ފަރުވާގެ ނިޒާމް ފެއިލްވެ ބޮއްސުންލައިފައި: އުމުރު ހުސްވަނީ މަގުމަތީގައި!

ޕެވިލިއަން ބްރިޖު މަތީ ޒުވާނަކު ނިދާފައި، ކެއުންބުއިމާއި ގައިންތާހިރުވުން ވެސް ދޫކޮށް މި މީހުން އުޅެމުން ދަނީ މަސްތުގެ އަނދިރި ދުނިޔެއެއްގައި .-- ފޮޓޯ: ނިޝާން އަލީ/މިހާރު

މަސްތުވާތަކެތީގެ ބަލިމަޑުކަމެއްގެ ތެރޭގައި ރާއްޖެ އޮންނަތާ އެތައް އަހަރެކެވެ؛ މަގުމަތީ މީހުން މަސްތުވުމާއި ބިތްޖެހިފައި ތިބުމަކީ ކޮންމެ ދުވަހަކު ފެންނަ އާންމު ކަމަކަށް ވެއްޖެ އެވެ. އެ ނުރައްކާތެރި ވަބާއިން ސަލާމަތް ވާން ބޭނުންވި ނަމަވެސް އެކަމުގެ ތެރެއިން ނުނިކުމެވި އަދި ފަރުވާއެއް ހޯދޭނެ ގޮތެއް ވެސް ނެތިގެން އެތައް ޒުވާނުންތަކެއް ތިބީ މަގުމަތިވެފަ އެވެ. މުޅި އުމުރު އެގޮތަށް ހުސްކޮށްލަން ދޫކޮށްލައިފަ އެވެ!

ރާއްޖޭގައި ޑްރަގްގެ މައްސަލަ އާއި ފަރުވާގެ ނިޒާމް ވެސް އޮތީ ހަމަ އެއް ހާލެއްގަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރިތައް ބާރުގަދަވެ މުޅި މުޖުތަމައަށް ފުޅާކުރަނީ އެވެ. އެ ނެޓްވޯކުތަކާ ދެކޮޅަށް ކުރާ އެއްވެސް ކަމެއް ކާމިޔާބެއް ނުވެ އެވެ. ފަރުވާގެ ނިޒާމް ކޮޅަށް ނަގާން މަސައްކަތް ކުރާނެ ބަޔަކު ނުވި އެވެ. އެ ޒިންމާ އެޅިފައި އޮތް ދައުލަތުގެ އިދާރާތައް އޮތީ ހުހަށެވެ. މުޅި ނިޒާމް އޮތީ ހަލާކުވާނެ ވަރަކަށް ހަލާކުވެފަ އެވެ.

"11 އަހަރު ފަހުންނެއް ނޫން މި ވާހަކަ ދައްކަން ޖެހެނީ. މިއޮތީ ޑެމޭޖުވެ މި ހާލަތަށް ވެއްޓިފައި. އާބާދީގެ ފަސް ޕަސެންޓު މި ވަބާގައި ޖެހިފައި. ބާކީ އޮތް 95 ޕަސަންޓު އޭގެ ވޭން ތަހަންމަލު ކުރަމުން މިދަނީ،" ނޭޝަނަލް ޑްރަގް އެޖަންސީ (އެންޑީއޭ) އަދި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފް ވިދާޅުވި އެވެ.

އާބާދީގެ ފަސް ޕަސެންޓު މި ވަބާގައި ޖެހިފައި. ބާކީ އޮތް 95 ޕަސަންޓު އޭގެ ވޭން ތަހަންމަލު ކުރަމުން މިދަނީ -- ޝަމާއު

ތަޖުރިބާކާރުން ދެކޭ ގޮތުގައި ގައުމެއްގެ ޑްރަގް ރީހެބިލިޓޭޝަން ކާމިޔާބު ކުރެވޭނީ ތިން ދާއިރާއަކަށް އެއްފަހަރާ މަސައްކަތްކޮށްގެނެވެ. އެއީ މަސްތުވާތަކެތީގެ ސަޕްލައި ދަށް ކުރުމާއި އެ ތަކެއްޗަށް އޮންނަ ޑިމާންޑު މަދު ކުރުމާއި އޭގެން މުޖުތަމައަށް ލިބޭ ގެއްލުން ކުޑަ ކުރުމެވެ.

ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަންގައި ބަޔަކު ފާސްކުރަނީ---ފޮޓޯ: ނިޝާން އަލީ/މިހާރު

ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ފަރުވާގެ ނިޒާމް މިހާ ބޮޑަށް ފަހަތަށް ސޮއްސާލާފައި މިއޮތީ އެ ތިން ދާއިރާ އިން ވެސް ބޮޑުތަނުން ފެއިލް ވެގެންނެވެ.

