ފަސް ދަރިން: މަންމަގެ ހިތުގައި ކޫރުމެއް ވެސް އެޅުނަ ނުދޭނެ

މަރީނާ އަލީގެ ދަރިފުޅު، މުހައްމަދު އާސިފް (މޮންދު) ފަތިސް ނަމާދުކޮށްގެން، ކޮންމެ ދުވަހަކު ވެސް އެންމެ ފުރަތަމަ ދަނީ އޭނާ މަންމަގެ ގާތަށެވެ. އުމުރުން ދުވަސްވެ، ބަލި އެނދުގައި އޮންނަ މަރީނާގެ ހާލު އަހުވާލު ބަލައި، ކަމަކަށް ބޭނުންވޭތޯ އެހުމަކީ އޭނާގެ ކޮންމެ ދުވަހެއްގެ ވެސް އާދަ އެވެ. ހަމަ ކޮންމެ ދުވަހަކު ވެސް ތަކުރާރުކޮށް މަންމަ ކައިރީގައި ބުނެ ހަނދާންކޮށްދޭ އެއް ވާހަކައަކީ މިއެވެ؛

"މަންމަ ދެކެ ވަރަށް ލޯބިވޭ" އެވެ.

މަރީނާއާ ސަމާސާކޮށް، ހެއްވާލައިފައި ނޫނީ، މޮންދުގެ އެއްވެސް ދުވަހެއް ނުފެށެ އެވެ.

މޮންދު އަކީ މަރީނާގެ އެންމެ ދޮށީ ދަރިފުޅެވެ. ދެން ތިބޭ ތިން ފިރިހެން ކުދިންނާއި އެންމެ ހަގަށް ހުންނަ އަންހެން ދަރިފުޅު ވެސް އޭނާ އަށް ވަރަށް އޯގާތެރި އެވެ. އެއީ މަޔަކަށް ޓަކައި، ދަރިން ވާޖިބު އަދާކޮށްދޭ ނަމޫނާ މިސާލެއް ކަމަށް އެތައް ބަޔަކު ބުނެ އެވެ. އެ ފަސް ދަރިންގެ ވެސް އެންމެ ބޮޑު އުފަލަކީ، މޮންދު ބުނި ގޮތުގައި، މަންމަގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅުގައި ވެސް، އެ ހިތުގައި އެންމެ ކޫރުމެއް ވެސް އެޅުނަ ނުދިނުމެވެ.

މަރީނާ އެނދުމަތީގައި އޮންނަން ޖެހުނީ އިންޑިއާގައި އޭނާ ކުރި މައިބަދައިގެ އޮޕަރޭޝަނަކަށް ފަހު، ދެ ފައިން އެއްކޮށް ވާގިދިއުމުންނެވެ. މިހާރު އޭނާގެ އުމުރުން 76 ވަނަ އަހަރުގެ ދުވަސްތައް ގުނަމުން އަންނައިރު، އެގޮތަށް އޮންނަތާ 28 އަހަރުވެއްޖެ އެވެ.

މަރީނާ: މައިބަދައިގެ އޮޕަރޭޝަނަކަށް ފަހު އޭނާ އެނދުމަތީގައި އޮންނަތާ 28 އަހަރުވެއްޖެ

"އެ އޮޕަރޭޝަން ކޮށްގެން ދެފައިކޮޅު އެއްކޮށް ވާގި ދިޔައީ، އޭރުއްސުރެ މި ގެންގުޅެނީ އެނދުގައި. މިހާރަކަށް އައިސް ހަމަ އެއްވެސް ގޮތަކަށް ހަނދާނެއް ވެސް ނުހުރޭ ކަންކަމެއް. އެއްގޮތަކަށް ހަރަކާތްތެރިވެ ވެސް ނޫޅެވޭ،" މަންމަގެ މިހާރުގެ ހާލު މޮންދު ކިޔައިދިނެވެ.

"ކުރިން އެނދުގައި އިނދެގެން ކައްކާ ވެސް ހަދާނެ. އަތުން ކުރަން ޖެހޭ ހުރިހާ ހަރަކާތެއް ކުރެވޭ. އެކަމަކު މިފަހަކަށް އައިސް، މަޑުމަޑުން ވީކް ވަމުން ގޮސް އެހާ ގިނަ ދުވަހު އެގޮތަށް އޮންނަން ޖެހުނީމަ ހަރަކާތް ކުރުން ވަރަށް މަދުވެއްޖެ. ކުޑަކުޑަކޮށް ވާހަކަ ވެސް ދެއްކެނީ މިހާރު."

