01 ސެޕްޓެމްބަރ 2022 - 10:22
ހަށިގަނޑުގެ ތަނެއްގައި ރިއްސާނަމަ ނުވަތަ ތަނެއް ބިންދައިގެން ހިނގައްޖެނަމަ އިތުރު ފަރުވާލެއް ނުބަހައްޓައި ބަލާނީ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ވޭތޯ އެވެ. ފަރުވާ ކުޑަކުރާ ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަން އެ މީހެއްގެ ކައިރީގައި އުޅޭ މީހުން ވެސް ބާރުއަޅަ އެވެ.
އެކަމަކު، ނަފްސާނީ މައްސަލަތަކާ ޖެހުމުން އެ ހުރިހާ ކަމެއް ބަދަލުވެ އެވެ.
މީހާއަށް އެކި އުނދަގޫތައް ކުރިމަތިވެ، އަމިއްލައަށް މަރުވާ ހިސާބަށް ދާއިރު ވެސް ޕްރޮފެޝަނަލް އެހީތެރިކަން ހޯދަން ފަސްޖެހެ އެވެ. ނުވަތަ ޖެހިލުންވެ އެވެ.
މި ހުރިހާ ކަމެއް ވެސް ގުޅިފައިވަނީ، ޑޮކްޓަރުން އަދި ނަފްސާނީ ކަންކަން ތަޖުރިބާކުރާ މީހުންގެ އިތުރުން ދިރާސާތަކުން ދައްކާ ގޮތުގައި ނަފްސާނީ މައްސަލަތަކާ މެދު އާއްމުންގެ ކޮށި ވިސްނުމުގެ ސަބަބުންނެވެ. ނުވަތަ އެހެން ބަލިތަކޭ އެއްގޮތަށް ނަފްސާނީ ކަންކަމަކީ ވެސް ބައްޔެއްގެ ގޮތުގައި ނުބެލުމުންނެވެ.
ހުރިހާ ގޮތަކުން ތަރައްގީވެ، ކުރިއަރާފައިވާ 21 ވަނަ ގަރުނުގައި އުޅޭ ބައެއް މީހުން ވެސް ދެކޭގޮތުގައި ނަފްސާނީ މައްސަލަތައް ކުރިމަތިވަނީ ދީނީ އަގީދާ ބަލިކަށިވުމުންނެވެ. އެ މީހުން ދެކޭގޮތުގައި ބަރާބަރަށް ނަމާދުކޮށް، ގުރުއާން ކިޔަވާނަމަ އެ ދިމާވާ އުނދަގޫތަކަށް ފަސޭހަކަން ލިބޭނެ އެވެ.
ނަމަވެސް އެ މީހުންނަށް ނޭނގޭ ކަމަކީ، އެފަދަ ވިސްނުންތަކުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމެވެ.
ސަރުކާރުގެ އިސް މަގާމެއް އަދާކުރައްވަމުން އަންނަ އިސްމާއިލް އަލީ (އަސްލު ނަމެއް ނޫން) އަށް ވެސް ދިމާވީ އެ ހާލަތެވެ. ޑިޕްރެޝަންގައި މީހާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހެމުން ދިޔައިރު ވެސް ޑޮކްޓަރަށް ދައްކަން އޭނާ ހުރީ ޖެހިލުންވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކެންސަރު ޖެހުމުން ނުވަތަ ފައި ބިންދައިގެން ދިއުމުން ޑޮކްޓަރަށް ދައްކައި އެ ވާހަކަ އާއިލާގެ މީހުންނާއި ރައްޓެހިން ކައިރީގައި ބުނުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެކަމަކު، ނަފްސާނީ މައްސަލައަކަށް ވުމުން އޭނާގެ ރައްޓެހިން ވެސް ލަފާ ދިނީ ފަސް ވަގުތު ނަމާދުކޮށް، ދީނީ ކަންތައްތަކަށް ސަމާލުކަން ދިނުމަށެވެ.
