ފިހާރަ، ކެފޭ، ކާރު... ކޮންތާކުން ހޯދާހާ ފައިސާއެއް؟

މަސްތުވާތަކެތީގެ ބޭނުންކުރާ ކަމަށް ތުހުމަތުކުރާ ގެއަކަށް، ފުލުހުންނާއެކު ދިޔައިރު ތިބި ބަޔަކު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަސްތުވާތަކެތި އިމްޕޯޓްކުރުމާއި ހޯލްސޭލް ކުރުމާއި ރިޓެއިލް ކުރުމާއި އެ ބޭނުންވާ މީހަކު ހުރި ތަނަކަށް ކޮންމެ ވަގުތަކު ވެސް ޑެލިވަރީ ކުރުމާ ހިސާބަށް މިކަން އޮތީ އިންތިޒާމުވެފަ އެވެ. މަސްތުވާތަކެއްޗާ އެކު އަތުލައިގަންނަ މީހުން އަދި މަސްތުގެ ހާލަތުގައި މަގުމަތިން ފެންނަ ބިއްޖެހިފައިވާ މީހުންނަކީ ވަރަށް ބޮޑު މަންޒަރަކުން ވަރަށް ކުޑަކުޑަ ތަންކޮޅެކެވެ.

އެވެނިމިނެވި މީހަކީ ތިޔަކަހަލަ ކަމެއްގައި އުޅޭނެ މީހެއް ނޫނޭ ޔަގީންކަމާ އެކު އެތައް ބަޔަކު ބުނާނެ ކިތަންމެ މީހަކު މި ނުބައި ވިޔަފާރީގެ ތެރޭގައި ތިބެދާނެކަން މިކަމުގެ އެންމެ އަޑި އެނގޭ އެތައް ބަޔަކާ އަހަރެމެން ދެއްކި ވާހަކަތަކުން އެނގުނެވެ.

"ޑްރަގް ނެޓްވޯކްތަކުގައި ކޮންމެ ކަމަކަށް މީހުން އެބަ އުޅޭ. މި ވިޔަފާރީގައި އެކި ކަންކަމަށް ހާއްސަ ނެޓްވޯކްތައް ވެސް އެބަ އުޅޭ. އިމްޕޯޓްކުރާ މީހުންނާއި ރީޓެއިލްކޮށް ވަކިން ވިއްކާ މީހުންނާއި އައްޑާތައް ހިންގާ މީހުންނާއި ޑެލިވަރީކުރާ މީހުންނާއި މިހެން ގޮސް އެކި ކަންކަމުގައި މީހުން އުޅޭ. އަދި މި ހުރިހާ ކަމަކަށް ފަންޑުކޮށްފައި އެއްވެސް ރިސްކެއް ނުނަގައި ހަމަ އެއްކޮށް ފޮރުވިގެން އުޅޭ މީހުން ވެސް އެބަތިބި،" ޑްރަގް ޓްރެފިކިންގެ މައްސަލައަށް މިފަހަރު ހާއްސަކުރި "މެދުސަފުހާ" ގެ ހޯދުންތަކަށް، ނަން ސިއްރުކޮށްދޭން ޝަރުތުކޮށް ވާހަކަ ދެއްކި އެކަކު މި މައުލޫ ހުލާސާކޮށްލަމުން ފެށި އެވެ.

މި ހުރިހާ ކަމެއް ދާދި ފަހުން ފުލުހުން އަތުލައިގަތް ޑްރަގް ނެޓްވޯކެއްގެ ވާހަކައިން އެނގެ އެވެ.

ސައްހަ ވިޔަފާރިއެއްގެ ނިވާފަތްގަނޑު

ރަށުގައި ކުޑަ ހަޓެއް ހަދައިގެން އޭނާ ކުރަނީ - ނަމެއްގައި - ލަނޑާގެ ވިޔަފާރި އެވެ. އޭނާގެ ތަނަވަސްކަން ވެސް އެންމެން ގުޅުވަމުން ދިޔައީ އޭނާ އެ ކުރާ "ބުރަ" މަސައްކަތަށެވެ. އެކަމަކު އެ ކުރާ މަސައްކަތާ ނުބައްދަލު މުއްސަނދިކަމާ އެކު އޭނާ ހިންގަމުން ދިޔައީ ޑްރަގް ނެޓްވޯކެކެވެ.