ބަލިވެ އުޅުމަށް ފަހު، ކުދިންގެ ބައްޕަ ނިޔާވީ މީގެ 10 އަހަރު ކުރިންނެވެ. މޮންދު ބުނި ގޮތުގައި، ބައްޕަ ނިޔާވަން ދެން ވެސް މަންމައާ އެކު ބޭއްވީ ވަރަށް އޯގާތެރި، ލޯބި ގުޅުމެކެވެ. އެއީ ސޯޝަލް މީޑިއާ އިން ވެސް އެންމެންނަށް ފެނުނު މަންޒަރެކެވެ.

ހުރިހާ ކުދިން ވެސް މަންމަ އަށް ވަގުތު ދޭ

ޓީވީއެމްގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށް، އެތަނުގެ އިސް މަގާމުތަކެއް ފުރައި، އަދި ފަހުން ވީޓީވީގެ ސީއީއޯ ކަން ވެސް ކުރި މޮންދު ބުނި ގޮތުގައި، ވަޒީފާ އާއި ދިރިއުޅުމުގެ އެހެން ކަންކަމުގައި ގިނަ ވަގުތު ބޭރުގައި އުޅެން ޖެހުނަސް، އެ ފަސް ބެއިން ވެސް މަންމަ އަށް ވަގުތު ހުސްކުރެ އެވެ. އެންމެންނަށް ގޭގައި އަބަދު ނޫޅެވޭތީ މަންމަގެ ކަންކަން ބަލަން ދެ މެއިޑުން ވެސް ގެންގުޅެ އެވެ. އެކަމަކު، ކުއްޖަކަށް ކިރިޔާ ވެސް ހުސްވަގުތުކޮޅެއް ލިބިއްޖެ ނަމަ، އެ ވަގުތުކޮޅު ހޭދަކުރަނީ މަންމަ ކައިރީގައި ކަމަށް އޭނާ ބުންޏެވެ.

މަރީނާ އޭނާގެ ކުއްޖަކާ އެކު: ހުރިހާ ކުދިން ވެސް އޭނާ އަށް ވަރަށް އޯގާތެރި.

އޭގެ ތެރެއިން އެންމެން އެއްވާ ދުވަހަކީ ހުކުރު ދުވަހެވެ. އެ ދުވަހަކީ އެ އާއިލާގެ އެންމެން ވެސް އެ މީހުންގެ އަނބިންނާއި ފިރިން އަދި ހުރިހާ މާމަ ދަރިން ވެސް މަރީނާއާ އެކު ވަގުތު ހޭދަކުރާ ދުވަހެވެ.

މުޅި އާއިލާ އެއްވެ، ކޮންމެ އަހަރަކު މަރީނާގެ އުފަންދުވަސް ވެސް ފާހަގަކުރެ އެވެ. މަންމަ އުފާވާނެ ކަންކަން ކޮށްދެ އެވެ.

އެންމެފަހުން، އެންމެ ކުލަގަދަކޮށް އެ އާއިލާއިން ފާހަގަކުރީ މަރީނާގެ 70 ވަނަ އުފަންދުވަހެވެ. އެއީ މީގެ ހަ އަހަރު ކުރިންނެވެ. އެ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ވެސް މޮންދު އޭނާ ފޭސްބުކްގައި ހިއްސާކުރި އެވެ. އެ ދުވަސް ނޫނަސް، މަންމައާ އެކު، ހޭދަކުރާ ބައެއް އުފާވެރި ވަގުތުތަކުގެ ކަންކަން އޭނާ އެންމެންނާ ހިއްސާކުރެ އެވެ. ބޭނުމަކީ، މައިންބަފައިންނަށް އަޅާލުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

މަރީނާ އަލީ އޭނާގެ ގޭގައި: އޭނާގެ އުމުރުން މިހާރު 76 ވެއްޖެ، ޝަކުވާއެއް ނެތް!

"އަޅުގަނޑު ބައެއް ފަހަރު މަންމާ އެކު ހޭދަކުރާ ވަގުތުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަން. އެކަމަކު އެއީ ބަޔަކަށް ދައްކަން، އެ ނިޔަތަކު ނޫން އެކަން ކުރަނީ. ބައެއް މީހުން އެގޮތަށް ދުށުމަކީ ވެސް އެކަށީގެންވާ ކަމެއް،" އޭނާ ބުންޏެވެ.

