ގްރާމަކުން ގޮސް 200 ކިލޯ އަށް: ގާނޫނު ހީކުރި ވަރަށް ވުރެ މި މީހުން މާ ސްމާޓް

އ. އަތޮޅުގެ ފަޅަކަށް ފައްތާފައި ހުއްޓާ އޭޕްރީލް 22، 2006 ގައި ފެނުނު 1.5 ޓަނުގެ ކެނަބިސް ސިފައިން އުޅަނދަކަށް ބަރުކުރަނީ. މިއީ ރާއްޖޭން މިހާތަނަށް އެއްފަހަރާ ފެނުނު އެންމެ ގިނަ ޑްރަގްސް. -- ފޮޓޯ: ހަވީރު

މީގެ ތިރީހަކަށް އަހަރު ކުރިން، މީހެއްގެ އަތުން އެންމެ ގްރާމެއްގެ ޑްރަގްސް ފެނުމަކީ ވެސް ބޮޑު ކަމެކެވެ. އޭގެ ފަހުން، މާލޭގެ ގެއަކުން ހަތަރު ކިލޯގް ޑްރަގް އެއްފަހަރާ ފެނިގެން ނޫސްވެރިން އެ ގޭގެ ބޭރުގައި ހޭލައި ތިބި ޒަމާނެއް ވެސް ދިޔަ އެވެ. ކަންބޮޑުވެ ތިބެ، ފަލަ ސުރުހީތަކުގައި ވެސް އޮތީ އެ ވާހަކަ އެވެ. އެއީ 2000ގެ ކުރީކޮޅެވެ. ފަހުން ފަހުން، 20-30 ކިލޯއިން ވެސް ޑްރަގް ފެންނަން ފެށި އެވެ.

ފުލުހުން ހިންގާ އެންމެ ބޮޑެތި އޮޕަރޭޝަންތަކުގައި، މިހާރު 100 ކިލޯއިން މަތިން ޑްރަގް އަތުލުން ވަނީ އާންމު ކަމަކަށް ވެފަ އެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ވެސް ބޮޑެތި އަދަދުތަކެވެ. އެތައް ސަތޭކަ މިލިއަން ރުފިޔާގެ އަގު ހުރި ތަކެއްޗެވެ. މިދިޔަ މަހު ވެސް ސަފާރީއެއް ބޭނުންކޮށްގެން ޓްރެފިކް ކުރަން އުޅުނު 100 ކިލޯއާ އެކު 10 މީހަކު، އަދި ފަޅުރަށެއްގައި ވަޅުލާފައި ހުރި 215 ކިލޯއާ އެކު ދެ މީހަކު ހައްޔަރު ކުރި އެވެ.

"މަސްތުވާތަކެތީގެ ގާނޫނު ވުޖޫދަށް އައި އިރު 100 ގްރާމް އަތުލައިގަތަސް އެއީ ވަރަށް ބޮޑު އަދަދެއް،" މެދު ސަފުހާ އަށް ދެއްވި އިންޓަވިއުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ ވެރިޔާ އަހުމަދު ޝާކިރު ވިދާޅުވި އެވެ.

"2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 13 ފަހަރެއްގެ މަތިން އަޅުގަނޑުމެން މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމެންޓުތައް އަތުލައިގަނެވުނު އިރު، އެ އަދަދު 149 ކިލޯއިން ފެށިގެން 215 އާ ހަމައަށް އިތުރުވަމުން މިދަނީ."

މިދިޔަ މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ ޑްރަގް: އެ ޑްރަގް ރާއްޖެ ގެންނަން ބޭނުން ކުރީ ސަފާރީއެއް ކަމަށް އެނގިފައިވޭ -- ފޮޓޯ: ފުލުހުން

