ފަހަތަށް ނުޖައްސާ، އެއީ ކުރީ ސަފުގެ ހައްގުވެރިން!

ރަށެއްގައި އުމުރުން ދުވަސްވީ ބަޔަކު މަރުހަބާގެ ސަފެއްގައި: ދައުލަތަށް އެތައް ދުވަހެއް ވަންދެން ހިދުމަތްކުރި މީހުން ބާކީކުރުން ބަލައިނުގަނެވޭ ކަމަށް އިސްރަށްވެހިންގެ ޖަމިއްޔާ އިން ބުނޭ. -- ފޮޓޯ/މިހާރު

މުޅި އުމުރު ދައުލަތަށް ހުސްކުރި ހިދުމަތްތެރިންނެވެ؛ ވަކި ހިސާބަކުން "މުސްކުޅިވެއްޖެއޭ ދެން ފަހަތަށް ޖެހިލާށޭ" ގާނޫނުތަކާއި ސިޔާސަތުތަކާއި އަމަލުތަކުން ދެއްކުން، އިސްރަށްވެހިންގެ ޖަމިއްޔާގެ ރައީސް އަބްދުލްއަޒީޒް ޔޫސުފް (އަޒީ) އަށް ބަލައެއް ނުގަނެވެ އެވެ. އެ މީހުންނަކީ ބާކީވާން ޖެހޭ ބައެއް ނޫނެވެ؛ އެއީ ގައުމު ބިނާކުރި ރަނގަޅު ޖީލަކަށް ގުރުބާންވި މީހުންނެވެ. ހައްގު މަގާމް ލިބެން ޖެހެ އެވެ.

އެކަމަކު ރާއްޖެ އަންނަން ފެށި ބަދަލުތަކުގެ ތެރޭގައި އެންމެ ނިކަމެތިވި އެއް ބަޔަކީ އިސް ރަށްވެހިންނެވެ. މި ހިސާބަށް ހާލަތު ގޯސްވުމުގައި އޭނާ ގަބޫލުކުރައްވާ ސަބަބުތަކެއް ދެއްކެވި އެވެ.

އެއް ކަމަކަށް ރާއްޖޭގެ ޓޫރިޒަމް ހަލަބޮލިވީ އެވެ. އިގްތިސާދީ މަންފާތަކާއި ތައުލީމީ ފުރުސަތުތައް މާބޮޑުތަނުން ފަހިވާން ފެށުމުން އެންމެންނަށް އުޅެވުނީ އެކަމުގެ ތެރޭގަ އެވެ. ރަށްރަށުން ކުދިންތައް މާލެ ކިޔަވަން އައީ އެވެ. ގިނަ މީހުން އައީ ބެލެނިވެރިންނާ އެކު ނޫނެވެ. ނަތީޖާއަކީ އާއިލާތައް ވަކިން ދިރިއުޅެން މަޖުބޫރުވުމެވެ.

"އެންމެންނަށް އުޅެވުނީ އިގްތިސާދީ މަންފާގެ ތެރޭގައި. ދެން މިވީ ގޮތަކީ އިޖުތިމާއީ ގުޅުންތަކާއި ކަންކަމުގެ މަތިން ހަނދާން ނެތުނީ، ހިދުމަތްތެރިން ވެސް ބަޔަކަށް ނުވީ،" ދައުލަތުގެ އެކި މަގާމް ފުރުއްވި އަޒީ ވިދާޅުވި އެވެ.

ވުޖޫދުކުރި ގާނޫނުތަކުން ވެސް "ބާކީވީ"!

އަޒީ ވިދާޅުވި ގޮތުގައި ދައުލަތް ހިންގުމުގެ ނިޒާމަށް އައި ބަދަލުތަކާ އެކު ޕެންޝަނާ ބެހޭ ގާނޫނާއި ސިވިލް ސާވިސްއާ ބެހޭ ގާނޫނު ހެދިއިރު އިސްރަށްވެހިންތަކެއް ބާކީވެ ނިކަމެތިވީ އެވެ. ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ދޫކޮށްލި މީހުންގެ ތެރޭގައި ބުރަކޮށް، ރަށުގެ ތައުލީމާއި ސިއްހީ ކަންކަމާއި އަމާން ބެލެހެއްޓުމުގެ ޒިންމާ އެތައް ޒަމާނެއް ވަންދެން އުފުއްލެވި ކަތީބުންނާއި އަތޮޅުވެރިންނާއި އޮފީސްތަކުގެ އެހެން މުވައްޒަފުން ހިމެނެ އެވެ.

