މިހާރު ލައިޓް

ކުރު ވާހަކަ: ބޮޑުޝީނުގެ ޝުންޕާކަން

ގަސަމްގެ ހަޔާތަށް އައިސް ގޮސްވީ އަންހެން ކުދިންގެ ލިސްޓެއް ލިޔާއިރު، އޭނާ އަށް ބޮޑުޝީނާއި ސީނު އޮޅެނީކީއެއް ނޫނެވެ. ހަމަ އަސްލަށް ވެސް، އެއީ މުޅިން ވެސް ބޮޑުޝީނުގެ އަހުލުވެރިންނެވެ. މިޝާލަކަށް ސަފީނާ އެވެ. ނޫނެކެވެ. މިސާލަކަށް -- ޝަފީނާ އެވެ. އެސްފީނާއެއް ނޫނެވެ. ޝާނާ އާއި ޝަނާ އެވެ. ކިޔާ ސަނާއެއް ނޫނެވެ. އަދި ޝިފާ އެވެ. އެކަމަކު ބޮޑުޝީނަކީ ދުވަހަކު ވެސް ޝިފާއެއް ނޫނެވެ. ނަމަވެސް ހަޔާތުގެ ބައިވެރިއެއް ހޯދުމުގެ ދަތުރުގައި ޖެހިފައިވާ 'ބަދުނަޝީބު' މުސީބާތެއްގެ ސިފައެކެވެ. ގަސަމް ގަބޫލުކުރީ މިހެންނެވެ.

އެކަމަކު މި ބޮޑުޝީނަކާ އެކު ފުރާޅަށް ބުޅާ އަރައި އޭނާގެ ލޮލާއި ބޮލާއި ދުލުގައި ދޫފުރޮޅިއެއްހެން އަޅައިގަތީ އެ އަދަދު ގޮސް ދޮޅަހަކާ ގާތްވި ފަހުންނެވެ. ކޮންމެވެސް މީހަކު އެކަން ފާހަގަކޮށް، ވަރަށް ޝާފުކޮށް، ވަރަށް ޝާޕުކޮށް 'ޝިފަ' ކޮށްދިން ހިސާބުންނެވެ.

"ކަލޭ އަނެއްކާ ސީނާއި ޝީނު އޮޅުވާލަނީއެއް ނޫންތަ؟،" އެއީ ޝަމްސިއްޔާ އެވެ.

އެ މީހުން ތިބީ ވިހަ ދުމާއި ދުންފަތާއި ޝީޝާއި ޝީނާއި ސީނާއި ވޭޕާއި ކޮފީގެ ވަސްގަނޑު މަސްހުނިވެ އެއްވަސް ކޮށްލާފައި އޮތް 'ކޮފީޝްޓޭޓް' ގެ މަތީގަ އެވެ.

"އަހަރެން ލިޔާއިރު ދުވަހަކު ވެސް ޝީނާއި ސީނެއް ނޯޅޭ. ވާހަކަ ދައްކާއިރު ސީނާއި ޝީނު މަށަށް އޮޅިދާނެހެން ކަލެއަށް ހީވަނީތަ؟،" ގަހުވަ ކުނޑީގެ އަޅިކެނޑި އަށް ބަޓުބުރި ނިއްވާލުމަށް ފަހު، ގަސަމް ފަސް ވަނަ ފަހަރަށް ރޯކޮށްލި އެވެ.

"މަށަށް ކިޔަނީ ވެސް ގަޝަމެއް ނޫނެއްނުން. ގަސަމޭ ދޯ."

ޝަމްސިއްޔާ އެ އިނީ ސްޓްރޯބެރީ ކިވީ ފްލެވާގެ ދުންގަނޑެއްގެ ތެރޭގަ އެވެ. އެ މީހުން ތިބީ ބެލްކަނީގެ ރެއިލިންއާ ޖެހިގެން ހުރި މޭޒެއް ކައިރީގައެވެ. އެނބުރެމުން ސެނބުރެމުން ގޮސް އެތަނަށް އަރައި އޮތް މަނީޕްލާންޓް ވެސް އޮތީ އެ ދެ މީހުންގެ އޮލަ ވާހަކައިގައި ޖެހި ފިތިފައެވެ. ވިހަ ދުމާއި ދުންފަތުން ކޮށިއަރައި ބުރާންތި އަރައިފަ އެވެ.