މިކަމުން ވެސް އެނގެނީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ޑްރަގް ޓްރެފިކް ކުރުން ފުޅާވެފައިވާ މިންވަރެވެ. ކަނޑުގެ މަގުން އެތެރެ ކުރުމުގެ އިތުރުން، ވައިގެ މަގުން އަންނަ އިރު އެކި ގޮތްގޮތަށް ފޮރުވައިގެންނާއި، ޕޯސްޓް މެދުވެރިކޮށާއި، އެއާފްރައިޓްކޮށް ވެސް މިކަން ކުރެ އެވެ. އަދި މިހާރު ރާއްޖޭގެ ނެޓްވޯކުތައް ބޭރުގެ ނެޓްވޯކުތަކާ ގުޅި މިކަން ކުރަނީ ވެސް ބައިނަލްއަގުވާމީ ފެންވަރުގަ އެވެ. ކޮންމެ އަހަރަކު ފުލުހުން ނައްތާލަން ޖެހޭ ޑްރަގްގެ އަދަދު އިތުރުވުމަކީ ވެސް މިކަން ފުޅާވެފައިވާ މިންވަރު ދައްކައިދޭ ދަލީލެކެވެ.

ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމަންޓްތައް. -- މިހާރު އިންފޮގްރެފިކްސް/ އަލީ ނަހުޒާން

މި ވިޔަފާރި ފުޅާވެ ބަދަލުވަމުން ދަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުގައި ހުރި ބޮޑެތި ބާގަނޑުތަކުގެ ބޭނުން ހިފަން މިކަން ކުރާ މީހުން ދަސް ކުރުމުންނެވެ. ކަނޑާއި ވައިގެ ބަނދަރުތަކުގެ ސެކިއުރިޓީ ބަލިކަށިވުމާއި މާސިންގާ ކަނޑުގެ ސަރަހައްދު ނުބެލެހެއްޓުމުގެ ފައިދާ ވެސް ނަގަން ދަސްކޮށްގެންނެވެ.

ރާއްޖޭގެ ސަރަހައްދުން ބޭރަށް ކީއްކުރަން؟

މީގެ އަހަރުތަކެއް ކުރިން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ވައިގެ މަގުން ރާއްޖެއަށް އެެތެރެ ކުރަން އުޅޭ ޑްރަގެވެ. އެކަމަކު، ފާއިތުވި ހައެއްކަ އަހަރުގެ ތެރޭގައި އެތައް ސަތޭކަ ކިލޯއިން ޑްރަގް ލޯޑުކޮށްގެން ކަނޑުމަގުން އެތެރެ ކުރުން އާންމު ވެއްޖެ އެވެ. މިއީ މިހާރު އެންމެ ފުޅާކޮށް މިކަން ކުރާ ގޮތެވެ. މި ޑްރަގް ގެންނަނީ ވެސް ސީދާ އުފައްދާ ގައުމުތަކުންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް ލެފްޓިނެންޓް ކާނަލް މުހައްމަދު ޖަމްޝާދާއި ޑީއީޑީގެ ވެރިޔާ ޝާކިރު ވެސް ވިދާޅުވީ އެއް ވާހަކައެެކެވެ؛ މި ޑްރަގް ބޯޓުތައް އަންނަނީ ޕާކިސްތާނު، އަފްޣާނިސްތާނު އަދި އިރާނު ހިސާބުންނެވެ. މިއީ ޑްރަގް އުފައްދާ ކަމަށް މަޝްހޫރު ގައުމުތަކެވެ.

މި ބޯޓުތައް އާންމުކޮށް އަންނަނީ ރާއްޖޭގެ ހުޅަނގު ފަރާތުން އިންޑިއާ ލަންކާ ހިމެނޭ ސަރަހައްދުތަކަށެވެ. އެ މީހުން ގެންނަ ޝިޕްމެންޓުތައް ގައުމުތަކަށް ފޮނުވަނީ އެ ގައުމެއްގެ ޕާޓްނަރުންނާ ގުޅިގެން ކަނޑުމަތިންނެވެ. ޖަމްޝާދު ވިދާޅުވި ގޮތުގައި އާންމުކޮށް މިފަދަ ހަރަކާތްތައް ރާއްޖޭގެ ހުޅަނގު ފަރާތުގެ ކަނޑުގެ ސަރަހައްދުން ފެންނާތީ އެ ސަރަހައްދު މޮނިޓާ ކުރުމަށް ހާއްސަ ސަމާލުކަމެއް ދެ އެވެ.

