ސިޔާސީ ރޭސް ބަދަލުވެ، ކުޅިގަނޑު ފެށިއްޖެ!

އިދިކޮޅު ކޯލިޝަންގެ ދެ ލީޑަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ފައިލް ފޮޓޯ: މިހާރު

ސަރުކާރަށް އެއްވެސް ޕްރެޝަރެއް ނެތި، ތިން އަހަރެއްހާ ދުވަސް މި ހޭދަވީ ސަބަބެއް އޮވެގެންނެވެ. އިދިކޮޅެއް ނެތެވެ؛ އިދިކޮޅުގެ މާ ބޮޑު ހަރަކާތެއް ވެސް ނެތެވެ؛ އިދިކޮޅު ލީޑަރަކު ވެސް ނެތެވެ. ކޮވިޑްގެ ބަލިމަޑުކަން ވެސް އެހާ ބޮޑެވެ.

އެކަމަކު އެ ހުރިހާ ކަމެއް ނިމިއްޖެ އެވެ. އިދިކޮޅު ލީޑަރު މިއޮތީ މި ވަގުތަށް ފެނިފަ އެވެ. އަދި އެ ލީޑަރަކީ، ވޭތުވެދިޔަ ފަސް އަހަރުގެ ރިޔާސީ ދައުރުގައި ތަރައްގީގެ ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅަކަށް ވާތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެނބުރި ވަޑައިގަތުން ވީ އިދިކޮޅަށް ލިބުނު ވަރަށް ބޮޑު ޝޮކަކަށެވެ! މިހާރު އޮތް ހާލަތަށް ބަލާއިރު އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ޔާމީން، ޖަލު ހުކުމުން މިނިވަން ވުމަކީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ސިޔާސީ އެންމެ ބޮޑު ޓްވިސްޓެވެ. މިއީ، މަޑު ދުވެލީގައި ދުއްވަމުން އައި ސަރުކާރަށް ކުރިމަތިވާނެ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމެކެވެ.

ޔާމީން މިނިވަންވުމަކީ ސިޔާސީ ގޮތުން އޮތް ޕްރެޝަރެއް ނޫން ކަމަށް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވި ނަމަވެސް، ހަގީގަތަކީ އެ ޕްރެޝަރުގެ ތެރެއަށް ޕާޓީތައް މިހާރު ވެސް ވެއްޓިއްޖެ ކަމެވެ. ދެން އޮތީ، ރިޔާސީ އިންތިހާބަށް ކުރިން ވިސްނަމުން އައި ގޮތްތައް ބަދަލު ކުރުމެވެ.

ރައީސް ޔާމީން މިނިވަންވެ ވަޑައިގެން، އެމަނިކުފާނަށް ތާއީދު ކުރާ މީހުންނާއި ބައްދަލުކޮށް ސަލާންކުރަމުން ދަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ސިޔާސީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި، ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް މުހިންމު ތިން ކަމެއް ނިންމަން އެބަ ޖެހެ އެވެ. އެއީ ރައީސް މުހަންމަދު ނަޝީދާއި ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ކޯޅުން ހައްލުކުރުމާއި، ފުރަތަމަ ބުރުގައި ވެސް ވާދަކުރާނީ ކޯލިޝަނެއްގެ ތެރެއިންތޯ ނިންމުމާއި ގުޅޭނެ ޕާޓީތަކެއް ނިންމުމެވެ. އިދިކޮޅަށް ވެސް އޮތީ ހަމަ މި ހާލަތް ކުރިމަތިވެފަ އެވެ. -- އެހެންވެ، ސިޔާސީ ކުޅިވަރު މިހާރު މިއޮތީ ފެށިފަ އެވެ. ކުރިއަށް އޮތްތާނގައި ޝައުގުވެރި މަންޒަރުތަކެއް ފެނުން ގާތެވެ!

