ޔާމީން ދެން ނުހިފެހެއްޓޭނެ، 2023 ނެގުން ނޫން ގޮތެއް ނެތް

ކުރީގެ ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް އެ މަނިކުފާނުގެ ސަޕޯޓަރުން ޖަމާވުމުން، ކުޑަދޮރުން ބޯ ދިއްކުރައްވައި އެ މީހުންނަށް އަތްޕުޅުން އިޝާރާތް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެވަޑައިގަތް ފަހުން އަދި ފެންނަނީ ވަރަށް ބުރަކޮށެވެ. އެ މަނިކުފާނުގެ ޕީޕީއެމް/ޕީއެންސީގެ އެކި ފަންތީގެ ބޭފުޅުންނާއެކު ބައްދަލުވުންތައް ބާއްވަވައި ސިޔާސީ ކުރިމަގު ރޭވުން ނޫން ކަމެއް ނުކުރައްވަ އެވެ. ރަށްރަށަށް ދަތުރުފުޅުތައް ފެއްޓެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި އިދިކޮޅުގެ ކޯލިޝަންގެ ހަރަކާތްތައް ވަރުގަދަ ކުރެއްވުމަށް ވުރެ ބޮޑު އިސްކަމެއް ދެއްވާ އެހެން ކަމެއް އަދި ނެތެވެ.

މިދިޔަ ތިން ދުވަހަށް އެކަނި ބެލިޔަސް ޔާމީނަށް ލިބުނު ބޮޑު ކާމިޔާބީއާއެކު، ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަ ކުރާނެ ކަމުގެ ކިތަންމެ ކަމެއް ވަނީ ދައްކާލައްވައިފަ އެވެ. ޔާމީން ގިނަ ވަގުތު ހޭދަކުރައްވަނީ ޕާޓީގެ އޮފީހުގަ އެވެ. ސިޔާސީ ކަންކަން ރޭއްވުމާއި އިރުޝާދު ދެއްވުމުގަ އެވެ.

ޔާމީން މިނިވަންވުމަށް ފަހު ޕީޕީއެމުން ފުރަތަމަ ފަހަރަށް ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުން ވެސް ސާފުކޮށް އެނގުނު އެއް ކަމަކީ އިދިކޮޅު ހަރަކާތް ވަރުގަދަ ކުރުމުގެ އަޒުމުގައި ހުންނެވި ކަމެވެ. ޔާމީން ޖަލު ހުކުމުގައި ހުންނެވި ދުވަސްވަރު ޕީޕީއެމުން ބާއްވާ ޖަލްސާތަކުގައި އެ މަނިކުފާނަށް ހާއްސަ ގޮނޑިކޮޅު ހުސްކޮށް ހުރި ނަމަވެސް ރޭ އެ ގޮނޑި އަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ "މި ކަމަށް ބަދަލު އައި ރޭ" ކަމަށެވެ. މާނައަކީ ޔާމީން ޖަލުން މިނިވަންވެ، އެ ގޮނޑިކޮޅު ފަޅު ފިލުއްވައި ދެއްވަން ރޭ އިށީނދެ ވަޑައިގަތުމާއެކު، އިދިކޮޅުގެ ސިޔާސީ ހަރަކާތް އިތުރު ހަރުފަތަކަށް ޖެހުނީ އެވެ.

"އެހެންކަމުން މި ހިސާބުން އަޅުގަނޑުމެން ފެށި މަސައްކަތް މި ގިއަރުން މި އަށް ވުރެ މަތީ ގިއަރަށް ޖައްސާނެ،" ވަރަށް އިތުބާރާއެކު ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން މިނިވަންވުމަށް ފަހު، އިދިކޮޅު ރޭ ފުރަތަމަ ފަހަރަށް ބޭއްވި ޖަގަހަ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ: ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 2023 ވަނަ އަހަރުގެ އިދިކޮޅު ކޯލިޝަންގެ ޓިކެޓް އޮތީ ޔާމީނަށް ދޭން ނިންމާފައި.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިދިޔަ ހުރިހާ ދުވަސްތަކުގައި ޔާމީން ނެތުމުން އިިދިކޮޅު ކޯލިޝަނަށާއި މުޅި ގައުމަށް ވެސް އިޔާދަ ނުކުރެވޭ ބޮޑު ގެއްލުމެއް ވެފައިވާއިރު، ޖަލުން ސަލާމަތްވެ، މިއަދު އެ މަނިކުފާނުގެ ފަރާތްޕުޅުން ފެންނަނީ އެ ގެއްލުނު ތަން ފޫބައްދަވަން އުޅުއްވާ މަންޒަރު ކަމަށެވެ. އެހެންވެ، އިދިކޮޅު ކޯލިޝަންގެ ތެރެއިން މިހާރު އެ ފެންނަނީ އެ ތަފާތު ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މި ހިސާބުން އަޅުގަނޑުމެން ފެށި މަސައްކަތް މި ގިއަރުން މި އަށް ވުރެ މަތީ ގިއަރަށް ޖައްސާނެ،"--- ޔާމީން

