#ރައީސް މައުމޫން

18
ސެޕްޓެމްބަރު

ރައީސް މައުމޫން އެންމެ ފަހުން މިނިވަން

ޖަލުގަ އާއި ހުކުމުގައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަންކުރަން ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެވަޑައިގެންނެވި އެއް ބޭފުޅަކީ ކުރީގެ ރައީސް މައުމޫން އެވެ. އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީނަށް، ސިޔާސީ މައިދާނުގައި ލޭގެ ގުޅުމެއް ހާއްސައެއް ނުވި އެވެ. އޭރުގެ އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމުގެ އިތުރުން ސުޕްރީމް ދެން ހައްޔަރުކުރީ މައުމޫނެވެ. އޭގެ ފަހުން ފުލުހުންގެ ތަހުގީގަށް ފޯން ނުދެއްވި ކަމަށް ބުނެ އުފުލި ދައުވާގައި އެއް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭގެ ފަހުން، ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވަންދެން މައުމޫން ހުންނެވީ ޖަލު ހުކުމުގަ އެވެ. އެންމެ އިންތިހާބު ނިމުނުތާ ހަފުތާއެއްގެ ތެރޭގައި މައުމޫން ޖަލުން ދޫކޮށްލި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން މުޅި ގައުމަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ގާތްގަނޑަކަށް 37،000 ވޯޓުގެ ތަފާތަކުން އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބުކުރެއްވި އިރު އެއީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި އެންމެ މައްސަލަ ކުޑަ އިންތިހާބު ވެސް މެ އެވެ. އެކަމަކު ރައީސް ޔާމީން ސުޕްރީމް ކޯޓަށް ވަޑައިގަތުމުން ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދުނެވެ.

ސުޕްރީމް ކޯޓުން ޔާމީނަށް ނާމިޔާބުވެވަޑައިގަތުމަކީ، ރާއްޖޭގެ ހުރިހާ ކޯޓެއް އެމަނިކުފާނުގެ "މުށުތެރޭގައި" އޮވެ ހޭދަވި ފަސް އަހަރަށް ނިމުން އައުމެވެ.

"މައުމޫންގެ އުމުރުފުޅަށް ބެލި ކަމުގައިވިޔަސް، ބަލި ހާލަތަށް ބެލި ކަމުގައިވިޔަސް، ގައުމަށް ކޮށްދެއްވާފައި ހުރި ހިދުމަތަށް ބެލިޔަސް ވެސް އެންމެ ފުރަތަމަ މިނިވަންވުމަށް ނުވަތަ އާއިލާއާ ގާތަށް އާދެވެން ވާނެ ބޭފުޅަކީ ރައީސް މައުމޫން."

އަހުމަދު މަހުލޫފް