"ކަލޭ އަޅެ ޝަމްސީ ކިޔާބަ،" ހިޔާލުތަކެއްގެ ތެރެއިން ކުއްލިއަކަށް ނުކުމެ ޝަމްސިއްޔާ މިހެން ބުނެލީ ހަމަ އެއްގޮތަކަށް ވެސް ސަމާސާއަކަށް ނޫނެވެ.

ތަން އޮލަވެފައި އޮތް ދުމަށް ވުރެ ގަދަ އަށް ގަސަމްގެ ބޮލުން ދުންއަރައިގަތުމުން އެކަންވީ ޝަމްސިއްޔާ އަށް ވަރަށް މަޖާ ކަމަކަށެވެ.

"ލެންގުއޭޖު ތެރަޕިސްޓެއް ކައިރިއަށް ދާންވީނުން ޓެސްޓްކޮށްލަން އަޅެ. ވެދާނެއެއްނުން ޝީނަކީ އަހަރެން އެކަނި ކަމަށް. ދެން ތިބީ ހުސް ސީނު ކަމަށް ވެސް. ސީނުން ފެށެނީ ސުވަރު އެކަންޏޯ،" މިހެން ބުނެފައި ގަސަމްގެ މޫނަށް ޝަމްސިއްޔާ ޖަހާލީ އޭނާގެ މަލާމާތާއި ސަމާސާއިން ހެޔޮވަރުކޮށްފައިވީ ދުންގަނޑެކެވެ.

"ޝީނުން ޝޭކްސްޕެއާ އިން ލަވް"

ޝަމްސިއްޔާ ބަލަހައްޓައިގެން ހުރީ އޭނާއާ ދިމާލަށް ހުއްޓިފައިވީ ގަސަމްގެ ނޫކަށިފުރައިގެ ދެ ކަޅިއަށެވެ.

ޝަމްސިއްޔާ އަކީ ދެބައިންބާވެފައި ހުރި ހަތަރު ކުދިންގެ މަންމައެކެވެ. ތިންފަށްވެ ކައިވެނީގެ ދިރިއުޅުމަށް ފޫހިވެ އަމިއްލަ ދިރިއުޅުމާއި ހާލަތުން ބުމަގޮށްޖަހައިގެން ހުރި އެކަނިވެރި މައެކެވެ. އެކަމަކު ޓިންޑާގައި މުގޯލިއަޅައިގެން އުޅެނިކޮށް އެއް ދުވަހެއްގެ ފަތިހު ބައްދަލުވި ފަތިސްތަރިއަކުން ދިރިއުޅުމުގެ ފޫހިކަން އެއްކޮށް ފޮޅާލައި މުޅިން އައުގޮތަކަށް އެ ދަތުރަށް މަގު ދިއްލާފައިވާ މުސާފިރެކެވެ.

ނަމަވެސް މި ވާހަކައިގެ ޕްރޮޓޭގަނިސްޓަކީ ޝަމްސިއްޔާއެއް ނޫނެވެ. ޝަމްސިއްޔާ އަކީ ތަނުއެޅިކުނަލެކެވެ. މި ވާހަކައިގެ ޕްރޮޓޭގަނިސްޓަކީ އިއްތިފާގުވީ މި ދަތުރުގައި އޭނާއާ ބައްދަލުވި އެ ފަތިސްތަރި ގަސަމެވެ. އަދި ޝަމްސީ އަކީ ހަޔާތުގެ މި އަޖާއިބުކުރުވަނިވި އިއްތިފާގުގައި ގަސަމާ ބައްދަލުވި ވަގުތީ ބޮޑުޝީނެކެވެ.

އެކަމަކު ބޮޑުޝީނު ބަދުނަސީބަކަށް ނުވަތަ ސުންޕާވެރިކަމަކަށް ވެދާނެ ކަމަށް ގަސަމް އޭރު ގަބޫލެއް ނުކުރެއެވެ. ނުވަތަ އެފަދަ ވިސްނުމެއް އޭނާގެ ކޮށި ސިކުނޑިއަކަށް ވަދެފައި ވެސް ނެތެވެ. ނަމަވެސް ހަގީގަތަކީ މިއެވެ. ބޮޑުޝީނަކީ ދިވެހި އަކުރުތަކުގެ ތެރޭގައި ވެސް ބީރައްޓެއްސެކެވެ. އަދި ލޯބީގެ ވަގުތީ ދުނިޔެއަކަށް ގަސަމް ގޮވައިގެން ގެންދިޔަ އެ ހުރިހާ އަންހެން ކުދިންނަކީ ވެސް އާޚިރުގައި މުޅިން ވެސް ބީރައްޓެހިންނެވެ.