"އެއްވެސް މީހަކު ފައި ބިންދައިގެން ދިޔައީމަ، ލޮލަށް އެއްޗެއް ހެރިގެން ކަޅި ނުޖެހިގެން އުޅެންޏާ އެ މީހާއަށް މީހުން ހަމްދަރުދީ ވަނީ. އެކަމަކު އެންޒައިޓީގައި މީހާ ޕެނިކް އެޓޭކަށް ގޮސްގެން ސަލާމަތްނުވެގެން އުޅުނީމަ އެ މީހާ މޮޔަވީ. ހީވަނީ މީހާ ކާފަރުވީހެން."
"އަޅުގަނޑުގެ ޖާނީގައި ދިމާވި އެންމެ ބޮޑު ކަމަކީ، ދަންނަ ރައްޓެހިން ވެސް ބުނާނެ ނަމާދުކޮށްލާށޭ، އޭރުން ރަނގަޅުވާނޭ. ހީވަނީ ކޮންމެ މީހަކީ ޑޮކްޓަރެއްހެން. އަޅުގަނޑަކީ ފަސް ވަގުތު ނަމާދުކުރާ މީހެއް. އެކަމަކު [ނަފުސާނީ މައްސަލަތަކާ ހެދި] މި އުޅެނީ ނަމާދަށް ނޭރިގެން. މެންދުރު ނަމާދަށް ބަންގި ގޮވީމަ 2-3 ގަޑިއިރު ނަމާދުކުރަން ބޭނުންވެގެން، އަސުރު ނަމާދު ވަގުތު ޖެހޭއިރު ވެސް އަޅުގަނޑު މި ހުންނަނީ ނުކުރެވިފައި. ނަމާދުކުރުމަކީ ކިހާ ފަސޭހަކަމެއްތާ އެކަމަކު،" އޭނާ ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި ރަނގަޅު ވަޒީފާއެއް އަދާކުރަމުން، އާއިލާއާއެކު އުޅެމުންދިޔަ އުފާވެރި ދިރިއުޅުމަށް ވައްޓާލި ވަރުގަދަ "ބޮމާއެކު" މީހާގެ ދިރިއުޅުން އެއްކޮށް ހުއްޓިގެން ދިޔަ އެވެ. ބޭނުންވީ "ދުނިޔެ އަޅާ ދާން" ކަމަށާއި އަތުގައި ހިފާލައިގެން އެހީތެރިކަން ދޭން އަންނަ މީހަކު ވެސް އޭރު ނުފެނުނު ކަމަށް، ނަން ނުޖެހުމަށް އެދި ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.
އަމިއްލަ ތަޖުރިބާގައި އިސްމާއިލް ވިދާޅުވި ގޮތުގައި ސިއްހީ ފަރުވާދޭ ތަންތަނުން ވެސް ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދާ މީހުންނާ މެދު އަމަލުކުރަނީ ރަނގަޅަކަށް ނޫނެވެ. އެހެންވެ، މި ބަލީގައި އެތައް ބަޔަކު މަރުވުމުގެ ކުރިން މި ހުރިހާ މައްސަލައެއް ހައްލުކުރަން މަސައްކަތް ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"ބުނާނެ ފަތިހު ހިނގާލަންދޭ، ރަނގަޅުވާނެ، ބަރާބަރަށް ނަމާދުކުރޭ. ރަނގަޅުވާނެ. މިއީ ބަރާބަރަށް ނަމާދުކޮށްގެން ވެސް އުޅޭ މީހުންނަށް ޖެހޭ ކަމެކޭ."