ސިޔާސީ މަސްރަހު ދެން އެނބުރޭނީ ކިހިނެއް؟

މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސިޔާސީ މަސްރަހުގައި އަދި ވަރަށް ގިނަ ކަންކަން ހިނގާނެ އެވެ. އޭނާ ހަވާލާދެއްވީ، ޔާމީންގެ ވެރިކަމުގެ އެންމެ ފަހު އަހަރެއްގެ ތެރޭގައި ސިޔާސީ މަސްރަހަށް އައި ބަދަލުތަކުގެ މައްޗަށެވެ.

"އެ ދޮޅު އަހަރުގެ ތެރޭގައި އެތައް ގޮތަކަށް މިކަންކަން ބަދަލުވި. އެހެންވެ ވަރަށް ގިނަ ކަންކަން ފެނުން އަދި ގާތް،" އޭނާ ވިދާޅުވި އެވެ.

ތަޖުރިބާކާރު ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޔާމީން މިނިވަން ވުމާ އެކު، ސަރުކާރުގެ މިސްރާބު ބަދަލު ކުރުން، އެއީ ގައިމު ވެސް ކުރަން ޖެހިފައިވާ އެއް ކަމެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމާޒުކޮށް ރަނގަޅު ސްޓްރެޓެޖީއެއް އެބަ ގާއިމްކުރަން ޖެހެ އެވެ. ދެވަނަ ދައުރެއް ބޭނުން ނަމަ، ސަރުކާރުގެ ތެރޭގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ކޯލިޝަންގެ ބައިވެރިން ކުރިން ކުޅުއްވި ކަހަލަ ގޭމެއް ކުޅެގެން ދެން ކަމަކު ނުދާނެ އެވެ.

"މިހާރު މިއޮތް ހާލަތަކީ މި ސަރުކާރަށް ދެވަނަ ދައުރެއް ޝައްކު ހާލަތެއް،" މި ރިޕޯޓަށް ވާހަކަ ދެއްކެވި، ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

"މި ސްޕީޑް ރައްޔިތުން ބަލައެއްނުގަނޭ. ސަރުކާރުގެ ތެރޭގައި ވެސް ސިޔާސީ ގޮތުން ރަނގަޅު އަދި ވަރުގަދަ ބައެއް ނެތް. ކޯލިޝަންގެ މި ޕާޓީ އެމްޑީޕީ ވެސް މި ކޯލިޝަންގެ ތެރޭގައި މި ފެންނަނީ ބާރެއް ނެތް ބައެއްގެ ގޮތުގައި."

ޕީޕީއެމްގެ ސަޕޯޓަރުން: އުންމީދު އާވެއްޖެ -- ފައިލް ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދެއްވި އިންޓަވިއުއެއްގައި ވެސް އެކަން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރެއްގައި އަދި މަޖިލީހުގައި ފުލް ކޮންޓްރޯލް އޮވެމެ، އެމްޑީޕީ ފެންނަނީ އެއްވެސް ބާރެއް ނެތް ޕާޓީއެއްގެ ގޮތުގަ އެވެ.

"އެކަންކަން އެބަ ޖެހޭ އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅުވާން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ކޯލިޝަން ރޫޅާލައި، އެމްޑީޕީ ގިނިކަންޏާ ރިޔާސީ އިންތިހާބަށް ނުކުތުމަކީ ވުން ވަރަށް ދުރު ގޮތެކެވެ. އޭގައި އޮތީ ދެ ސަބަބެކެވެ. އެއް ސަބަބަކީ، އެމްޑީޕީ ގިނިކަންޏާ ނުކުމެގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ އެއްވެސް ހިސާބެއް، ޕާޓީގެ ރައީސް މުހަންމަދު ނަޝީދަށް ފެނިވަޑައިނުގަތުމެވެ. ބަރުލަމާނީ ނިޒާމަކަށް އެމަނިކުފާނު ވަޑައިގަންނަވަން ބޭނުންފުޅުވަނީ އެހެންވެ އެވެ. އަނެއް ސަބަބަކީ، ކޯލިޝަން ރޫޅާލަން ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ބޭނުންފުޅު ނުވުމެވެ.

