ސަރުކާރުގެ ގޭމް ޗޭންޖުވެ، ހިމޭންކަން ގެއްލިއްޖެ!

ކޯލިޝަންގެ އިސް ބޭފުޅުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ: މިހާރު

މި ވެރިކަމަށް މާބޮޑު ޕްރެޝަރެއް މިހާތަނަކަށް ނެތެވެ؛

ޑިމޮކްރަސީއެއްގައި ނުވަތަ ވާދަވެރި ސިޔާސީ ޕާޓީތަކުގެ ނިޒާމުގައި ހުރިހާ ފަސޭހަތަކެއް ފަހިވި އެވެ. ވެރިކަމާ އެކު ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުނެވެ. ސިޔާސީ ބުރަދަން ހުރި ހުރިހާ ޕާޓީތަކެއް އޮތީ ސަރުކާރާ އެކު ބަދަހި ކޯލިޝަނެއްގަ އެވެ. އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެ އަހަރު ވަންދެން ހުންނެވީ ޖަލު ހުކުމެއްގަ އެވެ. ސަރުކާރު ޒިންމާދާރުކުރުވަން އެކަށީގެންވާ މަސައްކަތެއް ކުރެވޭ ވަރަށް ވުރެން އެމަނިކުފާނުގެ ޕާޓީ އޮތީ ބަލިކަށިވެފަ އެވެ.

އޭރަކު އޮންނަ ސަރުކާރަކަށް، ވާދަވެރިންގެ އުނދަގުލާއި ސިޔާސީ ހަލަބޮލިކަމުން ނެއްޓި، ވެރިކަން ހިންގަން މިގޮތަށް ލިބޭނީ މަދު ފަހަރެއްގަ އެވެ. މި ސަރުކާރުގެ "ނަސީބު" ތިން އަހަރު މިދިޔަ ނޮމްބަރު، 17 ގައި ނިންމާލައިފި އެވެ. މި ފަސޭހައިގައި ބާކީ ދެ އަހަރު ސަރުކާރަށް ދެމިއޮވެވިދާނެ ހެއްޔެވެ؟ ވައުދުތަކުގެ މައްޗަށް އެކަށީގެންވާ ނަތީޖާއެއް މިހާތަނަށް ނެރެދެވުނު ހެއްޔެވެ؟

ވޯޓު ފޮއްޓާ ހަމައިން މި ސުވާލަށް ރައްޔިތުން ދޭން އޮތް ޖަވާބު، ބަދަލުކުރުމުގެ ސިޔާސީ މަސައްކަތުގެ ގިއަރު، އިދިކޮޅު ލީޑަރު ބާރު ކުރައްވައިފި އެވެ. ރާއްޖޭގެ އެންމެ މަތީ މަރުހަލާގެ ކޯޓުން މިނިވަންވެގެންނެވެ. އެމަނިކުފާނާ ދެކޮޅަށް، 2018ގައި ރައްޔިތުންނަށް ދެއްކި ލީޑަރުންގެ ބަދަހި ސަފުގެ ތެރެއިން ރިޔާސީ ރޭހަށް ނުކުންނެވުމަށް އަދި ސިޔާސީ މަސައްކަތުގައި ވެސް މިހާރު އެއްވެސް ހުރަހެއް ނެތެވެ.

އެ މަސައްކަތަށް ދެން އޮތް "ބަންދު ހުރަސް" އަންނަން ދެން ދޫދެއްވައި މަޑުން ހުންނެވުމުގެ ވިސްނުންފުޅެއް ވެސް އެމަނިކުފާނުގެ ނެތެވެ.

ރައީސް ޔާމީން މިނިވަންވެ ވަޑައިގެން، އެމަނިކުފާނަށް ތާއީދު ކުރާ މީހުންނާއި ޕާޓީ އޮފީސްކައިރިން ބައްދަލުކުރައްވަނީ -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އަޅުގަނޑުމެން މި ކުރި މަސައްކަތް، މި ހިސާބުން މިއަށް ވުރެން މަތީ ގިއަރަށް ޖައްސާނަން،" މިނިވަންވެ ފުރަތަމަ ޖަލްސާގައި ޔާމީން ރޭ ވިދާޅުވި އެވެ.

