އެކުވެރިޔާ ކިޔައިދިން މި ވާހަކައަކާ ހެދި އެ ރޭ ނުވެސް ނިދުނެވެ. މީހަކު ރިހަގަނޑެއް ހަލުވާހެން، ނުނިދިގެން އެނދުމަތީގައި ދެކޮޅަށް ފުރޮޅިފުރޮޅިލާ އޮތް މަންޒަރު މި ވަގުތު ވެސް ލޯ މައްޗަށް އެބަ ސިފަވެ އެވެ.
ހުޅުމާލޭގައި ހުންނަ 'ދިއްދޫ ހޮޓަލު' ގެ މަސްރިހައިގެ ޚަބަރު އަޅުގަނޑަށް ގެނެސްދިނީ ރައްޓެއްސެކެވެ. އެއީ ކޮވިޑްގެ ކުރި އެވެ. އޭނާ ކިޔައިދިނީ ހަމަ ހަގީގަތުގައި ވެސް މީހަކު ކޮސްވެ، ތަލިންކުޅުހިކޭ ކަހަލަ ވާހަކަ އެވެ. ނުވަތަ ފަސޭހައިން ކުޅުދިޔާކޮށްލާ ޒާތުގެ ވާހަކަ އެވެ. – އެއީ ދިއްދޫ ހޮޓަލުގެ މަސްރިހަ ކައްކައިގެން ގެންނަ އިރަށް އެ ރިހަގަނޑު ހުސްވާ ވާހަކަ އެވެ. މި މަސްރިހައަކަށް އޮތް ޑިމާންޑަކާ އަރައި ހަމަކުރުމަށް ދުވާލެއްގެ މައްޗަށް ވިއްސަކަށް ފަހަރު މަސްރިހައިގެ އެ ޓައްޕު ފުރާލަން ޖެހޭ ވާހަކަ އެވެ. އަދި ކަލޭ އެތަނުން މަސްރިހަ ކާން ބޭނުން ނަމަ، ކުރިއާލައި ގޮނޑި އާއި ތައްޓާއި އޭގެ މަސްރިހައިގެ ބޯތައްޓެއް ރިޒާވްކުރަން ޖެހޭނެ ވާހަކަ އެވެ.
އެކުވެރިޔާ ކިޔައިދިން މި ވާހަކައަކާ ހެދި އެ ރޭ ނުވެސް ނިދުނެވެ. މީހަކު ރިހަގަނޑެއް ހަލުވާހެން، ނުނިދިގެން އެނދުމަތީގައި ދެކޮޅަށް ފުރޮޅިފުރޮޅިލާ އޮތް މަންޒަރު މި ވަގުތު ވެސް ލޯ މައްޗަށް އެބަ ސިފަވެ އެވެ.
އެރި އިރާ އެކު ދުމެއް ޖަހާފައި އަހަރެން ދިޔައީ ހުޅުމާލެ އަށެވެ. އަމިއްލަ ނަފުސު ދެކެ ސަހަރޯއޭ ހީވާން ފެށީ އިރުގަނޑެއްވީ ފަހުންނެވެ. ދިއްދޫ ހޮޓަލުގެ ބޭރުގައި މުގޯލިއަޅައިގެން އޮވެ ރަތްދަކަ އަވީގައި، ހަވާދުގަނޑެއްހެން ހަނާވާން ފެށި ހިސާބުންނެވެ. ދިއްދޫ ހޮޓަލުގެ ބޭރުގައި ޖެހިފައި އޮތް ކިޔޫ ފެނޭތޯ ބަލަން ޝައުގުވެރިވެ ނިދިނަގާލި ހިތް އެ ހިސާބުން ނުބައި ޒާތަކަށް ހޭން ފަށައިގަތުމުން ލަދުން ވެސް ކޮށިއަރަން ފަށައިގަތެވެ.
