ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!

ރަށެއްގެ މަގުމަތީގައި ހުރި ޖޯއްޔެއްގައި އުމުރުން ދުވަސްވީ މީހަކު މަޑުކޮށްލައިގެން: މުސްކުޅިވާ ދުވަހު އަޅާލާނެ މީހަކު ނެތުމުގެ މައްސަލަތައް އިންތިހާއަށް ދަނީ ގިނަވަމުން. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ދަރިންނާ ވަކިން ރަށުގައި ދިރިއުޅެނިކޮށް ބަލި ހާލު ބޮޑުވެ އައިޖީއެމްއެޗުގައި އެޑްމިޓްކުރީ އެވެ. ހަތް ދަރިން ތިބެ، މުސްކުޅި މަންމައާ އަޅައިލާނެ މީހަކު ނުވި އެވެ. ހޮސްޕިޓަލުގައި މަޑުކުރާނެ ވަގުތެއް އެއްވެސް ދަރިއަކަށް ނެތެވެ. އެކަމަކު ދުނިޔެ ދޫކޮށްފައިދާއިރު ވާރުތަވާން އޮތް ބިން އެންމެން ބޭނުންވެ އެކަމުގައި އުޅުނެވެ.

މި ހިތްދަތި ހާލުގައި އޭނާގެ ހަޔާތުގެ ފަހު ދުވަސްތައް ގުނާތީ ކަމާ ބެހޭ އިދާރާތަކުން ހޯދަން ޖެހުނީ ދަރިން ޒިންމާކުރުވޭނެ ގޮތެވެ. ކޯޓަށް މައްސަލަ ހުށަހެޅުމުން އޭނާ ބެލެހެއްޓުމާއި ހަރަދުކުރަން ހުރިހާ ދަރިންނަށް މަޖުބޫރުވާ ގޮތަށް ތާވަލެއް ހަދައި އަމުރުކުރި އެވެ. ފުލުހުންނަށް އެންގީ އެ މީހުން އެކަން ކުރޭތޯ ބެލުމަށެވެ. އެ ވަރުން ވެސް ބަލާނެ ދަރިއަކު ނުވެ އެކަނި އޮވެ ދިރިއުޅުން ނިމިދިޔައީ އެވެ.

ދެން، މި ހިތްދަތިކަން ހިތުއަޅަން ޖެހުނު އެހެން މީހެކެވެ!

އެޑްމިޓް ކުރުމުން އޭނާއަށް އެހީވާން ޖެހުނީ ނަރުހުންނަށެވެ. ދަރިންގެ ގެއިން ޖާގައެއް ނެތިގެން ހޮސްޕިޓަލަށް ދޫކޮށްލީ އެވެ. ނެޕީ ބަދަލުކޮށް, ކާންދީ, ހަމްދަރުދީގެ ބަހެއް ބުނެލައި އެކަނިވެރިކަން ފިލުވައިދިނީ މަރުވެގެން ދިއުމާ ހަމައަށް ވެސް އައިޖީއެމްއެޗުގެ ނަރުހުންނެވެ. ހައެއްކަ މަސް އެކަނިވެރިކަމާއި ހިތްދަތިކަމުގައި އޭނާ ހޭދަކުރި އެވެ.

ދެން އޮތީ، ހަޔާތުގެ ފަހު ދުވަސްތައް ދަރިންނާ އެކު ހޭދަކުރަން ބޭނުންވި ދެމަފިރިއެކެވެ.

ގޯތި ބަހާފައި ދެ ދަރިންނަށް ތަނަވަސްކަމާ އެކު ދިރިއުޅެވޭނެ ގޮތް ހޯދައިދިނެވެ. އެކަމަކު ކާއެތިކޮޅެއް ދިއްކޮށްލާނެ, ދުނިޔޭގައި ތިބިތޯ ބަލާނެ މީހަކު ނެތިގެން ޒިންމާ އުފުލީ ދައުލަތުންނެވެ. ކާން ލިބުނުތޯ ގައިން ތާހިރުވިތޯ ބަލައި ހެދީ ޖެންޑާ މިނިސްޓްރީގެ ކެއާ ވޯކަރުންނެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީޒްގެ އައިސީޔޫގައި އުމުރުން ދުވަސްވީ މީހަކަށް ފަރުވާދެނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވިއިރު, ހުޅުމާލެ ފެސިލިޓީ ތެރޭގައި ހިތްފަޅައިގެންދާ ވަރުގެ އެތައް ހާދިސާއެއް ހިނގި އެވެ.

