26 ޖޫން 2022 - 09:10
މާލޭގެ މަގުތައް "ފުރިފައި" އޮތީ ޑްރަގްގެ މީހުންނާ އެކު އެވެ. ކަޅި އެއްލާލި ކޮންމެ ދިމާއަކުން ވެސް ފެންނަނީ އޭގެ ކޮންމެ ވެސް މީހެކެވެ. ޔަގީނުން ވެސް އެއީ، ކޮންމެ ވެސް އިރެއްގައި ޖަލު ހުކުމެއްގައި ތިބި މީހުންނެވެ. އެ މީހުން އެނބުރި މުޖުތަމައަށް އަންނަ އިރު ވެސް ތިބެނީ ހަމަ ކުރީގެ ހާލަތުގަ އެވެ. ބައެއް މީހުން ޑްރަގްގެ ތެރެއަށް ވަންނަނީ ވެސް ޖަލުތެރެއިންނެވެ.
ނަތީޖާ އަކީ މި އެވެ؛ ޖަލުން ދޫކޮށްލާ ތަނުން އަނެއްކާ ވެސް ޑްރަގްސްގެ މައްސަލައެއްގައި ނުވަތަ އެހެން ކުށެއްގައި ހައްޔަރު ކުރަނީ އެވެ. އަނެއްކާ ވެސް ހަމަ އެ ޖަލަށެވެ. އަނެއްކާ ވެސް ދުވަސްކޮޅަކުން ނުކުންނަނީ އެވެ. އަނެއްކާ ވެސް ހަމަ އެ ޖަލަށެވެ. މިއީ ނިމުމެއް ނެތް ކަމެކެވެ. މައްސަލަ އަކީ، ޖަލުގައި ޑްރަގަށް ފަރުވާއެއް ވެސް، އަދި ރިހިބިލިޓޭޝަން ޕްރޮގްރާމެއް ވެސް މިވީހާ ދުވަހަކު ނެތުމެވެ. އިސްލާހުވާން ބޭނުންވާ މީހާ އަށް ވެސް އެ ފުރުސަތު ބަންދުވެފައި އޮތް ކަމެވެ. މާލޭގެ މަގުތަކުން ހަގީގަތުގައި އެ ފެންނަނީ ޖަލު ފެއިލްވެފައިވާ މަންޒަރެވެ.
ކާނިވާ ސްޓޭޖުގައި މީހަކު ނިދާފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
ރާއްޖޭގެ ޖަލުތަކުގައި ދޭތެރެއަކުން ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގިޔަސް ޑްރަގް ބޭނުންކުރާ މީހުންނަށް ސީދާ ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ނެތެވެ. އެކަމަކު މީގެ ތިން މަސް ދުވަސް ކުރިން، މާޗް 1 ގައި އެ ތާރީހު ވަނީ ބަދަލުކޮށްލައިފަ އެވެ. މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ. މިއީ، އެ ޖަލުގެ ތާރީހުގައި ވެސް މިކަހަލަ ކަމެއް ފެށި ފުރަތަަމަ ފަހަރެވެ. އެކަމަކު، އެކިއެކި އެހެން ރިހިބިލިޓޭޝަން ޕްރޮގްރާމްތައް މީގެ ކުރިން އެ ޖަލުގައި ހިންގަ އެވެ.
ރިހެބިލިޓޭޝަން އެންޑް ރިއިންޓަގްރޭޝަން ކޮމާންޑްގެ ޑެޕިއުޓީ ޑިރެކްޓަރު ނަޖްމާ އަބްދުﷲ "މިހާރު"ގެ މެދުސަފުހާ އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ޖަލުގެ 70 ޕަސެންޓް މީހުންނަކީ ޑްރަގްގެ ކުށްތަކުގައި ޖަލަށް ލައިފައިވާ މީހުންނެވެ. ޖަލުގައި ގާތްގަނޑަކަށް 800 ވަރަކަށް މީހުން ތިއްބަސް، އޭގެ ތެރެއިން މިހާރު ފަރުވާ މި ދެވެނީ ސާޅީހަކަށް މީހުންނަށެވެ.