އޭނާ ވަނީ އާއްމުންގެ ފަރާތުން ލޭބަލްކުރުމާއި މަލާމާތްކުރުން އަދި ފުރައްސާރަނުކޮށް، ނަފްސާނީ އުނދަގޫތައް ތަހައްމަލުކުރާ މީހުންނަށް އެހީތެރިކަން ދިނުމަށް އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު ފުރަތަމަ ޖެހުލުންވި [ނަފްސާނީ ބަލި ހުރި ވާހަކަ ބުނަން]. ރައްޓެއްސަކަށް މި ކަހަލަ ކަމެއް ވެގެން މީހެއް ކައިރީގައި ބުނަން ވެސް ޖެހުލުންވޭ. އޭރަށް އެ މީހާގެ ޑިގްނިޓީ ގެއްލިދާނެތީ. މީހުން ވަރަށް ބިރުގަންނަ ކަމެއް މިއީ. އަޅުގަނޑު ދަންނަ ވަރަށް ގިނަ މީހުން ފަސްޖެހޭ ޑޮކްޓަރަށް ދައްކަށް. ލޭބަލްއެއް މި އެޅެނީ."
އުމުރުން ދުވަސްވީ ފިރިހެނަކު އާޓިފިޝަލް ބީޗުގެ ގޮނޑިއެއްގައި އިށީނދެލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މާލެ އަދި ރީޖަނަލް ސަރަހައްދުގައި ދޭ ނަފްސާނީ ބަލީގެ ފަރުވާގެ ކަންކަން ތަރައްގީކުރުމަށް ކުރިއަށް އޮތް ތިން އަހަރަށް ކަނޑައަޅާފައިވާ ޕްލޭނުގައި ބުނީ ނަފްސާނީ މައްސަލަތަކަކީ ޖިންނީގެ އުނދަގުލުގެ ސަބަބުން ނުވަތަ ގަދަ ބާރެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބައެއް މީހުން ގަބޫލުކުރާ ކަމަށެވެ. އެހެންވެ، ޕްރޮފެޝަނަލް އެހީތެރިކަން ހޯދުމުގެ ބަދަލުގައި ފަންޑިތަ ހެދުން ފަދަ ކަންކަމަށް އިސްކަންދޭ ކަމަށް، ހެލްތު މިނިސްޓްރީން މިދިޔަ މާޗު މަހު ނެރުނު ޕްލޭނުގައި ބުންޏެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ސައިކޭޓްރިސްޓް، ޑރ. މައުމޫން ޝަރީފް (މާނު) ވެސް ވިދާޅުވީ ނަފްސާނީ ބައްޔާ ގުޅޭގޮތުން މީހުން ވިސްނާ ގޮތުން އެ ބައްޔަށް ފަރުވާ ހޯދަން ފަސްޖެހޭ ކަމަށެވެ.
"މީހާއަށް ދަތި އުނދަގޫތަކެއް ކުރިމަތިވާއިރު އެ މީހާ އެންމެ ފުރަތަމަ އެހީތެރިކަމަށް އެދޭނީ ގާތް ރައްޓެހިން އެހެން ނޫނީ އާއިލާ ނޫނީ އެއްކޮށް މަސައްކަތްކުރާ ތަނުގެ މީހުން. މި ހިސާބުން މި މީހުން އެ މީހާއަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ އަދި ސަޕޯޓު ކޮށްދޭންޖެހޭ. މިސާލަކަށް ތިއީ އެހާ ބޮޑު ކަމެއް ނޫނޭ، އުޅެވޭ ގޮތަކުންނޭ ނޫނީ ވިސްނުން ހުންނަ ގޮތަކުންނޭ، އެހެން ނޫނީ އެ މީހާގެ އުޅުން ގޯސްވީމަ ދިމާވާ ބަލިތަކޭ. މި ކަހަލަ ޖަވާބުތަކެއް ލިބެންޏާ ވާނެގޮތަކީ ނަފްސާނީ ކަންތައްތަކުގައި ސަޕޯޓުކުރާ މީހާ ވެސް ދެން އިތުރަށް އެހީ ހޯދަން އެބަ ޖެހިލުންވޭ،" މާނު ވިދާޅުވި އެވެ.