51 ކިލޯގެ މަސްތުވާތަކެއްޗާއެކު ހިފެހެއްޓި އިރާނުގެ ބޯޓެއްގެ އެތެރޭގައި ޑްރަގް ފޮރުވާފައި ހުރި ގޮތް ޑީއީޑީގެ ވެރިޔާ އަހުމަދު ޝާކިރު ކިޔައިދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ގައުމުތަކުން އަންނަ ބޯޓުތައް އާންމުކޮށް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއަށް ނުވަދެ މަޑު ކުރަނީ އެ މީހުންނާ ގުޅިފައިވާ ރާއްޖޭގެ ޕާޓްނަރުން ޑްރަގް ބަލާ އަންނަން ދެނެވެ. ޕާޓްނަރުން އައިސް ކަނޑުމަތީގައި އެއް އުޅަނދުން އަނެއް އުޅަނދަށް ޑްރަގް އަރުވައިގެން ގެންދަނީ އެވެ. ބައެއް ފަހަރު ރާއްޖޭގެ އީއީޒެޑްގެ ތެރޭގައި ވެސް މިކަން ކުރެ އެވެ.

މި ކަމުގައި ބައިވެރިވާ ދިވެހި ޕާޓްނަރުން ގަލްފްކްރާފްޓް ލޯންޗުތަކާއި މަސް ދޯނިތަކާއި އަދި ބައެއް ނެޓްވޯކުތަކުން ސަފާރީތަކުގައި ވެސް ތެޔޮ ބަރުކޮށްގެން ނުކުންނަނީ ކަނޑުގެ ގާތްގަނޑަކަށް 300 މޭލު ބޭރަށެވެ. މިއީ ބޮޑު ކަންނެލި މަސްވެރިން ވެސް ނުނުކުންނަހާ ބޭރެވެ. މިދިޔަ މަހުގެ ތެރޭގައި 100 ކިލޯގެ ޑްރަގް އަތުލައިގަނެ އަށް މީހަކު ހައްޔަރު ކުރި މައްސަލައަކީ މީގެ މިސާލަކެވެ. މި އޮޕަރޭޝަނުގައި ތުހުމަތު ކުރެވޭ މީހުން ސަފާރީއެއްގައި ދިގު ދަތުރެއް ގޮސް ބޯޓަކުން ސަފާރީއަށް ގިނަ ގޯނިތަކެއް އެރުވި ކަމަށް ތަހުގީގަށް އެނގިފައިވެ އެވެ.

ބޭރުން އަންނަ ބޯޓުތަކުން ޑްރަގް ބަރުކޮށްގެން ދަނިކޮށް ދިވެހި އުޅަނދުތައް ވެސް ހިފަހައްޓާފައި އެބަ ހުއްޓެވެ. އައްޑޫގެ ބޮޑު ޑްރަގް ޑީލަރެއް ކަމަށް ފުލުހުން ބުނާ އިބްރާހިމް ރަޝީދު (އަބުޗާ) ވެސް ހައްޔަރު ކުރީ 100 ކިލޯއަށް ވުރެ ގިނަ ޑްރަގްސް ލޯންޗަކަށް ބަރުކޮށްގެން ދަނިކޮށެވެ. އެ ފަހަރު ފުލުހުން އަންނަކަން އެނގުމުން އެ މީހުން ކަނޑަަށް ގިނަ އަދަދެއްގެ ޑްރަގް އުކައި ވެސް ލި އެވެ.

މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މީހަކު ހައްޔަރު ކުރަނީ --

މިގޮތަށް ޑްރަގް ބަރުކޮށްގެން ގެންދަނީ ކޮންމެ ވެސް ފަޅު ރަކަށެވެ. އެހެން ދިމާލަކަށް ގެންދަންދެން އެ ރަށެއްގައި ވަޅުލާފައި ބަހައްޓަނީ އެވެ. ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ އަދަދުތަކުން ޑްރަގް ފެނިފައި ހުރީ ވެސް މިގޮތަށް ފަޅުރަށްތަކުގައި ފޮރުވާފައި ހުއްޓަ އެވެ. ގދ. ހުޅުވާރުލުން ފެނުނު 149 ކިލޯގެ ޑްރަގާއި މިދިޔަ މަހު ރ. ރާނބުގަލިން ހޯދި 215 ކިލޯ އަކީ މިސާލެކެވެ.