"ޖަލުގެ މިހާރުގެ އާބާދީއަށް ބަލާއިރު ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަކީ ވަރަށް ބޭނުންތެރި ކަމެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކޮމާންޑްގެ ޖެނަރަލް ރިހެބިލިޓޭޝަން ފްރޭމްވޯކުގައި އޮންނަ ގޮތުން މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ޖަލަށް ގެންދެވޭ މީހުންނަށް ހާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމެއް އޮންނަން ޖެހެ އެވެ. އެކަމަކު ވޭތުވެދިޔަ އަހަރުތަކުގައި އެ މީހުންނަށް ހާއްސަ ޕްރޮގްރާމެއް ޖަލުގައި ނޯންނަ ކަމަށް އޭނާ ވިދާޅުވިޔަސް އެއީ މައްސަލައެއްތޯ ސުވާލުކުރުމުން އެކަމަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.
އައްޑާއެއްގައި، މަސްތުވާތަކެތި ބޭނުންކޮށް، ތަން ގޮނޑުވެފައި. .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވީ ކެޕޭސިޓީ ނެތް ކަމަށާއި ވަސީލަތްތައް ވެސް މަދު ކަމަށެވެ. އަދި މިހާރު މި ޕްރޮގްރާމް ފެށީ ވެސް ހުރިހާ ވަސީލަތްތަކާ އެކު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ވިދާޅުވީ "ޑްރަގް ފަރުވާ ފެށީ އެއީ މުހިއްމު ފަރުވާއެއް ކަމަށް ދެކޭތީ" ކަމަށެވެ.
"ޑްރަގް މީހުން ރިހެބިލިޓޭޓް ކުރުމަކީ ވެސް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް. ހާއްސަކޮށް ޑްރަގް ޕޮޕިއުލޭޝަން އިތުރުވާއިރު. އެހެންނަމަވެސް އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރިވަރަކުން އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނީ. އަދިވެސް ފުލް ކެޕޭސިޓީއެއް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވިގެނެއް ނޫން ޕްރޮގްރާމު މި ފެށީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޅި ޖަލު އާބާދީ އަށް ހުޅުވާލާފައިވާ ޖެނަރަލް ރިހެބިލިޓޭޝަން ފްރޭމްވޯކެއް އޮންނަ ކަމަށެވެ. އެ ފްރޭމްވޯކް ތަރައްގީކުރަމުން ދާއިރު ޑްރަގް ރިހެބިލިޓޭޝަން ހިމަނާނީ އޭގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.
"ޖެނަރަލް ރިހެބިލިޓޭޝަނަކީ އަބަދުވެސް ކުރިއަށްދާ ޕްރޮގްރާމެއްވީމަ އޭރުން އޭގައި ހިމެނީމަ ވެސް [ޑްރަގް ރިހެބިލިޓޭޝަން] ވެސް އަބަދުކުރިއަށް ދާނެ."
ޖެނަރަލް ރިހެބިލިޓޭޝަނުގައި އޮންނާނީ ބިހޭވިއާ މޮޑިފިކޭޝަނާއި އެޑިއުކޭޝަން އަދި ވޮކޭޝަނަލްގެ އިތުރުން ޖަލުގައި މަސައްކަތްކުރުމެވެ. އެކަމަކު ޑްރަގް ބޭނުންކުރާ މީހުން ހަމައެކަނި އެ ޕްރޮގްރާމުގައި ބައިވެރިކުރިޔަސް ނަތީޖާއެއް ނުފެނިގެން މަޖުބޫރުވީ އެ މީހުންނަށް ހާއްސަކޮށް ޑްރަގް ފަރުވާދޭން ފަށާށެވެ.
ޑްރަގް ރިހެބިލިޓޭޓް ނުކޮށް ޖެނަރަލް ރިހެބިލިޓޭޝަން ފްރޭމްވޯކް ތެރެއަށް ގެންދިޔައިމަ އެ ކްލާސްތަކަށް ދާއިރުވެސް އެމީހުންނަކަށް އަންނަންޖެހޭ ހެޔޮ ބަދަލު ނާދޭ. އެމީހުންގެ ބިހޭވިއާއަށް ވެސް އިމްޕްރޫވްމަންޓެއް ނާދޭ. ކްލާހަށް ހާޒިރުވިޔަސް ސަމާލުކަމެއް ނުދޭ. އެގޮތަށް ގެންދާ ރިހެބިލިޓޭޝަނެއް އެހާ އެފެކްޓިވްކަމަށް ނުފެންނާތީ އަޅުގަނޑުމެން ނިންމީ އެމީހުންނަށް ބޭނުންވާ ހާއްސަ ޓްރީޓްމަންޓްދޭ ގޮތަށް ކުރިއަށް ގެންދަން-- ނަޖްމާ
ޑްރަގަށް ހާއްސަ ފަރުވާދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުމުން އެ މަސައްކަތް ފެށުން ލަސްވީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލަށް މި ފެށި ޕްރޮގްރާމު ފެށީ ޕެރޯލަށް އެލިޖަބަލްވާ މީހުން ހިމަނައިގެންނެވެ. އެކަމަކު ޕްރޮގްރާމުގެ މެދު ތެރެއިން ބައެއް މީހުންގެ ހުކުމުގެ މުއްދަތު ހަމަވެގެން ދޫކޮށްލިޔަސް އެމީހުން މޮނިޓާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަދި ބަެއް އިސްބޭފުޅުން -- ފޮޓޯ: ކަރެކްޝަންސް
- ޑިޓޮކްސް ފޭސް : މިހާރު ކުރިއަށްދާ ބެޗްގައި ސިވިއާ ކޭސްއެއް ނެތެވެ. އެހެންވެ އެޑްމިޓްކޮށްގެން ފަރުވާކަށް ނުޖެހެ އެވެ. 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ބައިގައި އެމީހުންގެ އެސެސްމެންޓްތައް ހަދައި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ބޭސްދޭނެ އެވެ.
