އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މަސައްކަތްތެރިން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފަހު ފުލުހުން އެ މީހުންނާ މުއާމަލާތް ކުރަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
30 ޑިސެމްބަރ 2021 - 10:34
ސަލާމަތީ ބާރުގެ ތެރެއަށް ހަމަ ކުއްލިއަކަށް "ބޮމެއް" ހެން ވައްޓާލީ ނޫމަޑި ނަމަކަށް ކިޔާ ކުންފުންޏެކެވެ. ސިފައިންނާއި ފުލުހުންގެ ބޯހިޔާވަހި ކަމަށް ލަނޑު ލިބުނީ "ގޮތް ނޭނގޭ" އެ ކުންފުނީގެ ސަބަބުން ކަމާ ދޭތެރޭ ޝައްކެއް ނެތެވެ!
ވޭތުވެދިޔަ ނުވަ އަހަރު ވަންްދެން ސިފައިންގެ/ ފުލުހުންގެ 600 އަށް ވުރެ ގިނަ މީހުން ތިބީ އިންތިޒާރުގަ އެވެ. ދިރިއުޅޭނެ ތަނެއްގެ ހުވަފެންތަކެއް ދެކިލަދެކިލަ އެވެ. އެތައް ސިފައިންނެއް، އެތައް ފުލުހަކު ކެތްތެރިކަން ކޮޅުންލައިފި އެވެ! ވަރަށް ބޮޑު ހޭދައެއްކޮށްގެން، އަދި އަމިއްލަ ޖީބުން ވެސް އެތައް ބައިވަރު ފައިސާއެއް އެކަމަށް ހޭދަކޮށްފި އެވެ. ހުރިހާ ގެއްލުމެއް ލިބުނީ ނޫމަޑީގެ ސަބަބުންނެވެ. ކޮންޓްރެކްޓްގައިވާ ގޮތަށް ނޫމަޑިން، ސިފައިންނާއި ފުލުހުން އެކަން ކޮށް ނިންމި ނަމަ، މީގެ ހަތް އަހަރު ކުރިން ފުލުހުން ތިބޭނީ އެ ރީތި އެޕާޓްމެންޓްތަކުގަ އެވެ. ސިފައިންގެ ފްލެޓްތައް ވެސް ހަމަ އެގޮތަށެވެ!
ފުލުހުންނާއި ސިފައިންގެ ފްލެޓްތައް ރައީސް މުހަންމަދު ވަހީދުގެ ވެރިކަމުގައި ފެށީ، ވަރަށް ގިނަ ސަބަބުތަކެއް ކުރިމަތި ކުރުމަށް ފަހު އެވެ. ސިފައިންގެ ފްލެޓްތައް އުފަންވީ ފުލުހުންގެ ފްލެޓްތަކުގެ ބިންގާ އެޅުމުގެ ފަހުން ކަމަށް ވާތީ، މި މަޝްރޫއު ގޮސް ގުޅެނީ ފުލުހުންގެ ފްލެޓްތަކުގެ ޑީލްއާ އެވެ.
ރައީސް މުހަންމަދު ވަހީދުގެ ސަރުކާރުގައި، 2013 ގައި އޭރުގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި، އޭނާގެ ޕޮލިސް ކޮމިޝަނަރުގައި އެންމެ ބޮޑު އިސް ކަމެއް ދެއްވި އެއް ކަމަކީ ފުލުހުންގެ ބޯހިޔާވަހިކަމެވެ.
"ފުލުހުންގެ ތެރޭގައި ވަރަށް ގިނަވާނެ ރަށްރަށުން އައިސް ތިބި ކުދިން. މާލޭގައި އެ ކުދިން ކުއްޔަށް އެ އުޅެނީ ވަރަށް ހާލުގައި. އެހެންވެ އެކަމަށް ހެޔޮ ގޮތްތަކެއް ހޯދައިދިނުމަކީ އަޅުގަނޑު ވަރަށް އިސްކަން ދިން ކަމެއް،" އޭނާ ވިދާޅުވި އެވެ.
ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިން މަޝްރޫއެއް ރާވައި އޭގެ އަގުތައް ބެލި އެވެ. އެޗްޑީސީއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު އަގު ހެދި އިރު، 300 ހައުސިން ޔުނިޓަށް، ކޮންމެ ޔުނިޓަކަށް 3.3 މިލިއަން ރުފިޔާ ހޭދަވެ އެވެ. އެއީ އެތާނގައި ދިރިއުޅޭ ކޮންމެ ފުލުހަކު މަހަކު 14،000ރ. ދައްކަން ޖެހުމެވެ. އެޗްޑީސީއާ އެކު އޭރު އެމްއޯޔޫއެއްގައި ސޮއިކޮށްގެން އެކަން ކުރަން ބެލީ، އެ ކުންފުނިން 13 ޕަސެންޓްގެ ޑިސްކައުންޓެއް ވެސް ލައިގެންނެވެ.