ކޮވިޑް ޖެހުމުން އެތަނަށް ދޫކޮށްލީ އެވެ. އޮކްސިޖަން ގުޅާފައި އޮންނަ ބައްޕަ ނުވަތަ މަންމަ ބެލުމަކީ ނަރުހުންނާއި ޑޮކްޓަރުންގެ ޒިންމާއެއްގެ ގޮތުގައި ދެކިގެންނެވެ. ކަމެއް ބޭނުންވެގެން ގުޅިޔަސް ގިނައީ ފޯނު ވެސް ނުނަގާ ފަހަރުތަކެވެ. ކާނެ އެއްޗެއް ސާފުތާހިރު ވާނެ ގޮތެއް ނެތި ބައެއް މީހުން މަރުވީ ވަރަށް ނިކަމެތި ހާލުގަ އެވެ.

މިއީ, އަޑުއަހަން އުނދަގޫ, ގަބޫލުކުރަން ދަތި މުޖުތަމައުގެ މިއަދުގެ ހަގީގަތުން ކުޑަ މިންވަރެކެވެ!

މުސްކުޅިވާ ދުވަހު ވަރަށް ނިކަމެތި ހާލުގައި ދިރިއުޅުން ވޭތުކުރަން ޖެހިއްޖެ އެވެ. އެކަނިވެރި ކަމުގަ އެވެ. ލޯތްބާއި އަޅާލުމާއި އޯގާތެރިކަން އެންމެ ބޭނުންވި ދުވަހު ވަށާލާފައި ވަނީ ބިކަވެ ބާކީވެފައިވާ ކަމުގެ އިހްސާސްތަކެވެ.

ރަށެއްގެ އަތިރިމަތީގައި ބަޔަކު މަޑުކޮށްލައިގެން: އުމުރުން ދުވަސްވީ މީހުން ވަރަށް ރަނގަޅަށް ބަލަހައްޓައި ނަމޫނާ ދައްކާ އާއިލާތައް ވެސް އެބަތިބި. -- ފޮޓޯ/ މިހާރު

ކިތަންމެ ދަތި ހާލުގައި އުޅެން ޖެހުނަސް ވަރަށް ރަނގަޅަށް އާއިލާތަކުން ބަލަހައްޓާ އުމުރުން ދުވަސްވީ އެބަތިބި.

އެކަމަކު މިއީ އެންމެން އުޅެން ޖެހިފައިވާ ހާލަތެއް ނޫން ކަން ވެސް ގަބޫލުކުރަން ޖެހެ އެވެ. ކިތަންމެ ދަތި ހާލުގައި ވެސް މައިންބަފައިންނަށް އަޅާލައި އިހްތިރާމާ އެކު ވަރަށް ރަނގަޅަށް ބަލަހައްޓާ ދަރިންނާއި އާއިލާތައް އެބަތިއްބެވެ. އެކަމަކު އުމުރުން ދުވަސްވީ މީހުންގެ ބޮޑު ޕަސެންޓެއް ތިބީ ހިތްދަތިކަމާއި މާޔޫސްކަމުގައި ކަމަށް ބުނެވޭނެ ވަރުގެ ގިނަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.

ވަގުތެއް, ޖާގައެއް, އަޅާލުމެއް ނެތް!

އުމުރުން ދުވަސްވީ މީހުންގެ މައްސަލަތަކުގައި އުޅުއްވި ހިއުމަން ރައިޓްސް ކޮމިޝަނުގެ ކުރީގެ މެމްބަރަކު ވިދާޅުވީ ރަށްރަށުގައި އޭނާއެކު ހާލަތު ބެލި ޓީމުތަކުން ކަރުނަ އަޅައި ރުއި ކަމަށެވެ. މާޔޫސްކަމާއި އެކަނިވެރި ދިރިއުޅުމެއްގައި ހިތް ކުދިކުދިވެފައި ތިބި މީހުން ކިޔައިދިން ވާހަކަތަކުންނެވެ.