ޝަމްސިއްޔާ އަށް ފަހު ޝިފާނާ އެވެ. ޝިފާނާ އަށް ފަހު ޝިފާޒާއެވެ. ޝަހުލާއި ޝައިނާއި ޝައިހާ އެވެ. އެހެން އަކުރަކުން ފެށޭ ބިޓެއް ހަމަ ސެޓު ވެސް ނުވަނީ އެވެ. ބިއްލާހި ތެދެކެވެ. މިސާލަކަށް ލައިޝާ އެވެ. މައިޝާ އެވެ. އައިޝާ އެވެ. މަލީޝާ އެވެ. ހިތުލައިގެން ގޮސް އެ ފަކީރު ހަނާވެ ނިމުނުއިރު ވެސް ސެޓުނުވި އެހެން އަކުރުތަކުން ފެށޭ އެތައް ނަމަކުން މިއީ އަދި ދެ ތިން ނަމެކެވެ. އެކަމަކު ބަލާލަބަލާށެވެ. އެ ނަންތައް ވެސް ގޮސް ނިމެނީ ބޮޑު ޝީނަކަށެވެ.

މި ދުއްޕާނަކާ އެކު ގަސަމްގެ ހިތުގައި އެންމެފަހުން ދުންގަންނަން ފެށީ ސުވާލަކަށް ފަހު ސުވާލަކުންނެވެ.

"އަހަރެންގެ ހަޔާތުގައި ބޮޑުޝީނު މިވަރަށް ހާއްސަވީ ކީއްވެގެން ހެއްޔެވެ؟"

"އަހަރެންގެ ހަޔާތުގައި ބޮޑުޝީނަކީ ކޮން ސުންޕާވެރިކަމެއްގެ އަލާމާތެއް ހެއްޔެވެ؟"

"އަހަރެންގެ ހަޔާތް ޖަހައިގެން ބޮޑުޝީނު މި ގެންދަނީ ކޮންތާކަށް ހެއްޔެވެ؟"

މި ސުވާލުތައް ގަސަމްގެ ބޮލުތެރޭގައި ފުނިޖެހި ބޮކިޖަހަން ފެށީ ދެ ބައިއުމުރުން މައްޗަށް ދިޔަ ފަހުންނެވެ. ހަގީގަތުގައި ވެސް ބޮޑުޝީނަކީ ސުންޕާވެރިކަމެއް ކަމަށް ގަބޫލުކުރެވެން ފެށީ ޖަޒުބާތުތަކަށް ތަސައްލީއެއް ނުލިބި ދިގުލައިގެން ދިޔަ އެކަނިވެރި ހަޔާތުގެ އަނދިރިކަމަށް އޭނާ ވަދެ ގެއްލެން ފެށި ހިސާބުންނެވެ.

ހިތާއި ހިތުގެ ގުޅުމެއް ކަށަވަރުވުމުގެ ނަސީބެއް ނެތްކަން އިހުސާސުވާން ފެށި ހިސާބުންނެވެ. ހިތާއި ހިތުގެ ގުޅުމެއް ފައްކާކުރުމުގެ ގާބިލުކަން ހިތުގައި ނެތްކަން އިހުސާސުވާން ފެށި ހިސާބުންނެވެ. ދެ ވަނަ އެހެން ނަފުސެއް ދެކެ ލޯބިވާން ދަސްނުވި ހިސާބުންނެވެ. ލޯތްބާއި ކުލުނާއި އަޅާލުމަކީ ކޮބައިކަން އޭނާގެ ހިތާއި ސިކުނޑިއަށް އޮޅެން ފެށި ހިސާބުންނެވެ.