"އިދިކޮޅުގައި [ޔާމީން] މި ހުންނެވި ދެ އަހަރުގެ ތެރޭގައި މި ގައުމަށް 20 އަހަރުގެ ގެއްލުން ލިބިގެން މި ދިޔައީ. އެ މަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ފަސް އަހަރުގެ ޒައާމަތަކީ 50 އަހަރުގެ ތަރައްގީ ގެނައި ޒައާމަތެއްގެ ގޮތުގައި އަޅުގަނޑުމެން ސިފަކުރީ،" ޔާމީން ވެރިކަމުގައި ނެތުމުންނާއި އިދިކޮޅު ކޯލިޝަންގެ ސިޔާސީ މަސައްކަތްތަކާ އަމަލީ ގޮތުން ދުރުގައި ހުންނެވުމުން ލިބުނު ގެއްލުންތައް ސިފަކޮށްދެއްވަމުން ޝިޔާމް ވިދާޅުވި އެވެ.

"ނާގާބިލް ސަރުކާރެއް ހިނގަމުން ދާއިރު އިދިކޮޅުގައި ހުންނަވަން ޖެހޭ ބޭފުޅަކު އިދިކޮޅުގައި ނެތި މިދިޔަ ދެ އަހަރު ވެގެން މި ދިޔައީ ވަރަށް ބޮޑު ގެއްލުމަކާއެކު. އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ހަގީގަތުގައި ގައުމަށް މި ލިބުނީ. ޕާޓީ އަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިގެން ދިޔައީ."

ޔާމީނާއެކު 2023

ޝިޔާމްގެ ވާހަކައިން އެންމެ ބޮޑަށް ދޭހަވި އެއް ކަަމަކީ 2023 ގެ ރިޔާސީ އިންތިހާބަށް އިދިކޮޅުގެ ޓިކެޓުގެ ނުކުމެވަޑައިގަތުން ނޫން އެހެން އެއްވެސް ގޮތެއް މިވަގުތު ޔާމީންގެ ކުރިމަތީގައި ނެތް ކަމެވެ.

"ރައީސް ޔާމީން [2023 ގެ ރިޔާސީ އިންތިހާބަށް] ކުރިމަތި ނުލެއްވުމަކީ ރައްޔިތުން އެންމެ ބޮޑަށް މާޔޫސް ވާނެ ކަމަކީ. އެހެންވީމާ ރައީސް ޔާމީން، ރައްޔިތުން މާޔޫސް ވާނެ ކަމެއް ނުކުރައްވާނެ،" ޝިޔާމް ވިދާޅުވި އެވެ.

ޔާމީން ޖަލަށް ލާން މީގެ ދެ އަހަރު ކުރިން ނިންމުމާއެކު ކަހަލަ ގޮތަކަށް، 2023 ގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް ނިންމައި އެ ޕާޓީން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. އެހެންވެ، އެ ޓިކެޓު އެ މަނިކުފާނު ގަބޫލުފުޅު ކުރެއްވުމަކީ މުޅި ޕާޓީގެ އެދުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އަނެއްކާ ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާގޮތުން ރައީސް ޔާމީނަކީ އެއް ދައުރު ފުރިހަމަ ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވާ ނަމަ އެ މަނިކުފާނަށް ދެވަނަ ދައުރެއް އެއްވެސް ޕްރައިމަރީއަކާ ނުލައި ލިބެން ޖެހޭނެ. އަޅުގަނޑުމެންގެ ތެރޭގައި ޝައްކެއް ވެސް ނުކުރައްވާނެ. ރައްޔިތުން ވެސް ބޭނުންވާނީ އެ ގޮތް،" ޝިޔާމް ވިދާޅުވި އެވެ.

