިނުވާ މޫނުފުޅަކާއި ބަސްމަގަކާ އެކު، ކުޅުދުއްފުށީގައި ރައީސް ޔާމީން ރައްޔިތުންގެ ކިބައިން އާދޭސް ދެންނެވީ އެމަނިކުފާނަށް ވޯޓު ދެއްވުމަށެވެ. އިދިކޮޅު ފަރާތްތަކާއި ގާތް ބައެއް ބޭފުޅުން ހުރިހާ ގޮތަކުން އެމަނިކުފާނުގެ ވެރިކަން ބަދަލުކުރަން މަސައްކަތްކުރެއްވި ކަމަށް ވިދާޅުވެ، ރައްޔިތުން އެހެން ނުހެދުމަށް އެދިވަޑައިގަތެވެ. މިއީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ގިނަަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ވާހަކަފުޅެވެ.

"އަޅުގަނޑު ކައިރީގައި މަސައްކަތް ކުރި މީހުންނާ. އަޅުގަނޑުގެ ގާތް ތިމާގެ މީހުން އަޅުގަނޑުގެ ވެރިކަން ނިންމަން މަސައްކަތް ކޮށްފި. ހަންޖަރު ހަރަން މަސައްކަތްކޮށްފި. [ފިނިފެންމާ ލޯންޗް] ގޮއްވާލަން މަސައްކަތްކޮށްފި. ރައްޔިތުން އަޅުގަނޑަށް އެހެން ނުހައްދަވާ! ރައްޔިތުން އަޅުގަނޑަށް އެހެން ހައްދަވައިފިނަމަ ކީއްކުރަންތޯ މީހަކު އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވަން އުޅެންވީ؟"

ރައީސް އަބްދުﷲ ޔާމީން