"އަޅުގަނޑުގެ ހުރިހާ ވެސް ބޭނުމަކީ މަންމަ ދެކެ ލޯބިވުމަކީ ކޮންމެ މީހަކު ވެސް ކުރަން ޖެހޭނެ ކަމެކޭ. އެއީކީ ކޮންމެހެން މީހަކަށް ދައްކަން ޖެހޭ، ނުވަތަ ބުނަން ވެސް ޖެހޭ ކަމެއް ނޫނޭ. އެހެންވެ، އެކަން އެހެން މީހުންނަށް ކިޔައިދިނުމާއި ހަނދާންކޮށްދިނުމުގެ ނިޔަތުގައި އަޅުގަނޑު ފޮޓޯތައް ލައި ހަދަނީ."

ފޮހެވިގެން ނުދާނެ ހަނދާންތައް

މޮންދު ބުނި ގޮތުގައި، އޭނާގެ މަންމަ ގަދަވެ، ސަލާމަތުން ހުރި އިރު އުޅުނީ ވަރަށް ހަރަކާތްތެރިކޮށެވެ. ދަރިން ގެންގުޅުނީ ވެސް ވަރަށް ލޯބިންނެވެ. ކޮންމެ ދުވަހެއްގެ ހަވީރު އަމިއްލަ އަށް ގޭގައި ހެދިކާ ހަދައިގެން ހުރިހާ ކުދިންނަށް ސައި ދީ ހެދި އެވެ. އަދި ގަވާއިދުން ކުދިންގެ ހާލު އަހުވާލު ބަލައި، އެ މީހުންނަށް ވާނުވާ ގޮތް އަހައި އަދި އުޅޭނޫޅޭ ތަންތަން ވެސް ބެލި އެވެ.

"އަޅުގަނޑުމެން ހަމަ ގެއަށް އަންނައިރަށް ކާންދީ، ހުރިހާ ކަމެއް ވަރަށް ފުރިހަމަ އަށް މަންމަ ކޮށްދިން. އެއީ ކުދިން ދެކެ ވަރަށް ލޯބިވާ އަދި ލޯބިވި މަންމައެއް،" މޮންދު ބުންޏެވެ.

މުހައްމަދު އާސިފް (މޮންދު) އޭނާގެ މަންމަ މަރީނާއާ އެކު: މަރީނާގެ ހުރިހާ ކަމެއް އެންމެ ގާތުން ބަލަނީ އޭނާ.

"މަންމަ އެނދުގައި އޮށޯންނަން ޖެހުމާ ހަމައަށް، އަޅުގަނޑުމެންގެ ހުރިހާ ކަމެއް، ކިޔެވުމާއި ބޯ އޮމާންކޮށްދިނުމާއި އަދި އަޅުގަނޑުމެން ބޮޑުވި ފަހުން ވެސް ގްރޭޑް 8، 9 ހިސާބުގައި އުޅުނުއިރު ވެސް، ހުރިހާ ކަމެއް ބަލަހައްޓައިދޭނީ އެ މަންމަ."

މަންމަ ބަލިވުމާ އަދި ބައްޕަ ވަކިވުމުން އާއިލާގެ އެންމެ އިސްމީހެއްގެ ގޮތުގައި ހުރީ ވެސް މޮންދު އެވެ.

ބައްޕަ ވެސް ބަލިވެއުޅުމާ އެކު، މައިބަދައިގެ އޮޕަރޭޝަނަށް މަންމަ ގޮވައިގެން އިންޑިއާގެ ޗެންނާއީ އަށް ވެސް ދިޔައީ އޭނާ އެކަންޏެވެ. އިންޑިއާގައި ބޭސްފަރުވާ އަށް ތިން މަސް ދުވަހު އެ ދެމައިންނަށް ތިބެން ޖެހުނެވެ.

"އޮޕަރޭޝަން ކޮށްފައި ތިން މަސް ވަންދެން މަންމަ އެނދުގައި ބަންޑުން ބާއްވާފައި އޮތް. އެހެންވެ، މަންމަ އަށް ފެންނަ ގޮތަށް އެނދުގެ ތިރީގައި ތަޅުންގަނޑު މަތީގައި އަޅުގަނޑު ނިދީ ވެސް،" މޮންދު ބުންޏެވެ.