މާޔޫސް ވާ ކަމަކަށް ވިއްޔާ އޮންނާނީ ރައީސް ޔާމީން ކުރިމަތި ނުލެއްވުން. އެކަމަކު އެއީ ރައީސް ޔާމީން ކުރައްވާނެ ކަމެއް ނޫން."

ޝިޔާމް އެހެން ވިދާޅުވި ނަމަވެސް ޔާމީނަށް ދެން ވެރިކަމަށް ކުރިމަތިލެއްވިދާނެތޯ އަދިވެސް ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތެވެ. ވެރިކަމުގައި ހުންނެވިއިރު ކުރެއްވި ބައެއް ކަންތައްތައް ތަހުގީގުކޮށް އިތުރު މައްސަލަތަކެއްގައި މިހާރު ވެސް ހަތަރު ދައުވާ އުފުލާފައިވާއިރު އެ ސުވާލު ނުއުފެދެންވީ ސަބަބެއް ނެތެވެ. އެކަމަކު، ޝިޔާމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެންމެ ފަހުގެ ހުކުމުން ވެސް އެނގެނީ ސަރުކާރުން އަދި ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭނެ ކަން ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް "މިހާރު" ގެ "މެދުސަފުހާ" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.---ފަޔާޒު މޫސާ/ މިހާރު

"އެހެންވީމާ އިތުރަށް ސަރުކާރުން ރައީސް ޔާމީނަށް ހުރަސްއަޅައި، 2023 ގެ ކެންޑިޑޭޓަށް ހުރަސްއަޅަން ކުރާ ކަންތައްތަކެއް ރައްޔިތުން ބަލައެއް ނުގަންނާނެ. އެ ކަންކަމަށް އަޅުގަނޑުމެން ތައްޔާރު ވާނެ. ދެހާސް ތޭވީހުގައި ރައީސް ޔާމީނަށް ވުރެ ފަސޭހަ އިން މި އިންތިހާބު ކާމިޔާބު ކުރެއްވޭނެ ބޭފުޅެއް ނެތް ކަން ސަރުކާރަށް ވަރަށް ބޮޑަށް އެބަ އެނގޭ،" ޝިޔާމް ވިދާޅުވި އެވެ.

"އެހެންވީމާ އެ އުނދަގޫތައް ފެށުނީއްސުރެ އެ ކުރަނީ."

ޝިޔާމް ވިދާޅުވިގޮތުގައި، ދެން ޔާމީން "ނުހިފެހެއްޓޭނެކަން" ސަރުކާރުން ވެސް ގަބޫލުކުރާނެ އެވެ.

"[މިހާރު ވެސް] އެ މަޝްވަރާތަކުގައި [ސަރުކާރުން] އުޅޭ ކަމަށް އަޅުގަނޑަށް އަޑު އިވިފައި ވަނީ."

ސަރުކާރަށް ފަސޭހަވީ ޔާމީން ނެތުމުން

ޝިޔާމް ވިދާޅުވިގޮތުގައި ނޮވެމްބަރު 28، 2019 އިން ފެށިގެން ޔާމީން ޖަލު ހުކުމްގައި ހުންނެވިއިރު މިހާ ފަސޭހަކޮށް، މި ސަރުކާރުން ވެރިކަންކުރި މައިގަނޑު ސަބަބަކީ އެއީ އެވެ. ޝިޔާމް ވިދާޅުވާ ގޮތުން "ކަޅު އެގްރިމަންޓް" ތަކުގައި މި ސަރުކާރުން ސޮއިކޮށް، ގައުމު އަނދަވަޅަކަށް ވެއްޓުނު ސަބަބަކީ ޔާމީން މިނިވަންކަންމަތީގައި ނެތުމެވެ.

"ރައީސް ޔާމީނަށް އެކަނި ދިން އަނިޔާއެއް ނޫން. މުޅި ގައުމަށް ލިބިގެން ދިޔަ އަނިޔާއެއް. މުޅި ގައުމަށް ދިން އަނިޔާއެއް ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ،" ޝިޔާމް ވިދާޅުވި އެވެ.