ރައީސް މައުމޫން ދައުރުގެ ފަހުކޮޅު އޭރު އޮތް ނޭޝަނަލް ނާކޮޓިކްސް ބިއުރޯ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް "މިހާރު" އަށް ވިދާޅުވި ގޮތުގައި މުޖުތަމައު ތެރޭގައި މަސްތުވާތަކެއްޗަށް އޮތް ޑިމާންޑު މަދު ކުރެވޭނީ ވަށައި ޖެހޭ ފަރުވާއެއް ދެވިގެންނެވެ.

އެކަމުން ސަލާމަތް ވެވެނީ، އޭނާ ވިދާޅުވި ގޮތުގައި ފަރުވާ ބޭނުންވާ ފަރާތްތަކުގެ ސިއްހީ ހާލަތު ހުރި ގޮތް ބަލައި ރެގިއުލާ ޗެކަޕް ހެދުމާއި ކަސްރަތު ކުރުމާއި ދީނީ ގޮތުން ހޭލުންތެރި ކުރުމާއި ސައިކޮލޮޖިކަލް އެހީތެރިކަން އަދި އަހުލާގު ދަސްކޮށްދީ ވަރަށް ކައިރިން ބަލަހައްޓައިގެނެވެ.

އަމީން އިބްރާހިމް: އޭނާ ވިދާޅުވީ ފަރުވާގެ ވަށާ ޖެހޭ ނިޒާމެއް އޮންނަން ޖެހޭ ކަމަށް.

"ބައެއް ކުދިން ޑްރަގަށް ދެވި ހިފާފައި ހުރި މިންވަރަކީ އެކަމާ ގުޅުން ހުރި ޒާތެއްގެ ކަމެއް ފެނުނަސް ކްރޭވިން އަންނާނެ. ކޮންޓްރޯލެއް ނުކުރެވޭނެ. އެކަމާ ދުރު ކުރެވޭނީ ދައުލަތުން ހަވާލުވެގެން ދެވޭ ފަރުވާ އާއި މުޖުތަމައު ތެރެއަށް ދޫކޮށްލައިގެން ދެވޭ ފަރުވާއެއް ދީގެން،" އަމީން ވިދާޅުވި އެވެ.

މިއަދު އެންޑީއޭގެ ފަރުވާގެ ނިޒާމް އޮތީ ޕެރެލައިޒް ވެފަ އެވެ. ޑްރަގް ކޯޓުން ރީހެބަށް ފޮނުވާ މީހާ ކިއޫގައި ތިއްބާ އަނެއްކާ ވެސް ފެންނަނީ އެހެން ކުށެއްގެ ތެރެއަށް ވަދެވިފައި އޮންނަ ތަނެވެ. ރީހެބިލިޓޭޝަން ސެންޓަރުތަކަށް ޑްރަގު ވައްދާ އެތަން އޮންނަނީ "ބޯން ދާ" ތަނަކަށް ވެފަ އެވެ. ދައުލަތުން ބަލަހައްޓަން ޖެހޭ މީހާ އަނެއްކާ ވެސް މަގުމައްޗަށް ނިކުމެ މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑު އިތުރު ސަޕްލައި ވެސް ފުޅާ ވަނީ އެވެ.

ޑްރަގް އޮޕަރޭޝަނެއްގައި ހޯދި ބައެއް މަސްތުވާތަކެތި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެން އޮތީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނެވެ. ދަބަހުން، މަޑިދަށުން އަދި ޖީބުން މަސްތުވާތަކެތި ފެނުނަސް މިއަދު ކޯޓަށް ގެންގޮސް މާދަމާ ދޫކޮށްލާނެ އެވެ. ޑްރަގްގެ ބޮޑު ކޭހެއްގައި ފަހުގެ ތާރީހެއްގައި އެއްވެސް މީހަކަށް ބޮޑު ހުކުމެއް އައިސްފައެއް ނެތެވެ. އެތެރެ ކުރާ މީހުންނަށް މިނިވަންކަން ލިބި ވިޔަފާރި އަށް އޮތީ ހުރިހާ ދޮރެއް ހުޅުވިފަ އެވެ.