ސަރުކާރުގައި ހުރިހާ ބާރެއް އޮވެ ވަސީލަތްތައް ފަހިވެފައި ތިބެމެ ކައުންސިލް އިންތިހާބުުގައި ޕީޕީއެމަށް ރައްޔިތުން ބޮޑު އަޣުލަބިއްޔަތު ދިނުމަކީ ވަރަށް ވަރުގަދަ މެސެޖެއް ކަން ގަބޫލުކުރައްވާ ކަމަށާއި ދެން އޮތީ އެ ބޭނުންވާ ބަދަލު ބާރު ދުވެލީގައި ގެންނެވުން ކަމަށް ވެސް ވިދާޅުވި އެވެ.

މި ވާހަކަފުޅަށް ބާރު ދެއްވައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ގައުމުގެ ހާލަތު ބަދަލުކުރެއްވޭނެ ލީޑަރުގެ ވަރުގަދަ އެޖެންޑާއެއް އެބައޮތް ކަމަށެވެ. ޖަލުގައި ހޭދަކުރެއްވި މުއްދަތުގައި، ގައުމުގެ މިސްރާބާ މެދު ވިސްނެވުންތަކާއި ހިޔާލުތަކާއި ފިކުރުތަކުން، ހައްލު ނެރުއްވާނެ ފޯމިއުލާއެއް ހޯއްދެވި ކަމަށް ވިދާޅުވި އެވެ.

ފުރަތަމަ އޮތީ ބަލިކަށިވެފައި އޮތް ޕާޓީ ތަރުތީބުކުރުމެވެ. ސަފުތައް އަލުން ރުކުރުވާލުމެވެ. އޭގެ ފަހުން ޔާމީންގެ ފަހަތްޕުޅުގައި ޕީޕީއެމުން ކުރާނީ، ޝިޔާމް ވިދާޅުވި ގޮތުގައި، ގައުމަށް ފައިދާ ހުރި އިހްލާސްތެރި މަސައްކަތެވެ.

"ގައުމު މި ހާލަތުން ބަދަލުކުރާނެ ކަންކަން ހިއްޕަވައިގެން ވަޑައިގެންނެވީ، އެމަނިކުފާނު އެކަން ކުރައްވާނެ،" ޝިޔާމް ވިދާޅުވި އެވެ.

މިއީ، ވެރިކަމަށް އައުމަށް ވި ގިނަ ވައުދުތަކެއް، ބާކީ އޮތް ދެ އަހަރު ތެރޭގައި ފުއްދަން ޖެހިފައި އޮތް މި ސަރުކާރަށް ކިހާ ވަރެއްގެ ޕްރެޝަރަކަށް ވާނެ ހެއްޔެވެ؟

"ޔާމީން މިނިވަންވުމަކުން ތަފާތެއް ނެތް!"

ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވި ގޮތުގައި ޔާމީން މިނިވަންވުމަކުން އަންނާނެ ޕްރެޝަރެއް ނެތެވެ. އިދިކޮޅު ލީޑަރެއްގެ ގޮތުގައި ޖަލުގައި ހުންނެވި އިރު ނުގެންނެވުނު ގޮންޖެހުންތަކެއް، އުނދަގޫތަކެއް، ޖަލުން ނުކުމެވަޑައިގަތުމަކުން ސަރުކާރަށް އަމާޒު ކުރެއްވޭނެ ކަމަކަށް އެ ބޭފުޅުން ދެކެވަޑައިނުގަންނަވަ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ޔާމީން، ސިޔާސީ މަސްރަހުން ފެނުމަކުން ސަރުކާރަށް "ބިރެއް، ހާސްކަމެއް" ނެތް ކަމަށެވެ. މިއީ، ޑިމޮކްރަސީގައި ވާދަވެރިންނަށް ފުރުސަތު އޮންނަން ޖެހޭ ކަމަށް ގަބޫލުކުރާ އެކަމަށް ފުރުސަތު ދޭ ސަރުކާރެއް ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ.

އިމްރާން "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ

"ރައީސް ޔާމީން ވެރިކަން ކުރެއްވީ ސިޔާސީ ހުރިހާ ލީޑަރުން ޖަލުގައި ބައިތިއްބައިގެން. ވަރަށް ކެރިގެން މި ދަންނަވަނީ، ރައީސް ޔާމީން ޖަލުން ނުކުމެވަޑައިގަތުމަކުންނެއް އިތުރު ޕްރެޝަރެއް ނެތް. ޖަލުގައި ހުންނެވުމެކޭ ނުހުންނެވުމެކޭ އަޅުގަނޑުމެންނަށް އެއްވެސް ތަފާތެއް ނެތް،" -- އިމްރާން