ޔާމީން ޖަލު ހުކުމުގައި ހުންނެވި ދުވަސްވަރު ވެސް އިދިކޮޅު ކޯލިޝަންގެ އަޑު އެއްކޮށް ކަނޑައިގެނެއް ނުދެ އެވެ. ނަމަވެސް އިދިކޮޅު ހަރަކާތުގެ ބޮޑުބައި އޮތީ ޔާމީން މިނިވަންކުރުމާ ގުޅޭ ކަންތައްތަކުގަ އެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގައި ތިބި އިދިކޮޅު ކޯލިޝަންގެ އެންމެ ހަތް މެމްބަރުންނާއެކު މާ ބޮޑު ކަމެއް ނުކުރެވުނެވެ. ޔާމީން ނެތުމުން، ސިޔާސީ ގޮތުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކޮށް، އެއް ވާނެއްގައި ހަރަކާތްތައް ހިފެހެއްޓުމުގެ ގާބިލްކަން ވެސް އިދިކޮޅުން ފެނުނީ ވަރަށް ވަނދުކޮށެވެ.

ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ކަންކަމާއި މީހުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ޔާމީން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ހާލަތު ބަދަލުކުރުމަށް ކަމަށެވެ. ވެރިކަމުގެ ފަސް އަހަރު ވެސް ހޭދަކުރެއްވީ މައްސަލަތައް ހައްލު ކުރުމުގައި ކަމަށް ވާއިރު، ދެން ވެސް ކުރިމަތިލައްވާނީ އެ ކަންކަމާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އެ މަނިކުފާނު ޖަލުން ނުކުމެވަޑައިގެންނެވިއިރު މި އޮތީ މުޅިން އެހެން ހާލަތެއް. މިއަދު މިވަނީ ޑިމާންޑްތައް ތަފާތުވެފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މައްސަލަތައް ހައްލުކުރަން ނުކުމެވަޑައިގެން ހުންނެވި ވެރިއަކަށް މިއަދު ހުރި ގޮންޖެހުންތަކަކީ އާދަޔާ ހިލާފު ގޮންޖެހުންތަކެއް. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ގޮންޖެހުންތަކުން އަރަައިގަތުމަށްޓަކައި ބޮޑެތި، ވަރަށް ސާބިތު މަސއްކަތްތަކެއް ކުރަންޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން މިއަދު ގަބޫލުކުރާ ގޮތުގައި އެ މަސައްކަތްތައް ކުރެއްވޭނީ ހަމައެކަނި ރައީސް ޔާމީނަށް."

އެ ހުރިހާ ސަބަބަކާ ހުރެ ޕީޕީއެމްގެ ވެރިކަމެއް 2023 ގައި ގެނައުން ނޫން ގޮތެއް އިދިކޮޅު ކޯލިޝަނަކަށް ނެތެވެ. ކުރިއަށް ރިޔާސީ އިންތިހާބުގެ ޓިކެޓް ޔާމީނަށް ދޭން މާ ކުރިން ޕީޕީއެމުން ނިންމާފައިވާއިރު، މި ވަގުތަށް ޔާމީން މިނިވަންވެ، ދެން އޮތީ އެ މަގު ހުރަސް ކުރުމައި ހުރި އުނދަގޫތައް ނައްތައިލުމެވެ.

ދެހާސް ތޭވީހުގައި ރައީސް ޔާމީނަށް ވުރެ ފަސޭހަ އިން މި އިންތިހާބު ކާމިޔާބު ކުރެއްވޭނެ ބޭފުޅެއް ނެތް ކަން ސަރުކާރަށް ވަރަށް ބޮޑަށް އެބަ އެނގޭ،--- ޝިޔާމް

އިދިކޮޅު ކޯލިޝަންގެ ލީޑަރުން ވިދާޅުވާ ގޮތުގައި، 2023 ގައި ޕީޕީއެމަށް ވެރިކަން ނުލިބިއްޖެ ނަމަ "ރާއްޖެ ހޯދައި ނުފެންނާނެ" އެވެ. މިހާރު ވެސް ކަންކަން ހުރީ ދިވެހިންނަށް އަމިއްލަ އަށް ނުނިންމޭ ހިސާބުގަ އެވެ.

"ޕީޕީއެމް ހަރުދަނާވާނެ ރައީސް ޔާމީން އަޅުގަނޑުމެންނާއެކު ސިޔާސީ މަސައްކަތްތައް ކުރައްވަން ފެއްޓެވީމާ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕީޕީއެމް ހަރުދަނާ ކުރުމަށް ވުރެ ގިނައީ ގައުމު ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް. ރައީސް ޔާމީންގެ އެބަހުރި ވަރަށް ބޮޑު އެޖެންޑާއެއް. އަޅުގަނޑަށް އިނގޭ އެ މަނިކުފާނު ޖަލުގައި ހުންނެވިއިރު ވެސް ގައުމަށް މިވާ ކަންތައްތައް ބައްލަވަމުން ގެންދެވިކަން،" ޝިޔާމް ވިދާޅުވި އެވެ.