"މި ކޯލިޝަން ފަސް އަހަރު ދެމިއޮންނާނެ. ކޯލިޝަންގެ ޕާޓީތައް މި ކޯލިޝަންގައި މިހާތަނަށް ވެސް ދެމި މިތިބީ ވަރަށް ހިތްހަމަޖެހުމާ އެކު،" މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން، އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި އެވެ.

"ކޯލިޝަން އެކުގައި ނުކުމެ އެއްބުރުން އަޅުގަނޑުމެން ކާމިޔާބު ކުރާނަން އިރާދަކުރެއްވިއްޔާ. ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަގީގަތް އެއީ ކޯލިޝަނަކާ ނުލައި ވެރިކަން ނުލިބޭނެ ކަމުގެ. އަދި ކޯލިޝަންގެ ހަގީގަތް އެއީ މި ސަރުކާރުން ކޯލިޝަން ދެމެހެއްޓިކަމުގެ ވެސް."

ގާސިމް (ކ) އާއި ނަޝީދު އަދި ނާޒިމް: ސިޔާސީ ކުރިމަގު ކަނޑައެޅުމުގައި ނުފޫޒު ގަދަ -- ފައިލް ފޮޓޯ: މިހާރު

ސަރުކާރުގެ ވަރަށް އިސް އެހެން ބޭފުޅުން ވެސް މިހާރު ގަބޫލުކުރައްވާ ގޮތުގައި، ނަޝީދު އަށް ވެސް އޮތް ފުރުސަތަކީ އިބްރާހިމް މުހަންމަދު ސޯލިހުގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމެވެ. އަދި މިހާރު ބެލެވޭ ގޮތުން އެކަން ވުމަކީ ވަރަށް ގާތް ކަމެކެވެ.

"ބަރުލަމާނީ ނިޒާމަކީ ހުވަފެނެއް. އެކަން މި ދެ އަހަރުގެ ތެރޭގައި ވާކަށް ނެތް،" ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

"ރައީސް ނަޝީދު ވެސް އެންމެ ފަހު ވަގުތު ހުންނަވާނީ އަޅުގަނޑުމެން ފަހަތުގައި."

ސިޔާސީ ޕާޓީތައް އެތުރޭނެ ގޮތް

އަބްދުﷲ ރިޔާޒް ދެކެވަޑައިގަންނަވާ ގޮތުގައި 2023ގެ ރިޔާސީ އިންތިހާބަށް ކޮންމެ ޕާޓީއަކުން ވެސް ކެނޑިޑޭޓުން ވަކި ނެރުމަކީ ވަރަށް ގާތް ކަމެކެވެ. އޭނާ ވިދާޅުވީ، ޔަގީންވާ ކަމަކީ، އޭނާ ހިމެނިވަޑައިގަންނަވާ އެމްއެންޕީން ރިޔާސީ ކެނޑިޑޭޓަކު ނެރޭނެ ކަން ކަމަށެވެ.

"އަދި އަޅުގަނޑުމެން އެއް ބުރުން ކާމިޔާބު ވެސް ކުރާނަން. ޔާމީނަކީ އަޅުގަނޑުމެންނަށް އެއްވެސް ޕްރެޝަރެއް ނޫން. އަދި ޕީޕީއެމް އިތުރަށް ވަރުގަދަ ކުރިޔަސް އެއީ އެމްއެންޕީ އަށް އޮތް ބިރެއް ނޫން. މި ޕާޓީ އަށް ވަތް މެމްބަރުންގެ ތެރޭގައި ވެސް ޕީޕީއެމުން ކެނޑިގެން އައި މީހުން އެހާ ގިނައެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީ އޮތީ ޕީޕީއެމާ އެކު މަސައްކަތް ނުކުރެވޭ ހާލަތެއްގައި ވެސް ނޫން ކަމަށެވެ.