"ރައީސް ޔާމީން ވެރިކަން ކުރެއްވީ ސިޔާސީ ހުރިހާ ލީޑަރުން ޖަލުގައި ބައިތިއްބައިގެން. ވަރަށް ކެރިގެން މި ދަންނަވަނީ، ރައީސް ޔާމީން ޖަލުން ނުކުމެވަޑައިގަތުމަކުންނެއް އިތުރު ޕްރެޝަރެއް ނެތް. ޖަލުގައި ހުންނެވުމެކޭ ނުހުންނެވުމެކޭ އަޅުގަނޑުމެންނަށް އެއްވެސް ތަފާތެއް ނެތް،" އިމްރާން ވިދާޅުވި އެވެ.

ސަރުކާރަށް އަންނާނެ ގޮންޖެހުންތަކަށް ވުރެން ޕީޕީއެމުން ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ނިންމަވައިގެން ތިއްބެވި ބޭފުޅުން މާޔޫސްވެވަޑައިގެން ޕާޓީގެ ތެރޭގައި މައްސަލަ ބޮޑުވުމުގެ ފުރުސަތު މާބޮޑަށް އޮތް ކަމަށް ވިދާޅުވި އެެވެ.

ޔާމީން މިނިވަންވެ ސިޔާސީ މަސްރަހަށް އައި ހޫނުކަން ފިނިކުރަން ސަރުކާރުން ދައްކަނީ ޖުޑިޝަރީ މިިނިވަންވަމުން އަންނަ ކަމުގެ ހިތްހަމަޖެހުން އޮތް ކަމެވެ. ޔާމީން މިނިވަންވި ސުޕްރީމް ކޯޓުގެ ހުކުމުން ސާފުވެގެން ދިޔައީ ސަރުކާރު އައުމަށް ވި ވައުދުތައް ފުއްދަމުން އަންނަ ކަން ކަމަށާއި ކޯޓުތަކަށް ސަރުކާރުން އަތް ނުބާނާނެ ކަމެވެ. ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނުނަގާނެ ކަމެވެ. ފަނޑިޔާރުން ދަމާހަލައި ޖަލަށް ނުލާނެ ކަމެވެ.

މިއީ، ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ހައްޔަރުކުރުމާ ގުޅިގެން އެމަނިކުފާނަށް އަމާޒުކުރާ ފާޑުކިއުންތަކެވެ.

"ކޯޓުތަކުން އިންސާފުވެރިކަމާ އެކު ނެރޭ ހުކުމަށް ބަލައިގެން އުޅުމުގެ ގާބިލްކަން މި ސަރުކާރުގައި ހުންނާނެ. އެކަންކަން ތަހައްމަލްކުރުމުގެ ހިތްވަރު ވެސް މި ސަރުކާރުގައި ހުރި ކަމަށް އަޅުގަނޑު ގަބޫލުކުރަން. ރައީސުލްޖުމްހޫރިއްޔާ ވެސް ހުންނެވީ އެ ގޮތުގައި،" އިމްރާން ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ޝަރުއީ ނިޒާމް އިސްލާހު ވަމުން އަންނަ ތަން ފެނުމަކީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އަޅުގަނޑުމެން ކަންބޮޑެއް ނުވޭ، އިއްޔެ އަކީ [ޔާމީން މިނިވަންވުމަކީ] އުފާވެރި ދުވަހެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރަނީ،" އޭނާ ވިދާޅުވި އެވެ.

"ޕްރެޝާއެއް އަންނަންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށެއް ނުފެނޭ. ސިޔާސީ ގޮތުން ދޫކުރީކީ ވެސް ނުވަތަ ދޫވީކީ ވެސް ނޫން. ކޯޓުތައް އިންސާފުވެރިކަން މި ފެންނަނީ."

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (ކ-2) މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.- ފައިލް ފޮޓޯ: އެމްޑީޕީ

ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ދައުވާއެއް، އެއްވެސް މީހެއްގެ މައްޗަށްކޮށް ހުކުމެއް ގެނައުމަށް މި ސަރުކާރުން މަސައްކަތެއް ނުކުރާނެ އެވެ. އެކަން ވެސް ތިން އަހަރުގެ ތެރޭގައި ރައްޔިތުންނަށް އޮންނާނީ ސާފުވެފައި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިވަންވެ ސިޔާސީ މަަސައްކަތް ގިނަ ކުރެއްވިޔަސް ޔާމީންގެ މައްޗަށް ކުރިން ކުރެވުނު ތުހުމަތުތަކާއި ރައްޔިތުންނަށް ކުރި އަނިޔާ ހަނދާނުން ފިލައިގެން ނުދާ ކަމަށެވެ. އެކަންކަމުން އަރައިގަނެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ވެރިކަން ހިންގުމުގެ ނިޒާމް ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރަށް ރަނގަޅަށް މަސައްކަތް ކުރެވުނީ، އިމްރާން ވިދާޅުވި ގޮތުގައި، 2019 ގައި އެކަންޏެވެ. އެ އަހަރުގައި ޔާމީންގެ ސަރުކާރަށް ވުރެން ރަނގަޅު ނަތީޖާއެއް ވެސް ނެރެވުނު ކަމަށް ވިދާޅުވި އެވެ.

"ކޮވިޑުގެ އުނދަގޫ ހާލަތެއް މި މެނޭޖްކުރެވުނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރަށް ވުރެން އުނދަގޫ ވަގުތުތަކަކުން ނުކުމެ މާ ގިނަ މަސައްކަތްތައް ކުރު މުއްދަތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވިއްޖެ،" އިމްރާން ވިދާޅުވި އެވެ.

"ރައްޔިތުންނަށް އެއްވެސް އުނދަގުލަކާ ކުރިމަތިލާން ނުޖެހި ކޮވިޑުގެ ތެރެއިން އަރައިގަނެވުމަކީ 25-30 ބުރީގެ އިމާރާތަކަށް ވުރެން މާ ބޮޑު ކަމެއް."

ކޮވިޑާ ހެދި ސްޕީޑު މަޑުޖެހުނު ކަންކަމުގެ ނަތީޖާ، އިމްރާން ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ފެނިގެންދާނެ އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އިދިކޮޅުގެ ސިޔާސީ މަސައްކަތް ބާރުކުރިއަސް ޔާމީނަށް އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަކަށް ނުފެނެ އެވެ. އިންތިހާބުތައް ކާމިޔާބުވެ ވެރިކަން މިހާތަނަށް އުފެދިފައި ވަނީ ކޯލިޝަންތަކުން ކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ 2023 ގެ ކާމިޔާބީއާ ވެސް ބުރަވާނީ އެންމެން ގޮވައިގެން ގައުމު ހިންގެވޭނެ ފަދަ ވެރިއަކަށް ކަމަށެވެ. އެ ސާބިތުކަން މި ވެރިކަމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައްކަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ އެއް އަހަރު ނުވެ މުޅި ކޯލިޝަން ރޫޅިގެން ދިޔަ. މިއީ ރައީސް ޔާމީނަށް ކާމިޔާބު ކުރެވި މި ސަރުކާރުން ވަރަށް ރީތިކޮށް ކާމިޔާބުކޮށްފައި އޮތް ކަމެއް،" އިމްރާން ވިދާޅުވި އެވެ.

"މޮޅުވާން ބޭނުންވަނީ ވާދަވެރިންނާ އެކު"

އާޒިމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީގެ ފަލްސަފާއަކީ ވާދަވެރިންނާ ވާދަކޮށް މޮޅުވުމެވެ. ޑިމޮކްރަސީ ދެމިއޮންނަން ޖެހޭނީ އެ އުސޫލުން ކަމަށާއި ޕީޕީއެމަށް ވެސް ހަރަކާތްތައް ހިންގަން ޖާގަ ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މި ރަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތް އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އިސްލާހުވަމުން އަންނަ ކަން ވާދަވެރިން ވެސް ގަބޫލުކުރާނެ އެވެ. އެ ހިތްހަމަޖެހުން އެ މީހުންނަށް ވެސް އޮތުމަކީ އެމްޑީޕީން އެދޭ ގޮތް ކަމަށް ވިދާޅުވި އެވެ.

ތިން އަހަރަށް ފަހު ޔާމީނާ އެކު ނުކުމެ އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރުމަކީ އެ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަކަށް އާޒިމް ދެކެވަޑައެއް ނުގަންނަވަ އެވެ. މިކަމަކީ އެމްޑީޕީއަށް މާބޮޑު ފިއްތުމެއް އަންނާނެ ކަމެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީ ހާސްވެ، ކަންބޮޑުވެގެން އުޅެން ޖެހޭ ވަރުގެ ކަމެއް ނުވޭ. އިންތިހާބުގައި ވާދަކުރަން އެމްޑީޕީ އެކުވެގެން ނުކުންނަ އިރު ވަަރަށް ވަރުގަދަކޮށް ފެންނަނީ،" އާޒިމް ވިދާޅުވި އެވެ.