އަމީން ވިދާޅުވި ގޮތުގައި ސަރުކާރުތަކަށް މަސްތުވާތަކެތީގެ ސަޕްލައި މަދު ނުކުރެވޭތާ ކުޑަމިނުން ހާމް ރިޑަކްޝަނަށް ވެސް މަސައްކަތެއް ނުކުރެ އެވެ. މަސްތުވުމަށް ބޭނުން ކުރާ އިންޖެކްޝަނާއި ކަށިތަކުގެ ޒަރިއްޔާ އިން ފެތުރޭ އެޗްއައިވީ އާއި އެ ނޫން ވެސް ނުރައްކާތެރި ބަލިތަކަށް އަހުލުވެރިއެއް ނުކުރެ އެވެ.

އެޑިކްޝަނުން ލިބޭ ގެއްލުންތަކާއި މީހުންގެ މުޅި ދިރިއުޅުން ހަލާކު ކޮށްލި ގޮތުގެ ވާހަކަ ދައްކަން ސަރުކާރުން އިސް ނަގައިގެން ބޮޑު ކެމްޕެއިނެއް ކުރިތޯ އަމީން ސުވާލު އުފެއްދެވި އެވެ.

"ޑްރަގް ޕްރިވެންޝަނަށް ކޮން ކަމެއްތޯ ކުރީ. ކޮމިއުނިޓީ ތެރޭގައި ހާދަ ބައިވަރު މީހުން އެބަހުއްޓޭ ހާދަ ބައިވަރު ޖަމިއްޔާއެއް އެބައޮތޭ. ކޮބައިތޯ ގޮތް ހުސްވެފައި ތިބި ބެލެނިވެރިންނަށް ކޮށްދިން ކަމަކީ. ކޮބައިތޯ އަލަށް ނިކުންނަ ޒުވާނުން ޑްރަގާ ދުރުކުރަން ސަރުކާރުން ކުރި ކަމެއް،" އަމީން ވިދާޅުވި އެވެ.

"އެއްވެސް ކޮޅަކުން ކުރިއެރުން ނުހޯދި މުޅި އެތި މިއޮތީ ފެއިލް ވެފައި. ނިޒާމް ކޮލެޕްސް ވެފައި. މީތި ޖެހޭނީ އޯވާހޯލް ކުރަން."

އެއްވެސް ކޮޅަކުން ކުރިއެރުން ނުހޯދި މުޅި އެތި މިއޮތީ ފެއިލް ވެފައި. ނިޒާމް ކޮލެޕްސް ވެއިފަ. މީތި ޖެހޭނީ އޯވާހޯލް ކުރަން -- އަމީން

މި މައްސަލަ ހައްލު ކުރުމުގެ ޒިންމާ އާ މި ވަގުތު އިސްކޮށް ހަވާލުވެ ހުންނެވި ޝަމާއު ވިދާޅުވި ގޮތުގައި މާލޭ މަގުތަކުގައި ގާތްގަނޑަކަށް 1000 އަކަށް މީހުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި އެބަ އުޅެ އެވެ. މިއަދާ ހަމައަށް އައިއިރު ސަރުކާރުތަކުން ގާއިމް ކޮށްފައިވާ ވަސީލަތްތަކަކީ މާ ބޮޑު ދިރާސާއެއް އަދި ރާއްޖޭގައި ޑްރަގްސްގެ މައްސަލަ ބޮޑުވަމުން އައި މިންވަރަށް ނުބަލައި ކޮށްފައި ހުރި މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝަމާއު ވިދާޅުވި ގޮތުގައި ރަނގަޅު ރިމާންޑެއް އޮޕަރޭޝަންގައި ނެތެވެ. ކުޑަ ކުދިންގެ ރީހެބެއް ވެސް ނެތެވެ. އަންހެނުންގެ ރީހެބިލިޓޭޝަން ސެންޓަރަކީ "ނަން ބޯޑެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އުފެދިފައި އޮތް ބޮޑު ޕެންޑެމިކެއް. މި ލިބިފައި އޮތް ގެއްލުން ކުޑަ ކުރުމަށްޓަކައި ވަރަށް މަސައްކަތް ކުރަން ޖެހޭ."

އޭނާ ވިދާޅުވި ގޮތުގައި ގިނަ ފަހަރަށް މަސްތުވާތަކެއްޗަށް މީހުންނަށް ވަދެވެނީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ދިމާވާ މައްސަލަތަކަކުން ބޯދަމައިގަތުމަށެވެ. އެއީ އާއިލީ މައްސަލަތަކުން ދުރަށް ދާން ކަމަށް ވެދާނެ އެވެ. ނުވަތަ ކުށެއް ކުރެވިގެން ބޯގޮވައިގެންނާއި އެ ނޫން ސްޓްރެސް އަކުން ދުރުވުމަށެވެ.