"އެކަމަކު އަޅުގަނޑުމެންގެ އެތެރޭގައި ކުރި ސާވޭއަކުން އެނގުނީ މަހަކު 10،000ރ. އަށް ވުރެ ބޮޑަށް ދައްކަން ފުލުހުންނަށް އެފޯޑް ނޫން ކަމަށް. އެހެންވީމަ ދެން ހުރި އޮޕްޝަންތަކަށް ދާން މަޖުބޫރުވީ،" މިކަން ހިނގައިދިޔަ ގޮތް އެނގިވަޑައިގަންނަވާ، ފުލުހުންގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވި އެވެ.
ނޫމަޑި އަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް، އަދި އޭގެ ފަހުން ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ވެސް ބައެއް ޕްރޮޖެކްޓްތައް ހިންގަން ރާއްޖޭގައި އުޅުނު ސްވިޒަލެންޑްގެ ކުންފުންޏެކެވެ. އެ ކުންފުނި އުފެދުނުއިރު އެންމެ އިސްކޮށް ހުންނެވީ ސްވިޒަލެންޑުގެ ވިޔަފާރިވެރިއެއް ކަމަށްވާ ކްރިސްޓޮފް ޕީޓާ (ކްރިސް) ކިޔާ މީހެކެވެ. މީގެ 17 އަހަރު ކުރިން ރާއްޖެ އަށް ކުރިމަތިވި ސުނާމީގައި ސުންނާފަތިވި ބައެއް ގެތައް އިމާރާތް ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރިއަށް ގެންދިޔަ ކަމަށް ވެ އެވެ. މައުމޫނުގެ ސަރުކާރުގައި އެ ކުންފުނިން ކުރި މައިގަނޑު މަސައްކަތަކީ އެއީ ކަމަށް އެނގިފައި ވެ އެވެ.
އޭގެ ފަހުން ކްރިސް ރާއްޖެ އަށް މަޝްހޫރުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރުގެ ބައެއް ރަށްރަށުގައި ގެދޮރު ހެދުމުހެ މަޝްރޫއުތަކެއް ހަވާލުކުރި އެވެ. އޭގެ ބަދަލެއްގެ ގޮތުގައި ލަގްޒަރީ ވިލާތައް އެޅުމަށް ރަށްތައް ދޫކުރިކަން ރެކޯޑްތަކުން ދައްކަ އެވެ.
"އެކަމަކު، އެ ކަމެއް ކާމިޔާބުކަމާއެކު ކުރިއަކަށް ނުގެންދެވުނު. މަދު ރަށްތަކެއްގައި އެ ކުންފުންޏަށް މަސައްކަތް ކުރިއަށް ގެންދެވުނީ. ތަފާތު ސަބަބުތައް މެދުވެރިވެގެން ހުއްޓުނީ،" އޭރު ސަރުކާރުގައި އުޅުއްވި އިސްބޭފުޅަކު ވިދާޅުވި އެވެ.
ނޫމަޑިން ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ
އޭނާގެ އެ ވާހަކަތަކަށް ބާރު ލިބޭ އެއް ކަމަކީ ޖެނުއަރީ، 20، 2011 ގައި ނޫމަޑިއާއެކު ނަޝީދުގެ ސަރުކާރުން ސޮއިކުރި އެއްބަސްވުން ކުރީގެ ވެރިކަމުގައި އުވައިލުމުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ އެވެ. އެއްބަސްވުން އުވައިލީ ގަވައިދާ ހިލާފަށް ކަމަށް އާބިޓްރޭޝަނުން ކަނޑައެޅިޔަސް ސަރުކާރުން އެ ފިޔަވަޅު އަޅަން ޖެހުނީ އެ މަޝްރޫއު ކުރިއަށް ނުގެންދެވިގެންނެވެ. ރަށްރަށުގައި ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑިއާ ހަވާލުކުރި މަޝްރޫއުގެ އެއްބަސްވުން އުވައިލުމުން ދައުލަތުން 55 މިލިއަން ޑޮލަރު (849،750،000ރ.) ވަނީ ދީފަ އެވެ.
ނޫމަޑިން ރާއްޖޭގައި 2014 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ހިންގާ އެންމެ ކާމިޔާބު އެއް ކަމަކީ ހދ. ހަނިމާދޫގައި ރިސޯޓް ފެންވަރަށް "ދަ ބެއާފުޓް އީކޯ ހޮޓެލް" ހިންގުމެވެ. އެ ވިޔަފާރީގައި މިހާތަނަށް މައްސަލައެއް ދިމާނުވެ، ކާމިޔާބު ކަމާއެކު ކުރިއަށް އެބަގެންދެ އެވެ.
ނޫމަޑީގައި އެންމެ އިސްކޮށް ހުންނެވޮ ކްރިސް އަށް ރާއްޖެ އިން ކުރިމަތިވި އެއް މައްސަލައަކީ ހަގީގަތް ދެނެވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ސިޔާސީ މަންފާ ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބައެއް ސިޔާސީ ވެރިން ކުރި މަސައްކަތްތަކެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކްރިސްއާ ދެމެދު އުފެދުނު މައްސަލަތަކެއްގައި ކްރިސް "ތާށިވެ" އަދީބުގެ ބާރުވެރިކަން އެއްކޮށް ކެނޑި ޔާމީންގެ ވެރިކަމުގައި އާ ޑިފެންސް މިނިސްޓަރަކަށް އާދަމް ޝަރީފް ހަވާލުވެވަޑައިގަތުމާ ހަމައަށް ކްރިސް ރާއްޖެ ވަޑައިނުގެން ހުންނެވި ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.