"އެކަމަކު ކީއްވެގެން ހެއްޔެވެ؟"

މި އަރަތާ މެދު ވިސްނި ވަރަކަށް ގަސަމް ޖަހައިގެން ގެންދިޔައީ އޭނާގެ ކުޑައިރުގެ ހަނދާންތަކަށެވެ. ށ. ކަނޑިތީމުގެ ކަނޑޫފަލާއި ކާނިވަލާއި އަސްދޫނި ފެންގަނޑުގެ ފިނިކަމުގެ ތެރެއަށެވެ. އެ ހިޔަލާއި ހިޔަންޏާއި ފިނިކަމުގެ ތެރޭގައި އޭނާ ހީފިލުވައިދިން ޝަރީފާގެ ހަނދާންތަކަށެވެ.

މާނަކުރަން ނޭނގޭ ކުޑަކުއްޖެއްގެ ގޮތުގައި ވަނިކޮށް ދެބައިއުމުރުގެ އަންހެނަކު އޭނާ ގޮވައިގެން ގޮސް ވެއްދި އަނދިރި ދުނިޔޭގެ ހަނދާންތަކަށެވެ. އެ ވަލަށް ވަދެ ގެއްލުނު ގޮތަށް ފުރާވަރުގެ މައުސޫމް އެ ހިތް ނިވުނީ އެވެ.

އެއަށް ފަހު އަލިވިލުނު ދުނިޔޭގައި ގަސަމްގެ ނަން އޮތީ އަބަދުވެސް އެންމެ ފުލުގައެވެ. ކްލާހުގައި އޭނާ އިނީ އެންމެ ފަހަތުގައެވެ. އެސެމްބްލީގެ އެންމެ ފަހަތުގައެވެ. ގްރޭޑުގައި ވެސް އެ ނަން އޮތީ އެންމެ ފުލުގައެވެ. ހަނގާކޮށް އަނިޔާކޮށް ބާކީކޮށް ކަނެއްގައެވެ. އަދި ކިތަންމެ ގިނަ ބަޔަކާ އެކުގައިވިޔަސް އަބަދުވެސް އެކަންޏެވެ. އޭނާގެ މި އެކަނިވެރި ދިރިއުޅުމުން ފާހަގަވި ހަމައެކަނި ހުނަރަކީ ޅެންވެރިކަމެވެ. އުތުރި އަރަމުން ދިޔަ ޖަޒުބާތުތަކުން ގަތައި ފުރަމުން ގެންދިޔަ ކުދި ނޯޓުފޮތްތަކެވެ.

ނަމަވެސް އެ ފޮތްތަކުގައި އޭނާ ފޮރުވި ސިއްރުތައް ފޯވެ ކުދިކުދިވެގެން ގޮސް ފޮރުވިފައި ވަނީ ރަށުގެ އަސްދޫނިފެންގަނޑުގެ މަޑުގަނޑުގެ ތެރޭގައެވެ. މާލެ އަށް ފުރަން ތައްޔާރުވެފައި އޮތް އޮޑިއަށް ގޮސް އޭނާ އެރީ އެ ހުރިހާ ފޮތްތަކެއް ވީދައި ކުދިކޮށް އަސްދޫނިފެންގަނޑަށް ބުރުވާލުމަށް ފަހު އެވެ. އޭނާގެ އިހުސާސްތައް ގަތައި ދިން އަކުރުތަކުން ފިލިތައް ވަކިވެ ފެނުއަޑިއަށް ގެނބި ގެއްލުމުންނެވެ.

އޭގެ ފަހުން އެކާވީސް އަހަރުވީ އެވެ. ދިރިއުޅުމުގެ ދަތުރުގައި މާކަނޑަށް އާދެވިފައިވިޔަސް ގަސަމަށް އަދިވެސް އެކަން ހަމަ އެއްވެސް ވަރަކަށް އިހުސާސުނުވާ ކަހަލަ އެވެ. ދިރިއުޅުމަކީ ކޮބައިކަމާއި ހުވަފެނަކީ ކޮބައިކަން އަދި ހަޔާތެއްގެ މަގުސަދަކީ ކޮބައިކަން ވެސް ފަހުމުނުވާ ކަހަލަ އެވެ. ހުވަފެނަކާއި މަގުސަދެއް އޭނާގެ ދިރިއުޅުމުގައި ނުވެސް ނެތް ފަދަ އެވެ.