"ކައުންސިލުން ނިންމައިފިއްޔާ ޕީޕީއެމާ އެކު ވެސް އަދި އެހެން ޕާޓީތަކާ އެކު ވެސް ކުރިއަށް ދާންވީ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް: ޔާމީން ދޫކޮށްލިޔަސް، އެމްއެންޕީ އަށް ޕްރެޝަރެއް ނެތް -- ފައިލް ފޮޓޯ: މިހާރު

އިމްރާން ވެސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަގީގަތް ދައްކުވައިދެނީ ކޯލިޝަނެއްގެ ތެރެއިން ނޫނީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމުގެ ހަގީގަތް ކަމަށް ވާތީ، މިހާރު އޮތް ސަރުކާރަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އިދިކޮޅަށް ހަމަލާތައް ދެއްވަމުން އޭނާ ވިދާޅުވީ، ފަސް އަހަރުގެ ދައުރެއް ޔާމީން ނިންމާލެއްވީ ކިހިނެއް ކަން ރައްޔިތުންނަށް އެނގޭނެ ކަމަށާއި އެއީ ރައްޔިތުން އަބަދު ވެސް ހަނދާން ބަހައްޓާނެ ކަމެއް ކަމަށެވެ.

"އަދާލަތު ޕާޓީ އަދި އޮތީ ވަކިން ވާދަކުރުމުގެ ވިސްނުމަކު ނޫން،" އިމްރާން ވިދާޅުވި އެވެ.

ސިޔާސީ ބޭފުޅުން ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ފަޅި އަށް އަރާނެ މާ ގިނަ ޕާޓީތަކެއް ނޯންނާނެ އެވެ. އެކަމަކު، ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެ ފިކުރަށް ތާއީދުކުރާތީ އެ ޕާޓީން ނެރެފާނެ ނަތީޖާއަކާ ދޭތެރޭ އަނެއްކޮޅުން ވަރަށް ބޮޑަށް ސަމާލުވާން ޖެހެ އެވެ.

"އެއްގޮތަކަށް ވެސް އަންޑައެސްޓިމޭޓްކޮށްގެން ނުވާނެ. އެއީ ވަރަށް ވަރުގަދަ ފިކުރެއް. ގައުމީ ފިކުރެއް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި،" ސިޔާސީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކުރިމަތިލައްވާނެ ކަން ޔަގީނެވެ. އެމްޑީޕީގެ ތެރެއިން އެ ފުރުސަތު އެމަނިކުފާނަށް ސާފެވެ. އަދި އެ މަނިކުފާނު ހުންނެވީ، ދެން ހުރި ވަރަށް ގިނަ ޕާޓީތަކުގެ ތާއީދު ވެސް ހޯއްދަވައިގެންނެވެ.

"ގައިމު ވެސް އަދާލަތު، ޖޭޕީ އަދި [ރައީސް] މައުމޫން ވެސް އަދި ކާނަލް ނާޒިމް [އެމްއެންޕީ] ޕީޕީއެމްގެ ފަހަތަކަށް ނުދާނެ،" ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

މަންޒަރު ސާފުވެ، ރިޔާސީ އިންތިހާބުގެ ކުލަތައް މިހާރު މިއޮތީ ފާއްދާލައިފަ އެވެ. ވެރިކަމުގެ ފޯމިއުލާތައް އެކި ގޮތްގޮތަށް އެބަ ހެދެ އެވެ. އެކި ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ. އެކަމަކު އެއް ހަގީގަތް، އެއީ ހަގީގަތް ކަމަށް ގަބޫލުކުރަމާ ހިނގާށެވެ! ރާއްޖޭގައި ކޯލިޝަން ނެތި ވެރިކަަމަށް އާދެވޭނެ ފޯމިއުލާއެއް ނެތެވެ. ޕާޓީއެއްގެ ގޮތުގައި އެއް ޕާޓީ އަދިވެސް އެހާ ވަރުގަދައެއް ނޫނެވެ!