"ގަބޫލުކުރަން ދަތި މިންވަރަށް ވަރަށް ވަރަށް ހާލުގައި އުޅޭ މީހުން އެބަތިބި," އޭނާ ވިދާޅުވި އެވެ.

އުމުރުގެ ފަހު ދުވަސްތައް ބައެއް މީހުން ގުނަމުންދަނީ ހާލަތު ހުރި ގޮތުން މާލެ އަށް ބަދަލުވި ދަރިންގެ އިންތިޒާރުގަ އެވެ. އެއްވެސް ކަމެއް ނުކޮށްދިނަސް ބައެއް މީހުންގެ އޮތް އާދޭހަކީ ކުޑަމިނުން ދަރިންގެ ފޯނު ކޯލެކެވެ.

މާލޭގެ ކުދި ތަންކޮޅުގައި ދިރިއުޅެން މަޖުބޫރުވެފައިވާ ދަރިންގެ ގެތަކުން މައިންބަފައިންނަށް ޖާގައެއް ނޯވެ އެވެ. އެކަން އެނގި ތިބެ ވެސް ދަރިން ދެކެ ވާ ލޯބިން ބައެއް މީހުން ރަށްރަށުގެ އަރާމު ދިރިއުޅުން ދޫކޮށްލަނީ އެވެ. ދަރިންގެ ގާތުގައި ތިބެން ބޭނުންވެގެން ދެމަފިރިންގެ އިނާޔަތުގެ 10,000ރ. ކުލިން ބައެއްގައި ހިފައި ސިޓިން ރޫމްގައި ދިރިއުޅުން ވޭތުކުރުމުގައި ވެސް ޝަކުވާއެއް ނެތި އެވެ.

އުމުރުން ދުވަސްވީ ފިރިހެނަކު ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލުގައި: މައިންބަފައިން ބަލިވިޔަސް ޑޮކްޓަރަށް ދައްކާނެ ވަގުތުނުވެ ބަލި ބޮޑުވާ ފަހަރުވެސް ކުރިމަތިވޭ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ދިމާވާ ކަންކަމުގެ ވާހަކަތައް އަޑު ނޭހިއަސް ނުވަތަ ދޭ ނަސޭހަތަކީ މުސްކުޅިވުމުން ދައްކާ "އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކަތަކެއް" ގަބޫލުކުރިއަސް ހިތުގައި އެކަން ނުބާއްވަ އެވެ. ދަރިން ދެކެ ވާ ލޯތްބަތް ވެސް ބަދަލެއް ނާދެ އެވެ.

އެ އުމުރުގައި އޮންނަ ހިތްދަތިކަމަކީ ބަލިވިޔަސް ގޮވައިގެން ޑޮކްޓަރަށް ދައްކަން ދާނެ ވަގުތެއް ވެސް ދަރިންނަށް ނުވުމެވެ. މަންމަ އާއި ބައްޕަ ބަލަން ޖެހޭނީ ކޮން ދަރިއެއްތޯ ސުވާލު އުފެދޭ ހިސާބަށް އާއިލާ ތެރޭގައި މަސްލަހަތު ގެއްލި އެކަކު އަނެކަކަށް ރުޅިވެރިކަން އޮތުމެވެ.

ބައެއް ހާލަތްތަކުގައި ނުބެލިގެން ނުވަތަ މައިންބަފައިންނާ އެކު ދިރިއުޅުން ވޭތުނުކުރަންވެގެން ދައުލަތުގެ ބެލުމުގެ ދަށުން ގުރައިދޫ މަރުކަޒަށް ގެންގޮސްދޭން އެދޭ ފަހަރުތައް މަދެއް ނޫނެވެ. ދަރިންގެ އަޑުއަހާލަން ބޭނުންވެފައި، ބަލާ އަންނާނެތޯ ސުވާލުކޮށް އެ އިންތިޒާރުގައި ތިއްބައި މަރުވެފައި ވެސް އެބަތިއްބެވެ.