"އުމުރުން 65 އަހަރުވީ މީހުން ރިޓަޔާވާން އޭރު ތިބީ އުއްމީދުކޮށްގެންނެއް ނޫން. ދިރިއުޅުން އެގޮތަށް ބައްޓަންކޮށްގެންނެއް ވެސް ނޫން. މިސާލަކަށް ގާނޫނަކީ ކުރިން އޮތް އެއްޗެއް ނަމަ ތައްޔާރުވާނެ ރިޓަޔަމެންޓަށް. އެކަމަކު އެ މަގުން ނޫން ކަން ހިނގީ،" އޭނާ ވިދާޅުވި އެވެ.

އޭރު ކަނޑައެޅީ ޕެންޝަންގެ ގޮތުގައި މުސާރައިގެ ދެބައިކުޅަ އެއްބއި ދިނުމަށެވެ. މިކަމުގެ ނުރަނގަޅު އަސަރު އެތައް ބަޔަކަށް ކުރި އެވެ.

"މިސާލަކަށް ރަށެއްގެ ކަތީބުކަން 1970 ވަނަ އަހަރު ކޮށްފައި ހުރި މީހަކަށް 123 ރުފިޔާ މުސާރައަކީ. އެ މީހުންނަށް ޕެންޝަން ލިބެން ފެށީ މުސާރަ ކުޑަ ތަންކޮޅެއް ބޮޑުވ ފަހުން. ވަޒީފާގައި 20 އަހަރު ވީމާ ޕެންޝަނުގެ ގޮތުގައި ދޭން ފެށީ ލިބޭ މުސާރައިގެ ދެބައިކުޅަ އެއްބައި. ވަރަށް ގިނަ މީހުންނަށް ލިބުނު 100ރ. އިން ދަށްކޮށް، އޭރުގެ ސަރުކާރުން ނިންމެވީ 100ރ. ދަށް ނަމަ އެ އަދަދު ދޭނީއޭ." އޭނާ ވިދާޅުވި އެވެ.

ޕެންޝަނާ ބެހޭ ގާނޫނު އައީ ކަތީބުން ފެންވަރުގެ ހިދުމަތްތެރިންގެ މުސާރައަށް ބަދަލު އައިސްފައި ވަނިކޮށެވެ.

"އެކަމަކު ޕެންޝަންގެ ގޮތުގައި އަދިވެސް މި ލިބެނީ ހާހެއް، ދޮޅުހާހެއްހާ ރުފިޔާ. މިއީ އަޅުގަނޑުމެންގެ ޖަމިއްޔާގެ ކަންބޮޑުވުމެއް،" އޭނާ ވިދާޅުވި އެވެ.

"ތަކެތީގެ އަގާއި ހިދުމަތުގެ އަގަށް ބަދަލު އަތުވެއްޖެ. އެކަަމަށް ރިއާޔަތްނުކުރޭ. އެއީ ދައުލަތަށް 40 އަށް ވުރެން ގިނަ އަހަރު ހިދުމަތް ކުރި މީހުންނޭ. އާދައިގެ ވަޒީފާތަކެއް ނޫން އޭރުގެ ހާލަތުން އަދާކުރީ ރަށެއްގެ ވެރިކަން."

ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ކުރިއަށް ދަނީ: ހިދުމަތްތެރިންގެ އަޑުއަހައި ތަޖުރިބާ ބޭނުންކުރެވޭނެ މަގު ފަހިކޮށްދޭން ޖެހޭ. -- ފޮޓޯ/މިހާރު

ޕެންޝަންގެ ގޮތުގައި އެ ލިބޭ ދަށް އިނާޔަތަކީ މުޅި އުމުރު ސަރުކާރުގައި ހިދުމަތް ކުރުމުން ދެއްވި އިނާމުގެ ގޮތުގައި ދެއްކުން އިންސާފުވެރި ކަމަކަށެއް އަޒީ ގަބޫލުނުކުރައްވަ އެވެ. ޕެންޝަނާ ބެހޭ ގާނޫނުގެ ކުރިން ޕެންޝަން ހަމަޖެއްސި މީހުންނަށް ލިބޭ މިންވަރު ބަދަލުކުރަން ޖެހެ އެވެ. މި ވާހަކަ ހިފައިގެން އެ ޖަމިއްޔާ އިން ސަރުކާރުގެ އެކި އިދާރާތަކުގައި ހިނގާތާ އަށެއްކަ އަހަރު ވެއްޖެ އެވެ. އެކަމަކު ލިބެނީ އެއް ޖަވާބެކެވެ.

"ތިކަމުގައި ރަނގަޅު ހައްލެއް ލިބޭތޯ ބަލައިދޭނަން. އެކަމަކު ބަދަލެއް ނާދޭ."