"އާއިލާގެ މީހުންނާ ޝެއާކުރަން ނޫނީ މަސައްކަތްކުރާ ތަނުގެ މީހުންނާ ޝެއާކުރަން ނޫނީ ހޮސްޕިޓަލަށް އައިސް އެހީއަށް އެދެން ޖެހިލުންވޭ. ވަރަށް ގިނަ ނަފްސާނީ ބަލިތައް ދިމާވާ ބޭފުޅުން އެކަނި ސަފަކުރަންޖެހޭ އިތުރު އެއްވެސް އެހީއަކާ ނުލާ،"
އޭނާ ވިދާޅުވި ގޮތުގައި ނަފްސާނީ މައްސަލަތަކަށް އޮތް ހައްލަކީ އެ ބައްޔަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި އެ ބައްޔާ މެދު ދެކޭ ގޮތް ބަދަލުވުމަކީ ވެސް އެކަން ތަހައްމަލުކުރާ މީހުންނަށް ފަސޭހަވާނެ ކަމެއް ކަމަށް މާނު ވިދާޅުވި އެވެ،
"އެއީ އެ މީހާގެ ހުންނަ އުނިކަމަކުން ނޫނީ އުޅުން ގޯސްކަމަކުން އެހެން ނޫނީ އަގީދާ ބަލިކަށިވީމައެއް ނޫން މިހެން މި ވަނީ،" އޭނާ ވިދާޅުވި އެވެ.
ސައިކޭޓްރިސްޓް ޑރ. މާނު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަފްސާނީ ބަލިތަކާ ގުޅޭގޮތުން ބައެއް މީހުން ކިތައްމެ ދަށްކޮށް ދެކުނަސް، އާސަންދަ ކުންފުނިން ހިއްސާކުރި ނަމްބަރުތަކުން އެނގެނީ މި ކަމާ މެދު މީހުންގެ ހޭލުންތެރިކަން ވެސް އިތުރުވާކަމެވެ. އެގޮތުން، 2012 ވަނަ އަހަރު އެ ސްކީމް ފަށައި ފުރަތަމަ ފަރުވާ ދިނީ އެންމެ 16 މީހުންނަށެވެ. އެ އަހަރު ހަރަދުވީ 1،950ރ. އެވެ. ޖެހިގެން އައި އަހަރު މީހުންގެ އަދަދު 987 އަށް އިތުރުވެ، ހޭދަ ވެސް 159،762ރ. އަށް އިތުރުވި އެވެ.
މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު އެކަނި ވެސް 17،100 މީހުންގެ ފަރުވާއަށް ފަސް މިލިއަން ރުފިޔާ ހަރަދުވި އެވެ. މިދިޔަ އަހަރު 37،876 މީހުން ނަފްސާނީ އެކި މައްސަލަތަކަށް ފަރުވާ ހޯދި އެވެ. އެ ކަމަށް ދައުލަތުން 11.4 މިލިއަން ރުފިޔާ ހަރަދުވި އެވެ.
ފާއިތުވި 11 އަހަރުގެ ތެރޭގައި 260،583 މީހުން ނަފްސާނީ އެކި މައްސަލަތަކަށް ފަރުވާ ހޯދައިފި އެވެ. އެއީ 75.5 މިލިއަން ރުފިޔާ އެވެ.
ކްލިނިކަލް ސައިކޮލޮޖިސްޓް، ޑރ. އައިޝަތު އަލީ ނާޒު ވިދާޅުވި ގޮތުގައި ނަފްސާނީ މައްސަލައަކީ ބައްޔެއް ކަމަށް މުޅި ދުނިޔެ ގަބޫލުކުރާއިރު އެކަމަށް ދިވެހިން ހޭލުންތެރިވާން ޖެހެ އެވެ.