އަނެއް ބަޔަކު މައިންބަފައިން ބަލަހައްޓަން ހަވާލުކުރަނީ ބިދޭސީންނާ އެވެ. ރަށްރަށުގައި ވެސް މިކަން އާއްމުވަމުން އަންނައިރު އެ މީހުންގެ ފަރާތުން އަނިޔާ ލިބިގެން ފެންމަތިވާ މައްސަލަތައް މަދެއް ނޫނެވެ.

ދަރިންނަށްޓަކައި ގުރުބާންވި މައިންބަފައިންނެވެ.

އެންމެ އަޅާލުމާއި އޯގާތެރިކަން ބޭނުންވި ދުވަހު ހައްގު މަގާމަކީ މީއީ ހެއްޔެވެ؟

"ދަރިން އުޅޭ ޔުނިފޯމް އަޅައިގެން ރަނގަޅު ވަޒީފާތަކުގައި. ތައުލީމީ ތަންދޮރު ދަންނަ މީހުން. ހިތްދަތިކަމަކީ އެފަދަ ބައެއް މީހުންގެ ހަމްދަރުދީއެއް ރަހުމެއް ކުލުނެއް މަންމަ އަށް ބައްޕަ އަށް ކާފަ އަށް މާމަ އަށް އޮތް ތަން ނުފެނުން," އެޗްއާރުސީއެމްގެ މެމްބަރު ވިދާޅުވި އެވެ.

ހުށަހަޅާ މައްސަލަތައް: ގިނައީ އަޅާލާނެ މީހަކު ނެތް މީހުން!

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފަޒްނާ ޝާކިރު ވިދާޅުވީ ދިރިއުޅުމުގެ ހާލަތު މުޖުތަމައުގައި ގަބޫލުކުރެވޭ ވަރަށް ވުރެން ދަށްކޮށް ހުރި އުމުރުން ދުވަސްވީ މީހުން އެބަތިބި ކަމަށެވެ.

އެ މީހުންނާ ގުޅޭ 62 މައްސަލަ 2020 ގައި ހުށަހަޅާފައިވެ އެވެ. ޖެހިގެން އައި އަހަރު 49 މައްސަލަ އެވެ.

"މީގެތެރޭގައި ގިނައީ އަޅާލާނެ ފަރާތެއް ނެތިގެން ހުށަހެޅިފައި ހުރި މައްސަލަތައް. ޖިސްމާނީ ނަފްސާނީ މައްސަލަތައް ދިމާވާކަން އަޅުގަނޑުމެންނަށް ކުރެވޭ އެޑްވޮކަސީ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިފައި އެބަހުރި," އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތު އޭނާ ސިފަކުރެއްވީ ދެ ގޮތަކަށެވެ.

އުމުރުން ދުވަސްވީ މީހަކު ގޮވައިގެން މަގުމަތީގައި: އުމުރުން ދުވަސްވީ މީހުންގެ ގާނޫނާ އެކު މިހާރު ފެންމަތިވެފައި ހުރި ގިނަ މައްސަލަތަކަށް އުއްމީދު ލިބޭނެ ކަމަށް ބެލެވޭ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކިތަންމެ ދަތި ހާލުގައި އުޅެން ޖެހުނަސް ވަރަށް ރަނގަޅަށް އާއިލާތަކުން ބަލަހައްޓާ އުމުރުން ދުވަސްވީ އެބަތިބި. އެނދުމަތިވެފައި ތިބި މީހުންނަށް ހާއްސަ ޕްރޮގްރާމެއް ހިންގިއިރު އެކަން ފެނުނު. ދެން މިއޮތީ ބަލާނެ ފަރާތެއް ނެތިގެން މަރުކަޒުކުރަން އަންނަ ފަރާތްތައް."

ދަރިން ވެސް ޒިންމާކުރުވައި ގިނަ ބަދަލުތަކެއް ބޭނުންވޭ

ދިރިއުޅެން މަޖުބޫރުވި ގޮތުން ނުވަތަ ވިސްނުމެއް ނެތި ފަރުވާކުޑަކޮށްލެވިފައިވާ މުޖުތަމައުގެ މި ހާލަތު ބަދަލުކުރުމުގެ މަސައްކަތް ކުރުން މާ ލަސްވެއްޖެ އެވެ. ފަށަންވީ ގޭތެރެއިންނެވެ. ސްކޫލް މާހައުލުންނެވެ. ގާނޫނީ ނިޒާމްގެ ތެރޭގައި ބަދަލުތައް ގެނެސްގެންނެވެ.

