އެންޑީއޭގެ ބޭނުމެއް ނެތް، ޑްރަގްސް ފަރުވާ ހުއްޓިފައި!

އެންޑީއޭ ކައިރިން މީހަކު ހިނގާލާފައި ދަނީ. ފަރުވާ މިހާރު އޮތީ ހުއްޓާލާފައި.-- ފޮޓޯ: މިހާރު

ޑްރަގްސްގެ ފަރުވާއާ ގުޅޭގޮތުން ސުވާލުކުރުމުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު އޮއްސާލީ ހުސް ޝަކުވާ އެވެ.

އޭނާ ބުނާގޮތުން ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން އެ އެޖެންސީ ހިންގުމުގެ އެއްވެސް ބޭނުމެއް މިހާރު ނެތެވެ. އޭގެ ސަބަބުތައް ބައިވަރެވެ؛

އެންމެ ފުރަތަމަ ކަމަކީ، މާލެ ސަރަހައްދުގައި ދެމުން ދިޔަ ހަމައެކަނި ފަރުވާ، ކޮމިއުނިޓީ ފަރުވާ ދިނުން އެންޑީއޭއިން "ހުއްޓާލުމެވެ". އެ ފަރުވާގެ ތެރޭގައި ނަފްސާނީ އެހީތެރިކަމާއި ދިރިއުޅުމުގެ އެކި ހުނަރުތައް ދަސްކޮށްދޭން ޖެހުނަސް، މިހާރު ހަމައެކަނި ކުރާ ކަމަކީ ކޮންމެ ދުވަހަކު އެ މަރުކަޒަށް މީހުން ގެންގޮސް، ފޮތެއްގައި ސޮއިކުރުވައި ކުޑަކަމުދާ ތަކެތި ނެގުމަށްފަހު ފޮނުވާލުން ކަމަށް އޭނާ ބުންޏެވެ.

މީގައި އެބަތިބި ވަރަށް ޒަމާން ވަންދެން މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އަލަށް ބޭނުންކުރާ މީހުން. އެ ހުރިހާ އެންމެންނަށް ވެސް އެއް ފަރުވާއެއް މި ދެވެނީ. އެއަށްވުރެ މާ ރަނގަޅުވާނެ ޖަލަށް ލާފައި ބެހެއްޓިއަސް.

ނަމަވެސް ތަން ބޮއްސުންލައިގެން ދިއުމުން އެ ފަރުވާގެ ތެރެއިން އިތުރަށް ދެން ލިބެންޖެހޭ އެއްވެސް އެހީތެރިކަމެއް ނުލިބެ އެވެ.

އޭނާ ވެސް ބުނީ އެންޑީއޭއަކީ ކޯޓުން ފަރުވާ އަށް ހުކުމެއް ކުރުމުން ހަމައެކަނި އެ ހުކުމް ތަންފީޒުކުރަން އޮންނަ ތަނެއް ކަމަށް މުވައްޒަފުންނަށް ގަބޫލުކުރެވިފައި އޮންނަ ކަމަށެވެ. އެ ވިސްނުމުގައި އަދި އެގޮތަށް ގަބޫލުކުރާ ނަމަ ދުވަހަކު ވެސް ފަރުވާ ރަނގަޅެއް ނުވާނެ ކަމަށް، ނަން ނުޖެހުމަށް އެދި ވާހަކަދެއްކި މީހާ ބުންޏެވެ.

"މީގައި އެބަތިބި ވަރަށް ޒަމާން ވަންދެން މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އަލަށް ބޭނުންކުރާ މީހުން. އެ ހުރިހާ އެންމެންނަށް ވެސް އެއް ފަރުވާއެއް މި ދެވެނީ. އެއަށްވުރެ މާ ރަނގަޅުވާނެ ޖަލަށް ލާފައި ބެހެއްޓިއަސް އަނިޔާވެރި ވުމަށްވުރެ. ނުރައްކަލުގައި ތިބި މީހުން އެއަށްވުރެ ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅެންޏާ ފަރުވާއެއް ކަމެއް ގަބޫލެއް ނުކުރެވޭ،" އޭނާ ބުންޏެވެ.