"އެކަހަލަ ހިޔާލުތަކެއްގެ ތެރޭގައި ދަރިފުޅު ނުވަތަ ގާތް މީހާ ތެރަޕީ އަށް ނޫނީ ސައިކޭޓްރިސްޓަކާ ހިސާބަށް ނުފޮޮނުވާ ތިބޭ ކޮންމެ ދުވަހަކީ އެ ކުއްޖާގެ ބަލި ބޮޑުވެގެންދާނެ ދުވަހެއް. އާހިރަތުގައި ކޮންމެ ވެސް ހިސާބަކުން އެ ކުއްޖަކަށް އަމިއްލައަށް އުޅެވޭ ވަރަށް އުނދަގޫވެ، އެ ކުއްޖާގެ ސަބަބުން އެހެން މީހުންނަށް ދަތިތައް ކުރިމަތިވެ ބޮޑު ކަންތައްތަކެއް ހިނގައި އަދި ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ހިސާބަށް ބަލި ގޮސްދާނެ،" ނާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަފްސާނީ ބައްޔެއް ޖެހުމަކީ މީހާ ދެރަވެ، ނޫނީ މުޅި އާއިލާ ވެސް ނިކަމެތިކަމެއްގެ މައްޗަށް ވައްޓާލާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އެކަމަކު، މިކަމުން އަރައިގަނެވޭނެ ގޮތްތައް ހުންނަކަން ގަބޫލުކުރަންޖެހޭކަން، ނާޒް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު ސައިކޭޓްރިސްޓް، ޑރ. އާރިފް މުހަންމަދު ވިދާޅުވި ގޮތުގައި މެންޓަލް ހެލްތުގެ މައްސަލަތައް މުޅި ދުނިޔޭގައި ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގަން ފެށީ ދާދި ފަހުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، އެއް ބައްޔެއްގެ ގޮތުގައި ދުނިޔޭގައި، 2020 ވަނަ އަހަރު އެންމެ އާންމު ބައްޔަކީ މެންޓަލް ހެލްތުގެ މައްސަލަތައް ކަމަށް ވުމަކީ އޭގެ ސީރިއަސްކަން އަންގައިދިން ކަމެކެވެ.
ރާއްޖޭގައި ވެސް، މެންޓަލް ހެލްތުގެ މައްސަލަތައް ވަރަށް ބޮޑުކަން ތަފާސްހިސާބުތަކުން މިހާރު އަންނަނީ ފެންނަމުންނެވެ. ކުރިން ރާއްޖޭގައި، އެހާ ބޮޑު ނޫން މައްސަލައެއްގެ ގޮތުގައި އެކަން ފާހަގަ ކުރެވިފައި ނެތީ އެ ބަލި ރާއްޖޭގައި ނެތިގެނެއް ނޫނެވެ. އެކަމަކު، އެއަށް ދެވިފައިވާ ސަމާލުކަން ކުޑަވުމެވެ. އޭގެ ބަދަލުގައި މިހާރު އެ ބައްޔާ ދޭތެރޭ އާންމުން ވެސް މަޑުމަޑުން އަންނަނީ ސަމާލުކަން ދެމުންނެވެ.
"މުޖުތަމައުގައި ސިއްކަ ޖެހިފައި ހުރި ބައެއް އާދަކާދަތައް އަދިވެސް އަޅުގަނޑުމެންގެ އެބަހުރި. މިސާލަކަށް، ގުރައިދޫ ކަހަލަ ތަންތަނަށް މީހުން ލުމުގެ ވިސްނުން އަދިވެސް އަޅުގަނޑުމެންގެ އެބަހުރި. ސިިވިއަ މެންޓަލް އިލްނެސް އަށް އަދިވެސް ފަރުވާ ދެވޭ ގޮތް ރަނގަޅެއް ނޫން. އެއީ އަޅުގަނޑުގެ ވަރަށް ބޮޑު ވަރަށް ބޮޑު ކަންބޮޑުވުމެއް،" އާރިފް ވިދާޅުވި އެވެ.