10 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައިތިރި

06 December 2021

2022 ވ ސާފު. ރ އިބޫ އާއިއެކު ކޯލިަން ހައްދަވަން ޖެހިލުންވާނެ އެއްވެސް ޕާޓީއެއްނެތް. އިބޫއަކީ ވައުދުވެ ވައުދަށް ކަމޭހިއްތަވާ އަދި އެންމެނަށްވެސް އެއްވަރެއްގަ އިތުބާރު ކުރެވޭ ބޭފުޅަކަށްވުމުން. މިކަން ސާބިތުވަނީ މިހާތަނަށް ކޯލިޝަން ދަމަހައްޓަވާފައިވާތީ ކަމަށް ގަބޫލު ކުރެވޭ، ރ ޔާމީނުގެ އަނިޔާ ތަހައްމަލު ކުރި މީހުނާއި، ދައުލަތަށްވީ ޚިޔާނާތް ގަބޫލުކުރާމީހުން އެމްޑީއާއި އެކު މާގަދަކޮށް ނުންނާނެ ކަމަށް ބެލެވޭ ..

The name is already taken The name is available. Register?

ހަސަން ކުރުސީގެ ކަރުސަތުނާމާ

03 December 2021

2023 ނަންގަވާނީ ރައީސް އިބޫ. ރައީސްގެ ވިސްނުންފުޅު މާ ތޫނުވެފަ ވަރުގަދަ. މިހާރު ފެންނަ ފެނުމުގައި 2023 ގައި 2 ބުރަކަށް ވޯޓުލާން ޖެހޭނެ. 1 ވަނަ ރައީސް އިބޫ ދާނީ %43 ވޯޓާއެކީ (ޖޭޕީ، އެމްއާރްއެމް، އަދާލަތު). 2 ވަނައަށް ޔާމީން (ކުރިމަތި ލެވޭނަމަ) %34. އަދި 3 ވަނައަށް ނާޒިމް %21. ބާކީ މިނިވަން އަދި ބާތިލް. 2 ވަނަ ބުރު އިބޫ އަދި ނާޒިމް ކޯލިޝަން ނަގާނީ %54 އިން.

The name is already taken The name is available. Register?

ގާފޮރިބްރަދާ

03 December 2021

އަވަހަށް ހޯދުނުގޮތަކަށް ޓިޕްސްކޮޅެއް ހޯދައިގެން ގަނެވިއްކުމާ ޗިޕް ޖެހުމުގެބައި ކުރިޔަށް ގެންދަންވީ. ރައްޔިތުންކޮޅު ތިބެދާނެތާ؟

The name is already taken The name is available. Register?

120687

02 December 2021

ސިޔާސީ ގޮތުން ޝައިޚް އިމްރާން ފެންނަނީ ނުވާ ދުވަހުން ބޮޑުވެގެން އުޅޭ އަދި ކިރުތުނބުންވެސް ނުމެވީއްލިވާ ތުއްތު ބަބާއެއް ގޮތުގައި. ހާލަތެއްގައި، އިމްރާނަށާއި އަދާލަތު ޕާޓީއަށް ތާއިދު އޮވެގެން މި ސަރުކާރަށް ލިބުނު ވެރިކަމެއް ނަމަ، މަޖިލީހުން އަދާލަތަށް ގޮނޑިތަކެއް ލިބުނީސް. އަދާލަތު ޕާޓީ ފާލުން ނެއްޓިފައިވާ އޮއިކުނި ކޮޅެއް. މިސްރާބާއި މަގްސަދު އޮޅިފައިވާ ޕާޓީއެއް. ސިޔާސީ އެއްވެސް ހައިސިއްޔަތެއް ހަގީގަތުގައި ނެތް ޕާޓީއެއް. 3/1

The name is already taken The name is available. Register?