"އެމްޑީޕީ ހާސްވެ، ކަންބޮޑުވެގެން އުޅެން ޖެހޭ ވަރުގެ ކަމެއް ނުވޭ. އިންތިހާބުގައި ވާދަކުރަން އެމްޑީޕީ އެކުވެގެން ނުކުންނަ އިރު ވަަރަށް ވަރުގަދަކޮށް ފެންނަނީ،" -- އާޒިމް

"ހަމަޖެހިލައިގެން ބަލާލައިފި ކަމަށް ވަންޏާ ތިން އަހަރު ތެރޭގައި އެމްޑީޕީ އަށް ވަރަށް ގިނަ ކަންކަން ކޮށްދެވިއްޖެ."

ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދީ، މަޝްރޫއުތައް ފަށައި ރިޝްވަތު ނަގާ ފަނޑިޔާރުން އެއްފަރާތްކޮށް ޝަރުއީ ދާއިރާ އިސްލާހުކުރަން ކުރެވުނު މަސައްކަތަކީ ކާމިޔާބެއް ކަން އޭނާ ސިފަކުރެއްވި އެވެ.

"ޔާމީންގެ ބައިވަރު މައްސަލަ ހުރި ކަމަށް ސަރުކާރުން އެބަ ވިދާޅުވޭ. ޕްރޮސިކިއުޓް ކުރަން އިތުރު މައްސަލައެއް ފޮނުވައިފައި ވަނީ. އަދި އިތުރަށް ހުރީ ކިތައް މައްސަލަކަމެއް އަޅުގަނޑުމެންނަކެއް ނޭނގެ. އަޅުގަނޑު ދެކޭ ގޮތުގައި އިންސާފު އިއްޔެ ރައީސް ޔާމީނަށް ލިބިވަޑައިގަތީ. ބައިވަރު މައްސަލަތައް ހުރީމަ ރައްޔިތުން އަދި ދެކެން ބޭނުންވާ އިންސާފު އޮންނާނެ."

ސަރުކާރަށް ދެން އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށް ޕީޕީއެމުން ބުނާ އިރު، ސަރުކާރު އަދި ދައްކަނީ ވަރަށް ހަމަޖެހިގެން ތިބި މަންޒަރެވެ. އެކަމަކު މިވާން އުޅޭ ގޮތް ސާފުވާނީ ދުވަސްކޮޅަކުންނެވެ.

8 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 60%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަށަވަރު

02 December 2021

ހަހަހަހހަހަހަ… މަ ނަމަވެސް ކަޑަވާނެ. ދެން ހަމަ ތެޅިލިއްޔާ ހުޅުނބެއް ދާނީ! މިއީ ނިމުމުގެ ފެށުން!

The name is already taken The name is available. Register?

ކޮންހާހެއް

02 December 2021

އެއްކަމަކުން ސަލާމަތްވިއަސް އަދި ކުރިއަށް އޮތީއެއްނު ދައުވާތައް. މަމެން ހާސްވާކަށްނުޖެހޭނު. އެއް ދައުވާއިން ނުވިއްޔާ އަނެއް ދައުވާ އޮންނާނެ. މިގައުމުގަ ފުލް ސްޕީޑުގަ ހިނގާނެ ހަމައެކަނި މީހާގެ ދައުވާތަކަކީ ޔާމީނަށް ކުރެވޭ ދައުވާތައް. އެހެންވީމަ ހާސްވާންވީ ތަނެއް ނެތެއްނު. ކޮންމެވެސް އެއް ދަލެއްގަ ޖެހޭނެކަމުގެ ޔަގީންކަން އޮންނާނެވިއްޔަ. ވެރިކަމުގެ މެދުތެރެއިން ފަންޏެއް އަޅުވައިގެން ރޭވިވަރު މަދެއްނުވާނެތާ.

The name is already taken The name is available. Register?