"ރަށުގައި ހަޓެއް ހުންނާނެ މީނާގެ ލަނޑާ ވިޔަފާރިކުރާ. އޮޑިދޯނިފަހަރު ވެސް ގެންގުޅޭ އެކަމަށް. މާލޭން އަގު ބޮޑު އެޕާޓްމަންޓާއި ކާރާއި ލޯންޗް ފަދަ ތަކެތި ގަނެގެން އުޅެނީ. އެއީ ވެސް މީހުންނަށް ހީވެފައި އޮންނަނީ ލަނޑާގެ ވިޔަފާރިން ހޯދި ތަނަވަސްކަމޭ. އެކަމަކު ހަގީގަތުގައި މި މަސައްކަތާ އޭނާގެ ތަނަވަސްކަމާ ދިމައެއް ނުވޭ،" މި ނެޓްވޯކް ފަޅާއަރުވާލި ތަހުގީގުގައި ބައިވެރިވި ފުލުހަކު ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ޑްރަގް ނެޓްވޯކްތަކުން ވަރަށް ގިނަ ވިޔަފާރިތައް އެ މީހުންގެ އަސްލު އޮޅުވާލަން މިގޮތަށް ހިންގަ އެވެ. ވެހިކަލް އެތެރެކޮށް ވިއްކުމުން ފެށިގެން ގޮސް އަންނައުނުގެ ވިޔަފާރި އާއި ކެފޭ ހިންގުމާއި ޕެޓް ވިއްކުން ފަދަ ކަންކަން ކުރާ މީހުން ޑްރަގް ވިޔަފާރީގެ ތެރެއިން ފެނުން މިހާރު ގިނަވެފައިވާކަން ފާހަގަވާ ކަމަށް އޭނާ ބުންޏެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅޭ ތަނަކުން، އެ ތަކެތި ވިއްކައިގެން ހޯދާފައިވާ ފައިސާތަކެއް ފުލުހުން ދައްކާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ރިއަލްއެސްޓޭޓްގެ ތެރެއަށް ވެސް އެބަ ވަދޭ. އެޕާޓްމަންޓްތައް ގަނެ އެ ތަންތަން ކުއްޔަށް ދިނުމާއި ލޯންޗާއި އޮޑިދޯނިފަހަރު ގަނެ އެއިން އެކި ހިދުމަތްތައް ވެސް އެބަ ދޭ."

މިއީ ޑްރަގް ވިޔަފާރި ކުރާ ކަމުގެ ޝައްކު އުފެދުނަ ނުދީ ޖަހާ މައްޗެއްގެ އިތުރުން ޑްރަގް ވިޔަފާރީގެ ފައިސާތައް ދޮންނަން ބޭނުންކުރާ ވަސީލަތަށް ވެސް އޮންނަނީ ހަދައިފަ އެވެ. ޝައްކެއް ނެތް މިންވަރަށް މިކަން އެނގެނީ މަސްތުވާތަކެތީގެ ވިޔަރީގެ މައްސަލަތަކުގައި ހައްޔަރުކުރާ ބައެއް މީހުންގެ އަތުގައި ހުންނަ އެތައް މިލިއަން ރުފިޔާއެއް އެއީ އާދައިގެ ކޮންމެވެސް ވިޔަފާރިއެއް ކޮށްގެން ލިބިފައި ހުރި ފައިސާ ކަމަށް ތަހުގީގުގައި އަދި ކޯޓުގައި ވެސް ބުނާތީ އެވެ. އެކަމަކު ފައިސާގެ އަދަދާއި އެ މީހުން އެ ބުނާ ވިޔަފާރިތައް ކުރާ އެހެން މީހުންނަށް ލިބޭ އާމްދަނީއާ އަޅާކިޔުމުން އެ ދައްކާ ވާހަކައެއްގެ ދެކޮޅެއް ނުޖެހޭނެ އެވެ.