އިސްރަށްވެހިންގެ ޖަމިއްޔާ އިން ހުށަހެޅީ ތަކެތީގެ މިހާރުގެ އަގުތަކަށް ނިސްބަތްކޮށް ޕެންޝަން ރިވިއުކޮށްދިނުމަށެވެ. އެ މީހުން އަދާކުރި ވަޒީފާއަކީ ދައުލަތް މި ހިސާބަށް ގެނައުމުގެ ސަބަބުވެރިންގެ ގޮތުގައި ދެކުމަށެވެ.

އެ މީހުންގެ ހާލަތު ބަދަލު ނުވެ ތިއްބައި ސަރުކާރުގެ ނިންމުމަކަށް ވީ 65 އަހަރުވީ އެންމެންނަށް 5،000ރ. ގެ އިނާޔަތެއް ހައްގު ކަމަށެވެ.

"ބައްލަވާ އެއްވެސް ކަމެއް ނުކޮށް ހުރި މީހަކަށް މިނިމަމް އެ ވަރު ދޭން ޖެހޭނެ ކަމަށް ނިންމިއިރު، މިވަރު ނުވިއެއް ނޫންތޯ އެ ހިދުމަތްތެރިން. އެ އަދަދު ހިދުމަތްތެރިންގެ ޕެންޝަނަކާ ހަމައަށް ގެންނާކަށް ނޭނގުނެއް ނޫންތޯ،" އަޒީ ވިދާޅުވި އެވެ.

އެ ޖަމިއްޔާ އިން ސަރުކާރުގައި އެދެނީ އުމުރުން ދުވަސްވީ މީހުންނަށް ދޭ 5،000ރ. ގެ ތެރޭގައި ހިދުމަތްތެރިންގެ ދިގު މުއްދަތުގެ އަގަށް ކަނޑައެޅި ފައިސާ ވެސް ހިމަނައިގެން ދިނުމަށެވެ.

"ދިހަހާސް ރުފިޔާއަށް ވުރެން ދަށްކޮށް ޕެންޝަން ލިބޭ މީހުންނަށް އުމުރުން ދުވަސްވީ މީހުންނަށް ދޭ 5،000ރ. އާއި އޭގެ އިތުރަށް ޕެންޝަނަށް ލިބެމުން އައި މިންވަރު ދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އިސްރަށްވެހިންގެ ޖަމިއްޔާގެ ރައީސް އަބްދުލް އަޒީޒް ޔޫސުފްގެ "މިހާރު" ގެ "މެދު ސަފުހާ" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: މިހާރު

ރާއްޖޭގައި ނިޒާމު މިހާރު އޮތީ 55 އަހަރު ވުމުން އަމިއްލަ އަށް މުސްކުޅިވާން ވެސް މަޖުބޫރުކުރެވޭ ގޮތަށެވެ. ވަޒީފާ އަދާކޮށް އެ ހިސާބަށް އަންނައިރު ތަޖުރިބާ އާއި ގާބިލް މީހަކަށް ވެފައި ވިޔަސް މަދު މީހަކަށް ނޫނީ ވަޒީފާގައި ދެމިހުރުމުގެ ފުރުސަތެއް ދައުލަތުގެ ތެރޭގައި ފަހިވެފައި ނެތެވެ. ތަޖުރިބާގެ އެންމެ ފައްކާ އުމުރަށް އަޅާއިރު ރިޓަޔާކުރަން މަޖުބޫކުރުވާފައި އޮތުމަކީ ވެސް ބަދަލުކުރަން ޖެހޭ ކަމެއް ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.

އެހެންވީ އަޒީ ވިދާޅުވި ގޮތުގައި މި ގައުމު މި ހިސާބަށް ގެނައި މީހުންގެ މަތިން ހަނދާން ނައްތާލުމުންނެވެ. ޕެންޝަން ދިނުމުގެ އިތުރަށް ގަދަރާއި އިހްތިރާމް ދިނުމުގައި ވެސް ފެންނަނީ ހިތްދަތި މަންޒަރުތަކެއް ކަމަށް ވިދާޅުވި އެވެ. ގެތަކުގެ ދިރިއުޅުމުގެ ހާލަތަށް އައި ބަދަލުތަކާ އެކު މަންމަ އާއި ބައްޕަ މުސްކުޅިވާ ދުވަހު ގޭގައި ޖާގައެއް ނެތި އިހާނެތިކޮށް ދުވަސް ހޭދަކުރަން މަޖުބޫރެވެ.