އެކަން އެންމެ ބޮޑަށް އޭނާ އަށް އިހުސާސްވާން ފެށީ ލިޔުންތެރިކަމުގެ ދަތުރުގައި ނޫސްވެރިކަމުން ފަށައިގެން ތަފާތު އެކި ޝަހުސިއްޔަތުގެ އެކި ވަރުވަރުގެ ކާމިޔާބު މީހުންނާ އިންޓަވިއުކޮށް އެމީހުންގެ ވާހަކަތައް ލިޔަން ފެށި ހިސާބުންނެވެ. އެ އެންމެން ވެސް އެ ހިސާބަށް ގެންގޮސްދިނީ އެމީހުން ބެލި ހުވަފެންތަކެވެ. އެމީހުންގެ ދިރިއުޅުން ތަރުތީބުކުރުވި މަގުސަދެވެ. ދިރިއުޅުމުގެ އެ ދަތުރު އެމީހުން ތަޖުރިބާކުރި ގޮތާއި ތަރުޖަމާކުރިގޮތެވެ.

އެކަމަކު ގަސަމްގެ ދިރިއުޅުމުގައިވީ ނުވަތަ ވާ މާނަ އަކީ ކޮބައި ހެއްޔެވެ؟ ހަޔާތުގެ މި ދަތުރުގައި ގަސަމްގެ އަމާޒަކީ ކޮބައި ހެއްޔެވެ؟ ބޮޑުޝީނު ފިޔަވައި އެހެން އަކުރަކަށް، އެހެން ލަފުޒަކަށް އަދި އެހެން ޖުމްލައަކަށް ގަސަމްގެ ދިރިއުޅުމުގައި ޖާގައެއް ނެތީ ކީއްވެ ހެއްޔެވެ؟ މިއިން އެއްވެސް ސުވާލަކަށް ދޭނެ ޖަވާބެއް އޭނާގެ އަތުގައި ނެތެވެ.

މިއަދު ވެސް ގޮސް ހެވިދިލިފައި އޭނާ އެހެރީ ކޮންމެވެސް އެހެން މީހެއްގެ ކާމިޔާބީ ފާހަގަކުރާ އެއްވުމެއްގެ ތެރޭގައެވެ. ރާއްޖޭގެ ކުރީގެ ރައީސް އަދި ކުޅަދާނަ ލިޔުންތެރިޔާ މުހައްމަދު ސަމީރުގެ އައު ވާހަކަ ފޮތެއް ނެރުމަށް ބާއްވާ ސައި ހަފުލާއެއްގެ ތެރޭގަ އެވެ.

ސަމީރުގެ އައު ފޮތަކީ "ހިތުގެ ކުރިން" އެވެ. މިއީ އޭނާގެ އެންމެ މަޝްހޫރު ވާހަކަ "ހިތުގެ ގުޅުން" ގެ ޕްރިކްއެލްއެއްގެ ގޮތުގައި ލިޔެފައިވާ ފޮތެކެވެ. ސަމީރުގެ "ހިތުގެ ގުޅުމަކީ" ގަސަމްގެ ލިޔުންތެރިކަމުގެ ހަޔާތުގައި މިސްރާބެއް ނެތަސް އޭނާ އަބަދުވެސް ރިޔަލަކަށް ބޭނުންކުރި އެންމެ ކުޅަދާނަ ޕްލޮޓާއި ސަމުގާ އެވެ.

އެ ފޮތުގެ ޕްރިކްއެލް ނެރުމަށް ސީހައުސްގައި ބާއްވާ ހަފުލާ އަށް އޭނާ އައިސް އެހެރީ ސަމީރުގެ ލިޔުންތެރިކަމުގެ ދުނިޔޭގެ ޖާދޫގައި ޖެހިފައިވާ އޭނާގެ ޒަމާންވީ ވަފާތެރި ފޭނެއްގެ ގޮތުގައްޔާއި އެ ހަފުލާ ކަވަރުކުރަން 'ހަވީރު' ނޫހުން ފޮނުވި ނޫސްވެރިއެއްގެ ގޮތުގައެވެ.

ނަމަވެސް އެ ހަފުލާ ނިމިގެން ގެއަށް ދިޔަ މަގުމަތީގައި ގަސަމްގެ ހިޔާލުގައި ކުލަވަމުން ދިޔައީ ސަމީރުގެ އެ އައު ފޮތާއި އެ ފޮތުގައިވީ އާދަޔާހިލާފު ޕްލޮޓާއި އޭނާގެ މޮޅު ލިޔުންތެރިކަމެއް ނޫނެވެ. އެކަމަކު އެ ހަފުލާގެ ހަވާސާ އިން ފެނި ބައްދަލުވި ޒުވާން އަންހެން ކުއްޖަކާ ދެކެވުނު ވާހަކަތަކެކެވެ.