ބޮޑުން ނުބެދޭ ގޮތަށް މަސައްކަތް ބަހާލާފައި

މިއީ އަބަދުވެސް މިކަން އޮންނަ ގޮތެވެ. އެއްތަނުން އަނެއްތަނަށް ޑްރަގްސް އުފުލާ މީހުންނަށް އަދި މިއީ ކާކުގެ ވިޔަފާރިއެއް ކަމެއް ނޭނގިދާނެ އެވެ. އެހާ ބޮޑަށް އޮންނަނީ ކަންކަން ބަހާލައި އެކަކު އަނެކަކާ އޮންނަ ގުޅުން ކަށަވަރު ނުކުރެވޭ ވަރު ކޮށްފަ އެވެ.

"ޑްރަގްސް އެތެރެކުރާ މީހުން އެހެން ބަޔަކަށް ވެސް އެކަން ކޮށްދީފާނެ ފައިސާ ލިބޭ ގޮތަށް. ދެން އެ އެއްޗެހި ފޮރުވައި އެ އެއްޗެހި ބަލަހައްޓާ މީހުންނާއި މަގުމަތީގައި ވިއްކަން ބަންދުކުރުމުގެ މަސައްކަތްކުރާ މީހުންނާއި ވިއްކަން ގެންގޮސް އެކި މީސްމީހުންނާ ހަވާލުކުރާ މީހުންނަކީ އަދި އެހެން ބައެއް. އަސްލު މި މީހުންނަނީ ނެޓްވޯކް ހިންގާ މީހާގެ މުވައްޒަފުންގެ ގޮތުގައި ހަމަ އެ ކުރި މަސައްކަތަކަށް އަގު ލިބޭ ގޮތަށް އުޅޭ މީހުން،" ޑްރަގް ވިޔަފާރި ފުޅާކޮށް ކުރާކަން އެނގި އެކަމަކު ގާނޫނީ ގޮތުން ސައްހަ ހެކި ނެތް ކަމަށް ނިންމައި ދޫކޮށްލި ޑްރަގް ނެޓްވޯކެއް ތަރުތީބުކޮށްފައި އޮތް ގޮތުގެ މިސާލު ދައްކަމުން އެހެން ފުލުހަކު ކިޔައިދިނެވެ.

މަސްތުވާތަކެތީގެ ބޭނުންކުރަން ހާއްސަކޮށްފައިވާ ކޮޓަރިއެއްގެ ފާރުގައި، އެތަނަށް ދާ މީހުންނަށް ނޯޓިސްތައް ލިޔެފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ބުނާ ނެޓްވޯކްގައި މަސްތުވާތަކެތި ރައްކާކުރަނީ ވަކި ގެއެއްގަ އެވެ. އެތަނުން ގެންގޮސް މަގުމަތީގައި ވިއްކަން ޕީސްތައް ހަދަނީ އަދި ވަކި ތަނެއްގަ އެވެ. އެތަނުން މަސައްކަތް ނިންމާފައި ދެން ހަވާލުކުރަނީ "ޑެލިވަރީ" އަށެވެ. ބަންދުކުރާ މަސްތުވާތަކެއްޗާއި ވިއްކަން ހަވާލުކުރާ އަދަދާއި އެއިން ލިބޭ ފައިދާ ފަދަ ހުރިހާ ހިސާބުތަކެއް ޖަހާފައި ހުރި ލިޔެކިޔުންތައް ވެސް ފުލުހުން ހޯދި އެވެ.