"ކަލޭ މަށަށް މި ދިއްދޫ ހޮޓަލެއްގެ ވާހަކަ ތިޔަ ކިޔައި ދިނީ އެހެންވީމަ ފޮނިތޮށިކާފޫރު ތޮޅި ލެވުނު ވަރަކަށް ލައިގެންތާދޯ އެވެ،" މި މަސްރިހައެއްގެ ޚަބަރު ގެނެސްދިން އެކުވެރިޔާ މަތިން ހަނދާން އާވެ ހިތާހިތުން ބުނެލެވުނީ މިހެންނެވެ.
ހުޅުމާލޭގައި ހުންނަ ދިއްދޫ ހޮޓާ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކޮންމެއަކަސް ހޮޓައުގަނޑު ހުޅުވައިފި އެވެ. އެ ބުނާ ކިޔޫއެއް ނެތެވެ. އަދި އޯޑަރު ކޮށްލުމާ އެކު މަސްރިހަ އާއި ރޮއްޓާއި ފިޔާ މިސްރުސް ގެނެސް އަތުރާލައިފި އެވެ. އެއަށް ފަހު ގެނެސް ބެހެއްޓި ކަޅުން އޭގެ ހޫނުކަން ނުކެނޑެނީސް ދިއްދޫ ހޮޓަލުގެ މަސްރިހައިގެ ތެރެއަށް މޮޑުނު ހަތަރު ރޮށި ބަޑިއެއް ޖަހާފައި ތަށި ތެރެއިން ގެއްލިއްޖެ އެވެ.
"މަ ބުނީމެއް ނޫން ހެއްޔެވެ؟ ކަލޭ ޖާދުލެއް ހެދީކީއެއް ނޫނެވެ. އެއީ ތިޔަ ރިހަގަނޑުގައިވީ އާދަޔާހިލާފު ބާރެކެވެ،" ދިއްދޫ ހޮޓަލަށް ކުރި ޒިޔާރަތުގެ ތަޖުރިބާ ކިޔައިދިނުން ޚަބަރު ގެނެސްދިން އެކުވެރިޔާ ބުނެލީ މިހެންނެވެ.
އެކަމަކު ތެދުތެދަށް ބުނަނީ ނަމަ އެއީ ވަރަށް ކުރު ދަތުރެކެވެ. އަދި މާ ބޮޑު ހާއްސަ ކަމެއް އިހުސާސުވި ކެއުމުގެ ތަޖުރިބާއެއް ވެސް ނޫނެވެ. އަދި އެ ފަހަރު ލިޔަން، ނުނިދާ ހުރެ ރޭވި ދިއްދޫ ހޮޓަލުގެ މަސްރިހަ ތެލި ގޮސް ޑަސްބިނަށް އުކާލީ ހަމަ އެއްގޮތަކަށް ވެސް މާ ބޮޑު ތަފާތެއް އެ ރިހައިން ފާހަގަނުކުރެވުނީމަ އެވެ.
މިއީ އޭގެ ހަތަރު ވަރަކަށް އަހަރު ފަހެވެ. މީހުންނާ އިނދެ ވަރިވެ، އަމިއްލަ އަށް ރިހަ ކައްކަން ދަސްކޮށްފައިވާ ދިރިއުޅުމަކަށް އާދަވެފައި ވަނިކޮށް އަނެއްކާވެސް މި ދިއްދޫ ހޮޓަލެއްގެ ރިހަގަނޑު ފެންމަތިވެއްޖެ އެވެ.
"ހެލޯ ވޯލްޑް. މި ދަނީ ދިއްދޫ ހޮޓަލުން މަސްރިހަ ކާން،" މިފަހަރު ދިއްދޫ ހޮޓަލުގެ މަސްރިހަގަނޑުގެ ޚަބަރު ގެނެސްދިނީ ކަމާ ކަން ހުއްޓާލާފައި ޓެކްސީއެއްގައި ބުރިޖު ހުރަސްކޮށް ހުޅުމާލެ އަށް ދަތުރުކުރަމުން ދިޔަ ހަތަރު އެކުވެރިންނެވެ.
"ހަތަރު ރިހަ ބޯތަށި ލިބުނީ. ބާއި،" އެކުވެރިޔާ ފޮނުވި ސްނެޕް ނިމުނީ މިހެންނެވެ.