"މާލެއާ ހުޅުމާލޭގެ އިތުރުން އެކި ރަށްރަށުގައި ވެސް އެބަހުރި ކޮމިއުނިޓީ ފަރުވާ ދޭ ސެންޓަރު ހަދާފައި. މީގައި އިންނަނީ ތިން މަސް ދުވަހުގެ އެއްޗަކާއި ހަ މަސް ދުވަހުގެ އެއްޗެއް. ތިން މަސް ދުވަސް ވެއްޖިއްޔާ އެއް މަސް ދުވަހު ކޮންމެ ދުވަހަކު ސޮއިކުރަން އަންނަން ޖެހޭނެ. ދެން އެ މީހުން ބޭނުންވާ ދުވަހެއްގައި ޔޫރިން ނަގާނެ. އިތުރު އެއްވެސް ކަމެއް ނުކުރާނެ."

އެންޑީއޭއިން ވާހަކަދެއްކި މުވައްޒަފު ބުނީ ފަރުވާ ދޭނެ ގޮތްތަކާއި އުސޫލުތައް ހަދާފައި ހުރީ ވަރަށް ރަނގަޅަށެވެ. ނަމަވެސް އެކަންކަމަށް މިހާތަނަށް އެއްވެސް އަމަލީ ސިފައެއް ގެނެސްފައިނުވާ ކަމަށް ބުންޏެވެ.

"މި ފަހުން ވެސް ދެ ބޯޑު ބަދަލުވި. ސީއީއޯއެއް ނެތް. އެއްވެސް މީހަކަށް މިކަން ކުރެވޭ ކަމެއް ނުވޭ. އެކަމަކު އަޅުގަނޑަށް ޔަގީން އެ ގާނޫނުގައި ނެތް ނުކުރެވޭނެ އެއްވެސް ކަމެއް. އެކަމަކު އެކަން ބޭނުންވިއްޔާތާ ކުރެވޭނީ، ގަބޫލުކުރެވޭތަ 12 އަހަރުވާއިރު އަންހެނުންގެ ރިމާންޑު ސެންޓަރެއް ނުހެދި ހުރެދާނެ ކަން؟ ކުޑަކުދިންނަށް ފަރުވާ ދޭ ސެންޓަރެއް ނުހެދި ހުރެދާނެކަން،؟

"މިއީ ހަމަ ހުސް އިހުމާލު. ގަސްތުގައި ކުރާ ކަންތައްތައް،" އޭނާގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ.

ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 1،868 މީހުންނަށް ވަނީ މުޖުތަމައުގައި ހުރެގެން ފަރުވާ ހޯދަން ހުކުމްކޮށްފަ އެވެ. އޭގެ ތެރެއިން 1،300 އަށްވުރެ ގިނަ މީހުން ފަރުވާ ފަށާފައިވާއިރު، ރިހެބިލިޓޭޝަން ފަރުވާއާއެކު، ޖާގަ ނުލިބިގެން 602 މީހުން ތިބީ ވެއިޓްލިސްޓުގަ އެވެ.

ފަރުވާއަށް ދާން އެންޑީއޭއިން ގުޅުމުން މި ފަހުން ރ. އަތޮޅު ރަށަކުން މާލެއައި ޒުވާނެއްގެ ވެސް އޮތީ ހުސް ޝަކުވާ އެވެ.

އޭނާ ބުނި ގޮތުގައި ރަށުގައި ހުރެފައި މާލެ އައީ ކ. ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާއަށް ޖާގަ ލިބުނު ކަމަށް އެންގުމުންނެވެ. އެކަމަކު، ކިއުގައި މަޑުކޮށްގެން ތިބިތާ އަށް މަސް ވެގެން ދިޔައިރު ވެސް ފަރުވާ ފެށޭނެ ގޮތެއް ނެތް ކަމަށް، ޕާކިން ޒޯންތަކުގައި ސައިކަލް ފުހެދީގެން އާމްދަނީ ހޯދަމުން އަންނަ ޒުވާނާ ބުންޏެވެ.