ގާނޫނީ ވަކީލަކު ވެސް ހައްޔަރުކުރި އޮޕަރޭޝަންގައި ފުލުހުންގެ އަތްދަށުވި މީހުންގެ ތެރެއިން މި ވިޔަފާރީގައި އިސްކޮށް ތިބި ކަމަށް ބެލެވުނު އެންމެން ކްރިމިނަލް ކޯޓުން މިނިވަންކޮށް ޖަލަށް ލީ ވިއްކަން އަތުގައި ޑްރަގްސް ބަހައްޓައިގެން އުޅުނު ދެ މީހެކެވެ. ދެން ތިބި އެންމެން ސަލާމަތްވީ އެވެ. ސަބަބެއް ކަމަށްވީ، ފެނުނު މަސްތުވާތަކެއްޗާ އެ މީހުންނާ ގުޅުވެން ނެތުމެވެ.

ކުށް ކުރުމުގެ "ވަޒީފާ" އެއް

މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދި އެކަމުން ސަލާމަތްވެފައިވާ މީހަކު ކިޔައިދިން ގޮތުގައި ޑްރަގްގެ ވަބާގައި ޖެހި ވަޒީފާ ގެއްލި އެ އަނދިރި ކަމުގެ ތެރެއަށް ގޮސްފައިވާ އެތައް ބަޔަކު އާމްދަނީ ހޯދަން ޑްރަގް ނެޓްވޯކްތަކުގެ މީހުންނަށް "ވަޒީފާ" އަދާކޮށްދެ އެވެ.

"އެ މީހުން ވަރަށް ގިނައިން ބޭނުންކުރޭ މިކަމުގައި ކުޑަކުދިން ވެސް. ކުޑަކުދިން ބޮޑަށް މި ބޭނުންކުރަނީ މަސްތުވާތަކެތީގެ ދުވަހު ވިޔަފާރީގައި މި އެއްޗެހި އެއްތަނުން އަނެއްތަނަށް ގެންދަން. އެތިއެތިކޮޅުން ހަވާލުކޮށްފައި އެ މީހުންގެ އެކި އެޖެންޓުންނަށް ފޮނުވާނެ،" މިކަމުގެ އުޖޫރައަކަށް ކެއިންބުއިމާއި އަރާމުކޮށްލަން އެޕާޓްމަންޓާއި އަދި މަސްތުވާތަކެތި ވެސް ދީ އުޅޭ ކަމަށް އޭނާ ކިޔައިދިނެވެ.

ޑްރަގް ވިޔަފާރީގެ މީހުން ކަނޑައަޅާފައިވާ ހާއްސަ ޕޮއިންޓްތަކުގައި ތިބޭ މީހުންނަށް ޑްރަގްް ގެންގޮސްދިނުމުން އެ މީހުން ގާތަށް އެހެން މީހުން ގޮސް ޑްރަގްސް ގަނެ އެވެ.

"ވިއްކާ މީހުން ތިބޭ ތަނަށް ގޮސްގެން ގަންނަ މީހުން ވެސް އުޅޭ. ނޫނީ އެ މީހަކު ހުރި ތަނަކަށް ޑެލިވަރީކޮށްދޭން ވެސް ބުނޭ. ދެން މި އައްޑާތަކަކީ މަސްތުވާތަކެތި ގަނެގެން ގޮސް އެ ބޭނުންކުރަން ތިބޭނެ ތަނެއް ނެތް މީހުން ވެސް ވަރަށް ގިނަކަމުން އެ މީހުންނަށް އެ ވިއްކައިގެން މާކެޓް އުފައްދަން ކުރާ ކަމެއް،" އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