"އަބަދު ވެސް މަންމަ އަށް، މަންމަގެ ގާތުގައި އަޅުގަނޑު ހުރިކަމުގެ އިހުސާސްކޮށްދޭން ކުރަން ޖެހުނު ހުރިހާ ކަމެއް ކުރަން."

މަންމަ އަށް ކަމޭހިތުމުގައި ނަމޫނާ އާއިލާއެއް

މޮންދު ގަބޫލުކުރާ ގޮތުގައި، މީހަކު ނުބުންޏަސް، މައިންބަފައިންނަށް ކަމޭހިތުމާއި އޯގާތެރިކޮށް ހިތުމަކީ އަދި ލޯބިވުމަކީ އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އެއީ ދީނުގައި ވެސް ބާރުއަޅާ ކަމަކަށްވާ އިރު، އެއީ ކޮންމެ މީހެއްގެ ޖިސްމާނީ ނުފޫޒު ވެސް ބާރުއަޅާ ކަމެކެވެ.

މީހަކު ކިތަންމެ ނޫން ކަމަށް ހެދި ކަމަށް ވިޔަސް، އެ މީހާގެ އަމިއްލަ ނަފުސަށް ބާރު އެޅިފައި އޮންނަ ކަމެއް އެއީ، [މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ] -- މޮންދު

"މީހަކު ކިތަންމެ ނޫން ކަމަށް ހެދި ކަމަށް ވިޔަސް، އެ މީހާގެ އަމިއްލަ ނަފުސަށް ބާރު އެޅިފައި އޮންނަ ކަމެއް އެއީ،" މޮންދު ބުންޏެވެ.

މައިންބަފައިންނަށް ކަމޭނުހިތާ އާއިލާތައް ފެނުނަސް، އޭނާ އަށް ގަބޫލުކުރެވޭ ގޮތުގައި، އެގޮތަށް ބައެއް މީހުން ކަންތައް ކުރަނީ އެ މީހުންގެ ހިތުގައި މައިންބަފައިންނަށް ލޯތްބާއި ކުލުނު ނެތިގެނެއް ނޫނެވެ. މައިންބަފައިންނާ އެ ކުދިން ދުރުވަނީ އެހެން ނުފޫޒުތަކެއްގެ އެ ގުޅުމުގެ ތެރެއަށް ވަދެގެންނެވެ. ބައެއް ފަހަރު މައިންބަފައިގެން ހުންނަ ހަރުކަށި ކަމަކާއި އެ މީހުންގެ މިޒާޖުގައި ހުންނަ ކަމެއްގެ ސަބަބުން ކުދިން އެކަމާ ރުޅިއައިސް މައިންބަފައިންނާ އަޅާނުލާ ތިބެ އެވެ.

މިސާލެއްގެ ގޮތުގައި ދެއްކީ އޭނާގެ ރައްޓެއްސަކަށް ދިމާވި ކަމެކެވެ.

އެ އެކުވެރިޔާ އޭނާގެ ޒުވާން އިރުން ފެށިގެން 17 އަހަރު ވަންދެން ދިރިއުޅުނީ އޭނާގެ މައިންބަފައިންނާ ވަކިން، އަމިއްލަ އެޕާޓްމަންޓެއްގަ އެވެ. އޭނާ މައިންބަފައިންނާ ވަކިން އުޅެން ދިޔައީ، ގެއަށް ރައްޓެހިން ގެންދިއުމާއި އަދިވެސް އެ ކަހަލަ އެހެން ބައެއް ކަންކަމާ އެމީހުން ދެކޮޅު ހަދަން ފެށުމުން، އެކަމުގައި އައީ ރުޅީގަ އެވެ. އެވީ މުއްދަތުގެ ތެރޭގައި އެ މީހުންނަށް ޗުއްޕު ވެސް އޭނާ ނުބުނެ އެވެ.

"އެކަމަކު މިއަދު އޭނަ އެއީ އިންތިހާ އަށް މަންމަ އާއި ބައްޕަ ދެކެ ލޯބިވާ މީހެއް. އޭނަ މީހަކާ އިނދެ، ދިރިއުޅުމެއް ފެށީމަ ދެކޭ ގޮތް މުޅިން ބަދަލުވާން ފެށި،" މޮންދު ބުންޏެވެ.