"ރަނގަޅުވާން ބޭނުން. އެކަމަކު ފަރުވާ ނުލިބޭތީ ދެރައީ."

ބަދަލު ފެންނާނެ، އެކަމަކު ވަގުތު ނަގާނެ

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެންޑީއޭ ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފް ވިދާޅުވީ ފަރުވާގެ ނިޒާމުގައި އަބަދު ވެސް ގެޕެއް އިންނަ ކަމަށެެވެ. ހާލަތު ބޮއްސުންލައިގެން ދިޔައީ އަހަރުތަކެއްގެ އިހުމާލުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗަށް އޮތް ޑިމާންޑާއި އޭގެ ސަބަބުން އޮންނަ ނުރައްކާ ނުވަތަ ހާމް އަދި ސަޕްލައި ދަށްކުރުމަށް އެކީ އެއްފަހަރާ މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އެ ކަންތައްތަކަށް އެއްފަހަރާ ހަނގުރާމަ ނުކުރެވޭ ނަމަ ބަދަލެއް ނުފެންނާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަގުމަތީގައި މަސްތުވާތަކެއްޗާ ގުޅުންހުރި ހާހަކަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އޭގެ އިތުރުން ވެސް ޑްރަގް ފަރުވާ ބޭނުންވާ އެތައް ބަޔަކު އެބަތިއްބެވެ. އެ ޑިމާންޑުތަކަށް ބަލާއިރު، ފަރުވާގެ ނިޒާމް މިހާރު ރާވާފައިވާ ގޮތަށް މަސައްކަތެއް ނުކުރާނެ ކަމަށް އެންޑީއޭއިން ބުންޏެވެ.

ދުނިޔޭގެ ބޮޑެތި ޖަމާއަތްތަކުން ވެސް ގަބޫލުކުރަނީ މަސްތުވާތަކެތި ބޭނުންކުރުމަކީ ބޮޑެތި އަދަބުތައް ދިނުމުގެ ބަދަލުގައި ސިއްހީ ފަރުވާ ދޭންޖެހޭ ކަމެކެވެ. މިދިޔަ އަހަރުގެ މެއި މަހު، ޖެންޑާ މިނިސްޓްރީގެ ދަށުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރީ ވެސް ރާއްޖޭގައި ސިއްހީ ފަރުވާ ދޭ މަރުކަޒުތައް ބޭނުންކޮށްގެން މަސްތުން ސަލާމަތްވުމުގެ ފަރުވާ ދިނުމަށެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަރުވާއަށް އެ ބަދަލު ގެނެސްފައިވެ އެވެ. ސަރުކާރުން ނިންމާފައި ވަނީ ސިއްހީ ފަރުވާދޭ 186 ހެލްތު ފެސިލިޓީގެ ތެރެއިން 43 ރަށެއްގެ ފެސިލިޓީ ބޭނުންކޮށްގެން ފަރުވާ ދިނުމަށެވެ.

"އަޅުގަނޑުމެންނަށް އިނގޭ އެއް ކަމަކީ ކޮންމެ ވެސް އެއް ބައެއް އަތްނުލައި ދޫކޮށްލެވޭކަން. މިދިޔަ އަހަރު ކުރި މަސައްކަތުން އިނގުނީ ފަރުވާގެ ކޮންމެ ޕްރޮގްރާމެއް ވިޔަސް ނިންމާފައި މުޖުތަމައުއަށް ނެރުމާ ދޭތެރޭގައި އެ މަރުހަލާފައި ރީއިންޓަގްރޭޝަނެއް ދޭންޖެހޭ. އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި އަޅުގަނޑުމެން ހިމަނާފައިވާނެ ރީ-އިންޓަގްރޭޝަން. އެއީ އާފްޓަ-ކެއާ އެހެން ގޮތަކަށް ބުނާނަމަ. ފަރުވާގެ ޕްރޮގްރާމަށްފަހު އެހީތެރިކަން ފޯރުކޮށްދޭނެ. އޭގެ ތެރޭގައި އާއިލާއާ ގުޅުވާލައިދިނުން ހިމެނޭ."