ނުވާނެދޯ

02 December 2021

ހާހެއް ނުވާނެތާ. ޔާމީން ނުފުރާނެކަން އެނގޭއިރުވެސް ފުރުން މަނާކޮށް އަމުރެއް ނެރެލީ ބާރެއް ލިބިފަ އޮތްކަން ދައްކާލަންވިއްޔަ. ރައްޔިތުން ކުރިމަތީ ހާސްނުވާކަން ދެއްކިދާނެ. އެކަމު ދަބަސްތަކަށް އަޅައިގެން ކުރިން އުފުލިކަމަށް އަމިއްލައަށް ބުނާ ދިޔާ އެއްޗެހީގެ ކިހާ ބޮޑު އެހީއެއް ހޯދައިގެންތޯ ތިހެން ހާސްނުވެ ތިބެވެނީ ހަމަ ބަޔަކު ބަލައިލީމަ އެނގޭނީ.

The name is already taken The name is available. Register?

އަހަމާ

02 December 2021

ތިބުނާ އިދިކޮޅު ވެރިޔާ ވައްކަން ނުކުރާ ކަމަށްވާނެ ތޯ ؟ ޒިނޭކުރި މީހާ ވެސް އެއްބަސްނުވެ ޝަރީއަތަށް ސާބިތުނުވެ މައްސަލަ ނިމޭކަން ނޭގެނީތޯ ؟،އެކަމަކު މިއަދު ސަލާމަތް ވިޔަސް މަހުސަރު މައިދާނުގައި ސަލާމަތްވާނެތޯ ؟ ވަގުން ވައްކަންކުރާނެއެވެ. އަދި އެފައިސާ ލިބުނު މީހުން އެކަމުގެ ފަހަތުގައި ހަޅޭލަމުން ދުވާނެއެވެ. ޢެކަމަކު ރައްޔިތުންގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާނުކުރާ ކަމަށް ވާނެތޯ ؟

The name is already taken The name is available. Register?

އަދިއަހަމާ

02 December 2021

ޔާމީންގެ އެކައުންޓަށްވުރެ ފައިސާ ގިނައިން ވަދެފަ އޮތް އެސްއޯއެފަށް މިވެރިކަމުން ހިމާޔަތް ދެމުން ގެންދިއުމަކީ ވަގުން ހިމާޔަތް ކުރުމުގެ އެންމެ ސާފު މިސާލު. އެންމެ ގިނަ ފައިސާ އަތުގަ އުނގުޅުނު އަދި ބެހި މީހާއާއެކު އެއްބަސްވުން ހަދާފަ އޭނަ އަތުން އެއްވެސް ފައިސާއެއް އަތުނުލުމަކީ އޭގެ އަނެއް މިސާލު. ޔާމީނަށްވުރެ ގިނައިން ވަގަށް ނެގި މީހުން ތިބީ މިވެރިކަމާއެކު. އެހެންވީމަ ވަގުން ގިނައީ ކޮންކޮޅެއްގަބާ؟

The name is already taken The name is available. Register?

ކާފޫރު ތޮޅި

03 December 2021

އާން ކޯޓުން ވަށްކަމެށް ނުކުރެޔޭ ބުނީމަ ހަމަ ވަައްކަން ނުކުރާ ކަމަށް ވާނީ. މަޙުޝަރު ބިމުގަ ވާނެގޮތެއް ނޭގޭނެ. ދުނިޔެ މަތީގަ މީހަކު ކުއްވެރި ވޭތޯ ނުވަތަ ނުވޭތޯ ބަލާނީ ޝަރީއަތުން، ޒިނޭ ކުރާ މީހާ ބަނޑުގަ ދަރި އޮތަސް ސާބިތު ވާވަރަށް ހެކި ނެތިއްޔާ ހަމަ ވާނީ އޭނަ ޒިނޭނުކުރާ ކަމަށް. މީހުނާ ދިމާލަށް ސާބިތު ނުކުރެވޭ ވާހަކަ ދައްކާ މީހުނަށް މިދުނިޔެމަތީ އަދަބު ދޭން ޖެހޭނެ އަދި އާޙިރަތުގައި އަދަބު ލިބޭނެ.

The name is already taken The name is available. Register?

ބަގުޑިބެ

02 December 2021

ޔާމީނުގެ ވެ ރިކަމުގެ އާ ރާ ބާ ރުގަ މައްޗަށް ނުޖެއްސުނު ގިޔަ ރެއް ދެން މައްޗަކަށް ނުޖެއްސޭނެ. މޮޔަނުގޮވާ ހު ރިއްޔާ މާތާހި ރުވާނެ.

The name is already taken The name is available. Register?

ސަސި

02 December 2021

ކަންބޮޑު ނުވާކަން ބަލަން މިތިބީ. އިމްރާންވެސް ދެން ވެއްޖެދޯ ރައީސްކަމަށް ކުރިމަތިލާން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454