ލަތީފާ އޭނާގެ މަސްރިހަގަނޑު ތައްޔާރުކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމީހުން ތިބީ ދިވެހި ފިލްމެއް ބަލަން 90ގެ ތެރޭގައި އަންހެންވެރިން ރީތިވާ ވަރަށް ރީތިވެލައިގެންނެވެ. ލިބާސް ކަނޑައިގެން ހެޔޮވަރުކޮށްފައި ނެތަސް، އެއީ ހަމަ ހެޔޮވަރު ޑިނާ ޑޭޓެކެވެ.
އެހިސާބުން އަހަރެން ހިތަށް އެރީ މިހެންނެވެ؛ މިފަހަރު މި ދިއްދޫ ހޮޓަލުގެ މަސްރިހަގަނޑުގެ ވާހަކަ ލިޔެ ހުސްކޮށްލާނަމެވެ. އަދި މިފަހަރު އަހަރެމެން ދާނީ ފޮޓޯފްރާފަރުންނާއި އެވޯޑް ހާސިލުކޮށްފައި ތިބި ނޫސްވެރިންނަށް ވެސް ދައުވަތު ދީގެން ޖާފަތެއް ފަތަހަކޮށްލެވޭ ވަރަށް ނޫސްވެރިކަމުގެ ހަތިޔާރު ވެސް އަޅައިގެންނެވެ.
މިފަހަރު ވެސް ވަރަށް އަވަހަށް ކައި ނިމިއްޖެ އެވެ. އެކަމަކު ދިއްދޫ ހޮޓަލުގެ ވާހަކަ މިފަހަރު އެހެން ގޮތަކަށް ލިޔާ ނަމަ އެންމެ ސަޅި ކަމަކަށް ވާނީ މި ރިހަގަނޑެއް މަތުރައިގެން އުޅޭ ކައްކާ ހޯދުން ކަމަށް ނިންމައިގެން ކައުންޓަރުގައި ޓަކިދިނުމާ އެކު ކައްކާގެ ޚަބަރު ލިބިއްޖެ އެވެ.
ހެވިދިލިފައި ހުރެ މި މަސްރިހަގަނޑެއްގެ "ސަޅި" ވާހަކަތައް ކިޔައިދެމުން ގެންދިޔައީ ކައްކާގެ ދަރިންގެ ތެރެއިން ދަރިއެކެވެ. ހއ. ދިއްދޫ އާއި އެ ރަށުގެ ސަގާފަތުގައި ކަމުވޮށިގެންވީ ހަނާކުރި ހަވާދާއި ރިހައިގެ އެކި ވައްތަރުތަކުން އެތައް ފިލާވަޅެއް ނަގައިގެން ގޮސް ދެން އަހަރެމެން ޓަކި ދިނީ ކައްކާގެ ދޮރުގަ އެވެ.
ހުޅުވާލި ދޮރާ އެކު ސަލާން ގޮވާލުމުން ލަތީފާ މުހައްދަށް ހުރެވުނީ ކިޔާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފަ އެވެ. ފާސްކުރި ހެދުމެއް ލައިގެން ހުރި 57 އަހަރުގެ އަންހެން މީހާ މި އިންޓަވިއު އަށް އޭނާގެ ވަގުތާއި ކެއްކުމުގެ ހުނަރު ފާސްކުރީ ކުޑައިރުކޮޅަކު ވިސްނާލަން ހުރެފަ އެވެ.
އެއަށް ފަހު ރިހަގަނޑުގެ އޮލަ ވާހަކައިގައި ބޮކި އަރުވަމުން ގޮސް ހޮޓަލުގެ މަސްރިހަގަނޑެއްގެ ދައުވަތު އަނެއްކާވެސް ދީފި އެވެ. އަހަރެމެން މި އައީ ހަމަ ދެންމެއަކު ހޮޓަލުން ރޮއްޓާ މޮޑެލައިގެން ބަނޑު ފުރާލައިގެންނޭ، އެހެންވީމާ މިފަހަރުގެ ބަނޑުފުރުމަކަށް ހަދާނީ މަސްރިހަގަނޑުގެ ސިއްރު ރެސިޕީ ކަމަށް ބުނެފީމެވެ.