"އެހެންވީ މަންމަމެން ބައްޕަމެން، މާމަަމެން ކާފަމެން ދެކެ ލޯބި ނުވާތީކީ ވެސް ނޫން. ކިހިނެއް ޖާގަ ހޯދަނީ. މާލޭގައި ކުލީގެ އަގަށް ބަލާއިރު ތިން ކޮޓަރިއެއް ހިފައިގެން މައިންބަފައިން ގޮވައިގެން އުޅެވޭނެ ތަނަވަސްކަމެއް ނެތީ،"

ދުވަސްވީ މީހަކު ތަނެއްގައި މަޑުކޮށްލައިގެން: އުމުރުން ދުވަސްވީ މީހުންގެ ހާލަތު ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރަންވެއްޖެ ކަމަށް އިސްރަށްވެހިންގެ ޖަމިއްޔާ އިން ވެސް ދެކޭ.-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މި ހާލަތު މިހެން ދިމާވަމުން އަންނަ ކަން ސަރުކާރުތަކަށް އެނގި ތިބެ މި ނޫން ގޮތަކަށް ހާލަތު ރަނގަޅުކުރެވެން އެބައޮތްތޯ ބެލުމު ދެރައެއް ކަމަށް އަޒީ ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި ދެއްކެވީ މި ފަހުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކެވެ.

ދެ ކޮޓަރީގެ އެ ތަންތަނުގައި މައިންބަފައިން ގޮވައިގެން ދަރިންނަށް އުޅެވޭނެ ގޮތެއް ނެތެވެ. މައިންބަފައިން ތިއްބަސް އެ މީހުންނަށް ދިމާވާނެ މާޔޫސްކަން ފިލުވަން ދެން ހޯދަން ޖެހިފައި އޮތީ ހައްލެކެވެ. އެއީ މިސާލަކަށް ހިޔާ ފްލެޓްތައް ކައިރީގައި އުމުރުން ދުވަސްވީ މީހުންނަށް އޯލްޑް އޭޖް ހޯމެއް ހަދައިގެން ކަމަށް ވިޔަސް ހައްލު ނެރެވެން އޮތް ކަމަށް ވިދާޅުވި އެވެ.

"އެ މަރުކަޒަކީ އުފަލުން އުޅެވޭނެ ތަނަކަށް ވާންޖެހޭ. އެއީކީ އެތަނަށް ލައި ބަންދުކުރުމެއް ނޫން،"

ނިޒާމުގެ ތެރެއަށް އިސްރަށްވެހިން ވައްދަން ޖެހޭ

މުސްކުޅިވުމުން ބާކީވެއްޖެ ކަމަށާއި ހިތްދަތި ދިރިއުޅުމެއްގައި ތިބި ކަން ސިފަވަނީ، އަޒީ ވިދާޅުވި ގޮތުގައި، އުމުރުން ދުވަސްވީ މީހުންނާ ދޭތެރޭގައި ވިސްނުންތަކަކާއި ސިޔާސަތުތަކެއް ކަނޑައަޅައި ކުރިއަރުވަން މަސައްކަތްކުރާ މޮރިޝަސް ފަދަ ގައުމުތަކުގެ ތަޖުރިބާ އިންނެވެ.

"އަޖައިބު އަންތަރީސްވާ ފަދަ ކަންކަން ދައުލަތް މެދުވެރިވެ އިސްރަށްވެހިންނަށް ހަމަޖައްސާފައި އެބަހުރި. އެއްވެސް މީހަކު ބާކީ ނުވާ ގޮތަށް،" އަޒީ ވިދާޅުވި އެވެ.

"އެ މީހުންގެ ރިކްރިއޭޝަން، ހޮބީ، ސްކިލްސް ބޭނުންކުރެވޭނެ ނިޒާމްތަކެއް ވަނީ ހަމަޖައްސާފައި. އިސް ރަށްވެއްސެއް ވީމާ އިހްތިރާމާ އެކު ބަލައިގެންފި ކަމުގެ އިހްސާސްވޭ،" އޭނާ ވިދާޅުވި އެވެ.

އިޖުތިމާއީ ހާލަތު މިހާރަށް ވުރެން ރަނގަޅު ކުރަން ތަޖުރިބާ އިން ވިސްނުންތަކާއި ހިޔާލުތަކާއި އިރުޝާދު ދެވޭނެ ފަދަ ގާބިލް މީހުން ރާއްޖޭގައި އެބަތިއްބެ އެވެ. ސިއްހީ ދާއިރާއަށް ބެލިއަސް ރާއްޖޭގައި ފެންނަނީ އެފަދަ މީހުންގެ ބަސް ނުވިކޭ ތަނެވެ. ތަޖުރިބާގެ ބޭނުން ނުހިފާތަނެވެ. އެއީ އެ މީހުން އެކަން ކުރަން ބޭނުން ނުވާތީކީ ވެސް ނޫނެވެ. ޖާގައެއް ފުރުސަތެއް ނޯންނާތީ ކަން އަޒީ ވެސް ފާހަގަކުރެއްވި އެވެ.