"ގުރައިދޫ އަކީ ވަރަށް ހާލަތު ދެރަކޮށް އޮތް ތަނެއް. ރިހެބިލިޓޭޝަނެއް ނެތް ތަނެއް އެއީ. އެކަމަކު ކާން ދީ ބޯންދީ ބޭސް ފަރުވާ ކުރެވޭވަރު ވޭ. އެކަމަކު ވާސިލްވާން ޖެހޭ ކަމަކީ އެންމެ ބަލި މީހާ ވެސް މުޖުތަމައުގައި ބަހައްޓައިގެން ފަރުވާ ކުރެވޭނެ ނިޒާމަކަށް."
އޭނާ ވިދާޅުވި ގޮތުގައި، މެންޓަލް ހެލްތާ ދޭތެރޭ ދެކޭ ގޮތް މި ހުރިހާ ދުވަހަކު ބަދަލުވެފައި ނުވަނީ އޭގައި ބައިވަރު އެހެން ސަބަބުތަކެއް ވެސް ހުރެގެންނެވެ. އޭގެ މައިގަނޑު ސަބަބަކީ ވިސްނި ގޮތެވެ.
"ބަލި މީހުންނަަށް ވެސް މިވީ ހުރިހާ ދުވަހަކު ފަރުވާ ވެސް މަދު. އެހާ ބޮޑަކަށް ޑިވެލޮޕްވެފައެއް ނޫން ހުރީއެއް. އާއިލާ މީހުންނަށް ވެސް ލަދުވެތި ކަމަކަށް ވަނީ ފަރުވާ ހޯދުން ވެސް މި ވާހަކަ ދެއްކުން ވެސް. ސިއްހީ ދާއިރާ މީހުން ވެސް, ސިޔާސަތުތައް ވެސް ހުރީ އެހެން."
"ބަލި މީހުންނަަށް ވެސް މިވީ ހުރިހާ ދުވަހަކު ފަރުވާ ވެސް މަދު. އެހާ ބޮޑަކަށް ޑިވެލޮޕްވެފައެއް ނޫން ހުރީއެއް. އާއިލާ މީހުންނަށް ވެސް ލަދުވެތި ކަމަކަށް ވަނީ ފަރުވާ ހޯދުން ވެސް މި ވާހަކަ ދެއްކުން ވެސް. ސިއްހީ ދާއިރާ މީހުން ވެސް, ސިޔާސަތުތައް ވެސް ހުރީ އެހެން."
އެކަމަކު ކުރިއާ ބަލާފައި މިހާރު ރަނގަޅުވޭ. ގަބޫލު ކުރަން ޖެހޭ ކަމަކީ ހުރިހާ ކަމަކީ އެއްފަހަރާ ރަނގަޅު ކުރެވޭނެ ކަމެއް ވެސް ނޫން ކަން."
ނަފުސާނީ ބައްޔަކީ، މި ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އަތްމަތީ ބަހުން ނަމަ ސަމާސާއެއް ނޫނެވެ. ހަގީގަތުގައި އެކަން ސަމާސާ ނުވާ އެއް ކަމަކީ، އާހިރުގައި ދިމާވާ ދަތިތަކާއި އުނދަގޫތަކާއި ނުރައްކާތަކުންނެވެ. ފަރުވާ ނުދެވި ހުއްޓާ މީހަކު ބުއްދި ފިލައި ހިނގައިދާނެ އެވެ؛ ނޫނީ އަމިއްލަ އަށް މަރުވެދާނެ އެވެ. ނުވަތަ އުމުރަށް ދިރިއުޅުން މަތިން ފޫހިވެ، މުޅި ހަޔާތް ބަރުބާދު ވެސް ވެދާނެ އެވެ.