ނަމަވެސް ލަތީފާ ހުރީ އޭނާގެ މަސްރިހަގަނޑުގެ އެ އާދަޔާހިލާފު ރެސިޕީ ހަމަ އެކަކަށް ވެސް ދޭ ކަހަލަ މޫޑެއްގައެއް ނޫނެވެ. ކޮށަމުން ގެންދިޔަ ގިތެޔޮ މިރުސްގަނޑާ އެކު މުޅި އެޕާޓްމަންޓް ވެސް ރޮނީ އެވެ.
މަސްރިހަގަނޑަށް ލަތީފާ ގިތެޔޮ މިރުސް ކޮށަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ބަލަ ދިއްދޫ އަކީ ހަވާދާއި ރިހައިގެ މަޝްހޫރު ރަށެއްނު. އެކަމަކު މިއީ ހަމަ އެއްވެސް ސިއްރެއް އޮތް ކަމެއް ނޫން،" ކޮށަމުން ގެންދިޔަ މިރުސްތައް ދޫކޮށްލާފައި އައިސް ލަތީފާ އިންޓަވިއު އަށް ފޫގަޅައިގެން ޖައްސާލި އެވެ.
އޭނާ އިނީ އޭނާގެ އާއިލާ ދިރިއުޅޭ އެޕާޓްމަންޓްގެ އާދަޔާހިލާފަށް ބޮޑު ބަދިގޭގަ އެވެ. ލަތީފާ އަކީ ދިއްދޫ ހޮޓާ ހިންގާ މޫސާ ލަތީފުގެ އަންހެނުންނެވެ. އަދި މިއީ އޭނާގެ ލޯބިވާ ހަތް ކުދިންނާ އެކު އެމީހުން ހުޅުމާލޭގައި ކުއްޔަށް ދިރިއުޅޭ އެޕާޓްމަންޓެވެ.
ހޮޓަލުގެ މަތީގައި ހުރި މި އެޕާޓްމަންޓަކީ ލަތީފާ އޭނާގެ ރިހަތައް ކައްކައި މަތުރާ މައި މަރުކަޒު ވެސް އެވެ.
"ދައްތަ ހަމަ ކޮތަނބިރިއާ އެއްޗެހި އަޅައިގެން އެހެން މީހުން ހަވާދުގަނޑު ތައްޔާރުކުރާ ގޮތަށް ތައްޔާރުކޮށްގެން ރިހަ މި ކައްކަނީ. ތައްޔާރުކުރުމުގައި ވަކި އެއްވެސް ހާއްސަ ސިއްރެއް ނެތް. އެކަމަކު ރިހަގަނޑު އުނދުންމަތީގައި ކެއްކުމުގައި އެ އަންނަ ބަދަލެއްހެން ހީވަނީ މީހުންނަށް އެ އިހުސާސުވަނީ،" ލަތީފާ އިންޓަވިއު ފަށައިގަތީ އެ ހަވާދުގަނޑު އަނބުރަން ޖައްސާލައިފައި އައިސް އެވެ.
އެކަމަކު އޭނާ ބުނީ އެ ހަވާދުގަނޑު ތަބަކަށް ލާފައި ދިނަން އޭނާ ކައްކާ މަސްރިހައިގެ ރަހަގަނޑު އެހެން އެއްވެސް މީހަކަށް ނުނެރެވޭ ކަމަށެވެ.
"މިސާލަކަށް އަޅުގަނޑު ބަލިކޮށް އުޅޭ ނަމަ ހޮޓަލުގައި މަސްރިހަ ވެސް ކައްކާނީ ދެން ހުންނަ ކައްކާ، އަލިބެ. އެއީ ވެސް އަޅުގަނޑުމެން ރަށު މީހެއް. ހަވާދުގަނޑު އަޅުގަނޑު ތައްޔާރުކޮށްފައި ރިހަ ކެއްކުން އޭނަށް އަށް ދިނަސް އަޅުގަނޑު ކައްކާ ރިހައިގެ ރަހައާ މުޅިން ތަފާތުވާނެ އޭނަ ރިހަ ކައްކާ ދުވަހެއް ނަމަ،" ލަތީފާ ބުނީ އޭނާގެ ފިރިމީހާގެ ބެލުމުގެ ދަށުން ހިންގާ ދިއްދޫ ހޮޓަލަށް ހަތް އަހަރުވީއިރު އަބަދުވެސް ކެއްކުމުގައި އެންމެ އިސްކޮށް އުޅެނީ ގޭގައި ވެސް އެންމެނަށް ކައްކައިދޭ ލަތީފާ ކަމަށެވެ.