ޖޭޕީބަސް

02 December 2021

މި ބޮޑު ރިޕޯޓް ނިންމާލި އިރުވެސް ޖޭޕީގެ ވެރިއެއްގެ ބަހެއް ނުހޯދި. ހާދަ ދެރަކޮށޭ ޖޭޕީއާދޭތެރޭ ތިހަދަނީ. އިބޫ ސޯލިހުވެސް ހަމަ ތިހެން ޖޭޕީއަށް ހަދަނީ.

The name is already taken The name is available. Register?

މާޒީ

02 December 2021

އެއް ޕާޓީއެއް ރާއްޖޭގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނޭ ޕާޓީއަކަށް ޕީޕީއެމް ވަރަށް އަވަހަށް ވެގެންދާނެ

The name is already taken The name is available. Register?

އަހްމަދު1

02 December 2021

ސިޔާސީ މައިދާނުގަ ވަރަށް ހީނުކުރާ ކަންތައްވާނެ.. ކާކު ކުރިން ގަބޫލުކުރާނީ މައުމޫނު އާއި އަންނި އެއްގަލަކަށް އަރާފާނެކަމަކަށް... ހަމަ އެގޮތަށް މޑޕ މައި އޮފީހުން "ތިޔައީ ޒައޭމެ..." ލަވަ ލައުޑު ސްޕީކަރުން ޖަހާފާނެ ކަމަކަށްވެސް ކުރިން މީހަކު ހިޔާލަށްވެސް ނުގެއްނާނެ... އެހެން ވީމަ ވަގުތު ޖެހޭއިރު ތިޔަ ބުނާ ޕާރޓީތަށް / ނުވަތަ ޕާރޓީތަކެއް ޔާމީނުއާއި އެއްބައި ނުވާނެއެކޭ ބުނަން އަދި މާ އަވަސް.

The name is already taken The name is available. Register?

ހަސަން ކުރުސީގެ ކަރުސަތުނާމާ

03 December 2021

ތީގެން ދޭހަވަނީ ރައީސް މައުމޫންގެ ސިޔާސީ ވިސްނުންފުޅުގައި ހުރި ބާރު. އެމްޑީޕީއިން ގޮޅާބޯ އާއި ހެއްދެވި ނުހެއްދެވިއަށް ގޮވި ބަޔަކު ލައްވާ "ތިޔައީ ޒައީމޭ" ކިޔުއްވާ އަތް ޖެއްސުވީ ރައީސް މައުމޫންގެ ހީވެސް ނުކުރާހާވަރަށް ބޯ ރަނގަޅުކަމުން.

The name is already taken The name is available. Register?

ސަސި

02 December 2021

މިހާރުގެ ސަރުކާރަށް ތާއިދުކޮށް ވޯޓުލާން ޖެހޭ ސަބަބެއްނެތް. ކޮންމެ ދުވަހަކީ އިމްރާން ކިތައްމެވަރަކަށް ސަނާކިޔަސް ފެއިލް ވަމުން ދާ ދުވަހެއް

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

02 December 2021

"އަދާލަތު ޕާޓީ އަދި އޮތީ ވަކިން ވާދަކުރުމުގެ ވިސްނުމަކު ނޫން،" އިމްރާން ވިދާޅުވި އެވެ ] ހެހެހެހެހެ.ވަކިން ވާދަކޮށްގެން 12 ވޯޓް ވެސް ނުލިބޭނެ.އަދާލަތު ތިޔާއީ ބަޔަކު ބަލައިގަންނަ ޕާޓީއެއް ނޫން.ދީނީ ތާކިހާގަ ނިކުމެ ތިބެ ކުރަނީ މުޅިން އެހެން ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454