މިއީ ހަގީގަތެކެވެ؛ މިކަހަލަ ކިތަންމެ ކޭސްއެއް މި ރާއްޖެ އިން ތަޖުރިބާކޮށްފި އެވެ. ނަފުސާނީ މައްސަލައެއް ހުރިކަން އަމިއްލަ އަށް ގަބޫލުކޮށް ޑޮކްޓަރާ ހަމައަށް އާންމުން އެ ދަނީ އެ ކަންތައްތަކުން ސަލާމަތް ވެވޭތޯ އެވެ. ރާއްޖޭގެ އާބާދީގެ އެކަށީގެންވާ ޕަސެންޓޭޖެއް މިހާރު އެ ތިބީ މެންޓަލް ހެލްތުގެ ކިޔޫތަކުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހާރުގެ ރިޕޯޓު
01 September 2022
ވަރަށް ކަމުދާ ރިޕޯޓުތަކެއް. ދިވެހި ޓީވީ ހަބަރުތަކުންވެސް މިކަހަލަ ކަންކަމުގެ ހަބަރުތައް ގެނައުން އެދެން. ބޮޑަށް ރިސާރޗް ހިމެނޭ ގޮތައް ކަންކަން ކުރުން އެދެން. ރާއްޖޭ ޒުވާނުންގެ ތެރޭ މަސްތުވާތަކެތި ބޭނުން ކުރާ އުމުރާއި ޕަސެންޓް ހިމެނޭ ފޮތުގެ ރިޕޯޓެއް ހެއްދެވުން އެދެން. އަދި އެތަކެތި ބޭނުން ކުރަން ފެށޭ ގޮތާއި. އޭގެ ބާވަތްތަކާއި. ދުވަހުން ވާގެއްލުންތައް މިހާރުގެ ޖީލުގެ ކުދިންނަށް އެނގޭގޮތަށް ރިޕޯޓާއި ލީފްލެޓްތައް ހެއްދެވުން އެދެމެވެ.
ބަލި ތަހައްމަލު ކުރަމުންދާ މީހެއް
01 September 2022
ނަފްސާނީ ބަލިމަޑުކަމުގެ ތެރޭގައި އުޅޭ މައިންގެ ހާލަކީ ކޮބައިތޯ؟ އަމިއްލަ ނަފްސަށް އަޅާނުލެވޭ މިންވަރަށް މީހާގެ ހާލަތު ގޯސްވެގެން ދާއިރުވެސް ދަރިންނާއި ފިރިމީހާގެ ހިދުމަތުގައި. ގޭގެ އިންނަ މައިމިހާ މިފަދަ ވަހަކައެއް ބުނެފިނަމަ، ވާނީ ކަންނެތް ފިރިމާހާއަށް ޝުކުރުވެރިނުވާ މީހަކަށް. ކިތަށް ދުވަހުތޯ؟ ފާހަނައަށް ވަދެ މިފަދަ މައިން ރޮނީ؟ އިހުސާސްވެސް ނުކުރެވޭނެ މީހަކަށް
ބބބބބ
01 September 2022
އަހަރެންގެ ފިރިމީހާ އަހަންނަށް މަލާމާތް ކުރާނެ ކަމަކާ ބޯހާސްވެ ރޮވޭ ގޮތްވިޔަސް. ބުނަނީ ހިންދީ ޑްރާމާގެ އަސަރޯ. އަހަންނަކީ ހިންދީ ޑްރާމާ ބަލާ މީހެއްވެސް ނޫން. ރޭގަނޑު ނުނިދި ނޭވާ ހާސްވެ އަހަންނަށް އަބަދު ބިރުގަންނަ ގޮތްވޭ. މިކަންމިހެންވަނީ ކީއްވެކަމެއް އަހަންނަކަށްނޭނގޭ. ދެން ވ ބޯހާސްވޭ. ހިތްފުރެންދެން ރޮއެލީމަ ހިތްހަމަ ޖެހޭނީވެސް. އަހަރެންވެސް ރޮނީ ފާހާނާތެރޭގަ. ކިޔައިދެން ބޭނުންވާ އެހެންމީހުންނާ ޝެއަރ ކޮށްލަން ބޭނުންވާ ވ ގިނަ ކަންކަން އެބަހުރި