"އޭނަ ބުނީ އަބަދު ވެސް ހިތުގައި އޮތޭ އެ ލޯބި، އެކަމަކު އޭރު އޭނާގެ ދިރިއުޅުމަށް އައި ނުފޫޒުތަކެއްގެ ސަބަބުން ނުވަތަ ރައްޓެހިންގެ ސަބަބުން އޭނާ އަށް އޭރު މަޖުބޫރުވިއްޔޭ ގެއިން ނިކުންނަން."

"މަންމަ އާއި ބައްޕައާ ދުރުވެގެން ތިމަންނަ އަށް ހުރެވުނޭ. އެކަމަކު ވެސް، ގެއިން ދިޔަ ފަހުން ރަނގަޅަށް ނިދި ނުލިބުނޭ މަންމަ އާއި ބައްޕަގެ މަތިން ހަނދާންވާ ވަރުން."

މުހައްމަދު އާސިފް (މޮންދު) އޭނާގެ މަންމައާ އެކު: މޮންދު އަކީ މަރީނާގެ އެންމެ ދޮށީ ދަރިފުޅު.

މޮންދު ސިފަކޮށްދިން ގޮތުގައި މައިންބަފައިން ދެކެވާ ލޯތްބަކީ ކޮންމެ ދަރިއެއްގެ ހިތުގައި ވެސް އޮންނާނެ ފުން އިހުސާސެކެވެ. އެކަމަކު، އެކި ކުދިންނަށް އެ ލޯބި ފާޅު ކުރެވޭނީ އަދި އެ ލޯބި ދެވޭނީ ވެސް އެކި މިންވަރަށެވެ. އެއީ އަންކޮންޑިޝަނަލް ނުވަތަ އެއްވެސް ސަބަބެއް ނެތި، އެއްވެސް ކަމަކަށް ޝަރުތުކޮށް ދޭން ޖެހޭނެ ނުވަތަ ދޭނެ ލޯތްބެއް ނޫނެވެ. އެއަށް ވުރެ މާ ވަރުގަދަ ބާރެކެވެ.

"އެ ލޯބި ހަމަ ދޭން ޖެހޭނެ. ހަމަގައިމު ވެސް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ މި ހުރީ އެ ވިސްނުން ބަހައްޓައިގެން. އަޅުގަނޑުމެން އެބަ ތިބި އެއްބަނޑު އެއްބަފާ ފަސް ކުދިން. ފަސް ކުދިންނަކީ ވެސް މަންމަ ދެކެ، އަދި ބައްޕަ ދެކެ ވެސް އިންތިހާ އަށް ލޯބިވާ ކުދިން،" އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ދެކެނީ މަންމަ އަށް އަޅާލުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެއް ބައި ކަމުގައި."

12 ކޮމެންޓް, 191 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 3%
icon angry icon angry 2%
icon wow icon wow 1%
icon inlove icon inlove 92%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސްޓަންޓް

26 February 2022

މެއިޑުން ލައިގެން ކުރާނެ ފައިސާ ހުރި އެންމެންވެސް ތިހެން ތިކަން ކުރާނެ! ބުރައުފުލަން ނުޖެހި ހަމައެކަނި ގޮވާލަން އެންޖޯއީކޮށްލަން ދެވޭނެ ބޭފުޅުންނަށް ? ވަޒީފާއަށް ދަމުން ބުރަ ނުއުފުލޭ މީހުން ގިނައީ! ފަޤީރުހާލުގައި މައިންބަފައިން ބަލަހައްޓާމީހުންނަކީ އަސްލު ހީރޯއިންނަކީ!❤️

The name is already taken The name is available. Register?

ރެފްރީ

19 March 2022

އަޅާނުލާ މީހަކު ލާރި ހުއްޓަސް ނެތަސް އަޅާނުލާނެ. ތީ އަޅާލަން ބޭނުން ނުވާ މީހުންގެ އެންމެ ބޮޑު އެކްސްކިއުޒް، ބިޒީ، އެކަމަކު ކޮފީގަ. ލާރިއެއް ނެތް އެެކަމަކު އެންމެ ފަހުގެ އައިފޯނު. ދެން ބުނާނީ ކީއްހޭ ކުރާނީ، އަހަރުންވެސް އެންޖޯއީ ކުރަން ބޭނުންވެއޭ! އަހަރެން މަސައްކަތް ކުރިން މޮންދުއާ އެކު، މަންމަ ކަމެއްވެއްޖެޔާ އޮފީސް މަސައްކަތް ކުރުކޮށްލާފަ އަވަސް އަވަހަށް ދާނެ ގެޔަށް، މޮންދުގެ މަންމަ އަށް މޮންދު ދޭ އެންމެ އަގުހުރި އެއްޗަކީ މޮންދުގެ ވަގުތު.