ޓްރާންސިޓް ކުރަން ފަސޭހަ މަންޒިލެއް

ކަނޑުގެ މަގުން ގިނަ އަދަދެއްގެ ޑްރަގް އެތެރެކޮށް ފަޅުރަށްތަކުގައި ވަޅުލާފައި ބެހެއްޓިޔަސް މިއީ އަބަދަކު ރާއްޖޭގެ މާކެޓަށް ގެންނަ އެއްޗެއްސެއް ނޫނެވެ. ރާއްޖޭގައި ޑްރަގް ބޭނުން ކުރާ މީހުންގެ އަދަދު ސީދާ އަންދާޒާ ނުކުރެވޭތީ ރާއްޖޭގެ މާކެޓުގެ ކެޕޭސިޓީއެއް ނޭނގެ އެވެ. އެކަމަކު، ފަހަކަށް އައިސް ރާއްޖެއަށް ގެންނަ ބޮޑެތި ބައެއް ޝިޕްމެންޓުތަކަކީ ރާއްޖޭގެ މާކެޓަށް ގެންނަ އެއްޗެހި ނޫން ކަމަށް ބުނަން ފުލުހުންނަށް އެނގެ އެވެ.

ޝާކިރު ވިދާޅުވި ގޮތުގައި މިފަދަ ބޮޑެތި ބައެއް ޝިޕްމެންޓުތަކަކީ ރާއްޖޭގައި ބަހައްޓާފައި އެހެން ގައުމުތަކަށް ގެންދަން ގެންނަ ތަކެއްޗެވެ. އެނގިފައިވާ ގޮތުގައި މި ޝިޕްމެންޓުތައް އާންމުކޮށް ފޮނުވަނީ އިންޑޮނޭޝިއާ ފިލިޕީންސް އަދި ތައިލެންޑް ފަދަ ގައުމުތަކަށެވެ. މިކަމުގެ މިސާލެއްގެ ގޮތުގައި ޝާކިރު ފާހަގަ ކުރެއްވީ ރ. ރާނބުގަލިން މިދިޔަ މަހު ފުުލުހުން އަތުލި 215 ކިލޯގެ ޑްރަގެވެ. އެ މީހުން ރާއްޖެ ބޭނުން ކުރަނީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގަ އެވެ. ގުދުރަތީ ގޮތުން މި ގައުމު އުފެދިފައި އޮތް ގޮތުގެ ބޭނުން މި ވަގު ވިޔަފާރި އަށް ހިފޭތީ އެވެ.

51 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހިފެހެއްޓި އިރާނުގެ ބޯޓު ކައިރީގައި ފުލުހަކު ހުއްޓިލައިގެން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ތަހުގީގަށް ހޯދިފައި ވެސް އެބަ ހުރި ބައެއް ޝިޕްމެންޓުތަކަކީ ރާއްޖޭގެ އާބާދީއަށް ނޫނީ ރާއްޖޭގެ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ޓާގެޓް ކުރެވޭ އެއްޗެހި ނޫންކަން. އެއީ ހަމަ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކޮށް، އެތަކެތި ރާއްޖެއިން ބޭރަށް ފޮނުވުމަށް ޓަކައި ފޮނުވޭ އެއްޗެހިކަން،" ޝާކިރު ވިދާޅުވި އެވެ.

ވައިގެ މަގުން ޑްރަގް ޓްރެފިކް ކުރުމުގައި ވެސް ރާއްޖެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުން ކުރެ އެވެ. ޑްރަގް ފޮރުވައިގެން ރާއްޖެ އައިސް ހަގީގީ މަންޒިލަށް ރާއްޖެ މަގުން ދަނީ ރާއްޖެއަކީ ޑްރަގާއެކު ބޭރުވާން ފަސޭހަ ގައުމެއް ކަމަށް އެ މީހުންނަށް ގަބޫލު ކުރެވޭތީ ކަމަށް ޝާކިރު ވިދާޅުވި އެވެ. ރާއްޖެއިން ދަތުރު ކުރާ ފަރާތްތަކާ މެދު ޝައްކުގެ ނަޒަރުން ނުބަލައި ލުއި ގޮތްގޮތަށް އެހެން ގައުމުތަކުން އަމަލު ކުރުމަކީ އެއް ސަބަބެވެ.