"އޭރު ސިޔާސީ ގޮތުންނާއި މާލީ ގޮތުން ކުރިމަތިވި ފިއްތުންތަކާ ހެދި ކްރިސް ބޭނުން ނުވި ރާއްޖެ އަންނާކަށް. އެ ވެސް ޕްރޮޖެކްޓަށް އައި ކޮންމެވެސް ވަރެއްގެ ލޮޅުމެއް. ކްރިސް ބޭނުން ނުވި ފަހުން އެހާ ބޮޑަށް އެ ކަން ކުރިއަށް ގެންދާކަށް،" ކްރިސްއާ ގާތުން މަސައްކަތް ކުރެއްވި އިސްވެރިއަކު ވިދާޅުވި އެވެ.
އެ މައްސަލަގަނޑުގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނިންމަން ބޭނުންވާ ފައިސާ ހަމަނުޖެހި، ބިދޭސީ އެތައް މުވައްޒަފުންނަކަށް މުސާރަ ނުދެވި، ތާށިވި ވަގުތު ނޫމަޑީގެ އެއް ހިއްސާދާރު ތައިލެންޑްގެ ވިޔަފާރިވެރިއެއް އަދި އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާއާ ދެމެދު ވެސް ހިޔާލު ތަފާތުވުންތަކެއް އުފެދުނު ކަމަށް ވެ އެވެ. ކްރިސް އަށް ވުރެ ބޮޑަށް ރާއްޖޭގެ ސިޔާސީ މީހުންނާއެކު އަނޮން ބާއްވާ ގުޅުން މާ ބޮޑަށް ހަރުދަނާވެ، އޭގެ ހިޔަނި ވެސް ޕްރޮޖެކްޓަށް އެޅުނެވެ.
"އެ ހުރިހާ ކަމެއްގެ ތެރެއިން ޕްރޮޖެކްޓް ކުރިއަށް ނުގެންދެވިގެން ނޫމަޑީގެ އެއްބަސްވުން ބާތިލުކުރީ. ދެން ސަރުކާރަށް ފެނުނީ ސިފައިންނާއި ފުލުހުންގެ ފްލެޓްގެ މަސައްކަތް ދެން އެންމެ ރަނގަޅަށް ކުރެވޭނީ އައިލެންޑް އެކްސްޕާޓަށް ކަމަށް. ސަބަބަކީ ނޫމަޑިއާއެކު އައިލެންޑް އެކްސްޕާޓުން އެ ޕްރޮޖެކްޓްގައި މަސައްކަތް ކޮށްފައި ވާތީ،" ކްރިސް އާއި އަނޯންއާ ވެސް ގާތް ގުޅުމެއް ބޭއްވި މީހަކު ބުންޏެވެ.
އަނޮންއަކީ އައިލެންޑް އެކްސްޕާޓާއި ނޫމަޑީގެ ވެސް އެއް ހިއްސާދާރެވެ. އަދި ސިފައިންނާއި ފުލުހުންގެ ފްލެޓް ނިންމުމަށް ނޫމަޑީގެ ސަބް ކޮންްޓްރެކްޓަރެއްގެ ގޮތުގައި ނެގި ކުންފުންޏެވެ. ނަމަވެސް، ކްރިސްގެ ބާރުވެރިކަން ދިއުމަށް ފަހު، މުޅި މަޝްރޫއު އަނޮންގެ އަތްމައްޗަށް ގެނައީ އެވެ. އެކަމަކު، ފައިސާ ލިބޭނެ ގޮތެއް ނެތި އޭނާއަކަށް ވެސް މަސައްކަތެއް ނުކުރެވުނެވެ. ނޫމަޑިން އައިލެންޑް އެކްސްޕާޓާ ހަމައަށް މަސައްކަތް ބަދަލުކުރިއިރު، އެ ފްލެޓްތަކުގެ ކޮންސްޓްރަކްޝަންގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިންމައިފަ އެވެ.
ސިފައިންގެ ފްލެޓްތައް ނިމޭއިރު ހުންނާނެ ގޮތުގެ ކުރެހުމެއް
އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުންނަށް މުސާރަ ނުދެވި، މައްސަލަ އެންމެ ހޫނުވި ދުވަސްވަރު އަނޮން ވިދާޅުވެފައި ވަނީ އޭނާގެ ކުންފުންޏަށް ކުރިމަތިވީ ކޮވިޑް-19 އާ އެކު އިގްތިސޯދަށް ކުރިމަތިވި ދަތިތައް ކަމަށެވެ. އޭގެ ނަތީޖާއަކީ ވަރަށް ގިނަ މުވައްޒަފުންތަކެއް ވެސް ދޫކޮށްލަން ޖެހުން ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ފުލުހުންނަށް ނޫމަޑި ތައާރަފުވީ ކުރީގެ ރައީސް ވަހީދުގެ ސަރުކާރުގެ ތެރެއިންނެވެ. އޭރު ނޫމަޑި ހިންގި މަޝްރޫއެއްގެ ދަށުން ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން ވަނީ ޅ. މާބިންހުރާ ނަމަކަށް ކިޔާ ރަށެއް ވެސް އެ ކުންފުންޏަށް ދީފަ އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ފުލުހުންނަށް ނޫމަޑި ތައާރަފު ކޮށްދެއްވީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒެވެ.