"އަނެއްކާ ގައުމު މި ހާލަތުން ބަދަލުކުރާނެ ކަންކަން ވެސް ހިއްޕަވައިގެން ވަޑައިގެންނެވިކަން އަޅުގަނޑުމެންނަށް އެނގޭ. އެ ކަންތައްތައް ހައްލު ކުރާނެ ގޮތްތައް އެ މަނިކުފާނުގެ އަތްޕުޅުގައި އެބަހުރި. އެ މަނިކުފާނަކީ ކަންކަން ވަރަށް ބޮޑަށް ދިރާސާ ކުރައްވާ ބޭފުޅެއް. ވަރަށް ކަންކަން ކަރުދާހަށް ގެންނަވާ ބޭފުޅެއް."

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް "މިހާރު" ގެ "މެދުސަފުހާ" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.---ފަޔާޒު މޫސާ/ މިހާރު

ޝިޔާމް ވިދާޅުވީ، ގައުމަށް މިހާރު ކުރިމަތިވެފައިވާ ކަންކަން ބަދަލުކުރުމުގެ "ހުރިހާ ސިޔާސަތުތަކެއް" ޔާމީންގެ ވިސްނުންފުޅުގައި އެބަހުރި ކަމަށެވެ. އެ ފޯމިއުލާތަކާއި އެ ހިސާބުތައް ޔާމީން ވަނީ ޖައްސަވާފައި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމްގެ ކޮންގްރެސް ވެސް ވަރަށް އަވަހަށް އޮތުމާއެކު، އެ ޕާޓީ އަލުން ރުކުރުވާލައި، ކަންކަން ތަރުތީބު ކުރެއްވުމުގެ މަސައްކަތް ޔާމީން ވަނީ މިހާރު ވެސް ފައްޓަވައިފަ އެވެ. އިދިކޮޅުގެ ލީޑަރު މިނިވަންވެ، ކުރީ ސަފަށް ނުކުމެވަޑައިގަތުމާއެކު އިިދކޮޅު ކޯލިޝަން ހަރުދަނާވެ، ދެން ސަރުކާރަށް ފަސޭހަ ނުވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ހާއްސަކޮށް ގައުމުގެ މިނިވަންކަމާ ގުޅޭ ކަންކަން ދިފާއު ކުރުމުގެ މަސައްކަތް ކުރިއަށް ވުރެ ވަރުގަދަކޮށް، ޔާމީންގެ ސީދާ އިރުޝާދު ލިބިގެން ކުރިއަށް ދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަސް އަހަރުގެ ޓާމެއް ކޮމްޕްލީޓް ކޮށްފި ކަމުގައި ވާ ނަމަ މިހާރު މިދާ ގޮތުން، ދިވެހިރާއްޖޭގެ ހާލަތު ދުވަހުން ދުވަހަށް ދަށްވަމުން މިދަނީ. އިގްތިސާ ހާލަތު ވަކިން ހާއްސަކޮށް ދުވަހުން ދުވަހަށް ދަށްވަމުން ދާ ކަމަށް ވަންޏާ ފަސް އަހަރު ވާއިރު އަޅުގަނޑުމެން ތިބޭނީ ހާދަ އަޑީގައޭ ހިތަށް އަރަނީ." ޝިޔާމް ވިދާޅުވި އެވެ.

ޔާމީނަށް މި ވަގުތަށް ލިބުނު ބޮޑު ކާމިޔާބީއާއެކު، އިދިކޮޅުގެ ސަފުތައް ކުރިއަށް ވުރެ ބޮޑަށް ތަރުތީބުކޮށް، ވަރުގަދަ ކުރާނެ ކަމުގެ ހެކިތައް މިހާރު ވެސް އަންނަނީ ފެންނަމުންނެވެ. ޕާޓީގެ ކޮންގްރެސް މާ ދުރުގައި ނެތުމާއެކު، 2023 އަށް ތައްޔާރުވުމުގެ ދަތުރުތައް ޔާމީން އިސްވެ ހުންނަވައިގެން ފެށުމުގެ ކޮޅުމަތި މިހާރު ވެސް ފެންނަން ފަށައިފި އެވެ. ރިޔާސީ އިންތިހާބުގެ ތައްޔާރީތަކަށް ދެން މާ ގިނަ ދުވަހެއް ނެތުމާއެކު، ސިޔާސީ ހަރަކާތްތައް ވަރުގަދަވެ، ސިޔާސީ މަސްރަހުގައި ދެން އޮތީ ވަރުގަދަ ދުވަސްތަކެކެވެ.