"އެ މީހުން ރާއްޖެ ދެކެނީ ފަސޭހަ ޕޮއިންޓެއް ކަމަށް. ކަންޓްރީ އޮފް އޮރިޖިން ބަދަލުކޮށްލަނީ. އެހެން ގައުމުތަކަށް ރާއްޖެއިން ދަތުރު ކުރާ މީހުންނާ މެދު ވަރަށް ލުއި ގޮތެއް ބަހައްޓަނީ. އެއީ ރާއްޖެއިން ދަތުރު ކުރާއިރު އެކަހަލަ ކަމެއް ނުހުންނާނެ ކަމަށް ބެލެވޭތީ،" ޝާކިރު ވިދާޅުވި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ ވެރިޔާ އަހުމަދު ޝާކިރު މިހާރުގެ މެދު ސަފުހާއަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ސައުތު އެމެރިކާގެ ގައުމުތަކުން ރާއްޖެ އަށް ވައިގެ މަގުން ޑްރަގްސް އެތެރެ ކުރަން މަސައްކަތް ކުރާ މީހުން ހިފެހެއްޓޭ މިންވަރު އިތުރުވާކަން ފުލުހުންނަށް ފާހަގަ ކުރެވެ އެވެ. ބްރެޒިލް އިކުއެޑޯ އަދި ކޮސްޓަރިކާ ފަދަ ގައުމުތަކެވެ. ބައެއް ހާލަތްތަކުގައި މި މީހުން އަންނަނީ ވެސް ދިވެހި ބަޔަކާ ގުޅިގެން ކަމަށް ފުލުހުންނަށް ލަފާ ކުރެވެ އެވެ. މި ހަފްތާގެ ތެރޭގައި 18 ކިލޯގެ ޑްރަގާއެކު ބްރެޒިލްގެ ދެ މީހަކު ހައްޔަރު ކުރުމަކީ މީގެ އެއް މިސާލެވެ. އޮގަސްޓު މަހު އުމުރުން 31 އަހަރުގެ އަންހެނަކު ތިން ކިލޯގެ ކޮކެއިންއާ އެކު އަދި 29 އަހަރުގެ އަންހެނަކު 16 ކިލޯގެ ޑްރަގާ އެކު ހައްޔަރުކުރި އެވެ.

ރާއްޖޭގައި ޓްރާންސިޓްކޮށްގެން ފުރައިގެން ދިޔަ މީހުން އަތުން އެހެން ގައުމުތަކުގައި ޑްރަގް ފެނިފައި ވެސް އެބަ ހުއްޓެެވެ. ދެހާސް އަށާރަ ވަނަ އަހަރު ރާއްޖެއިން ހޮންގް ކޮންގް އަށް ދަތުރު ކުރި އެ ގައުމުގެ ތިން މީހަކު އެ ގައުމަށް ދިއުމުން ހިފަހައްޓައި ބެލި އިރު ލަގެޖުގައި ހަތް ކިލޯގެ ކޮކެއިން ހުއްޓެވެ.

ކުރިން ތަސައްވުރު ނުކުރެވޭ އެތައް ކަމެއް

ފުލުހުން ބުނާ ގޮތުގައި ރާއްޖޭގެ އެއް ނެޓްވޯކު އަނެއް ނެޓްވޯކާ ގުޅި ވެސް މިކަން ފުޅާވެ އެވެ. ޖަލުތަކުގައި މިކަން ކުރާ މީހުން އެއްކޮށް ބަންދު ކުރުމަކީ ވެސް އެފަދަ ގުޅުންތައް އުފެދޭ ސަބަބެކެވެ. މީގެ އިތުރުން، ރާއްޖޭގެ ނެޓްވޯކުތައް ބައިނަލްއަގުވާމީ ނެޓްވޯކުތަކާ ގުޅިލާމެހި ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޓު ކުރާ ހިސާބަށް ހިނގައްޖެ އެވެ.