"މުއިއްޒު ގުޅުއްވާފައި ވިދާޅުވީ އޭރު އަޅުގަނޑުމެންނަށް ލިބިފައި އޮތް ޅ. ދިއްފުށިމާދޫ ކިޔާ ރަށަކަށް ނޫމަޑި އެބަ ޝައުގުވެރިވެއޭ. އެ މީހުން ބޭނުން ވަނީއޭ އެ މީހުންނަށް ލިބިފައި އޮތް ޅ. މާބިންހުރާ ބަދަލުކުރަން. އެ މީހުންގެ ހުށަހެޅުންތަކެއް އެބަހުއްޓޭ،" ރިޔާޒް ވިދާޅުވި އެވެ.
"މުއިއްޒު ގުޅުއްވާފައި ވިދާޅުވީ އޭރު އަޅުގަނޑުމެންނަށް ލިބިފައި އޮތް ޅ. ދިއްފުށިމާދޫ ކިޔާ ރަށަކަށް ނޫމަޑި އެބަ ޝައުގުވެރިވެއޭ. އެ މީހުން ބޭނުން ވަނީއޭ އެ މީހުންނަށް ލިބިފައި އޮތް ޅ. މާބިންހުރާ ބަދަލުކުރަން. އެ މީހުންގެ ހުށަހެޅުންތަކެއް އެބަހުއްޓޭ،"
ދިއްފުށިމާދޫ ސަރުކާރުން ފުލުހުންނަށް ދީފައި ވަނީ ޕޮލިސް އެކަޑަމީ އަޅާށާއި ޓޫރިޒަމް އުސޫލުން ލަގްޒަރީ އެޕާޓްމެންޓްތަކެއް އަޅާ ގޮތަށެވެ. ދިއްފުށިމާދޫ އަކީ ޓޫރިޒަމް މަޝްރޫއެއް ހިންގަން ވަރަށް ރީތި ރަށެކެވެ. އަދި އޭރު އެނގިފައިވާ ގޮތުގައި ނޫމަޑި އަކީ ފައިސާ ހުރި ތަނަވަސް ބައެކެވެ.
ނޫމަޑީގެ އިސް ބޭފުޅުންނާއި ފުލުހުންގެ އިސްބޭފުޅުންގެ އިތުރުން ޕޮލްކޯގެ އެގްޒެކެޓިވް ބޯޑު އެއް މޭޒެއްގެ ދޮށަށް "ޑީލަށް" އެރީ އުންމީދާ އެކު އެވެ. އެ ޑީލްގެ ދަށުން ފުރަތަމަ މަޝްވަރާ ކުރެވުނީ، ބަދަލުގައި ފުލުހުންނަށް ލިބޭނީ ކޮންއެއްޗެއްތޯ އެވެ. އެ ބައްދަލުވުމުގައި ނޫމަޑިން އެއްބަސްވެފައި ވަނީ އޭރު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޭދޫފިނޮޅުގައި ޓްރޭނިން ސެންޓަރެއް ހަދައި، 10 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކަށް ދާ ގޮތަށެވެ.
ފުލުހުންގެ އެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނެވި ފުލުހުންގެ އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި، އޭރު ވެސް ހައުސިން މަޝްރޫއުގެ ކަންކަން ފުލުހުންގެ އިސް ބޭފުޅުންގެ ސިކުނޑީގައި ދިޔައީ ދައުރުވަމުންނެވެ.
"އެހެންވެ ދަންނަވައިފިން އަދި ނެތޭ ނިމޭކަށް. އަޅުގަނޑުމެންގެ އެބައޮތޭ ނުފެށި އޮތް ހައުސިން މަޝްރޫއެއް ވެސް. އެކަން އަގުހެޔޮ ގޮތަކަށް ކޮށްލެވޭނެ ގޮތެއް ނެތްތޯ ދެންނެވި،" ނަން ޖަހަން އުޒުރުވެރިވެ، އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ޕްރޮޕޯސްކުރީ ހައުސިން މަޝްރޫއަށް ޑިސްކައުންޓެއް ދޭ ގޮތަށާއި އެކަން ކުރަން ނޫމަޑިން ތިން މިލިއަން ޑޮލަރު ދޭން. އެކަމަކު ފައިސާގައި ހިފުމަކީ ފުލުހުންގެ އސާސްތަކާ ހިލާފު ކަމަކަށް ވާތީ އެގޮތެއް ކަމަކު ނުދިޔަ. ދެން އައި ހުށަހެޅުމަކީ މުޅި މަޝްރޫއުގެ 15 ޕަސެންޓް ޑިސްކައުންޓެއް ދޭ ގޮތަށް،"
"ފުރަތަމަ ޕްރޮޕޯސްކުރީ ހައުސިން މަޝްރޫއަށް ޑިސްކައުންޓެއް ދޭ ގޮތަށާއި އެކަން ކުރަން ނޫމަޑިން ތިން މިލިއަން ޑޮލަރު ދޭން. އެކަމަކު ފައިސާގައި ހިފުމަކީ ފުލުހުންގެ އސާސްތަކާ ހިލާފު ކަމަކަށް ވާތީ އެގޮތެއް ކަމަކު ނުދިޔަ. ދެން އައި ހުށަހެޅުމަކީ މުޅި މަޝްރޫއުގެ 15 ޕަސެންޓް ޑިސްކައުންޓެއް ދޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
"މިކަހަލަ މަޝްރޫއަކަށް 15 ޕަސެންޓްގެ ޑިސްކައުންޓަކީ، ދަންނަވަންތޯ އެއީ ވަރަށް ބޮޑު އެއްޗެއް. އަޅުގަނޑުމެން ހިސާބު ހަދާލީމަ، އެޕާޓްމެންޓެއްގެ އަގު މާ ބޮޑަށް ވެސް ފުލުހުންނަށް އެފޯޑަބަލް. އެހެންވެ އެއަށް އެއްބަސް ނުވާންވީ އެއްވެސް ސަބަބެއް ނެތް."