ޓެލެގްރާމް ފަދަ ސޯޝަލް އެޕްތަކުގައި ޕްރައިވެޓް ގްރޫޕްތައް ހަދައިގެން އޭގެ ތެރޭގައި ވެސް މި ވިޔަފާރި ދަނީ ކުރިއަށެވެ. އަހަރެމެންނަށް މީގެ ގްރޫޕެއްގެ ސްކްރީންޝޮޓްތަކެއް ފެނުނެވެ. ފޭސްބުކްގައި މީހުން ހިންގާ އޮންލައިން ފިހާރަތަކުގައި ހުންނަ ގޮތަށް، ފޮޓޯ ޖަހައި ވިއްކަން ލާފައި ހުރެ އެވެ. ގިނައީ "ފްރީ ޑެލިވަރީ" އެވެ. އަހަރަމެންނާ ވާހަކަ ދެއްކި މީހާ ކިޔައިދިން ގޮތުގައި އެ ގްރޫޕްތަކަށް ވަދެވޭނީ މި ވިޔަފާރީގައި އެ މީހުންނަށް އިތުބާރު އޮންނަ މީހުންނަށް އެކަންޏެވެ.

މިކަން ކޮށްދޭން މަގުމަތީ މި އުޅޭ ބައެއް މީހުންނަށް ކޮންމެ ދުވަހަކު ވަކި ވަރަކަށް ވިއްކަން ޓާގެޓް ދީފައި ވެސް އޮވެ އެވެ. "ވަޒީފާ" އަށް ނުކުންނަން ޖެހޭ ގަޑިތައް ކަނޑައަޅައި ޑިއުޓީ ޓޭބަލް ވެސް ހަދާފައި ހުރެ އެވެ. ޑިއުޓީގައި އުޅޭއިރު ސަޔާއި ކެއުން ވެސް ލިބެ އެވެ.

"މަސައްކަތަށް ނުނުކުމެއްޖެ ނަމަ މުސާރައިން ވެސް ކަނޑާ ގްރޫޕްތައް އުޅޭ. ހަމަ ރަސްމީ ވަޒީފާއެއްގައި އޮންނަ ގޮތަށް މި ކަންކަން މިހާރު ހުންނަނީ ރާވާފައި."

ފައިސާ އާއި ނުފޫޒާާއި ބިރު!

ޑްރަގް ނެޓްވޯކެއްގައި އުޅޭ މީހުންނަށް އެ ނެޓްވޯކެއްގެ ބޮޑުން ދީފައި އޮންނާނެ އެންމެ ބޮޑު ޔަގީންކަމަކީ ފުލުހުންގެ އަތްދަށުވެއްޖެ ނަމަ ސަލާމަތްކޮށްދޭނެ ކަމެވެ.

މަސްތުވާތަކެތީގެ ކަޅު ފައިސާގެ ނުފޫޒުން މުޅި ނިޒާމު ގަޑުބަޑުވެފައިވާ ކަމުގެ ބިރުވެރި މަންޒަރު އެކި މީހުންގެ ވާހަކަތަކުން ފެނުނެވެ.

"މި މީހުންގެ ބާރު ވަރަށް ގަދަވެއްޖެ. ހަމައެކަަނި ފައިސާ ބޭނުންކޮށްގެންނެއް ވެސް ނޫން. ބިރު ދެއްކުމާއި އެކި ކަންކަމުން އެހެން މީހުންގެ މައްޗަށް އެބަ ބާރު ހިންގާ. އެހެން ދިމާވާ ސަބަބެއް ވެސް އޮވޭ. ވިޔަފާރިވެރިންނާއި ސިޔާސީ އެކި ފަންތިތަކުގެ އެތައް ބަޔަކީ ކޮންމެވެސް އިރެއްގައި މި ގްރޫޕްތަކުގެ އެހީ ހޯދާފައިވާ މީހުން. އެހެންވެ ގްރޫޕްތަކަށް ބޭނުންޖެހޭ ވަގުތު އެ މީހުން ބުނާ ކަމެއް ނުކޮށްދީ ދެން ރައްކާތެރިކަމެއް ވެސް ނުލިބޭ،" މަސްތުވާތަކެތީގެ މައްސަލަތަކުގެ އެތައް ތަހުގީގެއްގައި ބައިވެރިވެފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

މިއީ ތެދެއްކަން މިފަދަ ކަންކަމާ ދިމާވެފައިވާ، ކުރިން އިސް މަގާމުތައް އަދާކުރައްވާފައިވާ ބައެއް ބޭފުޅުން ޔަގީންކޮށްދެއްވި އެވެ.