ބޭރުގެ ނެޓްވޯކުތަކާ ގުޅިގެން ބޮޑެތި ޑްރަގް ޑީލުތަތަކުގެ ތެރެއިން ކަމެއް ގޯސް ނުވާނެ ކަމުގެ ޔަގީންކަން ދިނުމަށް މީހުން ރަހުނުގެ ގޮތުގައި ޑްރަގް ނެޓްވޯކުތަކާ ހަވާލު ކުރުމަކީ ވެސް މިހާރު ކުރާ ކަމެކެވެ. މި އަހަރުގެ ތެރޭގައި ވެސް މުހައްމަދު މިސްބާހު ނަމަކަށް ކިޔާ ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާ ހުރީ 70 އަށް ވުރެ ގިނަ ކިލޯގެ ޑްރަގް ޓްރެފިކް ކުރުމުގެ ޑީލެއްގެ ތެރެއިން ޑްރަގް ނެޓްވޯކަކަށް ރަހުނު ކޮށްފައި ޕާކިސްތާނުގައިކަން ހާމަވި އެވެ.

ކެފޭ އުސޫލުން ޑްރަގް ބޭނުން ކުރުމުގެ ހިދުމަތްދޭ ގެއެއް: މިފަދަ ތަންތަން ބަންދު ކުރަން ފުލުހުން ގިނަ މަސައްކަތްތަކެއް ކުރޭ -- ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރިން ރާއްޖޭގައި ބޭނުން ނުކުރާ ޑްރަގްތައް ހިލޭ ގެނެސް މާކެޓަށް ތައާރަފުކޮށް އަގުހެޔޮކޮށް ވިއްކަމުންދާއިރު މިހާރު ކެފޭ އުސޫލުން ޑްރަގް ބޭނުން ކުރުމުގެ ހިދުމަތަކީ ފަހުން މާލޭގައި ވަރަށް ފުޅާކޮށް ހިންގި މިކަމާ ގުޅިފައިވާ ވިޔަފާރިއެކެވެ. އެޑިކްޓުން ސީދާ އެ ކެފޭތަކަށް ގޮސް އަގު ދީފައި ޑްރަގް ބޭނުން ކުރަން ތިބެވޭ ގޮތަށް ހަދާފައި ހުންނަ މި ކެފޭތަކުގައި ތަޅުއަޅުވާނެ ގޮތެއް ވެސް ގާނޫނު ތަސައްވުރެއް ނުކުރެ އެވެ.

ޑްރަގްގެ މައްސަލަ ހައްލު ކުރަން މީގެ 11 އަހަރު ކުރިން މަސްތުވާތަކެތީގެ ގާނޫނު އެކުލަވާލި އިރު އެ ގާނޫނު އޮތީ އޭރުގެ ހާލަތަށް ބަލައި ހަދައިފަ އެވެ. މި ވިޔަފާރި މިހާ ފުޅާވެދާނެ ކަމަށް މި ގާނޫނު އެކުލަވާލި އިރަކު ތަސައްވުރެއް ނުކުރެވޭ ކަމަށް ޝާކިރު ވެސް ގަބޫލުކުރައްވަ އެވެ.

"މީގެ 11 އަހަރު ކުރިން މި ގާނޫނު ވުޖޫދަށް ގެނެވުނު އިރު ތަސައްވުރު ކުރި ކަންތައްތަކެއް ނޫން މި ފެންނަނީ،" ޕޮލިސް

"މީގެ 11 އަހަރު ކުރިން މި ގާނޫނު ވުޖޫދަށް ގެނެވުނު އިރު ތަސައްވުރު ކުރި ކަންތައްތަކެއް ނޫން މި ފެންނަނީ،" ޝާކިރު ވިދާޅުވި އެވެ.

ޑްރަގް ޓްރެފިކިންއާ ހަނގުރާމަ ކުރަން މިހާރުގެ ހާލަތާ އެއްވަރަށް ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން، ނުވަތަ މިފަދަ ކުށްތަކަށް ވަކިން ހާއްސަ ގާނޫނެއް އެކުލަވާލަން ޖެހޭ ޝާކިރު ދެކެވަޑައިގަންނަވަ އެވެ. ޑްރަގް ޓްރެފިކް ކުރުމުގެ ވިޔަފާރި ކުރާ މީހުން އާ އުކުޅުތައް ދަސްކޮށް އެކަން ފުޅާކުރާ އިރު މި ގާނޫނު މާ ފަހަތުގައި އޮތުމުން ތަންފީޒީ އިދާރަތަކަށް ދަތިވެ އެވެ. ގާނޫނުގެ ތެރެއިން މިހާރު އޮންނަނީ މިފަދަ ކުށް ކުރާ މީހުން ސަލާމަތްވާނެ ހުރިހާ ދޮރެކެވެ. އެ މީހުން ބަންދުކުރާނެ ގޮތްތައް ވަރަށް މަދެވެ.

12 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 32%
icon angry icon angry 50%
icon wow icon wow 9%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައްވިލާ ކަޅުބެ

12 November 2021

"މީގެ 11 އަހަރު ކުރިން މި ގާނޫނު ވުޖޫދަށް ގެނެވުނު އިރު ތަސައްވުރު ކުރި ކަންތައްތަކެއް ނޫން މި ފެންނަނީ،" ގާނޫނެއްނޫން ބަލިކަށީކީ ނުވަތަ ލޫޕްހޯލެއްއޮތީކީ މިގައުމުގައި ގާނޫނުތައް ތަންފީޒް ނުކުރުމާއި ވެރިންގެ ދޯދިޔާކަން ގާނޫނެއްގެ ބަލިކަށިކަމަކުން ފަޓާހެއް ހަވައެއް އެތެރެޔެއްނުވޭ ގާނޫނުގެ ލޫޕްހޯލަކުން މުޒާހަރާއެއްނުކުރެވޭ ގާނޫން ހުއްދަދޭވަރައްވެސް ހިންގަނީ 2ގާނޫނު އެއީ ވެހިކަލްގައި އިސްޓިކާ ޖަހާ ގަނޫނާއި މީރާގެގާނޫނު ވަރައްބަރާބަރައް ވެދުން

The name is already taken The name is available. Register?

ސަންޓޯރިޔޯ

11 November 2021

ޑީލަރުން ސުމާޓު ވާހަކަތަ މި ދައްކަނީ. ޖިނާއީ އިޖްރާއާތޭ ޓްރެފިކޭ ބަރަބޮލޭ ކިޔާނެ ކަމެއް ނެތް.. ހުވާތައް ކޮށް މަތި މައްޗަށް މެޑަލް ޖަހައިގެން ބޮޑެތި މުސާރަ ނަގައިގެން މި މީހުން މި ކުރަނީ ކޮން ކަމެއްތަ.

The name is already taken The name is available. Register?

ފަކީރާ

11 November 2021

ހުރިހާ ކަމެއް އިނގޭ ފިޔަވަޅެއް ނޭޅޭ

The name is already taken The name is available. Register?

ހޯހޯހޯ

11 November 2021

މިހާރު މިރާއްޖޭގަ މަސްތުވާތަކެތި ބޭނުންކުރުން އެއީ ކުށަކަށް ނުވޭ ދެއްތޯ. 100 200 ކިލޯ އެތެރެ ކުރާ މީހުން 15 ދުވަހު ޖަލުގަ ބާއްވާފަ މިނިވަން ވަނީ.. ހުރި ހަލާކެއްގެ ބޮޑުކަމާއެވެ..

The name is already taken The name is available. Register?

ގޭންގްސްޓޮރީ

11 November 2021

ތިޔަ "ސްމާޓް" މީހުންނަށް ވަރަށް ބާރުކުރާނެ ޢުމަރު ނަސީރުގެ ވެރިކަމެއްގަ..

The name is already taken The name is available. Register?