އެ ޑިސްކައުންޓާ އެކު ފްލެޓްތަކުގެ އަދަދު 361 އަށް ބަދަލުވި އެވެ. މަޝްރޫއުގެ ޖުމްލަ އަގަކީ 580 މިލިއަން ރުފިޔާ އެވެ. އެއީ އެޕާޓްމެންޓަކަށް ގާތްގަނޑަކަށް ދޮޅު މިލިއަން ރުފިޔާ އެވެ.
"ވަރަށް ބޮޑަށް ވެސް އެ އަގު ރަނގަޅު. މާ ބޮޑަށް ވެސް އެފޯޑަބަލް،" ރިޔާޒް ވެސް އެއްބަސްވެ ވަޑައިގެންނެވި އެވެ.
އޭނާ ވިދާޅުވީ، ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ފްލެޓްގެ ބިންގާ އެޅިގޮތަށް މަސައްކަތް ނިމުނު ނަމަ، އެއަށް ވުރެ އެފޯޑަބަލް އަގެއް އެއްވެސް ބަޔަކަށް ނުދެވުނީސް ކަމަށެވެ.
ސިފައިންގެ 330 ފްލެޓްގެ މަސައްކަތް ފެށީ "ފުލުހުންގެ ފްލެޓްތައް އަޅަން ރަނގަޅު ޑީލެއް ލިބުނު ހިސާބުން"ނެވެ.
"ސިފައިންނާއި ފުލުހުންގެ ތެރޭގައި މިކަހަލަ ކަންކަމުގައި ވަރަށް ވާދަ އޮންނާނެ. ސިފައިންނަށް ވެސް އެނގުނީ މިކަހަލަ ޑީލެއް އަޅުގަނޑުމެންނަށް ލިބިއްޖެ ކަން. އެހެންވެ އޭރު ކާނަލް ނާޒިމް (އޭރުގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމް) ސަރުކާރުގައި ދަންނަވައިގެން ސިފައިންނަށް ވެސް މި ޑީލް ހޯއްދަވައިދެއްވީ،" ރިޔާޒް ވިދާޅުވި އެވެ.
ނޫމަޑިއާ މަޝްރޫއު ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ. ވަކި ވަރަކަށް މަސައްކަތް ނިންމުމުން ސިފްކޯގެ ޔުނިޓްތަކަށް ވާ ފައިސާ ސިފްކޯ އިން، އަދި ޕޮލްކޯގެ ފްލެޓްތަކުގެ ފައިސާ އިން ޕޮލްކޯ އިން ދައްކާ ގޮތަށެވެ.
ސިފައިންގެ ފްލެޓްތަކުގެ ބިންގާ އެޅުން
"ނޫމަޑިން މަސައްކަތް ފަށައިގެން ދުވަސްކޮޅެއް ނުވެ ސަރުކާރު ބަދަލުވެއްޖެ. މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުއްޓިއްޖެ. އެ މީހުން ބުނަނީ ތިމަންނަމެންނަށް ލިބެން ޖެހޭ ލޯނެއް ނުލިބުނޭ. އޭރު އެއީ ސަރުކާރު ވެސް ބޭރު ގައުމުތަކާ އެކު އެހެން ކަހަލަ ރޫހެއް އުފެދިފައި އޮތް ދުވަސްކޮޅެއް. ވެދާނެ ތެދަކަށް ވެސް. ކޮންމެ ގޮތެއް ވިޔަސް މިކަމެއް ނުވި،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އެކަމަކު، މަސައްކަތް ނުނިމި ދިގުލައިގެން ގޮސް، ނޫމަޑި އަށް އެކަން ނުވެ، އޭގެ ފަހުން އެ ކުންފުނި ވަކިވެ، އެހެން ކުންފުންްޏަކާ ހަވާލުކޮށް އެ މީހުންނަށް ވެސް އެކަން ނުވެގެން މަޝްރޫއު ހުއްޓާލި އިރު، ފުލުހުންގެ ފްލެޓްތަކަށް 700 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވެއްޖެ އެވެ. ސިފައިންގެ ފްލެޓްތަކަށް 548 މިލިއަން ރުފިޔާ ހޭދަވެއްޖެ އެވެ. ނޫމަޑި މަޝްރޫއުން ވަކިކުރި އިރު، އެ ކުންފުނިން ސިފްކޯ އަށް އޮތީ 92 މިލިއަން ރުފިޔާ އިން ދަރައިފަ އެވެ. ދީފައި ހުރި ޗެކްތައް ހުރީ ބައުންސްވެފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ، މަސައްކަތް ކުރިއަށް ނުގޮސް އޮވެގެން، ސީދާ އޭނާ އިސްވެ އެ ވާހަކަ ރައީސް ޔާމީނަށް ވެސް ދެންނެވި ކަމަށެވެ. އަދި ސިފްކޯގެ އިސް ބޭފުޅުންނާ ވާހަކަ ދައްކަވައި، ނޫމަޑި އާ އެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަން އޭނާ އިސްވެ މަޝްވަރާ ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މިނިސްޓަރު ކަމާ ހަވާލުވެ އެތަނަށް ގޮސް ބެލިއިރު ތަން އޮތީ ވަޅުގަނޑެެއްހެން. ފައިސާ ހުރީ ހޭދަކުރެވިފައި. މަސައްކަތެއް ކުރިއަކަށްނުދޭ،"
"އަޅުގަނޑު މިނިސްޓަރު ކަމާ ހަވާލުވެ އެތަނަށް ގޮސް ބެލިއިރު ތަން އޮތީ ވަޅުގަނޑެެއްހެން. ފައިސާ ހުރީ ހޭދަކުރެވިފައި. މަސައްކަތެއް ކުރިއަކަށްނުދޭ،" އޭނާ ވިދާޅުވި އެވެ.
ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ނޫމަޑީގެ އެގްރިމެންޓް ސިފްކޯ އިން ނިމުމަކަށް ގެނައީ 2016 ގަ އެވެ. ފުލުހުންގެ ފްލެޓްތައް ވެސް ކުރިއަށް ނުދާތީ، އެގްރިމެންޓް ބާތިލް ކުރީ އެ އަހަރު އެވެ.
ސިފައިންގެ ފްލެޓްތަކާއި ފުލުހުންގެ ފްލެޓްތައް ހުއްޓުމަކަށް އައުމަކީ ސިޔާސީ ގޮތުން ވަރަށް ބޮޑު ޕްރެޝަރެކެވެ. ކޮންމެ ސަރުކާރެއްގައި ވެސް، އެ ދެ މުއައްސަސާގެ ވަޒީރުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮންނަނީ ފްލެޓްތައް ނުނިމޭ މައްސަލަ އެވެ.
"އަޅުގަނޑު ދެންނެވިން ހުރިހާ ސިފައިންނަށް، އެކިއެކި ހަފުލާތަކުގައި މިވެނި އެވެނި ތާރީހެއްގައި ނިންމައިދޭނަމޭ. އެ ޔަގީންކަން އޮންނަނީ އެގްރިމެންޓްގައި ދީފައި. އެކަމަކު ކޮންމެވެސް ކަމަކާ ހެދި ކުރިއަކަށް ނުދޭ،" އާދަމް ޝަރީފު ވިދާޅުވި އެވެ.
މިއީ، އެކި ރައީސުންގެ މޭޒުކޮޅަށް ވެސް އައިސްފައިވާ މައްސަލައެކެވެ. އެކަމަކު ސަރުކާރަށް ފަހިކޮށްދޭން އުނދަގޫވި ކަމަކީ ޕްލޭންކޮށްފައި ނެތް، އަދި ބަޖެޓްގައި ވެސް ނެތް ފައިސާ އެވެ.
"އެހެންވެ އެ ފައިސާ ހޯއްދަވަން ރައީސް ޔާމީނަކަށް ވެސް ފަސޭހަފުޅެއް ނުވި. އަޅުގަނޑު ފްލެޓްތަކުގެ ވާހަކަ ދެންނެވީމަ ރައީސް ވިދާޅުވި ބައްލަވާނަމޭ. އެކަމަކު ބަޖެޓްގައި ނެތް ފައިސާއެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫން،" އާދަމް ޝަރީފު ވިދާޅުވި އެވެ.
އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މަސައްކަތްތެރިން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފަހު ހައްޔަރު ކުރި ބިދޭސީންތަކެއް ފުލުހުންގެ ވެހިކަލެއްގައި ގެންދަނީ. ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުލުހުންނާއި ސިފައިންގެ ފްލެޓްތަކާ މެދު ސަރުކާރުގެ ސިޔާސަތު ދިިޔައީ އެއްގޮތަކަށް، ގާތްގަނޑަކަށް އެއް ނިންމުމެއް ނިންމަމުންނެވެ. ސަރުކާރުން ނިންމީ އެ މަޝްރޫއަށް ސަރުކާރުން ފަންޑުކުރާ ގޮތަށެވެ. އެކަމަކު އެއީ ސިފްކޯ އަށާއި ޕޮލްކޯ އަށް ދޭ ލޯނެއް ގޮތަށެވެ.