ގަސަމް އަށް އެ އަންހެން ކުއްޖާ ހާއްސަވި އެއް ސަބަބު ވަރަށް ވެސް ސާފެވެ. އޭނާގެ ނަމުގެ ފެށުމުގައި ވަނީ ބޮޑުޝީނެކެވެ. އޭނާ އަކީ ހޮބީއެއްގެ ގޮތުގައި ވާހަކަ ފޮތް ރިވިއުކުރާ ސޯޝަލް މީޑިއާ ބްލޮގަރެކެވެ.

އެ ޒުވާނާ ހާއްސަވި އަނެއް ސަބަބު އަދި ވަކިން ހާއްސަ އެވެ. އޭނާ އަކީ އުމުރުގެ ގޮތުން ގަސަމް އަށް ވުރެ ހަގު އަންހެނެކެވެ. އަދި މިއީ އޭނާ އަށް ވުރެ އުމުރުން ހަގު އަންހެނަކަށް ގަސަމްގެ ހިތުގައި ޝައުގުވެރިކަމެއް އުފެދުނު ފުރަތަމަ ފަހަރެވެ.

އެ ހިޔާލުތަކުގެ ތެރެއިން ދެމިގެން ގޮސް ގަސަމް ގެއަށް ވަނީ މަޑުމަޑުންނެވެ. އެކަމަކު ވަގަކު ތަނަކަށް ވަންނަ ގޮތަށް އޭނާ ގޮސް އަމިއްލަ ގެދޮރަށް ވަންނަން ޖެހޭ އޮތީ ކޮން ސަބަބެއް ހެއްޔެވެ؟

ބަދިގެ ތެރެއަށް ވެރިވެފައި އޮތް ފަނޑު އަލިކަމުގެ ތެރޭގައި މަޑުކޮށްލައިގެން ހުރި މީހަކު ގަސަމްގެ ލޮލުގައި އަޅައިގަތީ ހަމަ ކުއްލިއަކަށެވެ. އެއީ ވަރަށް ރީތިވެލައިގެން ހުރި އަންހެނެކެވެ. އަތްދަބަސް ތެރެއިން ގޫޗީ ގިލްޓީގެ ކުޑަ ސެންޓުފުޅިއެއް ނަގައި މުޅި ގަޔަށް ބުރުއްސާލައިގެން އެ އަންހެން މީހާ ބާރުބާރަކަށް ނުކުމެގެން ދިޔައީ ގަސަމާ އަނގައިން ވެސް ނުބުނެއެވެ.

ނަމަވެސް ގަސަމްގެ ޑިއުޓީ ފެށުނީ އެވެ. ކޮޓަރި ތެރޭގައި ކުޅެން ތިބި ދެ ކުދިންނާ ދިމާލަށް އޭނާ މަޑުމަޑުން ހިނގައިގަތެވެ. އޭނާ ކޮޓަރިއާ އަރައި ހަމަވަމުން ދިޔަ ވަރަކަށް، ތިން ވަނަ ކުއްޖެއްގެ ރުއިމުގެ އަޑު ދިޔައީ ގަދަވަމުންނެވެ.

5 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 17%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައޫ

25 August 2024

ވާހަކަ ނިމުނީތަ؟ ކިހިނެއް މި ވީ؟

The name is already taken The name is available. Register?

ގަޝަމް

23 August 2024

ގަސަމަކީ ގެވެހި ފިރިއެއްތަ.. ނަދީމުގެ ވާހަކަތަކުގެ ތަރުޖަމާބޭނުންންނ

The name is already taken The name is available. Register?

މިންމިި

23 August 2024

ގަސަމުގެ ހަޔާތަށް ޝަޒުރާއާ ޝުހޫރާއެއް ނާދޭތަ؟

The name is already taken The name is available. Register?

1181

23 August 2024

ޝ އިން ޝަމީމު

The name is already taken The name is available. Register?

ކަނދި

23 August 2024

އަދި ޝަހީމުވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454