"އެ މީހުން އެކަން ކުރަނީ ސިއްރަކުން ނޫން. ސީދާ ގުޅާފައި އޮފާތައް ދޭ. ފައިސާ ހުށަހަޅާ. ހުށަހެޅުންތައް ގަބޫލު ނުކޮށްފި ނަމަ އެކި ކަހަލަ އިންޒާރުތައް ވެސް ދޭ. މިކަހަލަ ކިތަންމެ ކަމަކާ ދިމާވި،" ކުރިން ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ހުށަހެޅުމުން ކާމިޔާބު ނުވެއްޖެ ނަމަ ދެން އޮންނާނީ ބިރު ދެއްކުމެވެ. އަދި މީހާ ހައްޔަރުކުރާ ހިސާބުން ފެށިގެން ވެސް ސިޔާސީ މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވުމަކީ ވެސް އާންމުވެފައި އޮތް ކަމެކެވެ.

އެ މީހުން އެކަން ކުރަނީ ސިއްރަކުން ނޫން. ސީދާ ގުޅާފައި އޮފާތައް ދޭ. ފައިސާ ހުށަހަޅާ. ހުށަހެޅުންތައް ގަބޫލު ނުކޮށްފި ނަމަ އެކި ކަހަލަ އިންޒާރުތައް ވެސް ދޭ. މިކަހަލަ ކިތަންމެ ކަމަކާ ދިމާވި.

ދައުވާ ކުރުމާ މެދު ގޮތް ނިންމާ ހިސާބުގައި ތިބޭ މީހުންނާއި ކޯޓު ތެރެއިން ކަންކަމުގައި ގޮތް ނިންމޭ ހިސާބުގައި ތިބޭ މީހުންނަށް ވެސް މި ކަންކަން ތަޖުރިބާކުރަން ޖެހިފައި ހުރިކަން ބައެއް މީހުން ކިޔައިދިނެވެ.

"އަޅުގަނޑުމެންނަށް އަދި އަޅުގަނޑުމެންގެ އާއިލާތަކަށް ވެސް ބިރު ދައްކާފައި އެބަހުރި. އެ މީހުން އޮންނަނީ އަޅުގަނޑުމެންނާ ބެހޭ ހުރިހާ މައުލޫމާތެއް ހޯދާފައި. އެވެނި މިވެނި މީހަކު އުޅެނީ މިވެނި ތަނެއްގައިކަން އެނގެޔޭ ބުނެ މަރުގެ އިންޒާރުތައް ދޭ،"

"ޑްރަގް ނެޓްވޯކްތަކުން މީހަކު ހައްޔަރުކުރާއިރަށް ބޮޑު އަގުގައި ގާނޫނީ ވަކީލުން އައްޔަންވޭ. އެ އަންނަ ވަކީލުންނަކީ ކޮން ބައެއްކަން ވެސް ގިނަަފަހަރު، ތުހުމަތުގައި ތިބޭ މީހުންނަކަށް ވެސް ނޭނގެ. ހައްޔަރުކޮށް ކޯޓަށް ގެންދާއިރު އާއިލާ މީހުންނަށް ވެސް މި އެނގެނީ ވަކީލަކު ހަމަޖެހިފައި ހުންނަކަން ވެސް. ގިނަވަނީ އެހާ ބޮޑު އަގުގައި ވަކީލަކު ނުވެސް ހޯދޭނެ އާއިލާތައް،" ނެޓްވޯކްތަކުގެ މޫތައް ގޮސް ހުރި ހިސާބާއި އެ މީހުންގެ ބިރުވެރިކަން އޮތް ހިސާބު ތަޖުރިބާކުރަން ޖެހުނު މީހަކު ކިޔައިދިނެވެ.