"ޕޮލްކޯ އިން ވިސްނީ ފްލެޓްތަކަށް މަހުން މަހުން ލިބޭ ފައިސާ ލޯނަށް ދައްކައި ހަލާސްކުރަން،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ހަގީގަތުގައި ނޫމަޑި މި ދެ މަޝްރޫއުން ދުރަށް ލިޔަސް، އައިލެންޑް އެކްސްޕާޓަކީ ވެސް ނޫމަޑި އާ ގުޅުންއޮތް ބައެކެވެ. ނޫމަޑީގެ އެއް ހިއްސާދާރު އައިލެންޑް އެކްސްޕާޓްގައި ވެސް ހިމެނެ އެވެ. ނޫމަޑިން މަޝްރޫއު ކުރިއަށް ގެންދިޔަ ނަމަވެސް، ފެށުނީއްސުރެ މަސައްކަތްތައް ކުރަމުން ދިޔައީ އައިލެންޑް އެކްސްޕާޓުންނެވެ.
"މީގައި އއަޅުގަނޑުމެން ވިސްނީ އެކަން ކުރަމުން ދިޔަ ބަޔެއް ލައްވާ ދެން ވެސް ކުރުވީމައޭ އަވަސް ވާނީ. ހަގީގަތުގައި ވެސް ވަރަށް ބޮޑަށް ލަސްވެފައި އޮތީ. އެއީ ހީނުކުރާ ވަރުގެ ޕްރެޝަރެއް. ނޫމަޑި އަށް ދިމާވީ ފައިސާގެ މައްސަލަ. ފަހުން ސަރުކާރުން ހަމަޖެއްސީ ފައިސާ ދޭ ގޮތަށް. އެހެންވީމަ އައިލެންޑް އެކްސްޕާޓް ލައްވާ ކުރުވުމަކުން މައްސަލައެއް ނެތް،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި އައިލެންޑް އެކްސްޕާޓުން މަސައްކަތް ފެށީ 2016 ގަ އެވެ.
"އައިލެންޑް އެކްސްޕާޓުން ޕްރޮޖެކްޓަށް ކުރިއެރުން ބޮޑު ކުރިއެރުމެއް ގެނެސްދިން ކަމުގައި ވީ ނަމަވެސް، އެގްރިމެންޓްގައި ބުނާ މުއްދަތަށް ޕްރޮޖެކްޓް ނުނިމުގެ ސަބަބުން އެއްބަސްވުން ނިމުމަކަށް ގެނެވުނީ އެވެ،" މި މަޝްރޫއާ ބެހެ ގޮތުން ސިފްކޯ އިން "މިހާރު" އަށް ފޮނުވާފައިވާ މައުލޫމާތުތަކުގައި ވެ އެވެ.
ގާތްގަނޑަކަށް ފަސް އަހަރުގެ ތެރޭގައި އައިލެންޑް އެކްސްޕާޓުން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަކު އޭގެ ސްޕީޑުގައި މަސައްކަތްތައް ހަލުއިކޮށެއް ނުދެ އެވެ. އައިލެންޑް އެކްސްޕާޓުން، މިދިޔަ ކޮވިޑް ތެރޭގައި ބަނގުރޫޓުވެ، ދެ މަޝްރޫއުގެ އެގްރިމެންޓް ޓާމިނޭޓް ކުރި އިރު، ސިފައިންގެ އެއް ޓަވަރުގެ 80 ޕަސެންޓް، އަދި އަނެއް ދެ ޓަވަރުގެ 50 ޕަސެންޓް ވަނީ ނިންމައިފަ އެވެ. ފުލުހުންގެ ތިން ޓަވަރުގެ ގާތްގަނޑަކަށް 85 ޕަސެންޓް މަސައްކަތް ހުރީ ނިމިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާޓް
04 January 2022
މީ މުއިއްޒު ހިްނގި ޖަރީމާ އެއް ކަން ސާފު ރިޔާޒާއި ނާޒިމް ވެސް ބައިވެރިވެގެން
ރިޔާޒިމް
04 January 2022
މީޣައި ނޫމަޑި އަދި އައިލެންޑް އެކްސްޕާޓް އާއި އެކުވެސ ްެގްރީމެންޓް ކުރވިފަިއ އޮންނަ ކަމަށް ވޭ ފަޔަރ އަދި ނެޓްވޯކް ތައް ރިޔާޒު ގެ ކުންފުންޔަށޤ އަދި، ލިފްޓް ތައް އާރސީސީ އަށް ސަބް އަށް ދިނުމަށް ދީ.... ދެން މަހީހީ
މުހުސިނު
31 December 2021
ތި ޖަރީމާ ގެ ބޮޑު އެކަކު މިހާރު އެހެރީ އެސްޓީއޯ މެޑިކަލްސްގަ. ކުރިޔައް އޮތްތާގަ އެތާގެ ވެރިޔަކައް ވާނެ މީހާ ކަމައް ހަބަރު ލިބެނީ.
