#މަސްވެރިކަން

6
އެޕްރީލް

ބަރުދަނަކީ 231 ކިލޯ، މިއީ ރާއްޖޭގައި ބޭނި އެންމެ ބޮޑު ކަންނެލި

ރާއްޖޭގެ މަސްވެރިކަމުގައި ކަންނެއްޔަކީ މިހާރު ބޮޑު އާމްދަނީއެއް ލިބޭ އެކްސްޕޯޓް މުދަލެކެވެ. ކަންނެލީގެ މަސްވެރިކަމުގައި ގިނަ އުޅަނދުތަކެއް ހަރަކާތްތެރިވާ އިރު އާންމުކޮށް ރާއްޖޭގައި ބާނާއުޅެނީ 80 ކިލޯއަށް ވުރެ ލުއި ކަންނެއްޔެވެ. އެކަމަކު އެޕްރީލް މަހު، ރާއްޖޭގައި ހުއްދަ ލިބިގެން މަސްވެރިކަން ކުރި ބޯޓެއްގެ ތައިވާން ފަޅުވެރިން ބޭނި ރީނދޫ އުރަހަ ކަންނެއްޔަކީ އާންމުކޮށް ބޭނޭ އެއްޗެއް ވެސް ނޫނެވެ. އޭގެ ބަރުދަން 231 ކިލޯއަށް އަރަ އެވެ.

ރާއްޖޭގެ މެރިން ރިސާޗު ސެންޓަރުން ވެސް ބުނެފައި ވަނީ އެ ބަރުދަނުގެ ކަންނެއްޔެއް ރާއްޖޭގައި ބޭނިކަމުގެ މައުލޫމާތު އޭގެ ކުރިން ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން 231 ކިލޯއަކީ ރާއްޖޭގައި މިހާތަނަށް ބޭނި އެންމެ ބަރު އަދި އެންމެ ބިޔަ މަހަށް އެވަނީ ވެފަ އެވެ.