ނެޓްވޯކްގެ އެންމެ މަތީގައި މީހުން ތިބެނީ ފޮރުވިފަ އެވެ. އެ މީހުންގެ އަނދިރި ވިޔަފާރި ހިންގަން ގެންގުޅެނީ ވިއްސިވިހާލިވެފައިވާ ޒުވާން އާބާދީގެ ތެރޭގައި އުޅޭ، ކޮންމެ ފަދަ ގޮތަކަށް ވިޔަސް "އުޅެވޭނެ" ގޮތެއް ބޭނުންވާ މީހުންނެވެ. ހައިހޫނުކަން ފިލުވާލާނެ ގޮތަކާއި މަސްތުވުމާއި މިކަމާ ގުޅުން ހުރި ކުށްތަކުގެ ތެރޭ ބަންދުވާން ޖެހޭ ހިސާބުން ސަލާމަތްކޮށްދޭން އަންނާނެ ބައެކެވެ. އެކަން ވަނީ ފުންމިން ނޭނގޭ މި ނެޓްވޯކްތަކުގެ ތެރެއިންނެވެ.

23 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 64%
icon angry icon angry 16%
icon wow icon wow 11%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސްދޫނި

12 November 2021

އޮޅިގެން ވެސް ހަތިޔާރެއް ރާއްޖެ އަށް ވަނަކަ ނުދޭ. އެއީ 100 އިން 200 އިން އެތެރެ ކުރާ މަސްތުވާ ތަކެއްޗައް ވުރެ އަދި މާ ކުޑަކުޑަ އެއްޗެއް. އަގުވެސް ހެޔޮ. ގޭންގް ތަކުގެ ބޮޑުން ވަރަށް ބޭނުންވެސް ވޭ ފޮނި ދައްކާލަން ނަމަވެސް އަތުގަ ފިސްތޯލެއް ބާއްވަން. ކީއްވެ އެކަމު އެމީހުންނަށް އެކަން ނުވަނީ؟ އަސްލު ދެކޮޅު ނުޖެހޭ ދޯ؟!

The name is already taken The name is available. Register?

އަސްދޫނި

13 November 2021

ފިސްތޯލަ އެއީ ވަރަށް ފަސޭހައިން ދެނެގަނެވޭ އެއްޗެއް. އެކަމަކު މަސްތުވާތަކެތި ދެނގަތުން އުނދަގޫވާނެ، މިސާލަކަށް އެކްސްރޭ މެޝިނުން ބެލިޔަސް މަސްތުވާއެއްޗެހި ހޯދުން އެއީ ގޮންޖެހުމެއް.

The name is already taken The name is available. Register?

Mohamed Ihsaan Ibrahim

14 November 2021

ފިސްތޯލައަކަށް މާކެޓެއް ނެތެއްނު

The name is already taken The name is available. Register?

އަލި

12 November 2021

ހުއްޓުވަން އުޅޭނަމަ ހުއްޓުވޭނެ. މީ ކުޑަ އާބާދީއެއް.

The name is already taken The name is available. Register?

ޢިބޫ

12 November 2021

ހައްލަކީ ވެރިކަމަށް އުމަރު ނަސީރު ގެނައުން. އެނޫން އެއްވެސް ގޮތެއް ނެތް.

The name is already taken The name is available. Register?

ނާޖީ

13 November 2021

މަވެސް ހީކޮށްގެންހުރީ އުމަރަކީ ވަރަށް ގަޓް މީހެއްކަމަށް. އެކަމަކު ދަންނަވަންތޯ-އުމަރުނަސީރަށް ވުރެ ބޮޑު ފިނޑިއެއް ދިވެހިރާއްޖޭގެ ސިޔާސީ ކަންކަމުގަ ނުއުޅޭ. އެެކަން އަހަރެމެންނަށް ފެނި ، އެނގިގެންދިޔައީ ހޯމްމިނިސްޓަރުކަމުގެ މަގާމުގައި ހުރެ އަމަލު ގޮތުން. ބާރާއި ނުފޫޒުގެ ކުރިމަތީގައި އުމަރަކީ ސުމެއްގެ މީހެއް.