މަޒް
31 December 2021
ވަރަށް ކުރުކޮށް ބުނެލަން އޮތީ.. އުޅޭ ވަޒީފާގެ ސަބަބުން މޮޅުތަށް ލިބުން ހުއްޓުވަންޖެހޭ.. ސިފައިންވީމާ،، ފުލުހުންވީމާ، ޓީޗަރުންވީމާ، ޑޮކްޓަރުންވީމާ، ފަނޑިޔާރުންވީމާ އެދި އެނޫނަސް އުޅޭ ވަޒީފާގެ ސަބަބުން މި ފުލެޓް ލިބުން ހުއްޓުވަންޖެހޭ.. ދިވެހި ރައްޔިތަކަށްވީމާ ފުލެޓް ދޭންޖެހޭނީ.. ވަރަށް ސަލާން
ޖަނާދަން
30 December 2021
މަސައްކަތް ނުނިންމާ ކަމުގެ ހިސްޓްރީ އެއް އޮތް ބަޔަކަށް މަސައްކަތް ދިނީ ކީއްވެ؟ މިކަމުގަ ޓޯޕީގެ ބަހެއް މުހިންމު. ފައިސާ ހަމަޖެހިފަ ފެށި ބަޔަކު ސަރުކާރު ބަދަލުވެގެން ލޯން ނުލިބުނޭ މިކިޔަނީޔޯ؟ ރިޔާޒް ތަންކޮޅެއް ހަމަޖެހޭ ޖަވާބެއް މިޔަށް ދީބަލަ. މުއިއްޒު ހޯދި ބައެއް މުއިއްޒު އެގްރިމެންޓް ބާތިލްކޮށް އާބިޓަރީ އަށް ދޮގު މައުލޫމާތު ދީ ދައުލަތުން ބޮޑު އެއްޗެއް ދައްކުވާފަ މިއޮތީ. އެންމެން ގުޅިގެން ކައިފަ މިއޮތީ.
ނާގޯށި
30 December 2021
ސަރުކާރުގެ ވަޒީރު ކަމުގަހުރެ ނޫމަޑިގެ އެގްރިމެންޓް ބާތިލު ކުރިމީހާ ވަޒީރުކަމުން ވަކިވުމުން އާބިޓްރޭޝަން އަށް ގޮސް އެ އެގުރިމެންޓް ބާތިލުކުރީ ނުބައިކޮށް ކަމަށް ހެކިދިނުމުން ދައުލަތުން މިލިޔަނުން ދޭންޖެހުނު ވާހަވެސް ލިޔުނުނަމަ އާޓިކަލް ފުރިހަމަވީސް.
މީގެން ދޭހަވީ
30 December 2021
ރިޔާޒް އާއި ނާޒިމް އަދި ތިމުއައްސަސާގެ ކޯޕަރޭޓް ސޮސައިޓީ އާއި އިސްވެރިން ގެ ބޮޑެތި ކޮރަޕްޝަން އެވެ. ރަގަޅު މިނިވަން އޮޑިޓެއް މުހިއްމު އެވެ.
މާކުންބޭ
30 December 2021
މިއީ ނާޒިމާއި ރިޔާޒް ހިންގި ބޮޑުވެގެންވާ ޖަރީމާއެއް، މިޖަރީމާ އަކީ ސިފައިންނާއި ފުލުހުން ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ކަމެއް ނޫން، އެތައް އާއިލާތަކަށް ލައްކައިން ޑައުންޕޭމަންޓް ނަގާ ހުރިހާ ފައިސާ ނާޖާއިޒްކޮށް ބޭނުންކުރި ބަޔަކު އުޅޭނެ. މިފަދަ މީހުން ޕާރޓީތަށް ހެދުމުން ދިވެހިން ބަލައިގަންނާނެކަމަކަށް ނުބެލެވޭ
ޢަސްލު ވާގޮތަކީ
30 December 2021
ފުލުހުންނާއި ސިފައިންނަށް މިކަމުގާ ބަހެއް ނުބުނެވޭ. ޙަވީގަތް ހާމަކޮށަ ސޯޝަލް މީޑިއާގައި ލިޔެ ނެހެދޭ. ލިޔެފިއްޔާ އެމައްސަލަ ބަލާ ފިޔަވަޅު އަޅަ. ފުލުހުންނާއި ސިފައިންގެ ހައްގުގައި ވާހަކަ ދައްކާނެ ބަޔަކު އެބަ ބޭނުންވޭ. ހިޔާ ފްލެޓްގައި ވެސް އުޅެނީ އިންސާނުން. ފުލުހުންނާ ސިފައިންނަކީ ވެސް އިންސާނުން.
ސިފައިން
30 December 2021
ފުލުހުންގެ ވެރިން ބޭނުން ގޮތަކަށް ޕޮއިންޓް ދޭ އުސޫލު ހަދާފަ، ބޭނުން ޑިޒައިނެއް ހަދާފަ އޮތް ތަނެއް ތީ، ހައުސިންގް ސްކީމް އެއް ވެއްޖެޔާ ހުރިހާ ފްލެޓެއް ހުންނަންވާނީ އެއް ޑިޒައިނަކަށް ، ޕޮއިންޓް ދޭންވާނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލައް!! ތި ފުލުހުންގެ ވެރިން އަމިއްލަ ކޮއްލި ލަގްޒަރީ ފްލެޓް ނަމުގައި ސޯސަލް ހައުސިންގް، ވެރިންނަށް ހުރިހާ މޮޅެއް! އެދުން ވެރިކަން އިންތިހާޔަށް، ކޮރަޕްޝަން އެވަރަށް، ސިފައިގެއިން ބޭނުން ނުވެގެން އުކާލި މީހުން ވިއްޔާ !!!