މައިންބަފައިން ބެލެން ހުރެ، އަޅާނުލައި މަރުކަޒަށް ދޫކޮށްލާ މީހުން ގާނޫނީ ގޮތުން ޒިންމާއެއް ނުކުރެވެ އެވެ. އެކަމަކު އެ ބަދަލު އަންނަން ޖެހޭ ވަރުގެ މައްސަލަތައް އެބަ ހުށަހަޅަ އެވެ.

މުޖުތަމައުގައި ދިމާވަމުންދާ މައްސަލަތަކަށް ބަލައި މިހާތަނަށް މުޅި ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ ހާލަތު އެއްވެސް ވަރަކަށް އެނގޭނެ އެސެސްމެންޓެއް ނެތެވެ. މިނިސްޓްރީން އެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި އަހަރުގެ މެދެއްހާ ތަނުގައި އެ ރިޕޯޓް ނިމޭނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ގާނޫނުއަސާސީން ރައްކާތެރިކަން ލިބިދިނަސް ހާއްސަ ގާނޫނެއް އުމުރުން ދުވަސްވީ މީހުންނަށް ނެތުމުން ގޮންޖެހުންތައް ދިމާވެ އެވެ. އެ ގާނޫނު ވެސް ޑަބްލިއުއެޗްއޯގެ އެހީއާ އެކު އަންނަނީ ވުޖޫދުކުރަމުންނެވެ.

އުމުރުން ދުވަސްވީ މީހަކު ހިނިތުންވެފައި: އާއިލާތަކުގެ ތެރޭގައި ހިތްހަމަޖެހުމާއި އަޅާލުންދީގެން އެ މީހުން ބަލަހައްޓަން ޖެހޭ. -- ފޮޓޯ: ނިޝާން އަލީ

އޭގެއިތުރުން ރަންވޭލާ ކެމްޕޭންގެ ނަމުގައި ރަށްރަށުގައި ކެމްޕޭނެއް ކުރިއަށް ގެންގޮސް ދޮށީ އުމުރަށް ތައްޔާރުވާން ހޭލުންތެރިކުރުވައި މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ.

ގާނޫނުގައި ހިމަނަން މަޝްވަރާކުރި ބައެއް ކަންކަން

- އުމުރުން ދުވަސްވީ މީހުންގެ ދަފްތަރެއް އެކުލަވާލުން.

- ދަފްތަރު ކުރެވޭ މީހާއާ ޒިންމާވާނެ ފަރާތެއް ކަނޑައެޅުން.

- އުމުރުން ދުވަސްވީ މީހަކު އެކަހެރިކޮށްގެން ގެންގުޅެވޭނެ އަދި ނުގެންގުޅެވޭނީ ކޮން ހާލަތްތަކެއްގައިތޯ ކަނޑައަޅަން

- އުމުރުން ދުވަސްވީ މީހުންގެ ސިއްހަތާއި ހައްގުތައް ކަށަވަރުވޭތޯ ބެލުމުގެ ޒިންމާ ނަގާނެ ބަޔަކު ކަނޑައެޅުން

- ދަރިންނާއި ކާފަ/މާމަ ދަރިން ތިބެ މައިންބަފައިން ބެލުން ބިދޭސީއެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ކުރެވިދާނެ ކަމެއްތޯ ގާނޫނީ ގޮތުން ކަނޑައެޅުން.

- އުމުރުން ދުވަސްވުމުން ދޭ 5،000ރ.ގެ އެލަވަންސް ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަ އަށް ހައްލު ހޯދުން.

- ހިދުމަތްތައް ލުއި ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުން.

- އުމުރުން ދުވަސްވީ މީހުންގެ ހާލަތު ރަނގަޅު ކުރުމުގައި ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ދައުރު ފުޅާކުރުން.