އެހެންވެ ފަރުވާގެ ނިޒާމަށް އަންނަން ޖެހޭ އެންމެ ބޮޑު އެއް ބަދަލަކީ އެ މައްސަލައަކީ ކޮބައިތޯ ބަލައި އެކަން ހައްލު ކުރުން ކަމަށް ޝަމާއު ވިދާޅުވި އެވެ. ސައިކޮލޮޖިކަލް ސަޕޯޓް ދިނުމާއި ކައުންސިލިން ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންގޮސް މައްސަލަތަކުން ނެރެ އޭނާ މަސްތުވާން ފެށި ސަބަބު ކަނޑުވާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މުޅި ރާއްޖޭގައި ތިބި ހުރިހާ އެޑިކްޓުންނަށް ފަރުވާ ދޭން ހުރީ އެންމެ ސައިކޭޓްރިސްޓެއް ކަމަށް ޝަމާއު ވިދާޅުވި އެވެ.

"ފަރުވާ ފުރިހަމަ ކުރެވޭނީ އެއަށް އެކަށީގެންވާ އަދަދަކަށް ކައުންސިލަރުންނާއި ސޯޝަލް ވޯކަރުންނާއި ކޭސް ވޯކަރުން ލިބިގެން. އެ މީހުންނެއް ނެތް. ނިޒާމުގައި ހުރި މައްސަލަތަކާ ހެދި އެ ތިބި ބަޔަކު މި ދާއިރާ އަށް ނުވެސް ނިކުމޭ،" ޝަމާއު ވިދާޅުވި އެވެ.

ޝަމާއު ގަބޫލު ކުރައްވާ ގޮތުގައި ބައެއް ގާނޫނުތައް ވެސް އޮތީ މިކަމުގެ ފަރުވާ އަށް ހުރަސް އެޅޭ ގޮތަށެވެ. އޭގެ އެއް މިސާލަކީ ޑްރަގް ކޯޓުގެ ނިންމުންތަކެވެ. ޑްރަގް ކޯޓެއްގެ ބޭނުމަކީ ކްރިމިނަލް ބައި ކޮމްޕޯނަންޓް ކަނޑާލުމަށް ފަހު، ރީހެބުގެ ފަރުވާ އަށް މީހުން ފޮނުވުމެވެ. އެކަމަކު ގާނޫނު މިހާރު އޮތް ގޮތުން އޭނާގެ އެހެން އެއްވެސް ކްރިމިނަލް ރެކޯޑެއް އޮވެއްޖެ ނަމަ ފަރުވާ އަށް ޝަރުތު ހަމަ ނުވާ ކަމަށް ޝަމާއު ވިދާޅުވި އެވެ. އެހެންވިއްޔާ މިއަދު މާލޭ މަގުތަކުގައި އަދި އެތައް ފަހަރަކު ފިހާރަތަކުން ވައްކަން ކުރުމާއި އެހެނިހެން ކުށްތަކުން އަތުލައިގަންނަ އެއްވެސް އެޑިކްޓަކަށް ފަރުވާ އަށް ނުދެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެއީ ދެކޮޅު ޖެހޭ ކަމެއްތޯ،" އޭނާ ސުވާލު އުފެއްދެވި އެވެ.

މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުކުރާ ގެއެއްގެ ފާރުގައި، ފުލުހުންގެ ޑްރަގް އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިޔެފައިވާ މެސެޖެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮންމެ އަހަރެއްގައި ސްކޫލުތަކަށް ދަރިވަރުން އިތުރުވަމުން އަންނާތީ އާ ކްލާސް ރޫމްތަކާއި ޓީޗަރުން އިތުރު ކުރެ އެވެ. އާ އިމާރާތްތަކާއި ވަސީލަތްތައް ވެސް ތަަރައްގީ ކުރެ އެވެ. ހަމަ އެގޮތަށް ރާއްޖޭގައި މިއަދު ޑްރަގް ކޮމިއުނިޓީ ވެސް ދަނީ ބާރު ސްޕީޑެއްގައި އިތުރުވަމުންނެވެ. އެކަަމަކު އެ މީހުން ވައްދާނެ ތަނެއް، ފަރުވާ ދޭނެ ބައެއް އިތުރެއް ނުކުރެ އެވެ. ވަސީލަތެއް އިތުރެއް ނުކުރެ އެވެ. އަޅައި ނުލައި މަގުމައްޗަށް ދޫކޮށްލައިގެން ތިބެނީ އެވެ.

