#ސުޕްރީމް ކޯޓު

19
ނޮވެމްބަރު

ސުޕްރީމް ކޯޓުން ވެސް ޔާމީނަށް ނާކާމިޔާބު!

ރައީސް ޔާމީނަކީ ނާކާމިޔާބު ގަބޫލުފުޅުކުރައްވަން އުނދަގޫ ބޭފުޅެކެވެ. ސެޕްޓެމްބަރު 23 ގައި އޮތް އިންތިހާބުގެ ނަތީޖާ ބަލައިގަންނަވާ ކަމަށް ރައްޔިތުންގެ ކުރިމަތީގައި އިއުލާންކުރެއްވުމުގެ އިތުރުން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްކަދު ސޯލިހަށް، ސެޕްޓެމްބަރު 24 ގައި، ރައީސް ޔާމީން މަރުހަބާ ވެސް ވިދާޅުވި އެވެ. އެކަމަކު އޭގެ ހަފުތާއެއް ފަހުން، ވޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައި، އެންމެ ފަހުން މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށައެޅުއްވީ އެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ތުހުމަތުކުރި ކަންކަމުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕްކުރިއިރު ފާހަގަ ފޮހެވޭ ކެމިކަލެއް ބޭންކުރުމާއި، ދެލި ފޮހެވޭ ގަލެއް ބޭނުންކުރުމާއި ފާހަގަ ޖެހޭ އަނގޮޓިތަކެއް އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރުން ހިމެނެ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ އެއިން އެއްވެސް ކަމެއް ހިނގިކަމުގެ ހެކި ދެއްކިފައި ނެތް ކަމަށާއި އެއިން ކޮންމެ ކަމެއް ސާބިތުކޮށްދިނުމަކީ މައްސަލަ ހުށައެޅި ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން މުޅި ގައުމަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ގާތްގަނޑަކަށް 37،000 ވޯޓުގެ ތަފާތަކުން އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބުކުރެއްވި އިރު އެއީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި އެންމެ މައްސަލަ ކުޑަ އިންތިހާބު ވެސް މެ އެވެ. އެކަމަކު ރައީސް ޔާމީން ސުޕްރީމް ކޯޓަށް ވަޑައިގަތުމުން ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދުނެވެ.

ސުޕްރީމް ކޯޓުން ޔާމީނަށް ނާމިޔާބުވެވަޑައިގަތުމަކީ، ރާއްޖޭގެ ހުރިހާ ކޯޓެއް އެމަނިކުފާނުގެ "މުށުތެރޭގައި" އޮވެ ހޭދަވި ފަސް އަހަރަށް ނިމުން އައުމެވެ.

"އިންތިޚާބު ބާތިލްކޮށް، އަލުން އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް."

އުއްތަމަފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