"ވަރަށް ގިނައިން ދިމާވޭ މި ރިހަތައް މީރުވެގެން އުޅޭ މީހުންނާ. ވަރަށް ގިނަ މީހުން ބުނާނެ ދަސްކޮށްދީބަލާށޭ ތިގޮތަށް ރިހަ ކައްކަން. ބުނީމަ އަޅުގަނޑު ބުނަނީ ކިތަންމެ ވަރަކަށް ކިޔައިދިނަކަސް ދައްތަ ކައްކާ ގޮތަކަށް ރިހަ ކައްކާކަށް ނޭނގޭނެއޭ"
މަސްރިހަ ތައްޔާރުކުރުމަށް ލަތީފާ މިރުސް ހަވާދު ހައްތާރުކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ލަތީފާ ބުނީ އޭނާ ނުކައްކާ ދުވަހެއް ނަމަ ހޮޓަލުގެ ރެގިއުލާ ކަސްޓަމަރުންނަށް ރަހައިން އެކަން އެނގޭނެ ކަމަށެވެ.
"އާންމުކޮށް ހޮޓަލުން ކާ ކަސްޓަމަރުންނަށް ވެސް އެކަން އެނގޭނެ. އެ ރިހަގަނޑު ކައްކާފައި މިހިރީ އާންމުކޮށް ކައްކާ މީހާ ނޫންކަން ކާ މީހުންނަށް އެނގޭނެ. ބައެއް މީހުން ބުނަން ވެސް ބުނާނެ،" ލަތީފާ ބުނެލިއެވެ.
"އެކަމަކު އަޅުގަނޑަކަށް ނޭނގޭ އެހެން މީހުން ކައްކާ ރިހަ އާއި އަޅުގަނޑު ކައްކާ މަސްރިހަ ތަފާތުވާ ސަބަބެއް ކިޔައިދޭކަށް. ވެދާނެ އުނދުންމަތީގައި ގެންގުޅޭ ގޮތުން ކަމަށް ވެސް. ދެން އަނެއްކޮޅުން ކޮންމެ ދުވަހަކުވެސް އަޅުގަނޑު މި ބޭނުންކުރަނީ ސީދާ އެ ދުވަހު ތައްޔާރުކުރާ ހަވާދުގަނޑެއް."
އޭނާ މަސްރިހަގަނޑު ތައްޔާރުކުރަނީ ވަރަށް ބޮޑު ތެއްޔެއްގަ އެވެ. މި ދުވަސްކޮޅު އޭގެ އެއް ތެލީގައި ދުވާލަކު އެއް ފަހަރު މަސްރިހަ ތައްޔާރުކުރިޔަސް މީގެ ތަންކޮޅެއް ކުރިން ލަތީފާ ބައެއް ދުވަސް ދުވަހު ދެ ފަހަރަށް ވެސް މަސްރިހަ ދެ ތެލީގައި ކައްކައި ހުސްކުރި އެވެ.
އޭނާ ބުނީ ކުރިން ކައްކާ ވަރަށް ނުކައްކަނީ އެއްގޮތަކަށް ވެސް ރިހަ އަށް އޮތް ޑިމާންޑް ކުޑަވެގެން ނޫން ކަމަށެވެ.
"އެވަރަށް ކައްކައިގެން މިހާރު ވެސް ހުސްވާނެކަން އެނގޭ. އެކަމަކު އަޅުގަނޑަށް ވާވަރަކުން ނޫންތޯ މިކަން ވެސް ކުރެވޭނީ،" ލަތީފާ ބުނެލި އެވެ.