18 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 0%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

4848

03 December 2021

ހުކުމުގައި އެބަ ބުނޭ ޤާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާ އަށް ބެލުމެއް ނެތި ޤާނޫނުގެ ވެރިކަން ކުރި އަށް ނެރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މަންފާ ޔާމީނު އިސް ކުރި ކަމަށް. މިފަދަަ މީހަކާ ދޭތެރޭ ޤާނޫނު އަސާސީއާ ހިލާފުވިކަމުގެ ދަޢުވާ ހައިކޯޓުގައި އުފުލިދާނެއެވެ. ސްޕްރީމު ކޯޓުގެ 3 ފަޑިޔާރުން ނިންމި ގޮތަށް ތާއީދު ނުކޮށްފިނަަމަ އެޕީލް ކުރުމުން ސުޕްރީމްކޯޓް އިން ގޮތެއް ނިންމިދާނެ. ސަރުކާރަކަށް އޮޕްޝަންސްތަކެއް ހުހެއް ނުވޭ.

The name is already taken The name is available. Register?

އެއްކަލަ

02 December 2021

އެއްކަލަ ގޮތަށް އިރާދައިގަ ނުލާ ގަދަބަސް ބުނަން ފެށީދޯ. ނިޢުމަތެއް ލިބޭއިރަށް ގަދަބަސް ބުނަން ނުފަށާށޭ. އިންސާނާއަކީ އާރެއް ބާރެއް ހުރި މީހެއްތަ؟ އިން ޝާﷲ، 2023 ގައި މާތް ﷲގެ ހެޔޮ ރަޙުނަތްފުޅުން މިޤައުމާއި ރައްޔިތުންނަށް އޯގާތެރި ތެދުވެރިޔެއްގެ ގޮތުގައި ވެރިކަމަށް އަންނާނީ ރައީސް ޔާމީން.

The name is already taken The name is available. Register?

ހަޑިގިއްލާ

02 December 2021

ޔާމީނުގެ ޝަރީއަތްހާ ހާމަކޮށް ބޭއްވި ޝަރީޢަތެއް އަދިނެތް މިރާއްޖެއަކު.. ދެފަރާތުގެ ވާހަކަތައް އިވި ހަމަ ހައިރާނެވި. މިޤައުމުގަ ވެރިކަން ކުރި މީހަކު ކަންތައްކޮށްފަ އޮތްގޮތުން. ކޮޓަރިކުލި ދެއްކެންނެތް ކަމަށްބުނި ވެރިޔަކު އެކައުންޓަށް މިލިޔަނުން ޑޮލަރު. ޕާޓީ އަށްލިބުނު ޑޮލަރޭ، ވޮޑަމުއްލާ ޑޮލަރެއްނޫނޭ، އެސްއޯއެފެއް ނޫނޭ، ޗެކްނަމްބަރެއް ދިމާ ނުވެއޭ ބުނެ ހުކުމަކުން ސަލާމަތްވިޔަސް "ވެރިޔަކު ކޮށްގެންވާނެ ކަންތައްތަކެއް ނޫން" ކަމަށް ހުކުމުގަ އޮތުމުން ފުދޭ

The name is already taken The name is available. Register?

މިރްޒުވާން

02 December 2021

އހަހަރެމެން ވޯޓްދީ މިސަރުކާރުގެނައީ ވައްކަމާއި މުައްސަސާތަމިނިވަނކުރާށާ އަދި އަދްލު އިންސާފްގާއިމްކުރަން އެކަމަކު މިސަރުކާރު ދަނީ ފެއިލްވަމުން. ވައްކަން ކުރާ އެކަކުވެސް ނުހުއްޓުވުނު ވައްކަންކރިއެކަކުވެސް އިންސާފްގެ ކުރިމައްޗަށް ގެނަސް އިންސާފް ހޯދާނުދެވުނު.

The name is already taken The name is available. Register?

ާއާދަމްބެ

02 December 2021

މާތްﷲ ގެ އިރާދަފުޅުން 2023ކާމިޔާބުކުރާނީ ރައީސް ޔާމީން.

The name is already taken The name is available. Register?

ހަނުހުންނަ މީހާ1

02 December 2021

މާތްﷲ އިރާދަފުޅާއެކު މަގޭ ވޯޓެއް ޔާމީނަކަށް ނުދޭނަން.