މީގެ 15 ވަރަކަށް އަހަރު ކުރިން އޮތް ހާލަތަށް ވުރެ ވެސް ދަށަށް ވަނީ ގޮސްފަ އެވެ.

"މި މައްސަލަ ބޮޑުވިޔަ ނުދީ ހިފަހައްޓާލައި ދެމިގަންނަން ފުރުސަތެއް އޮތް. އެކަމަކު ޑްރަގުގެ ގެންގުޅުނު ހަރުދަނާ ސިޔާސަތުތައް ބަދަލުވެ، ނޭޝަނަލް ނާކޮޓިކްސް ބިއުރޯ އުވި އެތަން މިނިސްޓްރީއެއްގެ ޑެސްކަކަށް ބަދަލުވީމަ ދެން ވާނެ ގޮތް މިއޮތީ ވެފައި،" ދެހާސްއަށެއް ގެ ފަހުން އައި ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި އަމީން ވިދާޅުވި އެވެ.

އަމީން އާއި ޝަމާއު އަދި ދާއިރާގެ އެހެން ބައެއް ބޭފުޅުން ވެސް ގަބޫލު ކުރައްވާ ގޮތުގައި މި ވަބާ އިން ރާއްޖެ އަދިވެސް ސަލާމަތް ކުރެވިދާނެ އެވެ. ސަރުކާރާއި އާންމުންގެ އެއްބާރުލުމާ އެކީ ބޮޑު ބަދަލަކަށް ތެދުވެ ވަރަށް ގިނަ މަސައްކަތް ކުރަން ޖެހެ އެވެ. ހަލާކުވެފައިވާ ފަރުވާގެ ނިޒާމަށް ފަރުވާއެއް ދޭން ޖެހެ އެވެ.

5 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 83%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑްރަގް ހައްލު

27 June 2022

ޑްރަގް ކްލާސްތައް ބެހުން( ސްޓްމިއުލިންޓްސް، ޑިޕްރަސަންޓްސް. އޯޕިއޮއިޑްސް. ހެލޫސިނޯޖެންސް) ސީބީޑީ ލީގަލައިސް. އޯޕިއޮއިޑްސް އަށް މަރުގެ ހުކުމުން ފެއްޓީމަ އޯކޭވާނެ. ﷲ އަކްބަރު - މެޑިކަލް ސްޓޫޑެންޓް -

The name is already taken The name is available. Register?

ޑެބީ

26 June 2022

އަހަރުމެން ބުނެގެންތަ ތިބޯއެއްޗެއް ބޯންފެށީ. އަހަރުމެންގެ ޓެކްސް ފައިސާއިން ތިބައިގަނޑަށް ހަރަދުކުރާނެ ކަމެއްނެތް.

The name is already taken The name is available. Register?

ސުންދުރަ

26 June 2022

އަމީން އިބްރާހީމާ ފަދަ އެން.ޑީ.އޭ ގެ އިސް މަޤާމުތައް މީގެ ކުރިން އަދާކުރި ފަރާތްތައް ، ޒިއްމާ ރަނގަޅަށް އަދާ ނުކުރުމުގެ ނަތީޖާ މި ފެންނަނީ. ވަށާ ޖެހޭ ފަރުވާ އޭ ކިޔައިގެން މިބޭފުޅުން މިއަދު ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ.

The name is already taken The name is available. Register?

އެމްސް

26 June 2022

ދެކޮޅުޖެހޭ އާމްދަނީގެ ވަޒީފާއެއް ނެތީމަވެސް ޢުމުރު ހުސްވާނީ މަގުމަތީގަ!

The name is already taken The name is available. Register?

ދެރަ

26 June 2022

ސަރުކާރުން އަޅައިނުލާ ތިބެނީ، މީ ސިޔާސީ ބޮޑުންނާ ސަރުކާރުގެ ބޮޑުުން މުއްސަދިވާން ކުރާ ވިޔަފާރިއެއްކަން އެންމެނަށް އެގޭ. އެކަމަކު ދެރަކަމަކީ ކަތިލާ ކަންބަޅިއަކީ ނިކަމެތި މީހާގެ ދަރިން. ނިކަމެތި ޢާއިލާތައް އިތުރަށް ނިކަމެތިވެ ޢާއިލާގެ ބާކީ ތިބިމީހުން އޭގެ ހިތާމައިގަ. ކޮންމެ ޢާއިލާއެއްގައި މަދުވެގެން އެއްކުއްޖަކު އެއީ އެޑިކްޓެއް. މީ މެޖޯރިޓީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454