The name is already taken The name is available. Register?

ޒީލާ

26 February 2022

މި އިފްނާޒާ މާއިދާ ވަރަށް ގަދަކުރޭއެބަ

The name is already taken The name is available. Register?

ދަލަޒަ

26 February 2022

މިހާރުނޫހުން މިފަހުން ކިޔާލަން ލިބުނު ވަރަށް ރީތި ލިޔުމެއް

The name is already taken The name is available. Register?

އެއްކަލއިއްބެ

25 February 2022

މޮންދުއާއި މޮންދުގެ 4 ކޮއްކޮއަކީ މަންމަ ދެކެ ލޯބިވުމަކީ އެއްވެސް ބުރަކމެއްނެތި އުނދަގުލެއްކަމުގައި ނުދެކި އުފަލެއްކަމުގައި ދެކިގެން ވަރަށް ލޯތްބާއި އޯގާތެރިކަމާއިއެކީ މަންމައަށް ޚިދުމަތް ކުރަންވީ ގޮތް ފިލާވަޅެއްގޮތުގައި ނަމޫނާއެއްގޮތުގައި ދައްކައިދޭ ޢާއިލާއެއް ވަކިން ޚާއްޞަގޮތެއްގައި މޮންދު ތިޔައަދާކުރާ ދައުރަކީ ޤައުމީއިނާމެއް ދިނަސް އަގުވަޒަން ނުކުރެވޭހާ މަތިވެރި ޚިދުމަތެއް . މޮންދުގެ އެކުވެރިއަކަށް ވީތީ އުފާކޮށް ފަޚުރުވެރިވަން . ސާބަސް މޮންދޫ

The name is already taken The name is available. Register?

ޔަންޕު

25 February 2022

ވަރަށް ސަޅި ލިއުމެއް. ވަރަށް އަސަރު ކޮށްފި. މަންމަ އަށް މިހާރަށް ވުރެން ބޮޑަށް އަޅާލަން ހަނދާން އާކޮށް ދީފި. ތެންކްޔޫ މޮންދު އެންޑް ފެމިލީ

The name is already taken The name is available. Register?

އަބްޑޫޅް

24 February 2022

މީ ދިވެހިން ތަ؟ އަރަބީންގެ ހެދުމަކީ ބައިނަލް އަގުވާމީ ހެދުމެއް ނޫން. އަރަބި ހެދުން އެޅީމަ އެ ވަނީ އަރަބިންނަށް. ހަރުދަނާ ދިވެހިން އަޅާ އުޅެނީ ދުނިޔެ ގަބޫލުކުރާ ހެދުން.

The name is already taken The name is available. Register?

މުންތިހް

24 February 2022

މާތްކަލާކޯ! ތިހެން ނުބުނޭ. އެއީ މާ މާތް ބަހެކޭ. މާ މާތް ބަޔެކޭ! ދިވެހި ބަހަކީ ކޯއްޗެއް އެބަހާ އަޅާކިޔާފަ!

The name is already taken The name is available. Register?

ޝާހިދާ

24 February 2022

ކޮން ފަދަ ސޭކް ވާހަކައެއް ތީ

The name is already taken The name is available. Register?

ރޯނޭ

24 February 2022

އޭ ރޯނު އެދުރާ، ކަލެޔަށް ކީތް ކޮންމެ ހެދުމެއް ލިޔަސް ކޮންމެ މީހަކު؟ ތިކަހަލަ މީހުން އުޅޭނެ ހުރިހާ ދޭތެރެއަކަށް ބޯ ކޮއްޕައި ކޮންމެވެސް މޮޅު އެއްޗެކޭ ކިޔާލަން. ދެން ދޭ އަނެއްްކާ މާރުކޭޓު މަތިން، ޕާކުތަކުން މޮޅު އެއްޗެކޭ ބުނެލާނެ ކަމެއް ފެނޭތޯ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

24 February 2022

ސާބަހޭ މުހައްމަދު އާސިފް.ތިޔާއި ނަމޫނާ ދަރިއެއް.

The name is already taken The name is available. Register?

ސޭކުބެ

24 February 2022

ތިބާއަށް ތިޔަ މާތް ހެޔޮ ޢަމަލުގެ ދަރުމަ ދެދުނިޔޭގަ ލިބޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454