- އެޑިއުކޭޝަނަލް މަރުހަލާ: އިނީޝިއަލް އެސެސްމަންޓެއް ހަދައި އެމީހުންގެ އެޑިއުކޭޝަނަލް ލެވެލް ބަލާނެ އެވެ. އަދި ޑްރަގް އެވެއާނަސް ސެޝަނާއި ނަމާދުގައި ކިޔާ އެއްޗެހި ދަސްކޮށްދޭނެ އެވެެ. އަދި ޑިސިޕްލިން ހިފެހެއްޓުމާ ގުޅޭ ފިލާވަޅުތައް ކިޔަަވައިދޭނެ އެވެ.
- ވޮކޭޝަނަލް ޓްރެއިނިން: ސެޓްފިކެޓް ލެވެލް 1 ގެ ކޯހެއް ކުރިއަށް ގެންދަނީ. އިލެކްޓްރިކް ހައުސްވަޔަރިން ކޯހެއްގައި ހުރިހާ މީހުން ބައިވެރިވެގެން އުޅެނީ. އަދި ޑްރިލް ކްލާސްތަކާއި ކައުންސިލިން ދޭނެ.
- ވޮކޭޝަން ނިމުމުން އިންޓަގްރޭޝަން މޮޑިއުލާއި މެޑިކަލް ސެޝަން އަދި ލައިފް ސްކިލް މޮޑިއުލެއް ކުރިއަށް ދާނެ.
- ކޮމިއުނިޓީއަށް އިންޓަގްރޭޓް ކުރުން: އެމީހުންގެ ރިސްކް ހުރި މިންވަރު ބެލުމަށް އެެސެސްމަންޓެއް ހެދޭނެ އަދި އެމީހުންގެ އާއިލާއަށް ގުޅުވައިދޭނެ. [އާއިލާއިން އެމީހުން ގަބޫލުނުކުރާ ހާލަތްތަކުގައި އާއިލާއަށް ވެސް ސެޝަންތައް ނަގައިދޭނެ.]
- ޕެރޯލްގެ ދަށުން ދޫކޮށްލުމުން ދެ އަހަރަށް މޮނިޓާކުރާނެ.
ނޭޝަނަލް ޑްރަގް އެެޖެންސީ (އެންޑީއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް ޑިޓޮކްސް ސެންޓަރެއް ގާއިމުކޮށްގެން ޑްރަގް ފަރުވާ ދެމުން އަންނައިރު އެ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެދި ދާނެ އެވެ.
ނަޖްމާ ގަބޫލުކުރައްވާ ގޮތުގައި މި ޕްރޮގްރާމު ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތެވެ.
އޭނާ ވިދާޅުވީ ޖަލުގައި ތިބި ގިނަ ކުދިންނަކީ އެންޑީއޭ މެދުވެރިކޮށް ޑްރަގް ފަރުވާ ހޯދަން މަސައްކަތްކޮށް ފެއިލްވެފައިވާ ކުދިން ކަމަށެވެ. އެކަމަކު ބަންދުކޮށްފައި ތިބޭތީ އެމީހުން ކާމިޔާބުކަމާ އެކު ޕްރޮގްރާމު ނިންމަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެެ.