"މިހާރު މެންދުރު ކައްކާ ރިހަތެލި އެއްކޮށް ހުސްވާނެ އިރުއޮއްސޭއިރަށް ހަމަ ކޮންމެ ދުވަހަކުވެސް."
އެހެންވީމަ، މި ދިއްދޫ ހޮޓަލުގެ މަސްރިހައިގެ ޚަބަރު ގެނެސްދިން އެކުވެރިޔާ އެ ހެދީ މުޅިން ދޮގެއް ނޫނެވެ.
ލަތީފާ ރިހަގަނޑު ތައްޔާރުކުރަނީ: ހޮޓަލުން ލިބެން ހުރި ގިނަ ހެދިކާތައް ވެސް ތައްޔާރުކުރަނީ ސީދާ އޭނާގެ ދެ އަތުން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ބަލަ އަޅުގަނޑު ކައްކަނީ މަސްރިހަ އެކަންޏެއް ނޫނޭ. ދޮންރިހަ، އަލުވިރިހަ، ބިސްރިހަ ވެސް ކައްކަނީ އަޅުގަނޑު. އަޅުގަނޑުމެންގެ ހޮޓަލުގައި ކެއްކުމުގައި ބަންގްލަދޭޝް މީހުންނެއް ނުގެންގުޅެން،" ލަތީފާ ބުނެލި އެވެ.
"އެންމެ ފުރަތަމަ މި ރިހަގަނޑު ވެސް ތައްޔާރުކުރަން ފެށީ ވިޔަފާރީގެ އުސޫލުން މިގޮތަށް ބޭނުންކުރާކަށް ނޫނޭ. މިއީ އަޅުގަނޑުގެ ގޭގައި ކުދިންނަށް ކާން ދޭން އަޅުގަނޑު ވެސް ކާން ވެގެން ކެއްކި ރިހައެއް. ހަމަ ގޭގައި އަޅުގަނޑުމެން ކާން ރިހަ ކައްކާ އުސޫލުން ކައްކަމުން ދަނިކޮށް ހޮޓަލަށް ކައްކަން ފެށުނީ."
ލަތީފާ އަށް އެ ބުނެވުނީ މިރިހަގަނޑު އާދައިގެ ސައި ހޮޓަލަކުން ލިބޭ ރިހަގަނޑަކަށް ވުރެ އެތައް ހާސް ގުނައެއް ތަފާތުވާ ސަބަބެވެ.
"މިއަދު ވެސް އަޅުގަނޑާއި އަޅުގަނޑުގެ ދަރިން ވެސް ކާނީ ހަމަ މި މަސްރިހަ. އަޅުގަނޑުމެން ނުކާ އެއްޗެއް އަޅުގަނޑު ބޭނުމެއް ނޫން ވިއްކާކަށް ވެސް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚާލިދާޒިއާ
25 August 2024
ބުޅާމަސްރިހަތަ؟
ފައްކާވާނެ
23 August 2024
މާލެއާ ހުޅުމާލެ ފުރިފަ އޮންނަނީ އިންޑިއަން، ޗައިނީޒް، މެކްސިކަން އަދި އެނޫނަސް އެކި ގައުމުތަކުގެ ކާނާ ލިބޭ ތަންތަނުން. މިގައުމު ހުރިހާ އަތޮޅެއްގެ މީރު ކެއުންތައް ލިބޭ ގޮތަށް ވަކިވަކި ކެފޭ/ރެސްޓޯރަންޓެއް ނުހުރޭ ފެންނާކަށް. ދިއްދޫ ހޮޓާ ގޮތަށް ރާއްޖޭގެ އެކި ރަށްރަށުގެ މަޝްހޫރު ރަހަތައް ކާލަން ލިބޭނެނަމަ ވަރަށް ރަގަޅުވާނެ، ފައިދާވެސްވާނެ ބަންގްލާ މީހުންނާ އެހާ ބޮޑަށް މަަސައްކަތް ހަވާލުނުކޮށްވެސް. އެމީހުންނާ ހަވާލުވީމަ އެގައުމުގެ ރަހަތައް މިކްސްވަނީ
ސުރުހީގެ ޖަވާބު
23 August 2024
އަދި ނުކަމޭ. އެކަމު ކާން ދާނަމޭ. އަދި މިތަނުގަ ކޮމެންޓް ކުރެވޭހާ އަވަހަކަށް ކާކަށް ނުދެވޭނޭ
ޗަސް
22 August 2024
މީރެއްނޫން މިހާރު.ރިހަ މީރު ވާނީ ހަމައެކަނި ހަވާދު ގަނޑު އެކަންޏަކުން ނެއް ނޫން. އޭގެ މަސްވެސް ތާޒާ ވާން ޖެހޭނެ. މިހާރު ނުބައި. ހަމަ އެގޮތަށް ހުސްނޫގޭ ހެދިކާވެސް މިހާރު މީރެއް ނޫން. ގިނަ ހެދިކާ ތައް އިރުއޮއްސި 6 ޖަހަން ވާއިރަށް ހަލާކުވޭ.