The name is already taken The name is available. Register?

ތަކުރަހާނު

12 November 2021

އެންމެން ދަންނަ ބޮޑު ސިއްރެއް

The name is already taken The name is available. Register?

ނަސީމާ

11 November 2021

މިއީ ކުޑަކުޑަގައުމެއް. އަދި ވަކިން ކުދިކުދި ރަށްތަކެއްގައި އުޅޭ އިނގިލިލަންބަމުން ގުނާލެވޭ އެކަކު އަނެކަކަށް ނެގޭ މީހަކު ނެތްތަނެއް. ކުއްޓޭ އާއި ބުއްޓޭ ހުންނާނީ ކޮން ކަންމައްޗެއްގައިކަން، ޔޮށްޓޭކަން ޑެލިވަރީ ކުރަނީ، ބޯމީހާ އެބަފެނޭ، ވިއްކާމީހާ އެބަފެނޭ. މެދުސަފުހާ ހިންގާމީހާޔަށްވެސް އެބައިގޭ ކާކުކަން އިންޓވިއުދޭނީ. މިހާސާފުކަމެއް. ހައްލުނުވެގެން އުޅެނީ އެވަރުވިސްނުންތޫނު ހިތްވަރެއް ހުރި ވެރިންތަކެއްނެތީމަ.

The name is already taken The name is available. Register?

ނަޒިހާ

11 November 2021

ޑްރަގުގެ ވަބާ ނުހުއުއްޓުވި ކުރިފަޅައިގެންގޮސް މުޅި ގައުމުގެ ހުރިހާ ތަކަނަކަށް ، މަކާނަކަށް ފޯރާފައި ވުމާޢި ގުޅިފައިވާކަން ކަށަވަރީ ގައުމުގައި އުފެދި ފުޅާވެފައިވާ ކޮރަޕްޝަން ވަބާއެވެ. ވީމާ ދަންނަވާލަން ޖެހެނީ ޑްރަގު ވިޔަފާރި ވިޔަސް އަދި މިފަދަ އެހެނިހެން ޖަރީމާތަކުގެ ވެސް ހައްލަކީ ކޮރޮޕްޝަނާއި ދެކޮޅަށް ވަރުގަދަ ހަގުރާމައެއް ކުރުމެވެ. ކޮރޮޕްޝަނަކީ ނުރައްކާތެރި ބައްޔެކެވެ. އެއީ ބަލިމަޑުކަމެކެވެ.

The name is already taken The name is available. Register?

މަގޭ ރާއްޖެ އަކީ ތާހިރު ރާއްޖެ އަކޯ.. ހީހީ ހަލާކު!

11 November 2021

މި ރާއްޖޭގައި ކިޔަވައިގެން 'ރަގަޅު ތެދުވެރި' ދިރިއުޅުމެއް ވިސްނާނީ މޮޔަކަމުން. 40 އަހަރު މަސައްކަތް ކުރިޔަސް އަތުގައި މުކޮސްވެސް ނޯންނާނެ. އެނެއްކޮޅުން ބިއްދޮށުފަޅިން ވިޔަފާރި ކުރަން ކެރެންޏާ މިލިއަނަރުންނައްވާނެ، ފަސޭހަކަމާއެކު. ހިޔާރު ކުރަން ކެރުން އޮތީ!!!

The name is already taken The name is available. Register?

ހިތްހަލާކު

11 November 2021

އަޅެ ޑްރަގު އެތެރެވާންހުރި ދޮރުތަކުގަ ލޮކްއަޅުވައިދޭނެ ކޮންމެސް ވެރިޔެއް މިޤައުމުން ދައްކަވާށި

The name is already taken The name is available. Register?

ޑްރޮގްބާ

11 November 2021

ހައްލަކީ ޢުމަރު.

The name is already taken The name is available. Register?

މަންދީ

11 November 2021

މިކުދިން ސަލާމަތް ކުރެވޭނެ ގޮތެއް ހަމަ ނެތް ދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454