"އޭގެ ހެއްކަކީ ޕްރޮގްރާމުގެ މެދުތެރެއިން ހުކުމް ތަންފީޒުކޮށް ނިމުނު ކުއްޖެއް. އޭނާ ބޭނުންވި ޕްރޮގްރާމު ނިންމަން ޖަލުގައި މަޑުކުރަން. އެކަމަކު އަޅުގަނޑުމެންނަށް ތަންފީޒުކޮށް ނިމުނީމަ ކުދިން ބޭތިއްބޭކަށް ނޯވޭ،" އޭނާ ވިދާޅުވި އެވެ.
ހުކުމް ތަންފީޒުކޮށް ނިމުނު ނަމަވެސް ޕްރޮގްރާމު ފުރިހަމަކުރަން ބޭނުންވާ ކުދިންނަށް ވެސް މަޑުކުރެވޭނެ ގޮތެއް ނެތުމަކީ ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ކަމާބެހޭ އިދާރާތަކާއި އާއިލާގެ އެއްބާރުލުން ލިބިއްޖެ ނަމަ އެ ޕްރޮގްރާމު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ހަމަ ވަރަށް އިހުތިރާމާ އެކު އެކުދިން މުހާތަބު ވެސް ކުރާނީ. ވަރަށް ބޮޑު ޗޭންޖެއް ކުދިންގެ ކިބައިން ފެނޭ. ބިހޭވިއާ ވެސް ވަރަށް ބޮޑަށް ރަނގަޅުވޭ. އެކަމަކު މުޖުތަމައުއަށް ނިކުތީމަ އެކުދިން ބަލައިނުގަންނަ މައްސަލަތައް އުޅޭ. އެހާ ބޮޑު އެފޮޓެއް ލައިގެން ރަނގަޅުވީމަ ވެސް ބަލައިނުގަތީމަ ވަރަށް ނާއުއްމިދުވާ ގޮތް ދިމާވޭ،" އޭނާ ވިދާޅުވި އެވެ.
މާފުށީ ޖަލު: ސާޅީހަކަށް މީހުންނަށް މިހާރު ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގާ
ނަޖްމާ ވިދާޅުވީ އެކަމަށް މުޖުތަމައު ހޭލުންތެރިވާން ޖެހޭ ކަމަށެވެ. ކޮންމެ މީހަކީ ވެސް ކުށެއް ކުރެވިދާނެ މީހެއް ކަމަށާއި އަދި ކުށެއް ކުރުމަކީ އޭނާ މުޅި އުމުރު ދުވަހަށް ވޭނުގައި ތަހައްމަލުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ދެކުމަށް ނަޖްމާ އެދިވަޑައިގަތެވެ.
"މިއީ ބުރަބޮޑު މަސައްކަތެއް. ކަރެކްޝަންސްގެ ހައެއްކަ މުވައްޒަފުންނަށް އެކަނި ކުރެވޭ މަސައްކަތެއް ނޫން. ކޮމިއުނިޓީ އަދި މުޅި ގައުމު އެކީ މަސައްކަތްކޮށްގެން މިހާ ބޮޑު މައްސަލައެއް ހައްލުކުރެވޭނީ."
ނަޖްމާ ވިދާޅުވީ ވޮކޭޝަނަލް ޓްރެއިނިން ފުރިހަމަކޮށްގެން ނިކުންނައިރު އެ މީހުންނަށް ވަޒީފާ ލިބޭނެ މަގެއް ނެތުމަކީ ގޮންޖެހުމެއް ކަމަށާއި އާމްދަނީ ލިބޭނެ ގޮތެއް ނެތި ކުރީގެ ރައްޓެހިންނާ އެކި އުޅެގެން އަނެއްކާ ވެސް ކުރީގެ އުޅުމަށް ހިނގައިދާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މ ޝިފާ
26 June 2022
މިއީ ރަސްފަންނުން ނަޖިސް ސާފު ނުކުރެވުނު ޑެޕިއުޓީ މިނިސްޓަރ އަދި އެއަށްވުރެ ބޮޑު ކަމަކާ މިއުޅެނީ
ޖުމާ
26 June 2022
ތީހަމަ ހެޑްލައިން ހަދާލަން ކުރިކަމެއް، އަސްލު އެއްވެސް ޑިޓޮކްސްއެއް ، ކަމެއްވާހެން ހިޔެއްނުވޭ. ޖަލުތަކުން މަގުމައްޗައްތުރެ ފަސޭހައިން ތިބުނާ ޑުރަގެއް ލިބެޔޯ. ވަންނަގޮތެއް ނޭގެ. ދެން ކިހިނެއް ޑިޓޮކްސް ކުރަނީ. ހަމަ ބޮއެބޮއެ ތިބޭނީ