މަސްތުގެ އާބާދީ ހާހުން ގުނާލެވުނަސް، އެ އެންމެންނަށް ފަރުވާ ދޭން މި ވަގުތު ހުރީ އެންމެ ސައިކޭޓްރިސްޓެކެވެ. ޝަމާއު ވިދާޅުވީ އިތުރު ދެ ސައިކޭޓްރިސްޓުން ވަރަށް އަވަހަށް ނަގައި، މި އަހަރު ނިމޭއިރު އެ އިދާރާގައި ނަފްސާނީ ކަންކަމަށް ހަތަރު ސައިކޭޓްރިސްޓުން ތިބޭނެ ކަމަށެވެ. އެއާއެކު، ފަރުވާ އަށް ދެން އަންނާނެ އެންމެ ބޮޑު ބަދަލަކީ އެ މީހެއްގެ ހާލަތަށް ބަލައި ކޮންމެ މީހަކަށް ވެސް ވަކި ފަރުވާއެއް ދިނުމެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަށް އެންމެ ކާމިޔާބު މޮޑެލްއަކީ، އެއްވެސް މީހަކު ބާކީނުކޮށް މުޖުތަމައުގައި ބައިތިއްބައިގެން ފަރުވާކޮށްދިނުން ކަމަށެވެ. އެ ކަން ހަރުދަނާ ގޮތެއްގައި ކުރާނެ ކަމަށާއި އެއަށް އެހީތެރިކަން ދޭނެ ކަމަށް ބޮޑެތި ޖަމިއްޔާތަކުން އެއްބަސްވެފައިވާ ކަމަށް ޝަމާއު ވިދާޅުވި އެވެ.

އެ އެހީގައި ސިސްޓަމަށް ބޮޑު ހައްލެއް ގެނެވޭނެ ކަމުގެ ޔަގީންކަން ޝަމާއު ދެއްވި އެވެ. އޭރުން މާލެ ސަރަހައްދުގެ އެކި ތަންތަނުގައި ބިއްޖެހިފައި ތިބި މީހުންގެ އަދަދު ވެސް މަދުވެގެންދާނެ އެވެ.

"މި ގެނެވޭ ބަދަލުތަކުގެ ނަތީޖާ، މިއަދަކު، މާދަމާއަކު ނުފެންނާނެ. މިހާރު މުޖުތަމައުގައި އޮތް ނުތަނަވަސްކަން ފިލައިގެން ހިނގައިދާނެ،" އޭނާ ވިދާޅުވި އެވެ.

ޝަމާއު ވެސް ވިދާޅުވީ ފަރުވާ ނިންމުމަށްފަހު ރަނގަޅުވެގެން މުޖުތަމައުއަށް ނުކުތް މީހުން އަތުން ގުނާލެވޭހާ މަދު ކަމަށެވެ. އެކަމަކު، ފަރުވާގެ ނިޒާމް ރަނގަޅުކޮށްފިނަމަ މަސްތުވާތަކެތީގައި ޖީލެއް ހަލާކުވެގެން ނުދާނެ ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތެވެ.