ހާލަތުގެ ވާހަކަ ދައްކަން ފަށަން ޖެހިއްޖެ. ހައްލު ހޯދަން ވެއްޖެ. ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ރަށްރަށުގައި ނަމަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޒިންމާއެއްގެ ގޮތުގައި ގާނޫނީ ގޮތުން އޮތް އެކަމުގައި މިހާރުން މިހާރަށް ވެސް އިސްނެގިދާނެ ކަމަށް. -- ޖީހާން

މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަންގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ މައްސަލަތަކަށް އަޅާލާކަން ސިޔާސަތުތަކުން ފެންނަން އެބަޖެހެ އެވެ. ދައުލަތާއި މުޖުތަމައުން އޯގާތެރިވެ އުޅެވޭނެ ގޮތް ހޯދަން ޖެހެ އެވެ.

ދުވަސްވީ ދެމަފިރިއަކު ހިނގާފައި ދަނީ: މުސްކުޅިވާ ދުވަހު އެ މީހުން ބޭނުންވަނީ ހަމައެކަނި އާއިލާގެ ލޯތްބާއި އަޅާލުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ފެންނަ ހަގީގަތްތަކާ އެކު ހާލަތު ބަދަލުކުރަން ސަރުކާރުން ގޮތްތަކެއް ހޯދަން ޖެހެ އެވެ. އެއް ކަމަކަށް ކައުންސިލްތަކަށް ބާރުއެޅިދާނެ އެވެ. އަދި ކައުންސިލްތަކުން އިސްވެ މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

"ހާލަތުގެ ވާހަކަ ދައްކަން ފަށަން ޖެހިއްޖެ. ހައްލު ހޯދަން ވެއްޖެ. ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ރަށްރަށުގައި ނަމަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޒިންމާއެއްގެ ގޮތުގައި ގާނޫނީ ގޮތުން އޮތް އެކަމުގައި އިސްނެގިދާނެ ކަމަށް," އޭނާ ވިދާޅުވި އެވެ.

ފަޒްނާ ވިދާޅުވި ގޮތުގައި ގޭތެރެއިން އެ މީހުންނާ މެދު އަޅާލުމާއި އޯގާތެރިކަން އަދި މިހާރަށް ވުރެ ކަންކަމުގައި ބައިވެރިކުރުން އިތުރުކުރެވިއްޖެ ނަމަ އުފާވެރި ބަދަލެއް ފެނިދާނެ އެވެ. އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.

މިހާރުގެ ހާލަތަކީ މައިންބަފައިންނަށް ހައްގު މަގާމެއް ނޫނެވެ! އެ މީހުން ބޭނުން ވަނީ އަޅާލުމާއި އޯގާތެރިކަމާއި އިހްތިރާމާއި ލޯތްބާއި ކުލުނުން ފުރިގެންވާ ގަދަރުވެރި ދިރިއުޅުމެކެވެ.

19 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 88%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޔޔޔނ

09 March 2022

އަސްލުވާގޮތަކީ އަންހެންވެރިންވެސް ވަޒީފާއަށް ގޮސް މުސްކުޅި މައިންބަފައިންނަށް އަޅާލާނެ ވަގުތެއް ނުވަނީ.. ނުވިތަނަކަށް މާމަ ދަރިންވެސް ބަލަން ޖައްސަނީ.. މަޖުބޫރުން ވަޒީފާއަށްވެސް ދާންޖެހެނީ ގިންފަހަރު ބޮޑު ކުއްޔެއް ފިރިމީހާއަށް އެކަނި ނުދެއްކޭތީ.. ރާއްޖޭގެ މިކަހަލަ އިޖްތިމާއީ ބޮޑެތި މައްސަލަތައް ފެށިގެން އަންނަނީ މަގޭ ނަޒަރުގަ ބޯހިޔާވެހިކަމުގެ ދަތިކަމުން.. ވަޒީފާތަކާ ސިއްހީ ހިދުމަތާ މިހެންގޮސް ގިނަ ކަންކަން މާލެ ނައިސް ފަރަކު ނުޖެހޭ..

The name is already taken The name is available. Register?

ާއުނިމާ

27 February 2022

ހައްލަކީ އެންމެނަށް ބޯހިޔާވަހިަކަން! މުސްކުޅި އުމުރުގަ ބޭސްފަރުވާ ކުރެވެން އޮތީ މާލޭގައި، މާލޭގެ އުޅޭނެތަނެއްނެތް! ހުރިހާ ދަރިންވެސް މާލޭގަ އުޅެނީ އުޅޭވެން އޮތީ އުޅެނީ ދަރިނިވެރިވެގެން!