ދިއްދޫ ކަލޯ
22 August 2024
ވަރަށް މުޑުދާރު ތަނެއް. ތިތަނުގައި ހަދާ ހެދިކާގެ ވަސް ބަލާބަލަ. ކަސްޓަނަރ ކެއަރ އެހާ ދަށް. ބަދިގެއަށް ވަދެ ބަލާބަލަ. ދެވަނަ ދުވަހަކު އެތަނަކަށް ނާރާނެ.
ފްލެޓް 22
22 August 2024
ރިހަމީރު. ވެއިޓަރުން ވަރަށް ބޮސީ
ާއަލިމޯޑު
22 August 2024
ރިހަޔަށް އަޅާ އެއްޗެއްސަށްވުރެ ނަދީމުގެ ލިޔުންތަކަށް އަޅާފަ ހުންނަ ސްޕައިސްތައް ގިނަ ކަމަށް ފާހަގަވޭ. ބައެއް ފަހަރު ކިޔާހިތްވެސްވެސް.
ޖުނޭހު
22 August 2024
ތިތަނުގެ މަސްރިހަ މީރު ކަމުން އަނގަ ކަހަކަހާ ހުރިން ދެދުވަހެއްގަ،ދެން އުޅުނީ ތަށި މަތިން ނާރައިގެން ރައްޓެެއްސަކު މީރު ވާހަކަ ބުނެގެން ދިޔައީ އަޖުމަ ބަލަން،އަތަށް ގޮވީ،ގަރުނެއް ވެފަ ހުރި މަސް ބޭނުން ކުރަނީ ކައްކަންވެސް ޔަގީން،
ރަދީފްއޮފިޝަލް
23 August 2024
އަތަށް ގޮވީ، ހެހެހެހެހެ
ޣހހފފ
22 August 2024
މުޑުދާރު ކަސްޓަމާރ ކެއަރ ސުމެއްގެ ތަނެއް
ސެފް
25 August 2024
ތިރިހައިގެ ގޮތެއްނޭާާގެ ހަމަގައިމުވސް ހެދިކާ އަދި ކުަަޅި މަސްގަ ފިއްލޮޔޮ ރަހަލާ
ހިއްލާ
22 August 2024
ތީ ހުޅުމާލޭގައި ހުރި އާދައިގެ ހޮޓާ ތަކުގެ ތެރެއިން އެންމެ އަގުބޮޑު ހޮޓާ،ދެމީހަކު އާދައިގެ ކެއުމެއް ކައިނިންމާލާއިރު 250 ން މަތީގަ އުޅޭނީ،އެހެންވެ މިހާރު ކޮފީ ގަނޑެއް ބޯންވެސް ނުދަން ތިތަނަށް،ނިރޮޅު މަގުގައި ހުންނާތީ ހިތަށް އެރި އަގަކަށް ހިތަށް އެރި އެއްޗެއް ދޭ ތަނެއް ތީ،މަސް ރިހަވެސް އުޅޭނީ 20 ނުވަތަ 25 އަށް،ފިހުނު މަސް ކޮޅެއް 30 އަށް 40 އަށް،މިހާރު ލައްޗޭ އަށް ބަދަލު ކުރަން މިއުޅެނީ،