6 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެންޓިޑްރަގްޑޭ

29 June 2022

ވެގެން އުޅޭ ގޮތަކީ މުޅި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އެންޑީއޭގެ ތެރެއަށް ވަދެގެން ތަން ހިސާރުކުރީ، އެމީހުން މަސައްކަތް ކުރަނީ މުޅި އެންޑީއޭއިން 2 މީހަކު ނޫނީ 3 މީހަކު މިނިސްޓްރީއަށް ގެންގޮސްގެން، އެހެންވީމާ ވާގޮތަކީ ދެން ތިބި ސެކްޝަންތަކުގެ މައްޗަށް މިބުނާ މީހުން ނުފޫޒާ ބާރު ހިންގަނީ، މުވައްޒަފުންނާ ޖެހިގެން އުޅެނީ، ފަންނީ މީހުން ބުނާގޮތަށް އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނުވޭ، ސިޔާސީ މީހުން ބޭނުންވާ ގޮތަށް ކަންކުރަނީ، ސާފު؟

The name is already taken The name is available. Register?

ކަނބިލި

26 June 2022

ތަން އޮތީ ސިޔާސީ މީހުންތައް އަޅާފުރާފައި. ހެލްތް މިނިސްޓްރީ ދަށަށް ދިއުންވެސް އެއީ ތަން ބޮއްސުންލުމަށް ދިމާވި ސަބަބެއް

The name is already taken The name is available. Register?

ޢަލި12

26 June 2022

ތިތަން ރަނގަޅުވާނެ އެއްގޮތެއްވެސް ނޯންނާނެ.. ސަބަބު ކިޔާ ދީފާނަން. 1. ސެންޓަރުތަކުގައި ހިދުމަތްދޭން ތިބެނީ ޕާޓޭން 2. މުޅި އެން.ޑީ.އޭ ކޮންޓްރޯލް ކުރަނީ މި މީހުން 3. ފަރުވާއަށް އަވަހަށް ދާން ބޭނުންވާ ކަމަށް ވާނަމަ އެތަނުގެ ސްޓާފުންނަށް ރިސްވަތު ދޭންޖެހޭ.. އަދި ވެސް ބައިވަރު

The name is already taken The name is available. Register?

ކޮރަލް

26 June 2022

އެތާ ތެރެއަށް ވަދެގެން ޑްރަގް ވިއްކާ ބަޔަކު އެބަ އުޅެ އެވެ. އެމީޙުން ބޭރުފުށުން ތިބެނީ ވ ރީތި ކޮށެވެ. އެމީހުންގެ މައްސަލަ އެނގޭނީ ފުލުހުން ފާރަލައިގެންނެވެ.

The name is already taken The name is available. Register?

ޔަހްޔާ

26 June 2022

ކޮމިޔުނިޓީ ފަރުވާ ހުއްޓާލާފައިވާ ކަމަށް ބުނެ އެން.ޑީ.އޭ ގެ މުވައްޒަފަކާ ހަވާލާ ދީ ، ދީފައިވާ މައުލޫމާތަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް. ނަފްސާނީ އެހީތެރިކަން ގޮތުގައި މާނަކުރާ ކައުންސެލިންގ ސެޝަންތައް މިހާރުވެސް ކުރިއަށް ދޭ. ދިރިއުޅުމުގެ ހުނަރުތައް ކިޔަވާ ދޭ ކްލާސްތައް ވެސް ކުރިއަށް ދޭ. އެން.ޑީ.އޭ އަށް އަންނަމުންދާ ހެޔޮ ބަދަލުތައް ތި މުވައްޒަފަކަށް ހަޖަމު ނުވެގެން ތި އުޅެނި.

The name is already taken The name is available. Register?

ސޯލިހު އައުޓް

26 June 2022

"ގަބޫލުކުރެވޭތަ 12 އަހަރުވާއިރު އަންހެނުންގެ ރިމާންޑު ސެންޓަރެއް ނުހެދި ހުރެދާނެ ކަން؟ ކުޑަކުދިންނަށް ފަރުވާ ދޭ ސެންޓަރެއް ނުހެދި ހުރެދާނެކަން،؟ "މިއީ ހަމަ ހުސް އިހުމާލު. ގަސްތުގައި ކުރާ ކަންތައްތައް،" އޭނާގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ"

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454