The name is already taken The name is available. Register?

އަލިމަނިކާ

24 February 2022

މިހިސާބުގަނޑުގައިވެސް އުޅޭ މުސްކުޅި ދެމަރިފިން އެކަނި އެމީހުންގެ ތިބޭ މޮޅަށްކިޔަވައިގެން ތިބޭ މުއްސަނދި 2 ދަރިން، އެކަކު އޮސްޓްރޭލިޔާގެ އެތަނުން ގެއެއް ގަނެގެން، ރާއްޖޭގައި ބޮޑު ކުންފުންޏެއް ހިންގާ، އަނެއްދަރި ދޮން އިނގިރޭސިއަކާ އިނދެގެން ބާމިންގހަމްގަ، ބައްޕައަށް ކިރިޔާ ތެދުވެވެނީ، މަންމަވެސް ބަލި ކިރިޔާ އެކަނި ކައްކައި އުޅެލެވެނީ، ބައެއްފަހަރު ހެދިކާއެއް ގަނެލައިގެން . ވަރަށް އަސަރާއެކު ކިޔައިދޭ ފިރިހެން ދަރި މަންމަ ދެކިލަން ނާންނަވާހަކަ

The name is already taken The name is available. Register?

އެމްސް

24 February 2022

ޖަޒީރާ ޤައުމެއްގަ އެކަނިވެރިންނަށް ނުވަތަ ޢުމުރުން ދުވަސްވާ މީހުނަށް ޖަޒީރާއެއް ޚާއްސަކުރަމާ! ކޮންކްރިޓް ކަން ކުޑަ ހިތްފަސޭހަ ތަނެއް!

The name is already taken The name is available. Register?

ވީރާ

24 February 2022

މުސްކުޅި މަންމަ މަރުވުމުން ތައުޒިޔާ ކިޔަން އައިސް ހުރި މީހެއް ގާތު ދަރިފުޅު ބުންޏެވެ. އަހަރެން އެންމެ ހިތާމަ ކުރަނީ މަންމަގެ ލޯބިން މަހުރޫމު ވީމައެއް ނޫނެވެ. މަންމައަށް ޚިދުމަތް ކުރަން ލިބުނު ފުރުސަތު ގެއްލުނީމައެވެ. ސުވަރުގެއަށް ވެދެވެން އޮތް ދޮރެއް ބަންދުވީމައެވެ.

The name is already taken The name is available. Register?

ާއަލިމޯޑު

24 February 2022

މަގޭ ތަޖުރިބާގަ ވާގޮތަކީ މަ އުޅެނީ އަނބިދަރިން ގޮވައިގެން 1 ރޫމް ތަނެއްގަ.މަގޭ އެއްބަނޑު އެހެން މީހުން އުޅެނީ 2 ކޮޓަރި ތަންތަނުގަ.ރަށުގަ އުޅޭ މައިންބަފައިން ބަލިވީމަ އަންނާނީ މަގޭ ގެއަށް.އައިމަ މަމެން ނިދަނީ އެމީހުންނަށް އަހަރެމެން ނިދާ އެނދު ދީފަ ތަޅުންގަނޑު މަތީގަ.އެހެން މީހަކު އެމީހުން އެއިން މީހެއްގެ ގެއަށް ނުގެންދާތީ މަމެން ގެއަށް އަންނަނީ.އެކަމަކުވެސް އެންމެ ރުޅި އަންނާނީ މަމެން ދެކެ.ރަނގަޅުކަމަށް މީހުންކައިރީ ކިޔާނީ އެހެން މީހުން.ވާގޮތްމީ

The name is already taken The name is available. Register?

ޥައްޑެ

25 February 2022

ޢެއީ މައްސަލައެއްނޫން ޒައްރެއްގެ މިންވަރު ވިޔަސް ހެޔޮކަމެއް ކޮއްފިމީހާ އޭނާ އެކަން ދެކެނެ

The name is already taken The name is available. Register?