ކޯޑިނޭޓަރ

11 November 2021

ޑީ.އީ.ޑީ ގެ ވެރިއަކަށް ހުރެ އަދި އެން.ޑީ.އޭ ބޯޑުގައި ވެސް އިނދެ ޤާނޫނަށް ގެންނަން ޖެހޭ އިސްލާހު އެނގި ހުރެ ޝާކިރު މިކަން ނުކޮށް މިހާ ދުވަހު މިހުރީ ކީއްވެތޯ ؟ ޒިއްމާ ނުނެގޭ ނަމަ އަވަހަށް އިސްތިއުފާ ދީފަ ގެއަށް ދިއުމަށް ޝާކިރަށް ގޮވާލަން.

The name is already taken The name is available. Register?

މުލޭ

11 November 2021

އޭނަތަ ގާނޫނަށް ބަދަލު ގެންނަނީ.

The name is already taken The name is available. Register?

ތަންޒީލު

11 November 2021

ޤާނޫނު ތަންފީޒު ކުރަން އުނދަގޫ ނަމަ ތަންފީޒީ އިދާރާ ތަކުން ޤާނޫނަށް ގެންނަން ޖެހޭ ބަދަލު މަޖްލިހަށް ހުށަހެޅި ދާނެ. ދެކޭ ގޮތް ހާމަކޮށް އިންޓަވިއުތައް ތައް ދީ ފިލްމު ވެސް ކުޅެވިދާނެ. އެކަމަކު މިއިން ކަމަކުން މިޙާލަތު ބަދަލެއް ނުކުރެވޭނެ.

The name is already taken The name is available. Register?

ޢާދަނުބެ

11 November 2021

ޙަގީގީ ހަގީގަތް ތިބުނީ ހެޔޮކޮށް މި ކަމުގެ ތެރޭގަ ސަރުކާރު ތެރެ އިންނާ ބޮޑެތި ވިޔަފާރިވެރިންވެސް އެބަ ހިމެނޭ

The name is already taken The name is available. Register?

ހަގީގީ ހަގީގަތް

11 November 2021

ކީއްވެތޯ ހުރިހާ ނުބައިކަމެއްގެ މަންމަ ކަމުގައިވާ މަސްތުވާތަކެއްޗާ ދެކޮޅަށް، ހާއްސަ އުސޫލަކުން އަމަލު ކުރެވޭނެ ގާނޫނެއް ނުހަދަނީ!؟ ކީއްވެތޯ ނުނިދާ ހޭލާ ތިބެގެންވެސް މިފަދަ ގާނޫނެއް ހެދުން އަވަސްް ނުކުރަނީ؟! ޖަވާބަކީ މިކަމުގެ ތެރޭގައި އެތަކެއް ސިޔާސީ މީހުންނާއި، ވިޔަފާރިވެެރިންނާއި، ނުފޫޒުގަދަ އެތައް ބަޔަކު ބެދިފައި ތިބުން. މި މީސްމީހުންނަށް މި ނުބައި ވިޔަފާރިން ބައިއެޅޭކަން. މީ ދެކޮޅު ނުހެދޭނެ ހަގީގަތެއް.

The name is already taken The name is available. Register?

އަމީން އާންމު

11 November 2021

މަޖިލިސް ކުދިން އުޅޭގޮތް ފެނުނީމަ އެނގޭނެ ގާނޫނު ނުހެދެނީ! މިސާލަކަށް ޖާއްބެ! މިލަންދޫ ދާއިރާގެ ރިޒާ، އަހަރު ނުވާ ކުޑަ ކުދިންނަށް ވެސް އެނގޭ ބަލާފަ، ގޯސްކަން

The name is already taken The name is available. Register?

12345

11 November 2021

ކަމެއް ހުއްޓުވަން އުޅެންޏާ އެކަމެއް ދާނީ ހައްތަހާ ގޯހަށް. ދައުލަތުން އެތައް މިލިއަން ހަރަދު އެބަކުރޭ މިކަން ހުއްޓުވަން. އޭގެ ނަތީޖާވެސް ރަނގަޅެއް ނުވޭ.. މިކަން ހުއްޓުވުމުގަ އެންމެ މޮޅު ގޮތަކީ ސިނގިރޭޓުން ޓްކްސް ނަގާހެން މީގެން ވެސް ބޯކޮށް ޓެކްސް ނެގުން.. ބިލިއަނުން ފައިދާވާނެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454