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

02 December 2021

ިންޝާﷲ ދެނެއް ނުހިފެހެއްޓޭނެ..ނުހުއްޓުވޭނެ..ދިވެހިންގެ ރައީސް ދިވެހިންނަ ޙިދުމަތްކުރަން ނުކުތުމަށް ﷲމަގުތަނަވަސް ކޮއްދެއްވާށި..މިއީ މިއަދު ދިވެހިންގެ ބޮޑުމއޖޯރިޓީގެ ދުއާ.ވެރިކަމުގަ ބޭނުމުގަ ކުށެއްނެތް މީހަކަށް އަނިޔާދެމުންދާކަން މިއަދު ދުނިޔެގަބޫލުކޮއްފި..ރެހެންދި ހަދީޖާ ނޫނަކަސް ވެރިކަމުގެ ދަހިވެތިކަމުގަ އިންސާނަކަށް އަނިޔާދެމުން މިރާއްޖޭގަ އެބަދާކަން..ޑިމޮކުރަސީގެ ޒަމާނެއްގަ ގަބީލާގެ ވިސްނުން ވާދަވެރިޔާ ޖަލުގަބާއްވާފަ ހިއްވަރެނެތްބައެއްމީ..

The name is already taken The name is available. Register?

އެކަލޯ

02 December 2021

ގާއިމުވެސް 5 އަހަރުގެ ދައުރުގައި ގެއްލުނު ފައިސާ ވޭތުވެދިޔަ 50 އަހަރަށްވުރެ ގިނަ ތިބޭފުޅުން ތިވިދާޅުވާ 50 އަހަރުގެ ކުރިއެރުމަކީ އެއީ ކަމުގައިވާނަމަ އަޅުގަނޑު އެކަން ގަބޫލުކުރަން.

The name is already taken The name is available. Register?

ކަލޯކަލޯ

02 December 2021

އެ 5 އަހަރުގައި ގެއްލުނު ފައިސާގެ ތެރެއިން ޔާމީން އެކަައުންޓަށް ވަތް ފައިސާއެކަނި ފަހާ ދުވެ އެންމެ ގިނަ ފައިސާ ވަތް އެސްއޯއެފް ފަހަތުން ދުވުން ހުއްޓާލައި އަދީބު އަތުން ފައިސާ ހޯދަން ނުއުޅެ ތިބެ މިވެރިކަމުގަ ކަންކަން ހޯދަން ކަމަށް ކިޔާފަ ހެދި ކޮމިޝަންތަކަށް ޚަރަދުކުރި ވަރު އެސަރުކާރުން ނެގި ފައިސާއަށްވުރެ ގިނަވުމަށް ކިޔާނެ ނަމެއް އެބައޮތްތަ؟

The name is already taken The name is available. Register?

ރަށުސޮރު

02 December 2021

ޝިޔާމް ގެ ވާހަކައިން އެނގެނީ ޔާމީން ޕާރޓިގެ ލީޑަރޝިޕަށް އިތުބާރު ނުކުރާކަން. ހުތިހާ ކަމެއް ހައްލުކުރެވޭނެގޮތް އެނގިހުރެވެސް ޕާރޓީގެ ލީޑަރޝިޕާ ހިއްސާ ނުކުރެއްވީ ކަމެއް ކުރެވޭނެ ގާބިލުކަން (ޔާމީނު ކައިރީ ނެތި) ހުރި ބަޔަކު ނެތީމަ ކަމަށް ގަބޫލު ކުރެވޭ. ހަގީގަތަކީ ޕާރޓިގެ ލީޑަރޝިޕް ބޭނުންވަނީ ޔާމީން އަބދުވެސް ބަންދުގައި ބަހައްޓައިގެން ބަހަނާ ދެއްކުން. ވަރަށް ބިޒީ ވާނެ ކުރިޔަށް އޮތް ދުވަސް ކޮޅު. ހިތްވަރުކޮށްލާތި ޝިޔާމްވެސް.

The name is already taken The name is available. Register?

ރަށުސޮރާ

02 December 2021

ތިޔަ ރަށުގަ ހިނގާ ގޮތަކަށް ނޫން ކަންކަން ހިނގަނީކީ އެތަނުގަ. ވިސްނަން ނޫޅެ ދޭތެރެނުޖައްސާ ހުރެވޭތީ ބަލަންވީނު.

The name is already taken The name is available. Register?