ޖުމާ

24 February 2022

"وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا" އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ!" (އަލްއިސްރާ- 24)

The name is already taken The name is available. Register?

ކަމަނަ

24 February 2022

ދުނިޔެ މަތީގައި މައިންބަފައިން ބަލަން ލިބުމަކީ ތިބާއަށް ﷲދެއްވި ވަރަށް ބޮޑު ނިއުމަތެކެވެ. އެދެމީހުންނާ އެކީ ކޮންމެ ފަދަ ހާލެއްގައި އުޅެން ޖެހުނު ކަމުގައިވީ ނަމަވެސް ﷲއަށް ޝުކުރުކުރާށެވެ. އެދެމީހުންނަ އިހްސާންތެރި ވުމަކީ ދުނިޔޭގައި އާޙިރަތުގެ ކުރިންވާ ސުވަރުގެއެކެވެ. ދަރިންގެ މައްޗަށް ވަނީ ﷲއަށް ބިރުވެތި ވުމެވެ.. އެދެމީހުންނަ އިހްސާންތެރި ވުމެވެ..

The name is already taken The name is available. Register?

ބޯހަރު އަހައްމައިދީގެ މެދު ސޮރު

24 February 2022

ވަރަށް އަލި އަޅުވާނުލެވޭ ޕޮއިންޓެއްވެސް އެބައޮތް މިކަމުގަ. އުމުރުން ދުވަސް ވިޔަސް ބޯހަރުކަމާ ގޮތް ދޫ ނުކުރުން. އަހަރުމެން ގޭގަ ހަތަރު ބެއިންނާ މަަންމަ މާލޭގަ ބޮޑު ގެއެއް ހިފައިގެން. މަންމައާ ހިތްހަމަ ނުޖެހޭތީ ބައްޕަ މިތަނުގަ އުޅެން ބޭނުމެއް ނޫން. އަބަދު ރަށުގެ. ބައްޔެއް ކަމެއް ވީމަ ކޮންމެ ފަހަރުކު ޓިކެޓް ނަގައިގެން ގޮސް މިގެންނަނީ ހަމަ ރަނގަޅުވީ އަނެއްކާ އެދިޔައީ. އެއްޗެކޭ ބުނެފިއްޔާ ކަލޭމެންނަކަށް ނޭނގޭނޭ މަ އުޅޭނެ ގޮތެއް.

The name is already taken The name is available. Register?

ާބޯހަރު ގެ އައްޕަ

24 February 2022

އެއި ބޯހަރު ވުމެެއްނޫން. މުސްކުޅި ވީމާ ވާގޮތް. އެމީހުން ބޭނުން ނުވަނީ ރަށުގެ ދިރިއުޅުން ދޫކޮށްލަން. ދެން މުސްކުޅި ވީމާ ދަރިން މައިންބަފައިން ބޭނުންވާ ގޮތަށް ކަންތަށް ތަށް ކޮށްދިނުމުން އެމީހުންވެސް ހިތްހަމަ ޖެހޭނީ. ކުޑަ އިރު ކަލޭމެން ބޯހަރުވެ ބޮޑާހޭކިވަރު ނޭގެދޯ…

The name is already taken The name is available. Register?

ސަސަސަ

24 February 2022

ބޮޑުވެގެންވާ އިޖްތިމާޢީ މައްސަލައެއް މީ. ދަރިން ވިހާފައި ބޭރު މީހެއްގެ އަތްމައްޗަށް ނޫނީ މާމަ ކާފަ އާ ޙަވާލުކޮށްފައި މަންމަ ބައްޕަ ދަނީ ވަޒީފާއަށް. ދަރިންނަށް ދޭންވާ ވަގުތާއި އަޅާލުމާއި ލޯބި ނުދެވޭ. ތަރުބިއްޔަތެއް ނުދެވޭ. ހަމައެބީދައިން މައިންބަފައިން މުސްކުޅިވެ ގައިބާރު ކެނޑުމުން ޙަވާލު މިކުރަނީ ބަންގާޅީއަކާ. އިސްލާމިކު ޤައުމެއްގައި މިފަދަ ކަންތައް ހިނގަމުންދިއުމަކީ ހިތާމައިން ހިތްފަޅައިގެންދާ ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454