"ދައުލަތް ހިންގުމުގެ ތެރެއިން އެ ފުރުސަތު ހަމަޖައްސައިދީފި ނަމަ އެތައް ބަޔަކު ތިބީ އެހީވާން ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

އިސް ރަށްވެހިންގެ ޖަމިއްޔާއިން ސަރުކާރަށް ހުށަހަޅާފައިވާ ކަންކަން

- އިސް ރަށްވެހިންގެ ހައްގުތައް ރައްކާތެރިކުރަން ގާނޫނެއް ހެދުން.

- ޕެންޝަނަށް ލިބޭ އަދަދު، އަސާސީ ޕެންޝަނަށް ދޭ 5،000ރ. އިން ނުކެނޑުން.

- ޕެންޝަނަށް ލިބޭ ވަރު ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އޮންނަ ފަދައިން އޭރެއްގެ ދިރިއުޅުމުގެ ހަރަދަށް އަންނަ ބަދަލަށް ނިސްބަތްވެވޭނެ އުސޫލަކަށް ހަމަޖެއްސުން.

- އިސްރަށްވެހިންގެ ތަޖުރިބާ އާއި އިލްމާއި ހިލްމަކީ މުހިއްމު ރައުސުލްމާލެއް ކަމަށް ބަލައި ސަރުކާރު ހިންގުމުގައި މަޝްވަރާ ހޯދުން.

- އިސްރަށްވެހިންގެ ނާދީއެއް މާލޭގައި ހެދުން. މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އެފަދަ އިންތިޒާމެއް އެ ރަށެއްގެ އިސްރަށްވެހިންނަށް ހަމަޖެއްސުން.

މުޖުތަމައުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ވެސް ދެން އުޅޭނެ ނޫން ހެއްޔެވެ؟

"މިހެން ބުނެ ނިންމާ ނުލާ. އެ މީހުން ކުރި މަސައްކަތުން ގައުމު މި ހިސާބަށް މިއައީ. ގަދަރުވެރިކަމާއި އިހްތިރާމާއި ލޯތްބާއެކު އުޅެވޭނެ ގޮތެއް ހޯދައިދޭން ޖެހޭ."

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕެން ޝަން

24 February 2022

މިހެން މިކަން އޮތް އިރު އެބަ އުޅޭ ޑަބަލް ޕެންޝަން ނަގައިގެން އުޅޭ މީހުން. ރައީސްކަން ކޮށްފަ އެ ލިބޭ އިނާޔަތެއް ނަގައި، އަދި މަޖިލީހު މެންބަރުކަންކޮށްފަ އެ ލިބޭ އިނާޔަތެއް ނަގައި، އަދި ސަރުކާރުގެ ވަޒީފާތަކަށްގޮސް.މަޖިލީހުންވެސް އެބަޖެހޭ ފާޑުފާޑުގެ ގަވާއިދުތައް ހަދަން ހުއްދަ ނުދޭން. އިހަށް ދުވަހަކު މަޖިލީހުންވެސް ނިންމީ، ރިޓަޔަވެފަ އަނެއްކާ ނެރެން މަސައްކަތަށް.

The name is already taken The name is available. Register?

އަސަރު69

24 February 2022

ތިޔައީ ވަރަށް ރަނގަޅު ވާހަކަ. ދައްކާ ކޮޅުން ނުލާނެ ވާހަކަ. ރާއްޖެއަށް އައި ބާރުގަދަ ސިޔާސީ ކަންތައްގަނޑާއެކު ރާއްޖޭގެ ވަރަށް ގިނަ ރަނގަޅުކަންކަން ގެއްލިގެން ހިނގައްޖެ. ޚާއްސަކޮށް އިޚްތިރާމް ކުރުމުގެ ބައި މުޅިން ގެއްލިއްޖެ. އެއީ ހަގީގަތުގާ ގެއްލުނު އެއްޗަކީ. އަދަބު އަޚުލާގާ އިޚްތިރާމް ލިބެން ފަށާއިރަށް އަދިވެސް ކަންކަން ރަނގަޅުވާން ފަށާނެ. އެކަމަކު ކުރަމުންއައި ރަނގަޅު ކަންކަން 2008 ވަނަ އަހަރުން ފެށިގެން ބަޔަކު ވެއްޔާ މޮޑެލައިފި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454