ވޯލް

02 December 2021

ދެން ޔާމީނު ކުރިމަތި ލާފިއްޔާ ކުރިން ލިބުނު ވަރުވެސް ނުލިބޭނެ. މިހަރު ރައްޔިތުންނަށް އެނގޭ ވެރިއެއްގެ ކިބައިގައި ހުންނަންވާ އެންމެ މުހިއްމު ސިފަ ނެތް ކަން އެކަން އެއޮތީ ސުޕްރިމްކޯޓުގެ ހުކުމުގައި. ވެރިއަކު އެހާލަތިގައި ކަންކަން ކުރަންޖެހޭ ގޮތައް ނޫންކަން ކަންކޮށްފައި އޮތީ. މިޙަރު ރައްޔިތުންގެ ހިތިގައު އަދި ޝައްކު މާބޮޑު.

The name is already taken The name is available. Register?

ޔެސް

02 December 2021

ޔާމީން ފައިސާ ބެލެހެއްޓުމުގެ ކަންކަން މާބޮޑަށްވެސް ރަގަޅުކުރަންޖެހޭ. އެކަމު މިވެރިކަމަށް ވޯޓްދޭންވީ އެމްއެމްޕީއާރްސީގެ ފައިސާ ހޯދަން ނޫޅޭތީތަ؟ ޔާމީންގެ އެކައުންޓަށްވުރެ ގިނައިން ފައިސާ ވަތް އެސްއޯއެފްގެ މައްސަލަ ނުބަލާ އަދީބު އަތުން ފައިސާ ހޯދަން ނުއުޅެ ތިބޭ ވެރިކަމެއް އެއީ ކޮންގޮތަކުން ވައްކަމަށް ހިތްވަރުނުދޭ ވެރިކަމެއްބާ؟

The name is already taken The name is available. Register?

އޯކޭ

02 December 2021

ވައްކަމާ އަނިޔާއާ އަދިވެސް އެހެނިހެން ކުށްކުށް "ވެރިން" ކުރީމަ، އޯކޭ ވެފަ، އެކަންކަން އެއީ ނުވާކަންކަން ކަމަށްވަންޏާ، އެމީހަކަށް ޖެހުނު އެއްޗެއް އެމީހަކު ވެރިކޮށްލަންވީ، އަދި ބާރާ ނުފޫޒުގަދަ މީހާ ވެރިކަން ކުރާނީ. އަހަރުމެންވެސް ކޮންމެހެން ވައްކަން ނުކޮށް އުޅެންޖެހޭބާއޭ ހިތަށް އަރާ. ވެރިން ކުރާ ކުށަށް ބޮޑެތި އަދަބު ނުދެވެންޏާ، ޤައުމު ސަލާމަތެއް ނުވާނެ. ދީނޭ ޤައުމޭ ކިޔަން ލަދުގަންނަންޖެހޭ.

The name is already taken The name is available. Register?

އިބުރާ

02 December 2021

މީހަކު ރާ ބުއިމަކީ ތިމާ ރާ ބޯންޖެހޭ ކަމެއް ނޫން. އަދި އަމުދުން ދުނިޔެވީ ގާނޫނުގެ ތެރެއިން ކުށްވެރިން ސަލާމަތްވުމަކީ އެކަމަށް އޮތް ހުއްޖަތެއްވެސް ނޫން. އެއީ އަހަރެމެންނަށް އޮތް އިބުރަތެއް ކަމަށް ދެކި އަހަރެމެން އުޅުމާއި ގުޅުން އިސްލާޙުކޮށް އާޚިރަތަށް ހިްވަރާއި އެކީ ތައްޔާރުވާންވީ. ކާމިޔާބާއި ފަލާހާއި ހިތްހަމަޖެހުން އޮތީ އެންގެވި މަގުން ހިނގާ މީހުންނަށް

The name is already taken The name is available. Register?

އޯކޭއަށް

02 December 2021

އެންމެ ގިނަ ވައްކަން ކުރި މީހުންނަށް ހިމާޔަތް ދޭ މިހާރު އޮތްފަދަ ވެރިކަމެއް އެއީ އަދި މާ އޯކޭ ވެރިކަމެއްނު. ޔާމީނު އެކައުންޓަށް ވަތް ފައިސާއަށްވުރެ އެސްއޯއެފް އެކައުންޓަށް ވަތް ވަރު ގިނައިރުވެސް އެމީހުންނަށް ދައުވާކުރުމެއް ނެތްވިއްޔަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454